ފަހަކަށް އައިސް ރާއްޖޭގައި އެންމެ ގަދައަށް ދެކެވެމުންދާ ވާހަކަ އަކީ ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިއަކު ރާއްޖެ ގެނެސްގެން ރާއްޖޭގައި މާ ބޮޑު ޝޯވް އެއް ބާއްވަން އުޅޭ ވާހަކަ އެވެ. މި ވާހަކަ އަޑު އިވުމާއި އެކު އެންމެ ފުރަތަމަ މިކަމަށް ފާޑު ވިދާޅުވި ބޭފުޅަކީ އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމެވެ. ދެން އިވުނީ މި ޝޯވ ގައި ބައިވެރިވާން ރާއްޖޭން ބޭރުން ގެންނަ " ތަރި " މަރާލާނެ ކަމަށް ބުނާ ވީޑިޔޯއެއް ބަޔަކު ޢާއްމު ކުރި ޚަބަރެވެ. އަދި ކޮންމެ ބަޔަކު ކިތަންމެ އިންޒާރެއް ދިނަސް އެ ތަރި ގެނެސް ހަމަ މާލޭގައި މި ޝޯވ ބާއްވާނެ ކަމަށް އަންގަވާ ގަދަބަސް ވިދާޅުވެ، ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ގޮން ޖައްސަވާފައެވެ.
އޭގެ ފަހުން އަނެއްކާވެސް އިސްލާމިކް މިނިސްޓަރާއި، ދީނީ ޢިލްމުވެރިންނާއި، ދީނީ ޖަމިއްޔާ ތަކާއި ދީނީ ޢިލްމުވެރިން ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީއަކުންވެސް ވަނީ މި ޝޯވ ބޭއްވުމާއި ދެކޮޅަށް އަޑު އުފުލާފައެވެ. އެއާއި އެކު ގިނަ ބައެއްގެ ނުރުހުން މި ޝޯއަށް އަމާޒުވަމުން ގެންދާތީ ދިވެހި ސަރުކާރާއި ފުލުހުން މިހާރު މަރުފަލި ޖަހަމުން ގެންދާތަން ފެންނަނީ ޓުއަރިޒަމް މިނިސްޓަރުގެ ގޮންޖެއްސެވުމާއި އެއްގޮތަށް މި ޝޯވގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ބެލެހެއްޓުމަށެވެ. 100 އިން ސައްތަ އިސްލާމީ ޤައުމަކުން މިއަށްވުރެ ވަކިން ރީތި މަންޒަރެއް ފެނިގެން ދާނެބާއެވެ؟
ދިވެހި ރާއްޖޭގެ އިސްލާމިކް މިނިސްޓަރާއި، ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ހިމެނި ވަޑައިގަންނަވާ ދީނީ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއް ސަލަފާއި، ޢަދާލަތު ޕާޓީ އާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ޑީން އައްޝައިޚް ޢަލީ ޒާހިރުފަދަ ބޭފުޅުން މި ޝޯވް އާއި ދެކޮޅަށް ޢާއްމުކޮށް ބަސްފުޅެއް ވިދާޅުވި ނަމަވެސް ރާއްޖޭގައި ތިއްބެވި ގިނަ ދީނީ ޢިލްމުވެރިންގެ އަޑެއް މި މައްސަލާގައި އަދި ނީވެއެވެ. އެހެން ކަމުންއެއްބަޔަކަށް މިއީ މާ މޮޅު ކަމަކަށްވެ، ގޮންޖަހާއިރު، އަނަެއްބަޔަކަށް މިކަން ޤަބޫލު ނުކުރެވިގެން އުޅޭއިރު، މި މައްސަލާގައި އިތުރަށް ހުޅު ފެޅުމުގެ ކުރިން ދީނީ ޢިލްމުވެރިންގެ ސާފު ރައުޔެއް މިކަމާއި މެދު ހާމަކުރުމަކީ ރާއްޖެ ފަދަ ކުޑަ ޤައުމެއްގައި މުންކަރާތްތައް ނަހީ ކުރުމުގައި ލިބިގެންދާނެ ވަރަށް ބޮޑު ބާރެއްކަން ކަށަވަރެވެ.
