ރައީސްކަމަށް ކުރިމަތިލާ ރައީސްކަން ލިބި ވެރިކަން ކުރަން ލިބޭ މަދު ދުވަސްކޮޅު ކޮންމެ ވެރިއަކުވެސް ވަރަށް ބޮޑެތި ހުވަފެން ދައްކާ ވެރިކަމާއިގެން އުޅެން ފަށައެވެ. ވަކި ހިސާބަކުން މަޤްސަދު ހަނދާން ނެތި މިސްރާބު ބަދަލުވެ ދިމާއަކަށް ދަތުރުކުރަން ފަށައެވެ. ތާރީހުގައި ގިނަ ދިވެހި ވެރިކަންތަކުންވެސް ފެނިފައިވަނީ މިމިސްރާބަށް ވެރިން ދަތުރުކޮށްފައިވާތީއެވެ. ދުނިޔޭގެ ތާރީހުވެސް ދައްކަނީ މިމަންޒަރެވެ.
ހައްލަކީ ވެރިކަން ކޮށްފައި ޖަލަށް ދިއުމެއް ނޫނެވެ. ޖަލަށް ނުގެންދެވޭނެ ގޮތަކަށް އަދުލް އިންސާފަށް ވެރިކަން ކުރުމެވެ. ވެރިކަމުން ފައިބާން ޖެހެނީ ރަނގަޅު ގޮތުގައި ވެރިކަން ނުކުރެވޭތީއެވެ.
އަމީންދީދީގެ ވެރިކަން:
އަމީން ދީދީ އަކީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސެވެ. އަމީން ދީދީގެ ވެރިކަންވެސް ނިމިފައިވަނީ ދޫނިދޫ ޖަލަށް ލައި އަވަހާރަކޮށްލުމާއި ހަމައިންނެވެ. އަދި ވެރިކަން ލިބޭނެކަމުގެ ފޮނި ހުވަފެން ދައްކައިގެން ދޫނިދޫއިން މާލެ ގެނެސް އިހާނަތިކޮށް އަމީން ދީދީގެ ދުވަސް ދުއްވާލީ "ހަވަރަށް" ދީގެންނެވެ. އަމީން ދީދީގެ ވެރިކަން ހަގީގަތުގައި ނިމިފައިވަނީ ޖަލަށް ލުމާއި އަނިޔާވެރި ކަމާއި އެކު ޝަހީދުކޮށްލުމުންނެވެ. ހަވަރު ނުކުމެ އަވަހާރަ ކޮށްލީ ވެރިކަމުން ދުރުކުރުމަށްފަހުގައެވެ.
މުހައްމަދު ފަރީދުގެ ރަސްކަން:
ފުރަތަމަ ޖުމްހޫރިއްޔާ ވެރިކަމުން ބޭލުމަށްފަހު އަނެއްކާވެސް ދިޔައީ ރަސްކަމަށެވެ. ރަސްކަމުގައި މާބޮޑު މައްސަލަތަކެއް ކުރިމަތި ނުވިޔަސް ވެރިކަން ކުރަމުން ދަނިކޮން ޖުމްހޫރިއްޔާއަކަށް އަނެއްކާވެސް ވެރިކަމުގެ ނިޒާމު ބަދަލުވުމުން އޭރުގެ ރަސްގެފާނު މުހައްމަދު ފަރީދު ގެއަށް ވަޑައިގެން ވެރިކަމަށް ނުތޮޅި ހުންނެވުމަށްފަހު ދުނިޔެ ދޫކުރެއްވީއެވެ. ދެން ރައީސްކަމަށް މަޖިލީހުން އައްޔަންކުރީ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރުއެވެ. މުހައްމަދު ފަރީދު ޖަލަށްލުމަށް މަސައްކަތް ކޮށްފައި ނުވަނީ އެއީ ބޮޑުވަޒީރަށް ނުރުހުމަކާއި ނުލާ މަޖިލީހުގެ ނިންމުމަށް އިހުތިރާމްކޮށް ވެރިކަން ދޫކުރުމުން ކަމަށްވެސް ވެދާނެއެވެ.
