ދުނިޔެ މަޝްރަހު: ޤަރުޟާވީއާއި މިޞްރުގެ އަސްކަރިއްޔާ

މަޝްރަހު: ޤަރުޟާވީއާއި މިޞްރުގެ އަސްކަރިއްޔާ

މަޝްރަހު: ޤަރުޟާވީއާއި މިޞްރުގެ އަސްކަރިއްޔާ

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

‘އަހަރުމެންގެ ޤާނޫނު އަސާސީއަކީ ކިރިތި ޤުރުޢާނެވެ. އަހަރުމެންގެ ލީޑަރ އަކީ ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް އެވެ’ މިއީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން މިޞްރުގައި ފުރަތަމަ އިންތިހާބުވީ ރައީސް ޑރ މުޙައްމަދު މުރްސީ 2012 ވަނަ އަހަރުގެ މެއިމަހު ދެއްވި ތަޤްރީރުގައި ވިދާޅުވި ބަސްކޮޅުތަކެކެވެ.

މުރްސީގެ ތަޤްރީރުން އެއްވެ ތިބި މީހުންގެ އުފަލުން ގުގުމަމުންދިޔައިރު މުޅި އިސްލާމި އުއްމަތަށްވެސް ފިނިކަން ގެނެސްދިނެވެ. ނަމަވެސް ޑރ މުރްސީ ވެރިކަމަށް އައުމަކީ ހުޅަނގާއި ވެރިކަމުގެ ލައްޒަތުގައި ޖެހިފައިތިބި އަރަބިންނަށް ހަޖަމް ކުރެވޭވަރުގެ ކަމަކަށް ނުވިއެވެ. ނަތީޖާއަކަށްވީ މިދެންނެވި ފަރާތްތައް އަޑީގައިތިބެ މިޞްރުގެ އަސްކަރިއްޔާއިން ހިންގި ބަޣާވާތުގައި މުރްސި ވެރިކަމުން ދުރުކުރެވި، މުރްސީ ނިސްބަތްވެ ވަޑަގައިންނަވައި އިޚްވާނުލް މުސްލިމޫންގެ އެތައް ބަޔަކު މުރްސީއާއެކު ޖަލުގެ ތޭރިތަކުގެ ފަހަތަށް ދާންޖެހުމެވެ. އަދި މިސްރުގެ ވެރިކަމަށް ބަޣާވާތުގެ އެއްމޭސްތިރިޔާ އަބްދުލް ފައްތާހު ސީސީ ހޮވައި، މުރްސީއަށް ތާއީދުކޮށް މަގުތަކަށް ނިކުތް އެތައް ރައްޔިތުންނެއްގެ ލޭ އޮހޮރުވާ އެތަކެއް ޤަތުލްއާއްމެއް ހިންގުނެވެ. ނުހައްގުން އެތައްބަޔަކު ހައްޔަރުކުރެވި ނާއިންސާފުން އެމީހުންނާމެދުގައި ހުކުމް ކުރެވި ފުންމިންނޭނގޭ އަނދިރި ގޮޅިތަކުގައި މުޅި އުމުރު ހޭދަކުރަން ޖެހުމެވެ.

މިޞްރުގެ މިހަލަބޮލިކަމުގެ މަޝްރަހުގެ ތެރެއިން ފަހުން އިވުނު ހައިރާންކުރުވަނިވި ޚަބަރަކީ މިޞްރުގެ ދައުލަތުން އިންޓަރޕޯލް މެދުވެރިކޮށް އިންޓަނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޯލާސް ނުވަތަ ބައިނަލްޢަޤުވާމީ އިސްލާމީ ޢިލްމުވެރިންގެ އިއްތިހާދުގެ ރައީސް އަދި އަޒްހަރުގެ ބޮޑެތި އިލްމުވެރިން ގެ މަޖިލިހުގެ މެމްބަރު ފަޟީލަތުއްޝައިޚް ޑރ ޔޫސުފުލް ޤަރްޟާވީ ހައްޔަރު ކުރުމަށް ނެރުނު ރެޑް ނޯޓިސްއެވެ.

