އެމްއެޗް 370 ވައްޓާލީ އެމެރިކާއިން ކަމަށް ކުރެވޭ ތުހުމަތު ތަކުގެ އަޑު ގަދަވާން ފަށައިފި އެވެ.
މެލޭޝިޔާއިން ފުރައިގެން ދަތުރު ކުރަނިކޮށް ގެއްލުނު މެލޭޝިޔަން އެއާލައިންގެ މަތިންދާބޯޓު ގެއްލުނުތާ 9 މަސްދުވަސް ފާއިތު ވީއިރުވެސް ބޯޓުގެ ޚަބަރެއް ވެފައި ނުވާއިރު، ބޯޓު ވައްޓާލުމުގެ ތުހުމަތު ތައް މީގެ ކުރިންވެސް އެމެރިކާ އަށް ކުރެވިފައި ވެއެވެ.
އެގޮތުން މި ބޯޓު ގެއްލުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަޝިޔާގެ ބައެއް މީޑިޔާ ތަކުން މި ބޯޓު އެމެރިކާއިން ޑިއޭގޯ ގާސިއާއަށް ގެންގޮސް ފޮރުވާފައި ވާކަމަށް ތުހުމަތު ކުރިއިރު އަނެއްބައި މީޑިޔާތަކުން ބުނެފައި ވަނީ މި ބޯޓު އެމެރިކާއިން ވައްޓާލުމަށްފަހު އެކަން ސިއްރު ކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް ރަޝިޔާގެ މީޑިޔާތަކުގެ މި ވާހަކަތައް އޭރު މާބޮޑަށް ވައިގައި ހިފާފައި ނުވަނީ އެ ދަނޑިވަޅަކީ ޔޫކްރޭނުގެ މައްސަލާގައި ރަޝިޔާގެ ރުޅިވެރިކަން އެމެރިކާއަށް އަމާޒު ވެފައިވާ ދަނޑިވަޅަށް ވުމާއި އެކު މިއީ ރުޅިވެރި ކަމުގެ ތުހުމަތު ތަކެއްގެ ގޮތުގައި ބެލުމުގެ ފުރުޞަތު އޮތުމާއި ވެސް އެކުގައި، އެމެރިކާގެ ބާރުގެ ދަށުގައިވާ ދުނިޔޭގެ މީޑިޔާއިން މި ވާހަކަތައް ހިންދާލުމުންނެވެ.
ކަން މިހެން އޮތްނަމަވެސް މި ވާހަކަތަކުގައި އަނެެއްކާވެސް އިތުރު ސިފައެއް ޖެހި އިތުރު ބައްޓަމެއްގައި އިތުރު ކުރިތަކެއް ފަޅައިގެން ހެދެން ފަށާފައި ވަނީ ދުނިޔޭގެ މަޝްހޫރު އެއާލައިނެއްގެ އިސް ވެރިއެއްގެ އިތުރުން ތަޙުޤީޤީ ލިޔުންތައް ލިޔުއްވުމުގައި މަޝްހޫރު ފަރަންސޭސި ލިޔުންތެރިއަކު މި މައްސަލަ ވަރަށް ފުޅާ ދާއިރާއެއްގައި ދިރާސާކޮށް ތަޙުޤީޤީ ރިޕޯޓެއް ޢާއްމު ކުރުމާއި އެކުގައެވެ.
މި ރިޕޯޓު ޢާއްމު ކުރި ފަރަންސޭސި ވިލާތުގެ ޕްރޮޓިއަސް އެއާލައިންސްގެ އިސްވެރިޔާ އަދި އެ ޤައުމުގެ މަޝްހޫރު ލިޔުންތެރިޔާ މާކް ޑޫގެއިން ވަނީ ރިޕޯޓަށް ބޭނުންވާ ކަންކަން ތަޙުޤީޤު ކޮށް ދިރާސާ ކުރެއްވުމަށް ގިނަ ވަގުތު ތަކަކާއި ބޮޑެތި ހޭދަ ތަކެއްވެސް ކުރައްވާފައެވެ.
