2013 ވަނަ އަހަރުގެ ޖޫންމަހުގެ 25 ވަނަ ދުވަހު ދިވެހި ސަރުކާރުން އަރާމު ޓްރެވަލްސް ނަމަކަށްކިޔާ ކުންފުންޏަކާ ށ ފަރުކޮޅުގައި އެއާޕޯރޓެއް އެޅުމަށް ޙަވާލު ކުރީ އެދުވަހުން ފެށިގެން 13 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. އެހެން ނަމަވެސް މި މަސައްކަތް ޙަވާލުކުރި އަރާމު ޓްރެވަލްސް އަކީ މިފަދަ އެއްވެސް މަސައްކަތެއް މީގެ ކުރިން ކޮށްފައިވާ ކުންފުންޏަކަށް ނުވާތީ އެފަދަ އެއްވެސް ކަމެއްގެ ތަޖުރިބާއެއްވެސް ހުރި ކުންފުންޏެއް ނޫނެވެ. ފަރުކޮޅުގައި އެއާޕޯޓް އެޅުމުގެ ސަބްސިޑީއެއްގެ ގޮތުން ގއ. އިންނަހެރާ އަރާމު ޓްރެވަލްސްއަށް ދިނުމަށް ވެސް ސަރުކާރުން ވަނީ އެއްބަސްވެފައެވެ.
ފުނަދޫ ފަޅުތެރޭގައި އޮންނަ ށ ފަރުކޮޅުގައި އެއާޕޯޓް އަޅަންއަރާމު ޓްރެވަލްސް އާއި ޙަވާލު ކުރިތާ ތޭރަ މަސްދުވަސް މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ހަމަވިއިރުވެސް ފަރުކޮޅުގައި އެއާޕޯޓެއް ތަރައްޤީ ކުރުމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތެވެ. އެރަށް އޮތީ އެއާޕޯޓް ތަރައްޤީ ކުރަން އަރާމު ޓްރެވަލްސް އާއި ޙަވާލު ކުރި އިރުވެސް އޮތްޙާލަތުގައި އަދިވެސް ފަޅުރަށެއްގެ ގޮތުގައެވެ. އެރަށުގައި އެއާޕޯޓެއް ތަރައްޤީ ކުރުމަށް އެއްވެސް ބަޔަކު އެއްވެސް މަސައްކަތެއް މި ފާއިތުވެދިޔަ 13 މަސްދުވަހުގެ ތެރޭގައި ކޮށްފައި ނުވާއިރު، އެފަދަ މަސައްކަތަކަށް ބޭނުންވާނެ އެއްވެސް އާލާތެއްވެސް އެ ރަށަށް ގެންދެވިފައެއް ނުވެއެވެ.
ކަން މިހެން އޮތް ނަމަވެސް ކުރީގެ ހެލްތު މިނިސްޓަރު މަރިޔަމް ޝަކީލާގެ ފިރިކަލުން މުހަންމަދު އިބްރާހިމް ދީދީ )ޑީޑީ(ގެ ހިއްސާ އޮންނަ ސިމްޑީ ކުންފުނީގެ ޙިއްސާއޮންނަ އަރާމް ޓްރެވަލްސްއިން ވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވާން ދަތިން ދުވަހަށް ވުމުން ފަރުކޮޅުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ފެށުމުގެ ހުއްދަ ދިނުމަށް އެދި ސަރުކާރަށް ސިޓީއަކުން ހުށަހަޅާފައެވެ. އަދި މި މަޝްރޫޢުގެ ޢެއްވެސް މަސައްކަތެއް ކުރެވިފައި ނުވަނީ ސަރުކާރުން މަސައްކަތް ފެށުމުގެ ހުއްދަ ނުދީގެން ކަމަށާއި، މި މައްސަލާގައި ބަދަލު ހޯދުމަށް ދިވެހި ސަރުކާރު ގޮވައިގެން ކޯޓަށް ދާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
ފަރުކޮޅުގައި އެއާޕޯޓް ތަރައްގީކުރަން ނިންމީ ސަރުކާރުން ކަމަށާއި ބީލަމުން އެ ރަށް ކާމިޔާބުވުމާއެކު އެތަން ތަރައްގީކުރުމުގެ މަސައްކަތް ފެށި ކަމަށް އަރާމު ޓްރެވަލްސް އިން ބުނި ނަމަވެސް އެ ރަށުގައި އެފަދަ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް ށ ފުނަދޫ ކައުންސިލުން ދިއިސްލާމަށް މަޢުލޫމާތު ދީފައިވެއެވެ. އަދި މިހާތަނަށް ގިނަ އަދަދެއްގެ ފައިސާ ވެސް މި މަސައްކަތަށް ހަރަދުވެފައިވާ ކަމަށް ބުނެ އެ ފައިސާގެ ބަދަލު ހޯދުމަށް އަރާމު ޓްރެވަލްސްއިން ކޯޓަށް މައްސަލަ ހުށަހެޅިއިރު، އެ ކުންފުނިން ފަރުކޮޅުގައި އެއާޕޯޓް އެޅުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށާއި، އެކަމަށް ބޭނުންވާނެ އެއްވެސް އާލާތެއްވެސް އެރަށަށް ގެންގޮސްފައި ނުވާކަމަށް ވެސް ފުނަދޫ ކައުންސިލުން ވަނީ ބުނެފައެވެ.
ފުނަދޫ ފަޅުތެރޭގައި އޮންނަ ށ ފަރުކޮޅުގައި އެއާޕޯޓެއް އެޅުމަށް އަރާމު ޓްރެވަލްސް އަށް ޙަވާލު ކުރިތާ އަހަރެއްހާ ދުވަސްފަހުން ސަރުކާރުން ވަނީ އެރަށުގައި އެއާޕޯޓް އެޅުމަކީ ތިމާވެއްޓަށް ގެއްލުންވާނެ ކަމެއް ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އޭގެ ފަހުން ވެސް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވަނީ މޮޑެލް ބަދަލުކޮށް ތިމާވެއްޓާ ރަޙުމަތްތެރި ގޮތަކަށް ނަމަވެސް ފުނަދޫގައި އެއާޕޯޓް އެޅުމުގެ މަޝްރޫޢު ސަރުކާރުން ކުރިޔަސް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އަދާއި ހަމައަށްވެސް އެފަދަ އެއްވެސް ކަމެއްގެ ނިޝާނެއް ފަރުކޮޅުން ފެންނަން ނެތްކަން ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...