ރިޕޯޓް ކޮންފަދަ ބޮޑު މަޖުބޫރީ ޙާލަތެއްގެ ސަބަބުން ތޯއެވެ؟

ކޮންފަދަ ބޮޑު މަޖުބޫރީ ޙާލަތެއްގެ ސަބަބުން ތޯއެވެ؟

ކޮންފަދަ ބޮޑު މަޖުބޫރީ ޙާލަތެއްގެ ސަބަބުން ތޯއެވެ؟

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ އާބާދީގައި ދެ ބިލިޔަނަށްވުރެ ގިނަ މުސްލިމުން ތިބިއިރު އިސްލާމީ އުއްމަތް މިއަދު މި އޮތްވަރަށް ނިކަމެތިވެ ބަލިކަށި ވެގެން ގޮސްފައި ވަނީ ކޮން ސަބަބަކާއި ހުރެތޯ މިއަދު މުސްލިމުންގެ ގިނަ ބަޔަކު ސުވާލު ކުރެއެވެ. ދުނިޔޭގެ އާބާދީގެ މިހާ ބޮޑު ޙިއްޞާ އެއް އޮތް ބަޔަކު މިހާ ނިކަމެތިވެ މިހާ ދަށު ދަރަޖަ އަކަށް ވެއްޓުނީ ކީއްވެގެންތޯ މުސްލިމުންގެ އިތުރުން ޣައިރު މުސްލިމުން ވެސް އަހައެވެ. މި ސުވާލަށް ދޭނެ މާގިނަ ޖަވާބެއް މިއަދު ނެތެވެ. ޖަވާބު އެއަށްވުރެ ކުރުވެފައި ސާފެވެ.

ދުނިޔޭގައި މުސްލިމުން މިއަދު މިތިބަ ނިކަމެތި ޙާލަތަށް ވައްޓާލި ބަޔަކީ އިސްލާމީ ނަންނަމުގައި އިސްލާމީ ޤައުމު ތަކުގެ ވެރިކަމަށް އަރާތިބި މަދު ބައެއްގެ ޖާހިލު ކަމާއި ނުބައި ކަމުންނެވެ. މިބައި މީހުން ވަނީ މިބައިމީހުންގެ ވެރިކަންތައް ހިމާޔަތް ކުރުމަށް ކާފަރުން ބުނާ ކޮންމެ ކަމަކަށް ރުހި ޤަބޫލުވެ ކާފަރުންގެ ދަރަޖަ އުފުލައިދީފައެވެ. ބަދަލުގައި މިވެރިން ބޭނުންވީ މިވެރިންގެ ޚުދުމުޚުތާރު ވެރިކަންތައް ކާފަރުންގެ އެހީތެރި ކަމުގައި ޙިމާޔަތް ކޮށްދިނުމެވެ. އަމިއްލަ ޤައުމުގެ ރައްޔިތުން ގޮށްމުށާއި އޮޅުވާލުމާއި މަކަރާއި ޙީލަތުގެ ތެރެއަށް ގަންބާލައި ވާ ވައްދުވާލަން މިބައިމީހުން ކާފަރުންގެ އެހީތެރިކަން އިންތިހާ އަށް ހޯދަނީ ކާފަރުންގެ ހިތްތަކަށް އިސްލާމީ އުއްމަތެއްގެ ބިރުވެރިކަން ވައްދުވައިގެންނެވެ.

އެހެނީ ތިމަންމެނީ ތިޔަބައި މީހުންގެ ތެރެއިން ވާ ބައެއް ކަމާއި، ހަރުކަށި ޓެރަރިސްޓު މުސްލިމުންގެ އަތްމައްޗަށް މި ޤައުމު ގޮސްފިނަމަ ކަލޭމެންނާއި ކަލޭމެންގެ ބައިވެރިންނަށް ނުރައްކާ ވާނެ ކަމަށް މިފަދަ މުނާފިޤު ވެރިން ކާފަރުންނަށް ވިސްނައި ދެއެވެ. އެހެން ނަމަވެސް އަމިއްލަ ޤައުމުގެ ރައްޔިތުންނާއި ބައްދަލުވާ ހިނދު ނުވަތަ މުޚާތަބު ކުރާ ހިނދު މިބައިމީހުންނަކީ އިސްލާމީ ޤައުމު ތަކުގެ ވެރިންކުރެ އެންމެ ހިތްވަރު ގަދަ ކެރޭ ވެރިން ކަމުގައި ހެދި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައެވެ. މިފަދަ ވެރިންގެ ދެފުށުން ވެސް ފެންނަނީ ކެހިވެރި ކަމާއި މުނާފިޤު ކަމެވެ.