އެގޮތުން މި ޙާދިސާގެ ޙަޤީޤަތަށް ވާޞިލުވުމަށް އޭނާ ކުރެއްވި މަސައްކަތުގެ ތެރެއިން ރާއްޖެ ވަޑައިގެން ދ ކުޑަހުވަދޫއިން މެލޭޝިޔާގެ ބޯޓު ގެއްލުނު ދުވަހު ބޯޓެއް ފެނުނު ކަމަށް ބުނި ބައެއް ފަރާތްތަކާއި އެ ޙާދިސާގެ މަޢުލޫމާތު ޢާއްމުކުރި ދިވެހިންގެ ކިބައިން މަޢުލޫމާތު ހޯއްދަވާފައި ވާއިރު، އެ ދުވަސްވަރާއި ދިމާކޮށް ހއ ބާރަށަށް ލެއްގި ކަމަށް ބުނާ މަތިންދާ ބޯޓުގެ އަލިފާން ނިވާފުޅި އާއި ބެހޭ މަޢުލޫމާތު ހޯއްދެވުމަށް އެރަށަށް ވެސް ދަތުރު ކުރަައްވާފައި ވެއެވެ.
މެލޭޝިޔާގެ ބޯޓު ވައްޓާލުމުގައި އެމެރިކާގެ އަތެއް ވާކަމަށް ތުހުމަތު ކުރެވޭ ގޮތަށް ޑޫގެއިން ނެރުއްވި ރިޕޯޓަށް އިތުރު ބާރެއް ލިބިގެން ދިޔައީ މިވަގުތު ދުނިޔޭގެ އެންމެ އިތުބާރު ބޮޑު އެއް އެއާލައިން ކަމަށްވާ އެމިރޭޓްސް އެއާލައިންގެ ސީއީއޯ ޓިމް ކްލާކް ވެސް މިފަދަ ތުހުމަތު ތަކަށް ބާރު ލިއްބައިދޭ ފަދަ ގޮތަކަށް ޖަރުމަނު ވިލާތުގެ ނޫސްވެރިއަކަށް މީގެ މަހެއްހާ ދުވަސްކުރިން ބަސްދީގަތުމެއް ދެއްވާފައި ވުމާއި ވެސް އެކުގައެވެ.
އޭނާގެ ބަސްދީގަތުމުގައި ބޯޓު ހޯދަން ކަމަށްބުނެ އެމެރިކާއިން ބުނާ ގޮތަށް ކަމާއި ގުޅުން ނެތް ތަންތަން ހޯދުމަށް ބޮޑެތި ޚަރަދު ތަކެއް ކުރާތީ އެކަމަށް ފާޑުވިދާޅުވެފައި ވާއިރު، އެއްވެސް ޤަރީނާއެއް ފެންނަން ނެތް ގޮތަކަށް ބަޔަކަށް މިފަދަ ކަމެއް ކުރެވޭނީ ގަސްތުގައި ކަމަށް ވިދާޅުވެފައި ވެއެވެ. އެހެން ނަމަވެސް އޭނާ މިހާރު ހުންނެވި މަޤާމުގެ ގޮތުން މިކަން އިތުރަށް އޮޅުން ފިލުއްވައި ދެއްވުމަށް ވަނީ ޢުޒުރުވެރި ވެފައެވެ. އެހެން ނަމަވެސް އެ ބޯޓު އުފެއްދި އެމެރިކާގެ ބޮއިންގ ކުންފުންޏަށް ބޯޓަށް ވީގޮތް އެނގޭނެ ކަމަށް އޭނާ ލަފާ ކުރައްވައެވެ.
މިބޭފުޅުން ވިސްނުން މިހެން ހުރިއިރު މި ބޯޓު ފޯޅަވައްސަށް ގެންދިޔަ ކަމަށް ދެކެވޭ ވާހަކަ ތަކަށް ވަރަށް ބޮޑަށް ބާރު ލިބިދޭފަދަ ކަންތައް ތަކެއް ހަމައެކަނި ރާއްޖެއިން ވެސް ވަނީ ފެންމަތި ވެފައެވެ. އެގޮތުން އެރޭ ފަތިހު މަތިންދާ ބޯޓެއްގެ އަޑު އިވުނު އަދި ބޯޓެއް ވަރަށް ތިރިން ދަނިކޮށް ފެނުނު ކަމަށް ބުނާ ބަޔަކު ރާއްޖޭގައި ތިބިއިރު، އެމީހުން އެވާހަކަ ދައްކަން ފެށީ ބޯޓެއް ގެއްލުނު ކަމަށްބުނާ ޙާދިސާގެ މާބޮޑު މަޢުލޫމާތެއްވެސް ލިބިފައި ނެތީހެވެ. ގިނަ ބަޔަކަށް އޭރު ބޯޓެއް ގެއްލުނުކަން ވެސް ރަނގަޅަށް ނޭނގެއެވެ.
