ރޯދަ މަސް އައުމާއި އެކު އެންމެންގެ ދުލުން ރޯދަ ވިއްލަންޖެހޭ "ބަންގި" ވަޤުތުގެ ވާހަކަ ދެއްކުން އާންމުވެގެންދެއެވެ. އެނަމާދުގެ ނަން އެކި މީހުން ކިޔަނީ އެކި ގޮތަކަށެވެ. ރަނގަޅު ގޮތަކީ މަޤްރިބު ނަމާދު ތޯއެވެ؟ މަޢްރިބު ނަމާދު ތޯއެވެ. ނުވަތަ މަޣްރިބު ނަމާދު ތޯއެވެ؟ މި ތިން ނަމުގެ މާނަ އާއި އޭގެ ތަފާތަކީ ކޮބާތޯއެވެ. މިއީ ކޮށްލަން ރަނގަޅު ބަހުސެކެވެ.
މިސުވާލު އަޅުގަނޑަށްވެސް އަޅައިގަތީ ފޭސްބުކްގައި އެންމެ ގިނައިން އަޅުގަނޑު ބަލަމުން އަންނަ އެއް ފޭސްބުކް ގްރޫޕް ކަމުގައިވާ "ބަސް ޖަގަހަ" އިންނެވެ. ސަންގު ޓީވީގައި "މަޤްރިބު ނަމާދު" މިހެން ޖަހާފައިވާތީ އެކަމުގެ ބަހުސަކަށް ހުޅުވާލާފައިވާތީއެވެ. މިކަމާއި ގުޅިގެން މީގެ ވާނުވާ ބަލާލުން ވަރަށް މުހިންމެވެ.
މިމައްސަލާގައި އަޅުގަނޑުގެ ބައެއް ރައްޓެހިންނާއި މަޝްވަރާ ކޮށްލީމެވެ. ދިވެހިބަހުގެ ބޭފުޅުންނާއި ޢަރަބި ބަސް ކިޔަވާފައިވާ ބޭފުޅުންނާއެވެ. ބައެއް ބޭފުޅުންނަށް ބަހުސް ހުޅުވާލުމުން ޖަވާބެއް ނައެވެ. އަނެއް ބަޔަކު "ބަލާލަން ޖެހޭނީ" ކަމަށް ވިދާޅުވިއެވެ. ކޮންމެއަކަސް އެކެއްގެ ފަރާތުން ހިތްހަމަ ޖެހޭ ވަރަށް މައުލޫމާތު ލިބުނެވެ.
"ދުނިޔޭގެ މަޝްރިޤާއި މަޣްރިބު..... އިރު އޮއްސެނީ ޣުރޫބް އައް ޝަމްސުން.... އިރު އޮއްސޭ ދިމާލުގައި އޮންނަނީ މަޣްރިބު... އިރު އޮއްސޭ ގަޑިއަކީ މަޣްރިބު ވަޤުތު... އެއީ އަރަބިން ލިޔާގޮތުންނަމަ مغرب" ކަމަށް މިބަހުސްގައި އެންމެ ފޯރީގައި ވާހަކަ ދެއްކެވި ބޭފުޅާ ޖަވާބު ދެއްވިއެވެ.
ތިކިޖެހި ތާނައިގެ ޤަވައިދަށް މިހާހިސާބުން ބަލާލަމާހެވެ. ޢަރަބި އަކުރު غ ދިވެހިން ލިޔާނީ "ޣ" މިހެންނެވެ. އަލިފުގެ މަތީގައި ނުކުތާ ޖަހައިގެންނެވެ. އެހެނީ ނަމާދުގެ ނަންކަމުގައިވާ مغرب ގައި ހިމެނެނީ غ އެކެވެ. އެހެންކަމުން ދިވެހިބަހުން مغرب ލިޔާއިރު ލިޔާނީ "މަޣްރިބު" މިހެންނެވެ.
ދެން އުފެދޭ ސުވާލަކީ މަޤްރިބު އަދި މަޢްރިބު ލިޔުމުން މައްސަލައަކަށްވަނީ ކީއްވެބާއެވެ؟
މަޤްރިބު:
"މަޤްރިބު" މިބަހަށް ބަލާލަމާހެވެ. "މަޤްރިބު" މިބަހުގައި "ޤ" މިހެން ލިޔުމުން އަރަބިން މިބަސް ލިޔަން ޖެހޭނީ "مقرب" މިހެންނެވެ. ތިކިޖެހި ތާނަ ބޭނުން ކޮށްގެން ލިޔާއިރު ޢަރަބި ބަހެއްގައި "ق" އައިސްފިނަމަ ދިވެހި ބަހުން ބޭނުންކުރާނީ "ޤ" އެވެ. ގާފު ގެ މަތީގައި 2 ތިކިއެވެ. މަޤްރިބު މިބަހުގައި "ޤ" ބޭނުން ކުރުމުން ދެން ނުކުންނަ މައްސަލައަކީ އަރަބި ބަހުގައި "مَقْرَبُ" ގެ މާނަ އަކީ "ކުރު މަގު" މިއެވެ. އެހެންވީމާ "މަޤްރިބު ނަމާދު" ކިޔާނަމަ އެނަމާދަށް ދިވެހިން މާނަ ކުރީމާ ކިޔަންޖެހޭނީ "ކުރުމަގު ނަމާދު" މިހެންނޫންތޯއެވެ. އެހެނަސް މިނަމާދުގެ ނަމަކަށް ދިވެހި ބަހުގައި ބޭނުންކުރަނީ "އިރުއޮއްސޭ ނަމާދު" އެވެ. އެހެންކަމުން "މަޤްރިބު ނަމާދު" ކިޔުމަކީ މައްސަލައެކެވެ.