އިސްލާމީ އުއްމަތަށް މިއަދު ކުރިމަތި ވެފައިވާ ނިކަމެތި ކަމާއި މާޔޫސްކަން ގެނުވީ އިސްލާމީ ޤައުމު ތަކުގައި ރަނާއި ޖަވާހިރު ނެތިގެނެއް ނޫނެވެ. ތެލާއި މުސްއަނދިކަން ނެތިގެނެއްވެސް ނޫނެވެ. ފައިސާ އާއި މުދާވެރިކަން ނެތިގެނެއް ނޫނެވެ. ފޮތާއި ގަލަމާއި ފަންސޫރު ނެތިގެނެއްވެސް ނޫނެވެ. ހަތިޔާރާއި އާރާއި ބާރު ނެތިގެނެއްވެސް ނޫނެވެ. ސައިންސާއި ސައިންސް ވެރިންނާއި ޓެކްނޮލޮޖީ ނެތިގެނެއްވެސް ނޫނެވެ. ނެތީ ހަމައެކަނި ރަނގަޅު އިޚްލާސްތެރި ތެދުވެރި އަމާނާތްތެރި ވެރިންނާއި ރައްޔިތުންނެވެ. ހަރުދަނާ ރަނގަޅު އީމާންތެރި ބައެކެވެ. މިކަން އަނބުރާ އިސްލާމީ އުއްމަތަށް އަޔަ ނުދިނުމަށް ކާފަރުން ކުރާ ހުރިހާ މަސައްކަތަކަށް އެންމެ ބޮޑު އެއްބާރުލުމެއް ދެމުން ގެންދާ ބަޔަކީ އިސްލާމީ ގިނަ ޤައުމު ތަކުގެ ޖާހިލު ވެރީންނެވެ.

އިސްލާމީ ޤައުމު ތަކުގައި މިއަދު ތިބި ގޮތެއްފޮތެއްނެތް ވެރީން ވަނީ އިސްލާމީ އުއްމަތް އުފެދި ބާރުވެރިވިޔަ ނުދިނުމަށްޓަކާ ކާފަރުން ޖަހާފައިވާ ހުރިހާ މަޅިއެއްގައި ބެދި ހަފުސްވެފައެވެ. އިސްލާމީ އުއްމަތުގެ ބިންގާ ދުނިޔޭގެ އެއްވެސް ކަންކޮޅެއްގައި އަޅަން ފަށައިފި ނަމަ އެ ބިންގަލެއް އިސްލާމީ ވެރިން ލައްވާ ފުނޑުފުނޑު ކޮށްލުމުގައި ކާފަރުން ކުރި ހޯދާއިރު އިސްލާމީ ޤައުމު ތަކުގެ ރައްޔިތުން ކޮބައިތޯއެވެ؟

މިއަދު އިސްލާމީ ޤައުމު ތަކުގައި އެންމެ ކުޑަމިނުން ކިޔަވައިދޭ ސިލަބަހާއި މުޤައްރަރު ތަކަށް ބައްލަވާށެވެ. އިސްލާމީ ޤައުމު ތަކުގައި މިއަދު ކިޔަވައި ދެނީ ކާފަރުންގެ ބަހާއި ކާފަރުންގެ ސިލަބަހަށެވެ. ކާފަރުން އުފައްދާފައިވާ ކާފަރުންގެ މުޤައްރަރަށެވެ. މިކަންކަން އިސްލާމީ މުޖުތަމަޢަކަށް ފައްތަން ޖެހޭތޯއެވެ؟ މި ތަކެތި ކިޔަވައި ދީގެން މިއިން އިސްލާމީ ޝަހުޞިއްޔަތެއް އުފަން ކުރުވިދާނެ ތޯއެވެ؟

އިސްލާމީ ބައެއް ޤައުމު ތަކުގައި ޢަރަބި ބަހުން މަތީ ތަޢުލީމު އުނގެނިގެން ޢަރަބި އިސްލާމީ ތަޢުލީމުން ޕީއެޗްޑީއާއި ޑޮކްޓަރު ކަމާއި ޕްރޮފެސަރުކަން ދަސްކުރި ޢިލްމުވެރިން މިއަދު މަދެއް ނުވާނެއެވެ. މިފަދަ ނަމޫނާ ތަންތަނުގެ ތެރޭގައި މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީ އާއި މަދީނާ ޔުނިވާސިޓީ ފަދަ ތަންތަން ހިމެނޭއިރު، މިތަންތަނުން އިންޖިނިއަރިންގ އިން ފެށިގެންގޮސް ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން އެތައް ޕްރޮފެސަރުންނެއް އުފެދިފައި ވެއެވެ.

