އެމެރިކާއިން 41 މީހަކަށް އަމާޒުކޮށްގެން ދީފައިވާ ޑްރޯން ހަމަލާތަކުގައި 1147 މީހުން މަރުވެފައިވާ ކަމަށް ރިޕޯރޓަކުން ދައްކައިފިއެވެ.
އާއްމުންނަށް، އާއްމުކޮށްފައިވާ ޑްރޯން ހަމަލާތަކުގެ މައުލޫމާތުތައް ދިރާސާކޮށް، އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ގްރޫޕަކުން ނެރެފައިވާ ރިޕޯރޓަކާއި ހަވާލާދީ ދަ ގާރޑިއަން ނޫހުން ހާމަކުރާ ގޮތުގައި ވަކިމިހާކަށް އަމާޒުކޮށްގެން ކަމަށް ބުނެ ދީފައިވާ ޑްރޯން ހަމަލާތަކުގައި ކުށެއްނެތް އެތައް އާއްމުންނެއް މަރުވެފައިވާ ކަމަށެވެ.
އެގޮތުން ޕާކިސްތާނުގައި 24 މީހަކަށް އަމާޒުކޮށް ކަމަށްބުނެ ދީފައިވާ ހަމަލާތަކުގައި 874 މީހުން މަރުވެފައިވާ ކަމަށާއި ޔަމަނުގައި 17 މީހަކަށް ކަމަށްބުނެ ދީފައިވާ ހަމަލާތަކުގައި 273 މީހުން މަރުވެފައިވާ ކަމަށް ނޫހުން ހާމަކުރެއެވެ.
އެއްމީހަކަށް އަމާޒުކޮށް ކަމަށް ބުނެ އެތައް ފަހަރަކު ޑްރޯން ހަމަލާ ދީފައިވާ ކަމަށް މި ރިޕޯރޓްގައިވެއެވެ. އެގޮތުން އަލް ޤައިދާގެ މިހާރުގެ ލީޑަރ އައިމަން އަލް ޟަވާހިރީ އަވަހާރަކޮށްލުމަށް 2006 ޖެނުއަރީ 13 ގައި ޑްރޯން ހަމަލާ ދީފައިވާ ކަމަށާއި ހަމަ އޭގެ 10 މަސް ފަހުންވެސް ޟަވާހިރީ އަވަހާރަކޮށްލުމަށް ޑްރޯން ހަމަލާ ދީފައިވާ ކަމަށް ރިޕޯރޓްގައިވެއެވެ. އަދި މިދެހަމަލާއިންވެސް ޟަވާހިރީ ސަލާމްތްވެފައިވާއިރު މިހަލާ ތަކުގައި 76 ކުޑަކުދިންނާއި 29 އާއްމުން މަރުވެފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.
ޠާލިބާނުންގެ ޑެޕިއުޓީ ކޮމާންޑަރެއް ކަމުގައިވާ ޤާރީ ހުސައިން އަވަހާރަކޮށްލުމަށް 2008 ން ފެށިގެން 2010 ވަނަ އަހަރާ ދެމެދު ހަފަހަރެއްގެ މަތިން ޑްރޯން ބޭނުންކޮށްގެން ހަމަލާ ދީފައިވާ ކަމަށާއި މިހަމަލާތަކުގައި 128 އާއްމުންނާއި 13 ކުޑަކުދިން މަރުވެފައިވާކަމަށްވެސް މިރިޕޯރޓްގައިވެއެވެ. ޤާރީ ހުސައިން އަވަހާރަކޮށްލާފައިވަނީ 15 އޮކްޓޫބަރ 2010 ވަނަ ދުވަހު ދިން ހަމަލާއެއްގައެވެ.
ޕާކިސްތާނާއި ޔަމަނުގައި ދީފައިވާ ހަމަލާތަކުގެ އިތުރުން އިރާޤާއި އަފްޤާނިސްތާނުގައި ދީފައިވާ 500 ޑްރޯން ހަމަލާއެއްގައި 3674 މީހުން މަރުވެފައިވާ ކަމަށްވެސް މިރިޕޯރޓުގައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...