އެހެން ނަމަވެސް ކުއްލި ގޮތަކަށް އެ އެންމެން އެ ވާހަކަ ދެއްކުން ހުއްޓާލާފައި ވަނީ ކޮން ސަބަބަކާއި ހުރެކަން ވަނީ ނޭނގުމެއްގެ ތެރޭގައެވެ. މީގެ އިތުރުން ދިވެހި ދިފާޢީ ބާރުން ވެސް ވިދިގެން އައި ދުވަހު ރާއްޖޭގެ ސަރަޙައްދަށް މަތިންދާ ބޯޓެއް ވަދެފައި ނުވާކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. ދިފާޢީ ބާރުން އޭރު ބުނެފައި ވަނީ ސާފަސް ރާޑަރަށް އެފަދަ ބޯޓެއް އަރާފައި ނުވާ ކަމަށެވެ. އެހެން ކަމުން ބުއްދީގެ އަހުލުވެރިން މިބަޔާން ދިރާސާ ކޮށްލައިފފި ނަމަ މި ބަޔާނުން ލައްކަ ކަންކަން ހާމަވެއެވެ.
ދެންވެސް ހަމަ މިފަދަ ޙާދިސާއެކެވެ. އެހެނަސް މިއީ ނުދައްކާ ވާހަކަ އެކެވެ. މިވާހަތައް ފަހަރުގައި ރާއްޖެއިން ބޭރަށް ނުކުމެއްޖެ ނަމަ ޑޫގެއިން ފަދަ ބޭފުޅުންގެ ރިޕޯޓު ބަޔަކު ކަށަވަރުވެސް ކޮށްފާނެއެވެ. އެހެނީ އެމެރިކާ އަކީ ކިހާ ނުބައި ނުލަފާ މަކަރުވެރި ޙީލަތްތެރި ބައެއްކަން އިހަށްދުވަހުވެސް މުޅިދުނިޔެއަށް ހާމަވެ ފަލީޙަތްވެ ބޭޒާރުވެގެން ދިޔައީ އެމެރިކާގެ އެންމެ އެކުވެރި ބައިވެރި ޤައުމު ތަކުގެ ވެރިންނާއި ރައްޔިތުންނަށް އެ ޤައުމުން ޖާސޫސު ކޮށް ފޯނުކޯލުތަކާއި އީމެއިލްތައް ބަލާހަދާފައިވާކަން ދުނިޔެއަށް ފަޅާއެރުމުންނެވެ.
ކޮންމެއަކަސް މިފަހަރު ދައްކަން މިއުޅެނީ އަނެއްކާވެސް ރާއްޖޭގެ ދެކުނުގެ މަސްދޯނި ފަހަރަށް ފެންނަމުން ދިޔައީ ރާއްޖޭގެ ގޮނޑުދޮށް ތަކާއި ހަމަ އަށް ވަދެގެން އުޅުނު ގޮތްނޭނގޭ މަތިންދާ ބޯޓު ތަކެކެވެ. އެތައް ދުވަހެއް ވަންދެން މަސްވެރިންގެ ފަރާތުން މި ޝަކުވާ ލިބެމުން ރާއްޖެ ސަރަޙައްދަށް ވަންނަމުން ދިޔަ ބޯޓު ތަކުގެ ފޮޓޯތަކުން ރާއްޖޭގެ މީޑިޔާ ތޮއްޖެހުނު އިރުވެސް ދިފާޢީ ބާރަށުތަކަށް ވަނީ ބޯޓު ތަކެއް ވަންނަމުން ދިޔަކަން ކަށަވަރު ނުވެފައެވެ. އެހެން ނަމަވެސް ފަހުން އެނގުނު ގޮތުގައި އެއީ ރާއްޖެ ސަރަޙައްދަށް ވަގަށް ވަދެގެން އުޅުނު އެމެރިކާގެ ބޯޓު ތަކެކެވެ.