މިއީ ވަރަށް ދުރުވިސްނުމުގެ ޕްލޭނެއްގެ ދަށުން ކާފަރުން ރާވާފައިވާ ރޭވުން ތަކެއްގައި މުސްލިމުން ޖެހުމުގެ ނަތީޖާއެވެ. އެހެނީ އަމިއްލަ ދަރިފުޅަށް ވެސް މުސްލިމުންގެ ބަސް ކަމަށްވާ ޢަރަބި ބަހުން އުނގަންނައި ދީފި ނަމަ އެދަރީންނަށް ކީރިތި ޤުރުއާނާއި ﷲގެ ދީނާއި ގާތަށް ދެވެއެވެ. އަދި ޤުރުއާނުގެ ސައިންސުން އިސްލާމީ ޢިލްމުވެރިން ނަށް ކުރިއެރުމާއި ހަޤީޤަތް ތަކަށް ވާޞިލު ވުމުގެ ފުރުޞަތު ބޮޑުވެއެވެ.

މި ޙަޤީޤަތަށް ވާޞިލު ވިޔަ ނުދިނުމަށް އިސްލާމީ ޤައުމު ތަކުގައި ވެސް މިއަދު އުނގަންނައި ދެނީ ކާފަރުންގެ ތަކެތި ކާފަރުންގެ ބަހުންނެވެ. ދިވެހިރާއްޖެ ފަދަ 100 އިން ސައްތަ އިސްލާމީ ޤައުމުތަކުގައި ވެސް ޢަރަބި ބަހުން އުނގަންނައިދޭ މަދަރުސާ އާއި މުއައްސަސާ ތަކުގައި ވެސް އަރަބި ބަހާއި މެދު ވަނީ އިހުމާލު ވެފައެވެ. ޢަރަބި އިސްލާމީ ތަޢުލީމު އުނގަންނައިދޭ ސްކޫލު ތަކާއި މަރުކަޒު ތަކުގައި ވެސް ޢަރަބި ބަހުން ކިޔަވައިދޭން ފަށަނީ ޢުމުރުން ތޭރަ އަހަރު ފުރުމުންނެވެ. ބަހުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އިންސާނެއްގެ ޢުމުރުން ބާރަ އަހަރުގެ ކުރިން ބަހެއް ދަސްކުރަން ފެށުމުން ނޫނީ ރަނގަޅަށް ބަހެއްގެ ތެރެއަކަށް ނުވަދެވޭނެއެވެ. އެހެން ކަމުން ކުޑައިރުއްސުރެ އިނގިރޭސިން ކިޔަވައި ދިނުމަށްފަހު 13 އަހަރު ފަހުން ކުއްލި އަކަށް ޢަރަބި ބަހަށް ބަދަލު ކޮށްލުމުން ގިނަ ކުދިންނަށް ޢަރަބި ބަސް އުނދަގޫވެ އެ ބަސް މަތިން ފޫހިވެއެވެ. މިއީ ވެސް ބައެއްގެ ރޭވުމެއް ތަންފީޒު ކުރަމުން ގެންދާ ގޮތެކެވެ.

އެހެން ކަމުން ޤުރުއާނާއި އިސްލާމް ދީނުގެ އަލީގައި ކަންކަން ހޯދުމުގެ ފުރުޞަތު މުސްލިމު ކުދިންނަށް ސައްތައިން ސައްތަ އިސްލާމީ ޤައުމު ތަކުގައިވެސް ހަނިވެ ގެއްލެއެވެ. ކޮންފަދަ ބޮޑު ދެރައަކާއި އިއްތިފާޤެއް ތޯއެވެ؟ މިކަން މިހެންވަނީ ކޮންފަދަ މަޖުބޫރީ ޙާލަތެއްގެ ސަބަބުން ތޯއެވެ؟