ކޮންމެ އަކަސް މި ޝޯވ އާއި ދެކޮޅަށް އަޑުއުފުލުމަށް ކަމަށްބުނެ ސީރިޔާގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންގެ ވަރުގަދަ އިންޒާރެއްވެސް ވަނީ މީޑިޔާގައި ޢާއްމު ވެފައެވެ. އެހެން ނަމަވެސް ކަން އޮތްގޮތް ފަހުން އެ ޖަމާޢަތުން ސާފުކޮށްދިން އިރު އެމީހުންގެ ނުރައްކަލެއް ރާއްޖެއަށް ނެތްކަމަށް ދޭހަވާފަދަ ބަޔާނެއް އެޖަމާޢަތުން ޢާއްމު ކުރުމަކީ ދިވެހިންނަށް ލިބުނު ހިތްހަމަޖެހުމެކެވެ. އެހެން ނޫންނަމަ ފިތުނައިގެ ހުޅުގަނޑެއް މިކަމުގެ ތެރެއިން ރޯވެ ކުރިފަޅައިގެންގޮސް ހީނުކުރާ ގޮތަކަށް މަޝްރަހު ބަދަލުވުމަކީވެސް ގާތް ކަމެކެވެ.
މިއާއި އެކުވެސް ދިވެހިން މިވަނީ އިތުރަށް މިކަމާއި މެދު ވިސްނާލަން ޖެހިފައެވެ. އެއީ މިކަމަކީ ދީނީ ގޮތުން ކުރާން ރަނގަޅު ކަމެއް ނޫން ކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވަމުން ގެންދަވަނިކޮށް މިަކމާއި ދެކޮޅަށް ކަމަށްބުނެ މަރުގެ އިންޒާރުދީ ވީޑިޔޯއެއް ޢާއްމު ކުރުމަކީ ސީރިއަސް ކަމެކެވެ. މިފަދަ ޢަމަލު ތަކަކީ މަޖަލެއްގެ ގޮތުގައި ހަދައި ބަޔަކު ކުރާ ކަމަކަށް ވިޔަސް މިއީ ނުރައްކަލެކެވެ. އެހެނީ މިފަދަ ވީޑިޔޯ ތައް ގިނަފަހަރު ހަދާފައި ހުންނަނނީ މިކަމާއި ދެކޮޅަށް އަޑުއުފުލާ ފަރާތްތަކަކީ ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ބައެއް ކަމަށް ދެއްކުމަށް ކާފަރުން އަޑީގައި ތިބެގެން ފިތުނައިގެ ހުޅުގަނޑެއް ރޯކުރުމަށެވެ.
އަނެއް ގޮތަކީ މި ޙަރަކާތުގެ އަޑު މުޅި ރާއްޖެއަށް އިއްވާލުމަށާއި، މިކަން މަޝްޙޫރު ކޮށް ޕްރޮމޯޓް ކުރުމަށް ބަޔަކު ކުރިކަމަކަށް މިކަން ވުމެވެ. އެހެނީފަހަކަށް އައިސް ކާފަރުން ދުނިޔޭގެ މަޝްރަހުން އެމީހުން ނޭދޭ އަޑެއް އިވޭނަމަ އެ އަޑު ކަނޑުވާލުމަށް ކޮންމެވެސް ނުލަފާ އެހެން ހައިޖާނެއް އުފައްދާލައެވެ. ސިއްރިއްޔާތުގައި އެބައިމީހުން ހިންގާ މިފަދަ މުޑުދާރު ޢަމަލު ތަކުގެ ނަން ރީތި ކުރުމަށް މިފަދަ ކަންކަމަށް އެބައިމީހުން ކިޔާއުޅެނީ މީޑިޔާ ސްޓަންޓެވެ.