މިޞްރުގެ ދައުލަތާއި އިންޓަޕޯލްގެ މިފިނޑި އަމަލާމެދު ޑރ ޤަރްޟާވީ އާއި އިލްމުވެރިންގެ އިއްތިހާދުންވަނީ ހޫނު ބަހުގެ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ޑރ ޤަރުޟާވީގެ މައްޗަށް މިޞްރުގެ ދައުލަތުން އުފުލާފައިވާ ދައުވާއަށް އިންކާރުކުރައްވާ ވިދާޅުވެފައިވަނީ އޭނާ އެއްވެސް މީހަކު މަރާފައި ނުވާނެ ކަމަށާއި އަދި މީހުން މެރުމަށް ހިތްވަރު ދީފައިވެސް ނުވާނެ ކަމަށެވެ. ޢިލްމުވެރިންގެ އިއްތިހާދުން އިންޓަޕޯލްގެ ނޯޓިސްއަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއްގޮތުގައި ސިފަކޮށްފައިވާއިރު، ޤަރުޟާވީއާއި ދެކޮޅަށް ކޮށްފައިވަނީ ދޮގު ތުހުމަތު ތަކެއް ކަމުގައި އިއްތިހާދުން ވަނީ ބުނެފައެވެ. އަދި އިންޓަރޕޯލްގެ ނޯޓިސްއަކީ އިސްލާމްދީނާއި މުސްލިމުންނަށް މަލާމާތައި ފުރައްސާރަކުރުމަށް ހިންގާފައިވާ ޢަމަލެއް ކަމުގައިވެސް ފާހަގަ ކޮށްފައިވެއެވެ.

މިއާއި ވިދިގެން، ހަފުސްވަމުންދާ މިޞްރުގެ ސިޔާސީ މަޝްރަހުން ފާހަގަވެގެންދިޔަ ކަމަކީ މިސްރުގައި 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވެރިކަން ކުރެއްވި ހުސްނީ މުބާރަކްއާއި ދެކޮޅަށް އުފުލާފައިވާ މީހުން މެރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ހުކުމް ކުރުމެވެ. 2011 ވަނަ އަހަރު ހަޅުތާލު ކުރި މީހުންގެ ތެރެއިން 846 މީހަކު މަރާލި ކަމަށްބުނެ މުބާރަކްގެ މައްޗަށް ކޮށްފައިވާ މަރުގެ ދައުވާ ސާބިތު ނުވާކަމަށް ގާހިރާގެ ކޯޓަކުން ހުކުމްކުރީ ނޮވެމްބަރ މަހުގެ 29 ވަނަދުވަހުއެވެ. މުބާރަކުގެ ތަހްޤީގު ފެށި ކޯޓުން ހުކުމްކުރުމާ ހަމައަށްވެސް އިންޓަޕޯލް ފަދަ ތަންތަނުގެ ހިލަމެއް ވެފައިނުވާއިރު މުބާރަކްގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލައިގައި ކޮށްފައިވާ ޖަލުހުކުމް، ބަލި ހާލަތު ހުރިގޮތުން ކަމަށްބުނެ ތަންފީޒު ކުރަމުން ގެންދަނީ މިސްރުގެ މިލިޓަރި ހަސްފަތާލެއްގައެވެ. މިމޭރުމުން ކަންތައްތައް ހިނގަމުންދާއިރު ޤަރުޟާވީ ހައްޔަރުކުރުމަށް ނެރެނު ނޯޓިސްގެ ސަބަބުން އިންޓަޕޯލްއާއި މެދުވަނީ އެތަކެއް ސުވާލުތަކެއް އުފެދިފައެވެ.