އިބްރާހިމް ނާސިރުގެ ވެރިކަން:
ރަސްކަމަށްފަހު ޖުމްހޫރިއްޔާއަކަށް ބަދަލުވުމުން އިބްރާހިމް ނާސިރު ވެރިކަމަށް އައީ މަޖިލީހުގެ ރުހުމާއި އެކުގައެވެ. ރައީސްކަމުގައި ހޭދަ ކުރި ދުވަސްވަރު ހެދުނު ގޯސްތަކެއްގެ ސަބަބުން ރައްޔިތުން މަގުމައްޗަށް ނުކުމެ އެވެރިކަންވެސް ނިންމީއެވެ. ވެރިކަމުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދަ ގިނަވެ އެންމެ ފަހުން ނާސިރު ޖަލުގެ ކުޑަގޮޅި ފެންނަން ދެން މަޑު ނުކޮށް ރާއްޖެއިން ފިއްލަވައިގެން ސިންގަޕޫރަށް ވަޑައިގަތީއެވެ. ނާސިރު އަވަހާރަވީ ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުން ވަޑައިގަންނަވަނިކޮށް ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ޖަލަށް ނުލީނަމަވެސް ރައީސް ނާސިރާއާއި ދެކޮޅަށް ކޯޓުގައި މައްސަލަތައް ވަނީ ފުނިޖެހިފައިއެވެ. ރައީސް މައުމޫނު ވެރިކަމަށް ވަޑައިގަތީ މިމައްސަލަގަނޑުގެ ތެރޭގައި ކުރެވުނު މުޒާހަރާތަކަށް ފަހުގައެވެ.
މައުމޫނު އަބްދުލް ޤައްޔޫމްގެ ވެރިކަން:
ރައީސް މައުމޫނުގެ ވެރިކަމަށް ވަޑައިގަތުމަށްފަހު ދިގު 30 އަހަރު ވެރިކަން ކުރެއްވިއެވެ. އެވެރިކަމާއި ދެކޮޅަށް އެތައް މަސައްކަތެއް ގިނަ ބަޔަކު ކުރުމަށްފަހު ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބުން ރައީސް މައުމޫނު ވެރިކަމުން ދުރުކުރިއިރު އޭރު ކުރެވުނު މުޒާހަރާތަކާއި ބޭއްވުނު ޖަލްސާތަކުގައި ރައީސް މައުމޫނު ޖަލަށް ލާން ޖެހޭނެ އެތައް ސަބަބެއް ދިޔައީ ސިޔާސީ ބޭފުޅުން ދައްކަވަމުންނެވެ. އޭގެ ތެރޭގައި ޖަލުގައި ބަޑިޖެހި މައްސަލަ އާއި ކޮރަޕްޝަނާއި ފަސާދައިގެ އެތައް ބައިވަރު މައްސަލަތައް ހިމެނެއެވެ. އެގޮތުން ދިގު 30 އަހަރުގެ ކޮރަޕްޝަން ބެލުމަށް އަލަށް އިންތިހާބު ކުރެވުނު ރައީސް ވަނީ ކޮމިޝަނެއް އެކުލަވާލާފައެވެ. އަދި ރައީސް މައުމޫނު ވެރިކަމަށް ފަހު އެމައްސަލަ ބެލުމަށް އެތައް މަސައްކަތެއް ކުރިއެވެ. ފުލުސް އޮފީހަށް ރައީސް މައުމޫނު ހާޒިރު ކުރެއްވުމުން "ހަނު" ހުންނެވުމުގެ ސަބަބުން މައްސަލަވެސް މަޑު ޖެހުނީއެވެ. ރައީސް މައުމޫނުގެ ޒަމާންވީ ވެރިކަން ނިމުމަށްފަހު ވެރިކަމުގެ ހުވާކުރެއްވީ ރައީސް މައުމޫނުގެ މައްސަލާގައި އެންމެ ބޮޑަށް އަޑު އުފުއްލެވި ނަޝީދު ނުވަތަ އަންނި އެވެ. ގިނަ ބަޔަކު ނަޝީދު ވެރިކަމަށް ގެންނަން ވޯޓުލީ ނަޝީދަށް ދިން ވޯޓެއްގެ ގޮތުގައެއް ނޫނެވެ. އެހެން ނަމަވެސް އޭރުގެ ރައީސް މައުމޫނާއި ދެކޮޅަށް ދިން ވޯޓެެއްގެ ގޮތުގައެވެ.
