ދުވަސް ތަކަކަށްފަހު ގެރިކޮށީގެ ވެރިޔާ މިއަދު އަނެއްކާވެސް ގެރިކޮށްޓަށް ޒިޔާރަތް ކޮށްފިއެވެ. ގެރިކޮށީގެ ވެރިޔާ ކޮށްޓަށް ޒިޔާރަތް ކުރިއިރު ތަންކޮޅެއް ރޫފަ ހެޔޮ ސަމައްތަރު ރަނގަޅު ގެރިއެއްގެ ފަހަތުގައި އެހެން ގެރިތައް އުޅޭތަން ފެނިއްޖެ އެވެ. އަދި ވިނަ ކެއުމާއި ފެންބުއިމާއި އެހެން ކަންކަމުގައި އެ ބޮޑުގެރިއަށް އެހެން ގެރިތައް ތަބާވާތަން ފެނުމުން ވެރިމީހާގެ ހިތުގައި ރިއްސާލިއެވެ.
އެހެން ކަމުން ގެރިކޮށި ބަލަހައްޓާ ފައްލާޙަށް ގޮވާލައްވައި ވެރިމީހާ ވިދާޅުވިއެވެ. އެއޮއް ފެންނަ ބޮޑު ގެރިއަށް އެހެން ގެރިތައް ތަބާވާތީ ތިމަންނާ އަށް އެބަ ފެނެއެވެ. އެހެން ކަމުން އެސޮރު ހިތްހަމަ ނުޖެހޭ ކަމެއް ވެއްޖެ ނަމަ ކަލެއާއި ތިމަންނާ އަށް ޙަމަލާއެއް ދޭން ނުކުންނަ ދުވަހު އެ ހުރިހާ ގެރިތަކެއް ބޮޑު ގެރިއަށް ތަބާވެ ޙަމަލާދީފި ނަމަ ބޮޑު ގެއްލުމެއް ދީފައި ނޫނީ މައިތިރި ނުވާނެއެވެ. އެހެން ކަމުން އެހެން ގެރި ތަކަށް ފެންނަ ގޮތަށް އެ ބޮޑުގެރި ހަމަ މިހާރު ކަތިލާށެވެ.
ކޮށި ބަލައްޓާ ފައްލާޙު ބުންޏެވެ. ސާހިބާ އެވެ. އެގެރިއަށް އެހެން ގެރިތައް ތާބާވާތީ ތިމަންނާއަށް ވަރަށް ފައިދާ ކުރެއެވެ. ގެރިތަކަށް ކާންދީ ބޭސްދީ، ކިރުފެލާ ހަދާއިރު، ކުރިން މުޅި ކޮށީގައި ދުވެގެން އެކި އެތި އެކި ތަނުން ހޯދަން ޖެހުނަސް މިހާރު އެކަން ކުރާކަށް ނުޖެހެއެވެ. ބޮޑުގެރި ގެނެސް ކުރުވާ ކަމެއް ވިއްޔާ ކުދި ހުރިހާ ގެރިއެއްވެސް ކުރާނެއެވެ.
ވެރިމީހާ ހިތްހަމަ ނުޖެހިފައި ބުންޏެވެ. ކަލޭގެ ހުރި އަމިއްލަ އެދުން ބޮޑުކަމާއި އެވެ. ކަލެއަށް މިއަދު ލިބޭ ފައިދާއަށްވުރެ ތިމަންނާއަށް ކުރިމަގުގައި ވާން އޮތް ގެއްލުން ތީގެން މާ ބޮޑެވެ. ތިމަންނާގެ އަމުރަށް ކިޔަމަން ނުވާނަމަ ކަލޭވެސް ކޮންމެވެސް އެހެން ކަމެއް ހޯދައިގެން ދާން އުޅޭށެވެ.
