ެމަންމަގެ ލޮބުވެތި ދަރިފުޅާއެވ.
އެންމެ ފުރަތަމަވެސް ﷲއަށް ޙަމްދާ ޝުކުރުކުރަމެވެ. ދަރިފުޅާއެވެ. މަންމަގެ ހަށިގަނޑުގެ އެތެރޭގައި ދަރިފުޅު ވިންދު ޖަހަން ފެށިއިރު މަންމަގެ އުމުރުން ވަރަށް ޅައެވެ. އެންމެ ފުރަތަމަ ހިތަށް އެރީ އެހެން ވެދާނެބާއެވެ. ހަމަގައިމުވެސް ﷲތަޢާލާ އެކަމަށް މިންވަރު ކުރެވުމުން އެކަން ވެއްޖެއެވެ. ދަރިފުޅު މަންމަގެ ހަށިގަނޑުގެ ތެރޭގައި ހެދިބޮޑުވާން ފަށައިފިއެވެ. އުފާވެރި އިޙްސާސްތަކަކާއެކު ﷲއަށް ޙަމްދު ކުރުމުގައި ދެމިހުރީމެވެ. އަދި އެހެނިހެންވެސް މައިން ފަދައިން ދަރިފުޅުގެ ފުރިހަމަ ސިއްޙަތަށް އެދި ﷲގެ ހަޟްރަތުގައި ދުޢާ ދެންނެވީމެވެ.
ދަރިފުޅާއެވެ. މައިންގެ ބަނޑުގައި ދަރިން ދުނިޔެއަށް އައުމުގެ ކުރިން 9މަސްދުވަސް ހޭދަ ކުރެއެވެ. ނަމަވެސް ﷲގެ މިންވަރުފުޅުން ދަރިފުޅު މަންމަގެ ބަނޑުގައި ހޭދަ ކުރީ 8މަސް ދުވަހެވެ. ދަރިފުޅު ދުނިޔެއަށް އުފަންވީ ދުވަސް ނުފުރައެވެ. ދަރިފުޅު އުފަންވުމުގެ ކުރިން ޑޮކްޓަރުން ދަރިފުޅު ފުރިހަމަ ނޫން ކުއްޖެއް ކަމުގައި ވެދާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މަންމަ އުއްމީދު ކަނޑައެއް ނުލަމެވެ. ވިހެއުމުގެ ވޭނުގަވެސް ދަރިފުޅަށްޓަކައި ދުޢާ ކުރީމެވެ. ﷲއަށް ޙަމްދު ހުއްޓެވެ.އެކަލާންގެއީ ރަޙްމާން ވަންތަ އިލާހެވެ. އެއިލާހުގެ ރަޙްމަތް ވަންތަކަމުން ދަރިފުޅު އުފަންވުމަށް ފަހު ހެދި ހުރިހާ ޓެސްޓަކުންވެސް ދަރިފުޅުގެ ސިއްޙަތު ރަނގަޅުކަމަށް ދެއްކިއެވެ. އަދި ދަރިފުޅުގެ ގުނަވަންތައްވެސް ފުރިހަމަ ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. ﷲއަށް ޙަމްދު ހުއްޓެވެ.އެކަލާންގެއީ އެކަލާންގެ އަޅުތަކުންގެ ހިތްތަކުގެ ދެންނެވުން ދެނެވޮޑިގެންވާ އިލާހެވެ.