އިސްލާމީ ޤައުމު ތަކުގައި އޮތްވަރަށް ތެލާއި މުސްއަނދި ކަމާއި ވަޞީލަތްތައް މިއަދު ދުނިޔޭގެ އެހެން ބަޔަކަށް ލިބިގެނެއް ނުވެއެވެ. އެހެނަސް އަމިއްލަ ޤައުމުގެ އަމިއްލަ ފައިސާއިން މުޢާމަލާތު ކުރުމުގެ ބަދަލުގައި މި ޤައުމުތަކުން ތެޔޮ ވިއްކަނީ އެމެރިކާ ޑޮލަރަށެވެ. މީގެ ސަބަބުން ކާފަރުންގެ ސަރުދާރު ނުވަތަ އެމެރިކާ އިތުރަށް މުސްއަނދިވެ އެ ޤައުމުގެ އިޤްތިސޯދު ނަގާ ކޮޅުގައި ހިފަހައްޓާލައެވެ. މީގެ ސަބަބުން ތެޔޮވިއްކާ އިސްލާމީ ޤައުމުގެ އިޤްތިސޯދު ފުނޑިގެން ދިޔަޔަސް މައްސަލައެއް ނެތެވެ. މިހިރީ އިސްލާމީ ޤައުމު ތަކުގެ ވެރިންގެ ހެޔޮފުޅުކަން އެހެން ނޫންތޯއެވެ؟

މިއަދުވެސް އެމެރިކާ ޑޮލަރަށް ތެޔޮވިއްކުން ހުއްޓާލައިފިނަމަ އެމރިކާ އާއި ދުނިޔޭގެ ކާފަރު ޤައުމު ތަކުގެ އިޤްތިސޯދު ވަގުތުން ހުއްޓި މި ޤައުމުތައް ހަފުސްވެގެން ދާނެއެވެ. އެހެނަސް އިސްލާމީ ޤައުމު ތަކުގައި ތިބި ނަމުން މުސްލިމު ވެރިންނަށް މިފަދަ ކުޑަ ކަމެއްވެސް ކޮށްލާން ނުކެރިގެން އުޅެނީ ކޮންފަދަ މަޖުބޫރީ ޙާލަތެއްގެ ސަބަބުން ތޯއެވެ؟

މިއަދު ދުނިޔޭގައި އޮތް އެންމެ ރަނގަޅު ދަނޑުބިންތަކާއި މުސްލިމުންގެ ގެދޮރު ފޭރިގަނެގެން އޮތް ކާފަރުންގެ ކިއްލާ އިޒްރޭލުގެ ވަށައިގެން އޮތީ އިސްލާމީ ޤައުމު ތަކެވެ. އިސްލާމީ ޤައުމު ތަކުގެ ވައިގެ ސަރަޙައްދު ބޭނުން ކޮށްގެންނޫނީ ޔަހޫދީ ޤައުމަށް އެއްޗެއް އެތެރެ ކުރެވޭނެ އަދި އެ ޤައުމުން އެއްޗެއް ބޭރުކުރެވޭނެ ގޮތެއް ނެތެވެ. ކޮންމެ ދުވަހަކު އެތައް މުސްލިމުންނެއް ކަތިލައި މުސްލިމުންގެ ލެއިން ފެންކުޅި ކުޅެމުންދާ ކާފަރު ކަމުގެ ޙައްދުފަހަނަ އަޅާފައިވާ މި ޤައުމާއި ގުޅުން ކަނޑާލައި އިޒްރޭލަށް ދަތުރު ކުރުމަށް އިސްލާމީ ޤައުމު ތަކުގެ ވައިގެ ސަރަޙައްދު ބޭނުން ކުރުން މަނާކޮށްލައިފި ނަމަ ޔަހޫދީ ޤައުމު ޙިސާޜުވެ މިއަދު ޣައްޒާ އޮތް ޙާލަތުގައި އޮންނާނީ ޔަހޫދީންނެވެ. އެ ޤައުމުގެ އުފެއްދުންތައް ބޭރުކޮށްގެން ކޮންމެ ދުވަހަކު ބިލިޔަނުން ޑޮލަރު ނަގަމުން ކޮންމެ ދުވަހަކު އެމެރިކާއިން މުސްލިމުން މަރަން ހިލޭދޭ ހަތިޔާރު ތައް އެ ޤައުމަށް އެތެރެ ކުރަމުން އެ ގެންދަނީ މުސްލިމު ޤައުމު ތަކުގެ ވައިގެ ސަރަޙައްދު ބޭނުން ކޮށްގެންނެވެ. މީގެ އިތުރުން ޣައްޒާގެ މުސްލިމުން ކަތިލުމަށްދާ ޔަހޫދީ ބޯޓު ތަކަށް ތެޔޮ އަޅައިމިދެނީ އިސްލާމީ ޤައުމު ތަކުންނެވެ. މިކަންކަން އިސްލާމީ ޤައުމު ތަކުގެ ރައްޔިތުން ނުކުމެ ނުހުއްޓުވަނީ ކޮންފަދަ މަޖުބޫރީ ޙާލަތެއްގެ ސަބަބުން ތޯއެވެ؟

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.