ރިޕޯޓް ވާހަކަދެއްކުމުގެ ތަފާތު ( ވާހަކަ )

ވާހަކަދެއްކުމުގެ ތަފާތު ( ވާހަކަ )

ވާހަކަދެއްކުމުގެ ތަފާތު ( ވާހަކަ )

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރަސްކަލަކަށް ވަރަށް އާދަޔާ ޚިލާފު ހުވަފެންފުޅެއް ފެނިވަޑައިގެންފިއެވެ. މި ހުވަފެންފުޅުގެ ސަބަބުން ރަސްގެފާނު ވަރަށް ކަންބޮޑުވެވަޑައިގެންފިއެވެ. އަދި ރަށުގައި ހުވަފެން ތަޢުބީރުކުރަން އުޅޭ އެންމެން ދަރުބާރަށް ހާޒިރު ކުރައްވަން ވަޒީރަށް އަންގަވައިފިއެވެ. ރަސްގެފާނުގެ އަމުރުފުޅު ވަގުތުން ހިންގަވައިލެއްވިއްޖެއެވެ. ރަށުގެ މަޝްހޫރު މުޢައްބިރުން ދަރުބާރަށް ހާޒިރުކުރެވިއްޖެއެވެ. އެ އެންމެންނަކީ ހުވަފެން ތަޢުބީރުކުރުމުގެ ރޮނގުގައި މާހިރުންގެ ދަރަޖަ ހޯދައިފައިވާ މީހުންނެވެ. ރަސްގެފާނު އެމީހުންނަށް ހުވަފެންފުޅު ވިދާޅުވެ ދެއްވައިފިއެވެ. "އަހަރެން ހުރީ ހެޔޮހާލުގައި، އަހަރެންގެ ވެރިކަމުގައި ގާއިމު ވެގެންނެވެ. ކުއްލިއަކަށް ފެންނަނީ އަހަރެންގެ ދަތްތައް ވެރެން ފަށާތަނެވެ. ފަހަރަކު ދަތެއް ވެއްޓެމުންގޮސް، އެންމެ ދަތެއްވެސް ނެތި ހުސްވެއްޖެއެވެ."
މުޢައްބިރުން މި ހުވަފެންފުޅު ތަޢުބީރު ކުރަން ފަށައިފިއެވެ. ކޮންމެ މީހަކުވެސް މަސައްކަތް ކުރަމުން ދިޔައީ ރަސްގެފާނުގެ ހިތްޕުޅު ހަމަޖައްސައިދެވޭތޯއެވެ. އެކި މީހުން ހުށަހަޅަނީ އެކި ތަޢުބީރެވެ. އެއްވެސް ތަޢުބީރަކުން ރަސްގެފާނުގެ ހިތްޕުޅު ހަމަޖެހޭ ގޮތެއް ނުވިއެވެ.
މުޢައްބިރުންގެ ތެރެއިން ދެމީހަކު ތަންކޮޅެއް ދުރުގައި ހިމޭނުން އެބަތިއްބެވެ. އަނގަޔަކުން ނުބުނެއެވެ. ރަސްގެފާނު އެ މީހުންނާ މުޚާޠަބް ކުރައްވައި ވިދާޅުވިއެވެ. "މިތާނގައި މިތިބަ އެންމެން އަހަރެންގެ ހުވަފެނުގެ ތަޢުބީރު ހުށަހަޅަނީއެވެ. ކަލޭމެން އަނގައިން ނުބުނެ ތިޔަ ތިބީ ކީއްވެގެން ހެއްޔެވެ؟ ކަލޭމެންވެސް ކޮންމެވެސް ތަޢުބީރެއް ހުށަހަޅާށެވެ."
ދެމީހުންކުރެ ފުރަތަމަ މީހާ ދެންނެވިއެވެ. "މާތް ސާހިބާއެވެ! އަޅުގަނޑަށް ކުރެވޭ ތަޢުބީރު ދަންނަވަން ވަރަށް އުނދަގުލެވެ. އެއީ ވަރަށް ހިތާމަވެރި ތަޢުބީރެކެވެ. އެހެން ނަމަވެސް ނުދަންނަވައި ކުރާނެ ކަމެއްވެސް ނެތެވެ. ޙައްޤު ގޮތް ބަޔާން ކުރަން ވާނެއެއް ނޫންތޯއެވެ؟"
ރަސްގެފާނު ވިދާޅުވިއެވެ. "އާނއެކެވެ. އަވަހަށް ބުނާށެވެ. ތަޢުބީރަކީ ކޮބައިހެއްޔެވެ؟"