މަންމަގެ ލޮބުވެތި ދަރިފުޅާއެވެ. ދަރިފުޅު ދުނިޔެއަށް އުފަންވީ ފިޠުރަތުގެ ސާފު ޠާހިރުކަންމަތީއެވެ. އިސްލާމްކަމުގެ ފުރިހަމަ ނިޢުމަތާއެކުއެވެ. ދަރިފުޅާއެވެ. ތިބާ ދުނިޔެއަށް އުފަންވީ ބޭނުން ހިފޭނެ ބޭނުން ވާނެ ހުރިހާ ނިޢުމަތް ތަކެއް ދެއްވާފައެވެ. ފެނުމުގެ ނިޢުމަތާއި ވާހަކަ ދެއްކުމުގެ ނިޢުމަތެވެ. އިޙްސާސް ވުމުގެ ނިޢުމަތާއި ވަސްބެލުމުގެ ނިޢުމަތެވެ. އިވުމުގެ ނިޢުމަތާއި އެހެނިހެންވެސް ފުރިހަމަ ނިޢުމަތްތަކެވެ. އެހުރިހާ ކަންކަމެއް ދަރިފުޅަށްޓަކައި ފުރިހަމަ ކޮށްދިނީ މަންމައެއް ނޫނެވެ. އެފަރާތަކީ ދަރިފުޅު ދުނިޔެއަށް އުފަންވުމުގެ ސަބަބެއް ކަމުގައި މަންމަ ލެއްވެވި މާތް ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. ދަރިފުޅާއެވެ. އެއިލާހަށް ޝުކުރުވެރިވާށެވެ.
ދަރިފުޅާއެވެ. މިއީ ދުނިޔެއެވެ. މިއީ އާޚިރަތަށް އަހަރެމެން ކުރާ ދަތުރުގައި މަޑު ކޮށްލާ މަންޒިލެއް ފަދަ ތަނެކެވެ. މިތާގައި އެތަށް ކަމެއް ދިމާވާނެއެވެ. ދަރިފުޅު ކުރާ ކޮންމެ ކަމަކީ ދަރިފުޅަށް ކާމިޔާބު ވާކަމަކަށް ނުވެދާނެއެވެ. ލިބޭ ކޮންމެ ނާކާމިޔާބީއަކީ އަދި ކާމިޔާބަކީވެސް ﷲގެ މިންވަރުފުޅެވެ. ކޮންމެ ހާލަތެއްގައިވެސް ﷲއަށް ޝުކުރުވެރިވާން ދަސްކުރާށެވެ. އޭރުން ތިބާއީ އެކަލާންގެ ލޮބުވެތި އަޅުތަކުންގެ ތެރެއިން ވާނެއެވެ. އިންޝާ ﷲ.
ދަރިފުޅާއެވެ. ދުނިޔޭގައި ހިނގުމަށް ދެމަގެއް ވެއެވެ. އެއްމަގީ ދުނިޔޭގައި އެމަގެއްގައި ހިނގުމަށް އުނދަގޫ މަގެކެވެ. ދަތިތަކާއި ހުރަސްތައް ކުރިމަތިވާ މަގެކެވެ. މަލާމާތާއި ފުރައްސާރަ ކުރިމަތި ވާނެއެވެ. ނަމަވެސް އެހުރިހާ ކަމަކަށް ކެތްތެރިވެ އެމަގުން ހިނގައިފިނަމަ އިންޝާ ﷲ އާޚިރަތުގައި ބާއްޖަވެރިކަން ލިބޭނެތެވެ. ދަރިފުޅާއެވެ. ދުނިޔޭގައި ހިނގުމަށް ފަސޭހަ މަގެއްވެސް ވެއެވެ. ލައްޒަތާއި މަޖަލާއި އުފަލުގެ މަގެކެވެ. މީސްތަކުންގެ ތާއީދާއި މަޤުބޫލުކަމުގެ މަގެކެވެ. އެމަގުގައި ހިނގާ މީހާއަށް ދުނިޔެމަތީގައި ފަސޭހަ ކަންވެއެވެ. ނަމަވެސް އާޙިރަތުގައި އެއިން ލިބޭނެ އަރާމެއް އުފަލެއް ނެތެވެ.
