ރިޕޯޓް ދީނުގެ ތަޞައްވުރު ހުތުރު ކުރުމުގައި ދިވެހިންގެ ދައުރު!

ދީނުގެ ތަޞައްވުރު ހުތުރު ކުރުމުގައި ދިވެހިންގެ ދައުރު!

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

އިސްލާމް ދީނުގެ ތަޞައްވުރު ހުތުރު ކުރުމުގައްޔާއި މި ދީނަކީ ދުނިޔޭގައިވާ އެންމެ ނުބައި މީހުން އުޅެމުން ގެންދާ ދީން ކަމުގައި މީސްތަކުންގެ ލޯތަކަށް ދެއްކުމަށް ކާފަރުން ކުރަމުން ގެންދާ މަސައްކަތުގައި ދިވެހި ބައެއް ނޫސްވެރިންނާއި ލިޔުންތެރިން ވެސް ޖެހެމުން ދާކަމީ މިއަދު ހިތާމަޔާއި އެކު ފާހަގަ ކުރަން ޖެހިފައިވާ ޙަޤީޤަތެކެވެ. ކަމުގެ ޙަޤީޤަތަށް ކުޑަވެސް ނަޒަރު ހިންގާލުމެއް ނެތި އޭޕީ އާއި އޭއެފްޕީ އާއި ރޮއިޓާޒް އިން ފޮނުވާ ކޮންމެ އެއްޗަކީ ތެދު ހަޤީޤަތް ކަމުގައި ދެކިގެން އިސްލާމް ދީނުގެ ތަޞައްވުރަށް ހުތުރުވާ ގޮތަށް ދިވެހިންގެ ދީނާއި ދެކޮޅަސް އެ ދީނުގެ ތަޞައްވުރު ހުތުރުވާ ގޮތަށް ލިޔެވޭ ލިޔުންތަކާއި ޚަބަރުތައް ދިވެހި ނޫސްވެރި ކަމާއި ލިޔުންތެރި ކަމުގެ ތެރެއިން ފެންނަމުން ދާލެއް ދުވަހެއް ދުވަހަކަށް މިދަނީ އިތުރުވަމުންނެވެ. މިކަމަކީ ދިވެހި ކޮންމެ މުސްލިމަކު ވެސް މިއަދު ނުހަނު ހިތާމަޔާއި އެކު ވިސްނާ ފިކުރުކޮށް ސަމާލުވާން ޖެހިފައިވާ ކަމެކެވެ.

ފަހަކަށް އައިސް ދިވެހި ނޫސްވެރި ކަމުގެ ތެރެއިންނާއި އެހެނިހެން ސޯޝަލް މީޑިޔާގެ ޒަރީޢާއިން ހުތުރުކަން ބޮޑު ގޮތްގޮތަށް އިސްލާމް ދީނުގެ އަގު ވައްޓާލުމަށް ފާޅުގައި ދިވެހިންގެ ބަޔަކު މަސައްކަތް ކުރަމުން ގެންދާ ކަމީވެސް ފެންނާން ހުރި ޙަޤީޤަތެވެ. ދިވެހި ލިޔުން ތަކާއި ސޯޝަލް މީޑިޔާގެ ޕޯސްޓް ތަކަށް ފޮނުވާ ބައެއް ޚިޔާލުތަކަކީ އެންމެހާ ދިވެހިން އެ މާތް ދީނަކަށް ނަޞްރު ދިނުމުގައި އަތުކުރި އޮޅާލަން ތެދުވެފައިވާ މާތްވި އިސްލާމް ދީނުގެ ތަޞައްވުރު މުޅިން ފުނޑުފުނޑު ވެގެންދާ ފަދަ ތާކުންތާކު ނުޖެހޭ ބޮޑެތި ބުހުތާނު ތަކެވެ. މިފަދަ ޚިޔާލުތައް އެއްވެސް ވިސްނާލުމެއް ނެތި ޝާއިޢު ކުރާ ފަރާތްތަކުން ނޭނގި ނަމަވެސް ނުވަތަ ގަސްތުގައި ނަމަވެސް މި ކުރެވެނީ ކިހާވަރެއްގެ ކޮން ކަމެއް ކަމާއި މެދު ވިސްނާލުން ބުއްދިވެރި އެވެ.