ކޮންމެއަކަސް ފައްލާޙަށް ލިބުނު ހިތާމައިގައި ވެރިމީހާގެ ކިބައިން މަޢާފަށް އެދުމަށްފަހު ބޮޑު ގެރި ހިފައިފި އެވެ. އަދި އެހެން ގެރިތަކަށް ފެންނަ ތަނުގައި ބޮޑުގެރި ކަތިލައިފި އެވެ. އެ ގެރި މަރަށް ތެޅޭތަން ބަލަން ވަރަށް ހިތްދަތިވެފައި އެހެން ގެރިތައް ތިއްބެވެ. ގެރިތަކަށް މި ލިބުނު ހިތާމައިގައި ދެތިން ދުވަހު ކެއުމަށް ދެކޮޅު ހަދާލައި ހައިހޫނު ކަމުގެ ހަޅޫތާލަކަށް ދިޔުމަށްފަހު ދެތިން ދުވަސް ފަހުން އަނެއްކާވެސް ކާން ފަށައިފިއެވެ.
ކަންކަން ހަމައަކަށް އެޅިލީއިރު އަނެއްކާވެސް ކޮށީގައި ދެން އޮތް އެންމެ ސަމައްތަރު ހެޔޮ ގެރިއަށް އެހެން ގެރިތައް ތަބާވާން ފަށައިފި އެވެ. މިފަހަރު ވެސް ވެރިމީހާއަށް މި މަންޒަރު ފެނިއްޖެ ނަމަ އެ ގެރިވެސް ކަތިލާން އަމުރު ކުރައްވާނެކަން ފައްލާޙަށް އެނގުނެވެ. އަދި މިގޮތަށް ގޮސް ކުޑަ ދުވަސްކޮލެއްގެ ތެރޭގައި ގެރިކޮށީގެ ގެރިތައް ހުސްވެ އޭނާގެ ވަޒީފާވެސް ގެއްލިދާނެ ކަމުގެ ބިރާއި ކުރިމަތިވިއެވެ. އެހެން ކަމުން އަވަހަށް އެހެން ވަޒީފައެއް ހޯދުމަށް ފައްލާޙު ދަނޑުން ނުކުމެގެން ދިޔަ ވަގުތު ގެރިކޮށީގެ ވެރިޔާ ކޮއްޓަށް ޒިޔާރަތް ކޮށްފިއެވެ.
ކޮށީގެ ވެރިޔާ އަށް މިއަދުވެސް ފެނުނީ ކުރީދުވަހު ފެނުނު މަންޒަރެވެ. އޭނާ އަށް ހީވީ ފައްލާޙު އޭނާގެ އަމުރަށް ނުކިޔަމަންތެރިވެ ބޮޑު ގެރި އަދިވެސް ކަތި ނުލަނީ ހެންނެވެ. އެހެން ކަމުން ކޮށީގައި ހުރި ފައްލާހުގެ ޖަގަހަ ބެލިއިރު ފައްލާހުވެސް ނުފެނުމުން އައި ރުޅީގައި އެތަނުން ބޮޑު ވަޅިއެއް ނަގައިގެން އެއްކަލަ ބޮޑު ގެރި ކަތިލާނަމޭ ހިތާ ހިނގައި ގަތެވެ.
ގެރިތަކަށް ވަޅި ހިފައިގެން ހުރި މީހަކު އަންނަތަން ފެނުމުން ކުރީދުވަހު ބޮޑު ގެރި ކަތިލި ގޮތް ސިފަވިއެވެ. އަދި ގެރިތައް ކަތިލަން އަންނަ ކަމަށް ހީކޮށް ހުރިހާ ގެރިތައް ވެގެން ކޮށީގެ ވެރިޔާ އަށް ކުއްލި ވަރުގަދަ ޙަމަލާއެއް ދީފިއެވެ. ގެރިތަކުގެ ރުޅިވެރި ކަމާއި ކުއްލި ޙަމަލާ ދިންގޮތް ފެނިފައި ކޮށީގެ ވެރިޔާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭރު އަތުގައި އޮތް ވަޅިވެސް އޮތީ މާދުރަށް ވިއްސައިގެން ގޮސްފައެވެ. އެވަގުތު ފައްލާޙުވެސް ވަޒީފާއެއް ހޯދަން އުޅެފައި ގެރިތަކަށް ކާންދޭ ގަޑި ޖެހޭތީ އައިސް ކޮށްޓަށް ވަނެވެ. ހުރިހާ ގެރިތައް ދަޅު ތައް ހޫރަމުން އެއްޗެއްގެ ވަށާ އެނބުރޭތީ ފައްލާހު އެދިމާއަށް ދިޔައީ ރައްކާތެރި ކަމަށް އަޅަންޖެހޭ ފިޔަވަޅު ތައް އަޅައިގެންނެވެ.