މުހައްމަދު ނަޝީދު ގެ ވެރިކަން:
ރައީސްކަމަށް ނަޝީދު ހުވާކުރުމާއި އެކު ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔައީ ކުރީގެ ރައީސް މައުމޫނަށް އަދަބު ދީ ޖަލަށް ލާނެ ދުވަހަކަށެވެ. އެއީ ނަޝީދުގެ ވައުދެއްކަމަށް ގިނަ ބަޔަކު ޤަބޫލުވެސް ކުރިއެވެ. ކަންވީވެސް އެހެންނެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް މައުމޫނު ހައްޔަރު ކުރައްވަން ކުރެވޭނެ ހުރިހާ ކަމެއް ކުރުމަށްފަހު އަމާންދީ "ކާމިޔާބުގައި ހިތްތިރިކޮށް ކުރީގެ ވެރިންނަށް އިހުތިރާމު ދޭނެ"ކަމަށް ވިދާޅުވުވީއެވެ. އަދި ވެރިކަމައިގެން އުޅެން ފެއްޓެވިއެވެ. އަދި ވެރިކަމުގައި ކުރިއަށް ދިޔަ ދީނާ ޚިލާފު ކަންކަމާއި ކޮރަޕްޝަނާއި ފަސާދައިގެ ސަބަބުން ފަހަރަކު ބަޔަކު ނަޝީދާއި ދެކޮޅުވާން ފެށިއެވެ. އަދި އެބައި ގިނަވެ ޕްރެޝަރު ބޮޑުވެ އަމިއްލަފުޅަށް އިސްތިއުފާ ދޭއްވަން މަޖުބޫރުވީއެވެ. އެހިސާބުން ނަޝީދުގެ ސަޕޯޓަރުން ބުނަމުންދިޔައީ "މިއީ މައުމޫނު ހައްޔަރު ނުކުރުމުގެ ނަތީޖާ" ކަމަށެވެ. ކޮކަޑި މީދާ ގަދަވެގެންވީ ކަމެއް ކަމަށެވެ. ކޮންމެއަކަސް އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުން ޤާނޫނުގައި ބުނާގޮތުގެ މަތިން އޭރުގެ ނައިބު ރައީސް ޑރ މުހައްމަދު ވަހީދަށް ވެރިކަން ފުރޮޅިގެން ދިޔައީއެވެ.
ޑރ މުހައްމަދު ވަހީދުގެ ވެރިކަން:
ނައިބު ރައީސްކަމުން ރައީސްކަމަށް ޑރ ވަހީދު ވަޑައިގަތުމާއި އެކު ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިއެވެ. އެއްބަޔަކަށް އެއީ "ބާޣީ" އަކަށްވީއިރު އަނެއް ބަޔަކަށް އެއީ "ހީރޯ" އެކެވެ. ރައީސް ވަހީދުގެ ވެރިކަމުގައި އޭގެ ކުރިން ހުރި ރައީސް، ނަޝީދުގެ މައްސަލަތައް ކޯޓަށް ވެއްދިއެވެ. އަދި ނަޝީދު ހައްޔަރު ކުރުމަށް އެތައް މަސައްކަތެއް ކުރެވުނެވެ. ހައްޔަރު ކުރެވިއްޖެނަމަ އެއީ ކުރިއަށް އޮތް 5 އަހަރު ޔަގީންވާނެ ކަމެއްކަމަށް ގިނަ ބަޔަކު ދެކެމުން ދިއުމުގެ ނަތީޖާ އަކަށްވީ އެމަސައްކަތުގެ ގިޔަރު ބާރުކޮށްލުމެވެ. އެހެންނަމަވެސް ވަކި ހިސާބަކުން އެމައްސަލަ ހިންދާލާ ނަޝީދާއި އެކު އިންތިހާބަށް ކުރިމަތިލިއެވެ. އޭރުވެސް އިދިކޮޅު ފަރާތްތަކުން ގޮވަމުން ދިޔައީ ނަޝީދު ވެރިކަމަށް ވަޑައިގެން ބަޤާވާތް ކުރެއްވި ކަމަށް ވިދާޅުވެ ރައީސް ޑރ ވަހީދު ޖަލަށް ލައްވާނެ ކަމަށެވެ.