ހުސްވި ޖޫންމަހު މިސްރުގެ އަދުލުއިންސާފު ޤާއިމްކުރުމުގެ ބާރުން އިޚްވާނުލް މުސްލިމޫންގެ 183 މީހަކަށް މަރުގެ ހުކުމް އިއްވުމާއި ގުޅިގެން އިނގިރޭސިވިލާތުގެ ޚާރިޖީ ސެކްރެޓަރީ ވިލިއަމް ހޭގިއު ވިދާޅުވެފައިވަނީ އެހުކުމުގެ ސަބަބުން މިޞްރުގެ އަދުލުއިންސާފު ޤާއިމްކުރުމުގެ ބާރުގެ ޤަދަރުގެއްލިފައިވާ ކަމަށެވެ. އެކަމުގެ ހެކި މިއަދުގެ މިސްރުގެ މަޝްެރަހުންދަނީ ފެންނަމުންނެވެ.

އިންޓަޕޯލްގެ ނޯޓިސްއާއިމެދު މަޝްރަހު ދިރާސާކުރައްވާ ބައެއް ބޭފުޅުން ވިދާޅުވަނީ އެއީ ޤަރުޟާވީގެ އަޑުމަޑުކޮށް ލުމަށް މިސްރު ދައުލަތުން ރޭވި ރޮކެޓެއް ކަމެވެ. އެހެނީ ޤަރުޟާވީ އަކީ މިޞްރުގެ ބަޣާވަތުގެ ސަރުކާރަށް ފާޅުގައި ފާޑުވިދާޅުވަމުންދާ ބޭފުޅެކެވެ. އެގޮތުން 2013 ވަނަ އަހަރު އޮގަސްޓްމަހު އަލް ޖަޒީރާއަށްދިން ބަސްދީ ގަތުމެއްގައި، މިސްރުގެ ޝަރުޢީ ރައީސަކީ ގިނަ ބައެއްގެ އަޣްލަބިއްޔަތުން ހޮވި ވަޑައިގެން އިންތިޚާބު ކުރެވިފައިވާ ޑޮކްޓަރ މުޙައްމަދު މުރުސީ ކަމަށާއި އޭނާ އާއި ދެކޮޅަށް ނިކުތް މީހުންނަކީ ޚަވާރިޖުން ކަމަށް ޤަރުޟާވީ ވަނީ ވިދާޅުވެފައިވެއެވެ.

މިޞްރުގެ ދައުލަތުން އިންޓަޕޯލް މެދުވެރިކޮށް ހިންގި މިއަމަލުގެ ސަބަބުން ބައެއް މީހުން އިންޓަޕޯލްގެ މުސްތަޤިއްލު ކަމާމެދު ސުވާލު އުފައްދާއިރު އަނެއްބަޔަކު ދަނީ އިންޓަޕޯލްއަކީވެސް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓްފަދައިން ހުޅަނގާއި ބީރަށްޓެހި މީހުންގެ ވަސް ފުހެލުމަށް ބޭނުންކުރާ ވަސީލަތެއް ގޮތުގައި ސިފަކުރަމުންނެވެ.

ދުނިޔެއަށް ސުލްހައާއި އަމާންކަން ގެނައުމުގެ ނަމުގައި އުފައްދާފައިވާ މިފަދަ ޖަމާއަތްތައް ބާތިލުގެ ކުރިމަތީގައި ކުޑަކަކޫ ޖެހިފައިވާއިރު، މިފަދަ ޖަމާއަތްތަކުން ކޮރަޕްޝަނާއި ޖިނާއި ކުށްތަކުގެ ބޮޑެތި ކުށްވެރިންގެ ހިމާޔަތްކުރުމަށް ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން މިޞްރުފަދަ އިންސާފަށް ފެންބޮވައިގެންފައިވާ ރައްޔިތުން ދިރިއުޅޭ ތަންތަނަށް ދަރާފައިވާ ދަރަނި ކިތަންމެ ހާވެސް ބޮޑެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.