އެހިނދު ފައްލާހަށް ފެނުނީ ލެއިން ތަތްތެޅިފައި އޮތް ގެރިކޮށީގެ ވެރިޔާއެވެ. އަދި ތަންކޮޅެއް ދުރުގައި އޮތް ވަޅިވެސް ފެނުނެވެ. ފައްލާހު ގޮސް އަވަސް އަވަހަސް ގެރިތަކަށް ކާން އަޅައި ގެރިތައް މައިތިރި ކުރެވޭތޯ ބެލިއެވެ. ބައެއް ގެެރިތައް ނުކިޔަމަންތެރިކަން ދެއްކި ނަމަވެސް ބޮޑުގެރި ފައްލާޙާއި އެކު ދިޔުމުން ދެންތިބި ގެރިތައްވެސް ހިނގައްޖެއެވެ. ގެރިތައް ދުރަށްލުމަށްފަހު ފައްލާހު އައިސް ގެރިކޮށީގެ ވެރިޔާ ނެގިއިރު އޭނާގެ ފުރާނަ ހުއްޓެވެ. އެހެނަސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ކުރަމުން ގެންދަނިކޮށް ގެރިކޮށީގެ ވެރިޔާ މަރުވީ ދެހަފްތާ ވަންދެން ހޮސްޕިޓަލުގައި ވޭނުގައި އޮތުމަށް ފަހުގައެވެ.
ކޮންމެއަކަސް ގެރިކޮށީގެ ވެރިޔާ މަރުވުމަށްފަހު ގެެރިކޮށީގެ ވެރިއަކަށްވީ އޭނާގެ ފިރިހެން ދަރިފުޅެވެ. އޭނާ އަކީ ވަރަށް ސޯލިޙު ރަނގަޅު ކުއްޖެކެވެ. ބައްޕަ އަށް ދިމާވި ހިތާމަވެރި ގޮތުގެ ވާހަކަ އަޑު އެހުމަށްފަހު އެ ކުއްޖާ ބުންޏެވެ. މީގެ ފަހުން އެއްވެސް ގެރިއެއް މި ކޮށީގައި ކަތިލައިގެން ނުވާނެއެވެ. އަދި ގެރިތައް އަލަށް ވިހާ ކޮންމެ ތިން ގެރިއަކުން އެއް ގެރި އިތުރު ބޯނަސް އެއްގެ ގޮތުގައި ފައްލާޙަށް ދޭނެކަމަށާއި، އޭނާގެ ވަޒީފާ ރަނގަޅަށް އަދާކުރުންމަތީ ހުރެއްޖެ ނަމަ ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަޤީންކަންވެސް ދިނެވެ. އެހެން ކަމުން ފައްލާޙުގެ ބުރަ މަސައްކަތުން ގެރިކޮށީގެ މަސއްކަތް ބާރުމިނުގައި ކުރިޔަށްގޮސް ވިޔަފާރި އެތައް ގުނައެއް ކުރިއަރައިގެން ގޮސް ފައްލާޙާއި ވެރިފަރާތަށް ބޮޑެތި ފައިދާ ތަކެއް ލިބުނެވެ.
މިހިސާބުން ގެރިކޮށީގެ ވެރިޔާގެ ވާހަކަ ނިމުނީ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...