ހުރިހާ ދިމާލަކުންވެސް މިއަދު އަޑަށް ބާރުލާ އެއްއަޑަކުން ގޮވަމުން ގެންދަނީ އަންހެނުންގެ ޙައްޤުގެ ވާހަކަ، ހަމަ ހަމަ ކަމުގެ ވާހަކަ، އެކަނިވެރި މައިންގެ ވާހަކަ، އަނިޔާ ލިބެމުންދާ އަންހެނުންގެ ވާހަކަ، ފަދަ ވާހަކަ ތަކެވެ. މީގެ އަނެއްކޮޅަށް ވިސްނާ އަޑު އުފުލާ އެއްވެސް އަންހެނެއް ފިރިހެން މިއަދާހަމައަށް ދިމާވެފައި ނުވާކަމީ ހިތާމަ އާއިއެކު ވިސްނާލަން ޖެހޭކަމެކެވެ.
އަޅުގަޑުމެންގެ ތެރޭގައި އެކި ގޮތްގޮތުން އަނިޔާ ލިބެމުންދާ އެކި ޢުމުރުގެ ފިރިހެނުން އުޅޭކަމީ ހަމަ ހަޤީޤަތެކެވެ. ފިރިހެނުންގެ ތެރޭގައިވެސް ދިމާވާ އެކި ޙާލަތާ ގުޅިގެން ކުރިމަތިވާ ނަފްސާނީ އެތައް އުދަގޫތައް ތަޙައްމަލު ކުރަމުންދާ މީހުން އުޅޭ ކަމީ ޝައްކެތް އޮތްކަމެއްނޫނެވެ.
އަނބި ދަރިންނަށް އުފާވެރި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމުގެ އުއްމީދުގައި، އަނބިމީހާއާއި ޢާއިލާ އާއި ދުރުގައި ބުރަ މަސައްކަތް ކުރަމުންދާ ގިނަފިރިހެނުންގެ އުއްމީދު ތަކަށް އަނދިރި ހިޔަނިއެޅި އަނދިރިކަން ފެތުރެމުންދާކަމުގެ އެއްވެސް އިޙްޞާސެއްނެތި، ރެއާއި ދުވާލު އަތްވާއި ވާރޭގަ " ހިޔާލީ އުފާވެރި ދުނިޔެއް" އާރާސްތު ކުރުމުގެ ފޮނި ހުވަފެންތައް ދެކެމުންދާ، ދެކެމުންދިޔަ އެތައް ފިރިންނެއްގެ މުޅި ދިރިއުޅުން ފަނާވެ ބަރުދާސްތު ނުކުރެވޭފަދަ ނިކަމެތި ޙާލެއްގައި ހުސްއަތާ ނުކުމެ މުޅި ދިރިއުޅުން އަލުން ސުމަކުން ފަށަންޖެހި ސިކުނޑީގައި ނަފްސާނީ ބަލިމަޑުކަމެއްގެ ހިޔަނި އެޅި ސަލާމަތް ނުވެވިފައި ތިބީ ކިތައް ފިރިހެނުންކަން ދެނެގަންނަން މަސައްކަތްކުރެވުނު ބާވައެވެ، އިންސާނީ ޙައްޤު ކޮބައިބާއެވެ.
އަބަދުވެސް ފިރިހެނުންގެ އަނިޔާވެރިކަން، ނުވަތަ ހަރުކަށިކަން ނުވަތަ ނޭއްގާނީ ކަމުގެ ވާހަކަ ދެކެވޭ އަޑުތައް އިވޭއިރު، ފިރިމީހާ އަނބިމީހާއަށް ކުރާ އިޙްތިރާމާ ދެވޭ ޤަދަރާ އަނބިމީހާދެކެ ވާލޯބިން އަނބިމީހާގެ ކޮންމެ ޙަރަކާތަކީ، އަނބިމީހާގެ ދުލުން ބުނެލާ ކޮންމެ ވާހަކައަކީ ހަޤީޤަތްކަމުގައި ދެކި، ފިރިމީހާ އަދާކޮށްދޭން ޖެހޭ ހުރިހާ ޙައްޤެއް އަދާކޮށްދެމުން ހުރިހާ އުފަލެއް ހޯދާދެމުން ދާއިރު، ނާޖާއިޒު ގޮތެއްގައި ބައެއް އަނބިން ފައިދާ ނަގާކަމީ ހަމަ ޔަޤީނުންވެސް ﷲ ތަޢާލާއަށް ބިރުވެތިވާން ނޭގޭތީ އަމިއްލަ ނަފްސަށްވެސް ލިބިގަންނަ ވަރަށް ބޮޑު އަނިޔާއެކެވެ.