ކާފަރުންގެ ތެރެއިން ވަކިން ޚާއްޞަ ކޮށް އޭޕީ އާއި އޭއެފްޕީ އާއި ރޮއިޓާސް ފަދަ ނޫސް އެޖެންސީ ތަކަކީ އިސްލާމް ދީނުގެ ޢަދުއްވުން ކަމާއި މެދަކު އެއްވެސް މުސްލިމަކަށް ޝައްކު އުފެދިގެން ނުވާނެއެވެ. އެހެނީ އެފަރާތްތަކުން މިހާތަނަށް އިސްލާމް ދީނާއި މުސްލިމުންނާއި މެދު ފަތުރާފައިވާ ދޮގު ބުހުތާނު ތަކާއި ފިތުނަ ފަސާދަ ތަކާއި މެދު މިފަދަ ޚަބަރު ތަކާއި މަޢުލޫމާތުތައް ތިންވަނަ ބައިވެރިއެއްގެ ގޮތުން ޢާއްމުނާއި ހަމައަށް ގެނެސް ދިނުމުގެ ކުރިން ދިވެހި ނޫސްވެރިންނާއި ލިޔުންތެރިން އިހުނަށްވުރެ ބޮޑަށް މިވަނީ ސަމާލުވާން ޖެހިފައެވެ.

ފަހަކަށް އައިސް ޣައިރު މުސްލިމުންގެ ދުލުން ބަސްބުނާ ދިވެހިންވެސް ވަނީ އުފެދިފައެވެ. އެގޮތުން އެއްވެސް ބިރެއް ޖެހިލުމެއްނެތި ކާފަރުންގެ ބީދައިން މާތް ﷲ އާއި އެކަލާނގެ ނަބިއްޔާ އަށް ބަދު ބަސްތައް ބުނެ ކާޓޫނު ތައް ކުރަހާހަދާ، ދިވެހިންގެ އިތުރުން ޣައިރު މުސްލިމުން ބުނާ ގޮތަށް ޚަބަރު ފަތުރާ ދިވެހި ނޫސްވެރިންވެސް މަދުން ނަމަވެސް އުޅޭކަން ފާހަގަ ކޮށްލެވެއެވެ. އެފަދަ ފަރާތްތަކަށް ކާފަރުން ފޮނުވާ ޚަބަރުތައް ހުންނަ ގޮތަށް ތަރުޖަމާ ކޮށްލައިގެން ޢާއްމުންނާއި ހަމައަށް ގެނެސްދިނުމުގައި 'މުސްލިމު ޓެރަރިސްޓް ޖަމާޢަތްތައް ' ނުވަތަ ހަމާސްގެ ޓެރަރިސްޓުން ފަދަ ބަސްތައް ބޭނުން ކުރާއިރު، އިސްރާއީލުގެ ޤަޠުލު ޢާއްމު ތަކަށް ކިޔަނީ އިޒްރޭލުން ކުރާ ހަނގުރާމަ އެވެ. އުސާމާބިން ލާދިން އާއި، އައްނުސްރާ ޖަމާއަތާއި ޙަމާސް ޖަމާޢަތުން ބުނާއިރު، ނަތަން ޔާހޫ އާއި ބަރަކް އޮބާމާ އާއި ޑޭވިޑް ކެމެރަން ފަދަ ބޭފުޅުން ވިދާޅުވަނީއެވެ.

މީގެ އިތުރުން ފަހަކަށް އައިސް މުސްލިމުންނަށް ނިސްބަތް ކޮށް ޣައިރު މުސްލިމުން އިސްލާމް ދީނުގެ ތަޞައްވުރު ހުތުރު ކުރުމަށް ފަތުރާ ވިޔާނުދާ ވާހަކަ ތައް ވެސް ދިވެހި މީޑިޔާ ތަކުން ފެންނަލެއް ގިނަކަން ފާހަގަ ކޮށްލެވެއެވެ. މީގެ ތެރޭގައި ' ރޭޕް ކުރުމުގައި ތުނބުޅިލީ މުސްލިމަކު ބައިވެރިވެއްޖެ ' ނުވަތަ ' މުސްލިމުންގެ ބަޔަކު އެއްޖިންސުން ގުޅުން ހިންގައިފި' ފަދަ ސުރުހީތައް ފެންނަލެއް ގިނަކަން ފާހަގަ ކުރެވޭނެއެވެ. މިފަދަ ޚަބަރު ތަކާއި ލިޔުންތައް މުސްލިމުންގެ ކުރިމައްޗަށް ހުށަހެޅުމުގެ ކުރިން މީގެ މަޤްޞަދާއި މެދު ވިސްނާލުން ހުއްޓެވެ. ކާފަރަކު ނުވަތަ ކްރިސްޓިއަނަކު ނުވަތަ ޔަހުދީއެއް ނޫންނަމަ ހިންދޫއަކު މީހަކު ރޭޕްކުރި ވާހަކަައެއް ދިވެހި ނުވަތަ ބޭރު ނޫހަކުންވެސް ދުށިން ތޯއެވެ. ފެނުމަކީ ނާދިރު ކަމެކެވެ.