މަޢްރިބު:
ދެން އޮތީ "މަޢްރިބު" މިބަހުގެ މައްސަލައެވެ. ދިވެހިން ލިޔެފައިވާ "މަޢްރިބު" މިބަސް ތިކިޖެހި ތާނަ ލިޔެފައިވާ ގޮތުން ތަރުޖަމާ ކުރާނަމަ ޢަރަބި ބަހުން ލިޔާނީ "معرب" މިހެންނެވެ. "ޢ" އެއީ ޢަރަބި ބަހުގައި "ع" އެވެ. އެހެންކަމުން މިހެން ލިޔުމުގައި ބަހުގެ ގޮތުންވެސް މައްސަލައެއް އެބައުޅެއެވެ. ދެން އޮތީ ބަހުގެ މާނައެވެ. "معرب" ގެ މާނައަކީ ކޮބާތޯއެވެ؟ މިސުވާލު އަޅުގަނޑާއި އެކު މިބަހުސް ކުރި އެކުވެރިޔާ ކުރެން އަހާލުމުން ޖަވާބު ދެއްވީ "معرب އަކީ ޢަރަބި ބަހުގައި އެލަފްޒެއްގެ ފަހު އަކުރުގެ ފިލި ބަދަލުވާ ލަފްޒު"ކަމަށެވެ. އެހެންކަމުން ލަފްޒީ ގޮތުން ބަލާއިރު معرب ނަމާދު ކިޔޭނެ ގޮތެއް ނެތެވެ.
އެހެންކަމުން "މަޢްރިބު ނަމާދު"ގެ މާނައަކަށް ވާނީ "ޢަރަބި ބަހުގައި އެލަފްޒެއްގެ ފަހު އަކުރުގެ ފިލި ބަދަލުވާ ލަފްޒުގެ ނަމާދު" ކަމަށެވެ.
"މަޤްރިބު ނަމާދު؟ މަޢްރިބު ނަމާދު؟ މަޣްރިބު ނަމާދު؟" ރަނގަޅު ގޮތަކީ ކޮބައިކަން އެނގިއްޖެއެވެ. ތިކި ޖެހި ތާނާގައި ބޭނުންކުރާ ގޮތާއި ލަފްޒީ މާނައިން ބަސް ބޭނުންކުރާނެ ގޮތް ސާފު ވެއްޖެއެވެ.
ދެން އޮތީ "ބަސް ޖަގަހަ" ގެ ބައެއް ޚިޔާލުތަކުގެ ވާހަކައެވެ.
އަފޭ އަފްރާ ލިޔުއްވާފައިވަނީ "ގ އާއި ޣ އޮޅޭ ކަމަށް ވާނަމަ ޢަރަބި އަކުރު ތިކި ޖަހައިގެން ތާނައަށް ކޮންވާރޓް ކުރުމުގެ ބަދަލުގައި އިރު އޮއްސޭ ނަމާދު ކިޔުން ކީއްތޯއެވެ." ރެކިބިޔާގެ ނާޖިހުގެ ބަހަކީ "ކޮންމެ އަކުރެއްގާ ނުކުތާ ޖެހިޔަސް މިތާ މީހުން ކިޔަނީ މަޤްރިބު ނަމާދު... އަފިރިން ކިޔަނީ މަޣްރިބު ނަމާދު" ކަމަށެވެ.
"ކޮންމެ ގޮތަކަށް ބަޔަކު ކިޔާ އުޅުނަސް، ތިކި ޖަހަންޔާ ޖަހަންވާނީ ޖަހަން އޮންނަ ހަމަޔަކުން" އަޅުގަނޑަށް ގްރޭޑް 1 ގައި ކިޔަވައިދެއްވި މުދައްރިސް މުހައްމަދު ރަބީޢު ލިޔުއްވާފައިވެއެވެ.
މިމައްސަލާގައި ތިޔަ ކިޔުންތެރިންގެ ޚިޔާލަކީ ކޮބައިތޯއެވެ؟
ކޮމެންޓް (0)
ލޯޑް ކުރަމުން...