ޔަހޫދީން ޣައްޒާ ހިޞާރުކޮށްފައި އޮތް އޮތުން ނައްތާލުމަށް ފަލަސްތީނުގެ އެއްބައިވަންތަކަމުގެ ސަރުކާރުން މަސައްކަތް ނުކުރާކަމަށްބުނެ އެއްބައިވަންތަކަމުގެ ސަރުކާރުގެ އެއްބައިވެރިއެއް ކަމަށްވާ ހަމާސްއިން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.
ފަލަސްތީނުގެ އަލް ރިސާލާ ނޫހަށް ދިން ބަސްދީގަތުމެއްގައި ހަމާސްގެ ސިޔާސީ އޮފީހުގެ ވެރިޔާ ޚާލިދު މިޝްއަލް ވިދާޅުވީ ޔަހުދީންނާއެކު 51 ދުވަސްވަންދެން ހިނގި ހަނގުރާމައިގައި ހަމާސްއަށް ނަޞްރު ލިބިފައިވާ ކަމަށާއި ނަމަވެސް އަދިވެސް ޣައްޒާ ހިޞާރުކޮށްފައި އޮންނަ އޮތުން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ޣައްޒާ އަލުން އާރާސްތުކުރުމުގެ ވާހަކަދެއްކި ފަރާތުން އެކަމަށް އެއްވެސް ވަރަކަށް އަޅާނުލާ ކަމަށެވެ.
ޚާލިދު މިޝްއަލް ވިދާޅުވީ ޣައްޒާ އާރާސްތުކުރުމަށް ޖަމިއްޔާތަކާއި އާރާސްތުކުރުމުގެ މަސައްކަތުގައި އުޅޭ އެހެނިހެންވެސް ފަރާތްތަކަށް އެއްބާރުލުން ދިނުމަށް ފަލަސްތީނުގެ ސަރުކާރަށް ގޮވާލާ ކަމަށެވެ.
މީގެކުރިންވެސް ޚާލިދު މިޝްއަލްވަނީ ޣައްޒާއާ ދެކޮޅަށް ޔަހޫދީން އަޅާފައިވާ ޒަމާންވީ ހިސާރުގެ ފިޔަވަޅުތައް ނައްތާލައި އެ ފިޔަވަޅުތަކުން ސަލާމަތް ވެވޭގޮތަށް ނޫނީ ޔަހޫދީންނާއި ދެކޮޅަށް ހިންގާ ޖިހާދުގެ އަމަލުތައް ހުއްޓާނުލާނެ ކަމަށް ބުނެފައެވެ.
ފަލަސްތީނުގެ އެންމެ ބޮޑު ދެޖަމާއަތް ކަމަށްވާ ޙަމާސް ޖަމާއަތާއި ފަތްހު ޖަމާއަތުގެ ދެމެދުގައިވާ ޚިލާފްތަކާއި ދެބަސްވުންތައް ނައްތާލުމަށް ފަހު ފަލަސްތީނުގައި އުފައްދާފައިވާ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ހިންގުމަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލުމަށް މީގެ ކުރިންވެސް މިދެޖަމާއަތުންވަނީ އެއްބަސްވެފައެވެ.
މިއެއްބަސްވުމަށްފަހު ޙަމާސްގެ އިސްވެރިއެއް ކަމަށްވާ މޫސާ އަބޫ މަރްޒޫގް ވިދާޅުވެފައިވަނީ ފަލަސްތީނުގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުން ޣައްޒާގައި އަދާކުރަން ޖެހޭ ދައުރާ މެދު ޙަމާސްއާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި މިއެއްބަސްވުމަށް ފަހު ޣައްޒާއާއި ހުޅަނގު އައްސޭރީގައި އޮންނާނީ އެއްއެޑްމިނިސްޓްރޭޝަންއެއް ކަމުގަ އެވެ.
ކުރިން އެއްސަރުކާރެއް އޮތް ކަމަށް ވިޔަސް ފަލަސްތީނުގެ އެދެ ސަރަހައްދުގައި އެސަރުކާރު ހިންގަމުން ގެންދިޔައީ ދެ އެޑްމިނިސްޓްރޭޝަން އެއްގެ ދަށުންނެވެ. އަދި ވަތަނީ އެއްބައިވަންތަކުމުގެ ސަރުކާރުގެ ދައުރު ވެސް އޮތީ އޮޅުންބޮޅުން ގަނޑެއްގެ ތެރޭގަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...