1435 ވަނަ އަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ޔަހޫދީ ހައްދު ފަހަނަ އަޅާފައިވާ ދައުލަތުން ފަލަސްތީނުގެ ޤައްޒާއަށް ދިން ހަމަލާތަކުގައި ހަލާކުވި މިސްކިތްތައް މަރާމާތު ނުކުރެވުމުގެ ސަބަބުން މިއަހަރުގެ ރަމަޟާންމަހު ޤައްޒާގެ ރައްޔިތުން ތަރާވީޚް ނަމާދު ކުރަމުން ގެންދަނީ ވަގުތީ ފޭލިގެ ތަކެއް ޖަހައިގެން ކަމުގައި ޚަބަރު ފަތުރާ އިދާރާތަކުން ހާމަކޮށްފިއެވެ.
ޤައްޒާއަށް ތަކެތި އެތެރެކުރެވެން ހުރި މަގުތައް އިސްރާއިލް އިން ހިޞާރުކޮށްފައި ވުމުގެ ސަބަބުން އިސްރާއިލްއިން ސުންނާފަތި ކޮށްލާފައިވާ ގެތަކާއި މިސްކިތްތަކާއި ސްކޫލްތައްވަނީ އަލުން އިމާރާތް ނުކުރެވިފައެވެ. މިކަމުގެ ސަބަބުން ޤައްޒާގެ ރައްޔިތުން ނަމާދު ކުރުމަށް ފަލަސްތީނުގެ ދީނީ ކަންކަމާއި ބެހޭ މިނިސްޓްރީއިންވަނީ ވަގުތީ ފޭލިގެ ތަކެއް ޖަހައިދީފައެވެ.
ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އަދި ހަމާސްގެ ޑެޕިއުޓީ ލީޑަރ އިސްލާއިލް ހަނިއްޔާވަނީ ޤައްޒާގެ ދެކުނުގެ އަލް ޝާތީ ރެފިއުޖީ ކޭމްޕްގައި އިމާމްވެ ތަރާވީޚް ނަމާދު ކޮށްދެއްވާފައެވެ. ތަރާވީޚް ނަމާދަށް ފަހު ރައްޔިތުންނާއި ވާހަކަދައްކަވަމުން އިސްމާއިލް ހަނިއްޔާ ވިދާޅުވީ "މިދިޔަ ރަމަޟާން މަހުގައި އަހަރުމެންވަނީ ހަނގުރާމައަކާއި ކުރިމަތިލާން ޖެހިފައި ކަމަށާއި އެކަމުގެ ހެޔޮ ނަތީޖާ މިރަމަޟާން މަހު ލިބިގެންދާނެ" ކަމަށެވެ.
އިސްރާއިލް އިން މިދިޔަ އަހަރު ޤައްޒާއަށް ދިން ހަމަލާތަކުގައި 150 މިސްކިތެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކު ކޮށްލާފައިވާއިރު އިތުރު 67 މިސްކިތަކަށްވެސްވަނީ ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...