މިކަމަކީ ކޮންމެ ބަޔަކު ކޮންމެ ނިޔަތެއްގައި ކުރި ކަމެއް ނަމަވެސް މުސްލިމުން ތަބަޢަވާން ޖެހެނީ އިސްލާމީ ރިވެތި އުޞޫލު ތަކަށެވެ. ސުލްޙަ މަސަލަސް ކަމަށް ލޯބި ކުރުމަކީ މުސްލިމުންގެ ރިވެތި ސިފައެކެވެ. ކޮންމެ ގޮތަކުން ނަމަވެސް މި ޝޯވ ބާއްވާނެ ކަމަށްބުނެ ޓުއަރިޒަމް މިނިސްޓަރާއި ދިވެހި ފުލުހުންނާއި އިސްލާމިކް މިނިސްޓަރު ފިޔަވާ ދިވެހި ސަރުކާރުން މަރުފަލި ޖަހަމުން ގެންދާއިރު މިކަން ހުއްޓުވުމުގެ ނަމުގައި އަނިޔާވެރިކަން އިސްކޮށްފި ނަމަ އޭގެ ނަތީޖާ އިތުރަށް ގޯސްވެ ފިތުނައިގެ އަލިފާން ގަނޑެއްގައި މެދުއިރުމަތީގެ ބައެއް ޤައުމުތައް ފަދައިން މި ރާއްޖެ އަނދައިގެން ދިޔުމަކީ އެއްވެސް ދިވެއްސަކު އެދޭނެ ކަމެއް ނޫނެވެ.
ބަޔަކަށް ވާނުވާ ނޭނގިގެން ސަލާމަތް ހޯދުމަށް ދޮންމީހުން އުޅޭ ގޮތަށް އުޅެން ދިމާ ކުރި ނަމަވެސް މިބައިމީހުންގެ ޢަމަލުތަކަށް ފފާރަވެރިވެ ވޮޑިގެންވާ އިލާހަކު ވޮޑިގެންވެއެވެ. އެކަލާންގެއީ ކާފަރުންނަށް ގަދަފަދަ ޢަޒާބު ދެއްވާނެ ކަމަށް ވަޢުދުވެ ވޮޑިގެންފައިވާ އިލާހެވެ. އެކަލާންގެ ވަޙީބަސްފުޅު ދޮގުކުރުމަށް ކާފަރުންނާއި މުޝްރިކުންނާއި އިންސީންގެ ތެރެއިން އެތައްބަޔަކާއި ޖިންނީން އެކުވެގެން އެކަން ކުރަން އުޅުނަސް ކާމިޔާބު ނުވާނެ ކަމަށް އެކަލާނގެވަނީ އަންގަވާފައެވެ. މީގެ ހެއްތްކަކީ ޢީސާގެފާނަކީ ކަލާނގެ ކަމަށް ދަޢުވާކުރި ކާފަރުން އަމިއްލަ އަށް ބަދަލުކުރި އިންޖީލުގައި ޢީސާގެފާނުގެ ކަލާނގެއަކީ މާތް ﷲ ކަމަށްލިޔެ އަމިއްލައަށް އިޢުތިރާފު ވެފައި ވުމެވެ. ބުއްދީގެ އަހުލުވެރިންނަށް މެނުވީ މިކަންކަމުގައި ޢިބުރަތެއް ނުވާނެ ކަމަށް ﷲ ވަނީ ޤުރުއާނުގައި އަންގަވާފައެވެ.