އޭނާ ދެންނެވިއެވެ. "މާތް ސާހިބާއެވެ! މަނިކުފާނު ސަލާމަތުން ލަހައްޓަވާށިއެވެ! މަނިކުފާނުގެ ބޭފުޅުންތައް، ބޭފުޅަކަށް ފަހު ބޭފުޅަކު މަނިކުފާނުގެ ކުރިފުޅުމަތީގައި އަވަހާރަވާނެއެވެ. އެބޭފުޅުން އަވަހާރަވުމުގެ ސަބަބުން މަނިކުފާނަށް ނުހަނު ފުން ހިތާމަފުޅެއް ލިބިވަޑައިގަންނަވާނެއެވެ. އެންމެ ފަހުން މަނިކުފާނުވެސް އެހިތާމަފުޅުގައި އަވަހާރަވާނީއެވެ."
މި ތަޢުބީރު އިވިވަޑައިގަތީމާ ރަސްގެފާނުގެ ފައިންޕުޅުދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީފުޅުވިއެވެ. ކުއްލިއަކަށް ލިބިވަޑައިގަތީ ވަރުގަދަ ސިހުންފުޅެކެވެ. ކޯފާގެ ކޮޅަށް ކޯފާ އިސްވެއްޖެއެވެ. ދެލޯފުޅު ރަތްވެއްޖެއެވެ. ކުއްލިއަކަށް ހަޅޭއްފުޅު ލައްވަން ފަށްޓަވައިފިއެވެ. "މި ކަލޭގެ އަހަރެންގެ ކުރިމަތިން ދުރަށް ގެންދާށެވެ. އަވަހަށް މީނާ ހުރަގެއަށް ލާށެވެ."
ކުޑަ އިރުކޮޅަކުން ރަސްގެފާނުގެ ކޯފާ މަޑުވެއްޖެއެވެ. ހިތްޕުޅުގެ ތެޅުން ކުޑަވެއްޖެއެވެ.
ދެވަނަ މީހާޔާ މުޚާޠަބް ކުރައްވައި ވިދާޅުވިއެވެ. "ކަލޭގެ ތަޢުބީރަކީ ކޮބައިހެއްޔެވެ؟"
އޭނާ ދެންނެވިއެވެ. "މާތް ސާހިބާއެވެ! މަނިކުފާނުގެ އުމުރުފުޅު ދިގުކުރައްވާށިއެވެ! މަނިކުފާނަށް ދިގު އުމުރުފުޅެއް ދެއްވާނެއެވެ. މަނިކުފާނުގެ ބޭފުޅުންނަށް ވުރެ ދިގު އުމުރުފުޅެއް ލިބިވަޑައިގަންނަވާނެއެވެ. މަނިކުފާނުގެ ބޭފުޅުންގެ ދުޢާފުޅަކީ އެބޭފުޅުންގެ އުމުރުފުޅަށް ވުރެ މަނިކުފާނުގެ އުމުރުފުޅު ދިގުކުރެއްވުމެވެ." (މި ތަޢުބީރަކީވެސް ހަމަ ފުރަތަމަ މީހާގެ ތަޢުބީރެވެ. އާދެ، ބޭފުޅުންގެ އުމުރުފުޅަށްވުރެ ރަސްގެފާނުގެ އުމުރުފުޅު ދިގުވާނެއެވެ. މާނައަކީ ރަސްގެފާނު ދުނިޔޭގައި ހުންނަވަނިކޮށް ހުރިހައި ބޭފުޅުން އަވަހާރަވާނެއެވެ.)
މި ތަޢުބީރު ދެންނެވުނީމާ ރަސްގެފާނުގެ ހިތްޕުޅު ހަމަޖެހިއްޖެއެވެ. އަދި ތަޢުބީރު ދެންނެވި މީހާއަށް ވަރަށް ގިނަ އިނާމު ދެއްވަން އަމުރުފުޅު ކުރައްވައިފިއެވެ.
ވިސްނައިވަޑައިގަންނަވާށެވެ! މި ދެ ތަޢުބީރަކު އެއްވެސް ތަފާތެއް ނެތެވެ. އިންސާނާ، އޭނާގެ ވިސްނުމުގެ ބޭނުން ރަނގަޅަށް ކޮށްފިނަމަ ވަރަށް ގިނަ މައްސަލަތައް ރީތިކޮށް، އޮމާންކޮށް ހައްލުވެގެން ދާނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.