އިސްލާމް ދީނަކީ މާތް ﷲ ބާވައިލެއްވި ދީން ކަމާއި މެދަކު އެއްވެސް މުސްލިމަކު ޝައްކެއް ނުކުރާނެ އެވެ. އެހެން ކަމުން މި ދީނުގެ ތަޞައްވުރު ރީތިކުރަން މުސްލިމުން ނުކުރި މަސައްކަތެއް ކުރާނެ ބަޔަކު ނާންނާނެއެވެ. އިސްލމް ދީނަކީ ﷲގެ ދީން ކަމަށާއި އެދީން ﷲ ޙިމާޔަތް ކުރައްވާނެ ކަމަށްބުނެ ޣާފިލުކަމުގައި މިއަދު ތިބެވޭކަށް ނެތެވެ. މިދީނުގެ ތަޞައްވުރު ހުތުރު ކުރުމުގައި ކާފަރުންނަށް ކާމިޔާބު ލިބުނީވެސް، މުސްލިމުން ނޭނގި ތިބެ ނަމަވެސް އެމީހުންގެ މަސައްކަތަށް ވާގިވެރި ވުމުންނެވެ.

އެހެނީ މުސްލިމު ޓެރަރިސްޓުންގެ ވާހަކަ ކެނޑިނޭޅި ދައްކަމުން ގެންދާއިރު، ކްރިސްޓިއަން ނުވަތަ ޔަހޫދީ ޓެރަރިސްޓެއްގެ ވާހަކަ އަޑުއެހިންތޯއެވެ؟ ޓެރަރިސްޓުންނަކީ ޙައްޤަކާއި ނުލާ މީހުންނަށް ބިރުދައްކައި މީހުން މަރާ މީހުން ކަމަށް ވާއިރު، ޢިރާޤާއި އަފްޣާނިސްތާނާއި ސީރިޔާ އާއި، ލުބުނާނާއި، ލީބިޔާ އާއި ޕާކިސްތާނާއި ޔަމަނާއި މިސްރު ފަދަ ޤައުމު ތަކުގައި ކްރިސްޓިއަނުންނާއި ޔަހޫދީން މުސްލިމުން މެރި ވަރާއި ގާތަށްވެސް އިންސާނީ ތާރީޚު ހުސްވަންދެން މުސްލިމު ޓެރަރިސްޓުން ކާފަރުން ކަތިލިޔަސް އެމީހުން ނުމެރޭނެއެވެ. ދެން ކޮން މުސްލިމު ޓެރަރިސްޓުންނެއްތޯއެވެ؟

މިއަދު ކާފަރުން ފަތު އަޑުކިޔާ ވަރަށް އިސްލާމް ދީނުގެ ތަޞައްވުރު ހުތުރުކޮށް މުސްލިމުންގެ އަނިޔާވެރިކަން ދައްކަން މަސައްކަތް ކުރާއިރު މި މާތް ދީނުގެ ދިފާއުގައި ބައެއް ލިޔުންތެރިންނާއި ނޫސްވެރިން އުފްވެސް ބުނެނުލާހިނދު، އެ ދީނުގެ އަގުވެއްޓޭ ގޮތަށް ލިޔުން ތަކާއި ޚަބަރު ތަކާއި ކޮމެންޓް ތައް ޝާއިޢު ނުކުރުމަކީ ކުރެވިދާނެ ކަމެކެވެ. އިސްލާމް ދީނަކީ ނުބައި ދީނެއްކަން އަންގައި ދިނުމަށް ކާފަރުން މި ދީނަށް ކިތަންމެ ނުބައިކޮށް އަބަދާއި އަބަދު މުޚާތަބުކޮށް ލިޔުންތައް ލިޔެ ހެދިނަމަވެސް މި މާތް ދީނުގެ ދިފާޢުގައި ނުކުންނަން ވާނީ އިސްލާމީ ރިވެތި އަޚުލާޤުގެ ތެރެއިންނެވެ!

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.