އެހެން ކަމުން މިފަދަ ޢަމަލު ތައް ހުއްޓުވުމާއި އެހެނިހެން ކަންކަމުގައިވެސް މުސްލިމުން ވާގި އެދެން ޖެހެނީ އެކަލާނގެ ހަޟުރަތުންނެވެ. އެހެނީ މީގެ ދިހަ އަހަރު ކުރިން ވެސް ދިވެހިންނަށް ވަނީ އެކަލާންގެ ކުޅަދުންވަންތަ ކަމުގެ ހެކި ވަރަށް ރީތިކޮށް ފެނިފައެވެ. ކަނޑުގެ ލޮނުގަނޑުގެ އެންމެ މީޓަރެއްގެ މަތީގައި ދިރިއުޅެމުން މިދާ ދިވެހިން ﷲ ރައގެންދާ ދިވެހިން ﷲގެ ރައްކާތެރި ކަމުގައި ނުވާނަމަ ދެން ވެގެންދާނެ ގޮތުގެ ޑެމޯއެއް ވަނީ 2004ގެ ޑިސެމްބަރުގެ ސުނާމީން ހަނދާން ކޮށްދީފައެވެ. އެފަހަރުވެސް ހަމަ ކާފަރުންގެ ޢީދަކާއި ދިމާކޮށެވެ. އެތައް ބަޔަކު އެ އީދު ފާހަގަ ކުރުމަށް ހޭބޯ ނާރާ އުޅެނި ކޮށެވެ.
ސުނާމީ ވޯނިން ސިސްޓަމު ޤާއިމު ކޮށްގެން ސުނާމީއެއް އަރަން އުޅޭއިރަށް ޕްރައިވެޓް ޖެޓުގައި ނިކަމެތިން ޢަޒާބުގައި ޣަރަޤުވާން ދޫކޮށް ތިމާމެން ﷲގެ ޢަޒާބަށް ފިލާނަމޭ ހީވިނަމަވެސް ބާރުހުރި މުސްއަނދި ބޮޑެތި ބިޔަ މީހުންނަށްވެސް ﷲަގެ ޢަޒާބު އައިސް ޖެހުމުން ހެދޭނެ އެއްވެސް ގޮތެއް ނޯންނާނެކަން ފިރުޢައުނާއި ޤާރޫނާއި މިނޫންވެސް މިފަދަ އެތައް ބަޔަކަށް ފޮނުއްވި ކޯފާއިން އެކަލާނގެ ވަނީ މުއުމިނުންނަށް ސާބިތު ކޮށްދީފައެވެ. އެހެން ކަމުން ﷲގެ ޢަޒާބަށް ބިރުވެތިވެ އެކަލާނގެ ނަހީކުރެއްވި ކަންކަމުން ދުރުވެ ރައްކާތެރި ވެގެން ވެގެން މެނުވީ ސަލާމަތް ނުވެވޭނެ ކަމީ ދުނިޔެ ދައްކާފައިވާ ޙަޤީޤަތެވެ.
ޢާއްމު ގޮތެއްގައި ކޮންމެ މީލާދީ އާއަހަރެއްގެ ފެށުމާއި ދިމާކޮށް ކާފަރުން ފާހަގަ ކުރާ އާ އަހަރު ފާހަގަ ކުރުމުގެ ސަޤާފަތް ރާއްޖޭގައި އަށަގަންނުވައި ކާފަރުންގެ މަގަށް ދިވެހި ޒުވާނުން ހެއްލުމަށް ކުރާ މަސައްކަތާއި ދެކޮޅަށް އިސްލާމް ދީނަށް ލޯބިކުރާ އެތައް ބަޔަކު ދެކޮޅު ހަދާފައި ވީނަމަވެސް ކޮންމެ ގޮތަކުންވެސް މި ޝޯވ މާލޭގައި ބާއްވާނެ ކަމަށް ސަރުކާރުގެ އެންމެ ބާރުގަދަ އެއް ވަޒީރު ވިދާޅުވުމަކީ އަދުގެ ސަރުކާރުގެ ވިސްނުމާއި މިސްރާބު މިހާރު ހުރީ މުޅިން ރަނގަޅަށް ނޫން ކަން ދޭހަކޮށްދޭ ކަމެކެވެ. އެހން ކަމުން މުސްލިމު ޒުވާނުން ނުކުމެ އިސްލާމް ދީނުގެ ސާފު މަގު ދައްކުވައިދީ ހޭލުންތެރިކޮށްގެން މެނުވީ އަންނާން އޮތް ޖީލުވެސް ރައްކާތެރި ނުކުރެވޭނެ ކަމީ ކަށަަވަރުވެ ޔަޤީީންވާ ކަމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...