އެމީހުންގެ ޙަޤީޤަތް ހާމަވުމާއި އެކު އެމްއެންޑީއެފުން ފަހުން ބުނެފައި ވަނީ އެމެރިކާގެ އުދުހޭ ފައުޖުތައް ރާއްޖެ ސަރަޙައްދަށް އޭގެ ފަހުންވެސް ވަންނަމުން ދިޔަ ކަމަށާއި، އެ ބޯޓުތައް ވަނީ ހުއްދަ ހޯދައިގެން ކަމަށެވެ. އެހެން ނަމަވެސް އެމީހުން ހުއްދަ ހޯދީ ކޮން ބޭނުމަކު ކަމާއި، އެމީހުން ރާއްޖޭގެ ސަރަޙައްދަށް ވަދެ ކަނޑު ތެރެއަށް އެއްޗެހި ތަކެއް އަޅައިގެން އުޅުނީ ކޮން މަޤުޞަދެއްގައިކަން އަދިވެސް ވަނީ ނޭނގުމެއްގެ ތެރޭގައެވެ.
އެއާއިއެކު އެމީހުން ކަނޑުމަތީގައި އުޅުނީ ގެއްލިގެން އުޅޭ އެއްޗެއް ނުވަތަ އެއްޗެހި ތަކެއް ހޯދުމަށްކަން ދޭހަވާ އެއްކަމަކީ އެ ދުވަސްވަރު ދިވެހި މަސްދޯނި ފަހަރަށް ނަގަމުން ގެންދިޔަ ޓްރެކިންގ ޑިވައިސް ތަކުންނެވެ. މިކަން ރާއްޖޭން ބޭރުގެ ފަރާތެއްގެ ސަމާލު ކަމަށް ގެނެވިފައެއް ނުވެއެވެ.
ޑޫގެއިންގެ ރިޕޯޓު ބުނާގޮތުން އެމެރިކާގެ ޙަމަލާއެއްގައި މި ބޯޓު ކަނޑަށް ވައްޓާލާފައި ވެދާނެއެވެ. އަދި އެކަން ސިއްރު ކުރުމަށް ކަނޑުތެރެއިން ބޯޓު ވައްޓާލި ސަރަހައްދު ސާފުކޮށް ހެކި ނައްތާލާފައިވެސް ވެދާނެއެވެ. ކޮންމެ އަކަސް ބޯޓު ވެއްޓުނު ސަރަޙައްދު ކަމަށްބުނެ އެމެރިކާއިން މުޅި ދުނިޔެއަށް އެހެން ތަނެއް ދައްކައިގެން އެމެރިކާ އިސްވެ އޮވެ ބޭކާރު ތަންތަން ބަލައި ވަގުތު ނަގާލަމުން ގެންދަނީ ދުނިޔޭގެ ލޮލުގައި އަނދުން އަޅުވައި މައްސަލައިގެ އަމާޒު އެހެން ދިމާއަކަށް އަނބުރާލުމަށް ކަމީ އެމެރިކާގެ ތާރީޚާއި ސަގާފަތަށް ބަލާއިރު، ކޮންމެ އިންސާނަކުވެސް ފަސާހަ ކަމާއި އެކު ޤަބޫލުކުރާނެ ކަމެކެވެ.
އެހެނީ ބޯޓު ވެއްޓުނު ކަމަށް ބެލެވޭ ކަމަށްބުނެ މިހާރު ބަލަމުން ގެންދާ ތަންތަނަކީ ބަލާ ހޯދަން އުނދަނގޫ ތަންތަނަށް ވާއިރު، މި ތަންތަނަކީ އެމެރިކާގެ ސެޓެލައިޓް ތަކާއި ޖީޕީއެސް ތަކަށް ބޯޓު ވެއްޓޭތީ ފެނުނު ކަމަށް ބެލެވޭ އަދި ލަފާ ކުރެވޭ ހިސާބު ތައް ކަމަށް މި މަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވާ އެމެރިކާ އާއި އެމީހުންގެ ބައިވެރިޔާ އޮސްޓްރޭލިޔާއިން ބުނާ ބަހުގެ ދޮގުކަން ހާމަވަނީ މުޅި އެސަރަޙައްދުގެ ކަނޑު އަޑިޔާއި ސާފަސް ބެލިއިރުވެސް ބޯޓު ފެނިފައި ނުވާތީއެވެ. އެހެން ކަމުން ދެންވެސް މެލޭޝިޔާ އާއި އެހެން ޤައުމު ތަކުން ބޯޓު ހޯދުމުގެ ނަމުގައި އެމެރިކާއަށް ކޮންމެ މަހަކު އެތައް ސަތޭކަ މިލިޔނަން ޑޮލަރެއް ދައްކައިގެން ކިތަންމެ ވަރަކަށް ހޯދިޔަސް ބޯޓު އޮތްތަނެއް އެމީހުން ނުބަލާނެކަން ކަށަވަރުވެ ޔަޤީންވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...