މިހާ ހިސާބުން އިންތިހާބުގެ ބޮޑު މައުލޫއަކީ ނަޝީދު ވެރިކަމަށް ވަޑައިގެންފިނަމަ އިދިކޮޅު އެންމެން ޖަލަށްލާނެ ކަމަށާއި ނަޝީދުގެ ނޫން މީހަކު ވެރިކަމަށް ވަޑައިގެންފިނަމަ ނަޝީދު ކުޑަގޮޅިއަށް ލައްވާނެ ކަމަށެވެ. އެހެންކަމުން މިތިއަރީގެ ދަށުން ނަޝީދު ނޫން ހުރިހާ ބޭފުޅުން އެއްގަލަކަށް އަރާވަޑައިގަތެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު ރައީސް މައުމޫނާއި ދެކޮޅަށް ސިޔާސީ ވެރިން އެއްގަލަކަށް އެރީ މި ތިއަރީގެ ދަށުންނެވެ. އެއީ ރައީސް މައުމޫނު ވެރިކަމަށް ވަޑައިގެންފިނަމަ އިދިކޮޅު އެންމެ ޖަލަށް ލާނެކަމަށާއި މައުމޫނު ނޫން ބޭފުޅަކު ވެރިކަމަށް ވަޑައިގެންފިނަމަ މައުމޫނު ޖަލުގެ ކުޑަގޮޅިއަށް ދާންޖެހޭނެ ކަމަށް ބުނެވުނު ތިޔަރީގެ ދަށުންނެވެ. ކޮންމެއަކަސް ނަޝީދު ނޫން އެހެން ބޭފުޅުން އެއްގަލަކަށް އަރައިވަޑައިގެން މިހާރުގެ ރައީސް ޔާމީން ވެރިކަމަށް ގެނައިތާ މާގިނަ ދުވަހެއް ނުވެ ނަޝީދުގެ ދައުރުގައި ހިންގާފައިވާ ކަންކަމުގެ މައްސަލަތައް ކޯޓަށް ވައްދާ އެ މައްސަލަތައް ބަލަން ފެށިއެވެ. އަދި އެންމެ ފަސޭހައިން ނަޝީދު ޖަލަށް ލެވޭނެ ތިޔަރީގެ ދަށުން 'އަބްދުﷲ ޤާޒީ"ގެ މައްސަލަ ހިލުވާލިއެވެ. މިހާރު ކުރިއަށް އެދަނީ ނަޝީދު ޖަލަށް ލުމުގެ މަރުހަލާއެވެ. ރައީސް ޔާމީންގެ ސަޕޯޓަރުންނާއި ރައީސް ޔާމީންއަށް ސަޕޯޓް ނުކުރިޔަސް ނަޝީދަށް ތާއިދު ނުކުރާ މީހުންގެ އުންމީދަކީ ނަޝީދު ޖަލަށް ލުމެވެ. އެމީހުން ދެކެނީ މިވަގުތު ނަޝީދު ޖަލަށް ނުލެވިއްޖެނަމަ "ކޮކަޑިކޭ މީދާ ހެން" ނަޝީދު ގަދަވެ އަދި އެއްފަހަރު ވެރިކަމަށް އަރާނެއެވެ.
ޔާމީން އަބްދުﷲގެ ދައުރު:
ރައީސް ޔާމީންގެ ވެރިކަން މިހާރު ހިނގަމުން ދާއިރު ރައީސް ޔާމީން ވެރިކަމުން ބާލާ ކުޑަގޮޅިއަށް ލާނެ ކަމުގެ ހުވަފެން ސޯޝަލް މީޑިއާއިން ފެންނަމުން އެބަދެއެވެ. އޭގެ އިންޒާރު ސިޔާސީ ޕޯޑިއަމްތަކުންވެސް ދެވެމުން އެބަދެއެވެ. އެމީހުންގެ ޝަކުވާ އަކީ ރައީސް ޔާމީންގެ ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަނުގެ ވާހަކައެވެ. "އަބްދުﷲ ޤާޒީ" ހައްޔަރު ކުރި ފަދައިން "ކުށެއް ނެތް" މީހުން ހައްޔަރު ކުރާ ވާހަކައެވެ. މިފަދަ ކަމެއް މަތިކޮށް ވެރިކަމުން ފޭބުމުން ޖަލަށް ލާނެކަމަށް ޤަބޫލުކުރާ މީހުން މަދެއް ނޫނެވެ.