ދަރިފުޅާއެވެ. ދުނިޔޭގައި އުޅޭއިރު އެކިކަހަލަ މީހުންނާ ދިމާވެ ރައްޓެހި ރަޙްމަތްތެރިކަން އުފެދެއެވެ. ހެޔޮލަފާ ސާލިޙް މީހުންނާ ދިމާވެއެވެ. އަދި ހަމައެހެންމެ ނުބައިކަމުގައި ހައްދުފަހަނަ އަޅާފައިވާ މީހުންނާވެސް ދިމާވެއެވެ. ތިބާ ދުނިޔޭގެ ދިރިއުޅުމުން އާޚިރަތް ބާއްޖަވެރިވާން އެދޭނަމަ ހެޔޮލަފާ ސާލިޙް ރަޙްމަތްތެރިން އިޚްތިޔާރު ކުރާށެވެ. އެބައިމީހުންގެ ސާލިޙުކަމުން ތިބާއަށް ފައިދާ ކުރާނެތެވެ. ނަމާދު ކުރާ މިހާކާ އެކު ވާނަމަ ނަމާދުކުރުމަށް ތިބާއަށް ބާރު އަޅާނެތެވެ. ދީނަށް ލޯބި ކުރާ ރަޙްމަތްތެރިން އިޚްތިޔާރު ކުރާށެވެ. އެފަދަ ރަޙްމަތްތެރިން ހެޔޮކަމުގެ މަގަށް ތިބާއަށް މަގު ދައްކާނެތެވެ. ހެޔޮމީހުންގެ ޖަމާޢަތުގެ ތެރެއިން ތިބާވާށެވެ.
ދަރިފުޅާއެވެ. ﷲ ތަޢާލާއަށް އީމާންވެ އެކަލާންގެ ރަސޫލާ صلي الله عليه وسلم އަށް އީމާންވުމަށްފަހު މައިންބަފައިންނަށް ކިޔަމަންވުމަށް ﷲ ތަޢާލާ އެކަލާންގެ އަޅުތަކުންނަށް އަމުރުކުރައްވައިފައިވެއެވެ. ދަރިފުޅާއެވެ. މައިންބަފައިންނަށް ކިޔަމަންވާށެވެ. އުރެދުމަކަށް ނުވާ ކޮންމެ ކަމެއްގައި އެދެމީހުންނަށް ކިޔަމަންވާށެވެ. ޙާއްސަކޮށްވެސް މަންމައަށެވެ. މަންމައަށް ހެޔޮކޮށް ހިތާށެވެ. އެއީ ދަރިފުޅު ހެޔޮ މީހުންގެ ތެރޭގައި ލައްވަވާނެ ސަބަބެކެވެ.
ދަރިފުޅާއެވެ. މަންމައާއި ބައްޕަނެތް ދުވަހަކުން މަންމައާއި ބައްޕައަށް ޓަކައި ހެޔޮދުޢާ ކޮށްދޭ ދަރިއަކަށް ދަރިފުޅުވާންވާނެއެވެ. ދަރިފުޅާއެވެ. މަންމަގެ މިބަސްތައް ހަނދުމަކުރައްޗެވެ. ކިޔަމަންތެރި ދަރިއަކަށްވާށެވެ. ﷲއަށް އީމާންވެ ހުރި މުއުމިނެއްގެ ގޮތުގައިވާށެވެ. ދުނިޔޭގެ ޒީނަތަށް ނުހެއްލޭށެވެ. ސާލިޙުންނާއެކު ވާށެވެ. ހެއްދެވި ފަރާތަށް ކިޔަމަންވާ ބޯލަނބާ އަދި އެއިލާހު ދެއްވެވި ނިޢުމަތަށް ޝުކުރުވެރިވާ މީހަކަށްވާށެވެެ. މަންމަގެ ހެޔޮދުޢާ އަބަދުވެސް ދަރިފުޅަށް ޓަކައި ވާނެއެވެ. އިންޝާ ﷲ.
ނިމުނީ
ކޮމެންޓް (0)
ލޯޑް ކުރަމުން...