ވެރިކަމަށް އަންނަނީ އެތައް ބަޔެއްގެ ރުހުމާއި އެކުގައެވެ. އެހެނަސް ވެރިކަން ލިބުމުން ވެރިކަމުގެ މަޤްސަދު ހަނދާން ނެތި އެތައް ބަޔެއްގެ ނުރުހުން އަމާޒުވެ ޖަލަށް ވަޑައިގަންނަވަން ކޮންމެ ވެރިއަކަށް މިޖެހެނީ ކީއްވެބާއެވެ؟ ވެރިކަން ލިބުމުން އުރުދުގާން ފަދަ ވެރިއަކަށް ނުވެވެނީ ކީއްވެބާއެވެ؟ ދީނާއި ޤައުމާއި ނުކުޅެ އަމާނާތްތެރި ކަމާއި އެކު ވެރިކަން ނުކުރެވެނީ ކީއްވެބާއެވެ؟ މިއީ ސިޔާސީ ވެރިން ވިސްނަން ޖެހޭ ސުވާލުތަކެވެ. ޔަގީންވާ އެއްކަމެއް އެބައޮތެވެ. ކޮންމެ ވެރިއަކުވެސް ވެރިކަމަށް ވަޑައިގެން ކުރިން ހުރި ވެރިމީހާ ކަނޑާ ވައްޓާލަށް މަސައްކަތް ފަށައެވެ. އަދި ސައިޒަށް ތިރިކޮށް "މައާފުދީ" ވެރިކަން ކޮށްފައިވާ މީހުން ބަދުނާމު ކުރުމުން އެބޭފުޅުންގެ މަޤްސަދު ހާސިލުވީއެވެ. ކުރީގެ ރައީސުން ޤައުމު ދޫކޮށް ދިއުމަކީ އެފަދައިން އަމަލު ކުރާ ސަބަބަކަށްވެސް ވެދާނެއެވެ.
"މަގުމަތިން ވެރިކަމަށް، ވެރިކަމުން ޖަލަށް، ޖަލަށް ނުދާނަމަ ޤައުމުން ބޭރަށް ގޮސް ވެރިކަމާ ނުތޮޅި ހުންނަންވީއޭ" ބުނާ ކަހަލައެވެ. އެހެނަސް "މަންޑޭލާ" ކަހަލަ ޝަހުސިއްޔަތުން މަގުމަތީވެސް އުޅެ، ޖަލަށްވެސްގޮސް، ވެރިކަމަށް ވެސް ވަޑައިގެން، ވެރިކަން ކުރައްވައި، ވެރިކަމުގެ ދައުރު ފުރިހަމަކޮށް ރީތި ގޮތުގައި ދުނިޔޭގައި އުޅެ އަވަހާރަވީ އެންމެންގެ ލޯބި ލިބިގެންނެވެ. އެވެރިއެއްގެ ނިމުން އަންނާނީ އެވެރިއެއް ވެރިކަން ކުރި ގޮތުގެ މައްޗަށެވެ. މިހިރަ މިހިރަ ކަންކަމުން އިބުރަތް ހާސިލްކޮށް ވެރިކަން ކުރުމަކީ އެންމެ ބުއްދިވެރި ގޮތްކަން ޔަގީނެވެ.
ހައްލަކީ ވެރިކަން ކޮށްފައި ޖަލަށް ދިއުމެއް ނޫނެވެ. ޖަލަށް ނުގެންދެވޭނެ ގޮތަކަށް އަދުލް އިންސާފަށް ވެރިކަން ކުރުމެވެ. ވެރިކަމުން ފައިބާން ޖެހެނީ ރަނގަޅު ގޮތުގައި ވެރިކަން ނުކުރެވޭތީއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...