ފިރިމީހާގެ ކުރިމަތީ " ހަމައެކަނި ތިބާ ގެ " ޓެގް ގައި ތަފާތު އެތައް އެތައް ކުލަވަރެއް ދައްކާ، ފިރިމީހާގެ ކުރިމަތީ މަޑުމޮޅިކަމާ ޢިއްފަތްތެރި ކަމުގެ ތޮށިގަޑަށް އެރެމުން، ފިރިމީހާގެ ލޮލުގައި އަޅުވާދޭ އަސަރުގަދަ އަނދުނަކީ ފިރިމީހާގެ ލޮލުގެ ކުރިމައްޗަށް ވައްޓާލާ އަނދިރީގެ ސާލެއްކަމުގެ ދޮން ކަޅުމިނާ މެދު ޝައްކުވެސް ނުކުރެވޭ މިންވަރަށް މިފަދަ އަނބީން ކުޅަދާނައެވެ. އެކި ގޮތްގޮތުން ތިމާމެން ހޯދަމުންދާ ވަގުތީ އުފަލުގެ ކަނޑަކަށް ޣަރަގު ވަމުންދާ އަނބިންނަކީ ތިމާމެންގެ އަނިޔާވެރިކަމާ، ދެއްކުންތެރިކަމާ، ޙީލަތްތެރި ކަމާއެކު ފިރިންގެ ކުރިމަތީ " ޢިއްފަތްތެރިކަމާ ތަޤުވާގެރިކަމުގެ" ނަމުގައި ތިމާމެންގެ ގައިގާ އޮޅަމުންގެންދާ ތޮށިގަނޑު،ﷲ ގެ ކުޅަދުންވަންތަ ކަމާއެކު ފުނޑުފުނޑުވެ ތިމާމެން ދުނިޔެއަށްވެސް ބޭޒާރުވެ، ދުނިޔެއާ އާޚިރަތުގެ ބިރުވެރި ޢަޛާބާ ކުރިމަތިލާން ޖެހިދާނެ ކަމުގެމައްޗަށް ކުޑަވެސް ބިރެއް ހިތުގައި ނުވާ ބައަކީ ބާވައެވެ.
ބައެއް އަންހެންބޭފުޅުން ޚިޔާލެއް ފިކުރެއް ނެތި،އިސްލާމް ދީނުގައި ﷲ ތަބާރަކަ ވަތަޢާލާގެ ޤާނޫނުގައި ކަޑައަޅުއްވާފައިވާ އަންބަކު ފިރިއަކަށް އަދާކޮށްދޭން ޖެހޭ ޙައްޤުތަކާއި ދެމެފިރިންގެ ދެމެދުގައި އޮންނަންޖެހޭ އިޙްތިރާމާ ލޯބި، ބޭކާރު އެއްޗަކަށް ހަދައި، ކޮންމެ ކަމެއް ޒަމާނީ ތަހުޒީބުގެ ތެރެއަށް ބައްޓަންކޮށް، ފިރިމީހާގެ ފުރަގަހުން "ތަފާތު ރަހަތަކުން" ހިތްހަމަ ޖެހުމާ ކަރުހިއްކުން ފިލުވަމުންދާއިރު، އެބައިމީހުންގެ ދަރިފަސްކޮޅާމެދު ވެސް ޚިޔާލުކުރުމަކީ ބޯދާ ކަޓު ކަމެއްކަމަށް ދެކި ﷲ ޙަރާމް ކުރެއްވި ހުތުރު ޢަމަލުތަކަށް އަރައިގަންނަމުން ދަނީ ކުޑަވެސް ބިރެއްނެތިތީވެ ބާވައެވެ.
ލޮބުވެތި އުޚުތުންނޭވެ!، އަޅުގަޑުގެ މި ލިޔުމަކީ ފަހަރެއްގައިވެސް ތިޔައިން ކަނބަލެއްގެ " މިނިވަންކަން " ނިގުޅައިގަތުމެއް ނޫނެވެ، އަދި ތިޔައިން އެއްވެސް ކަނބަލެއްގެ " ޙައްގެއް " ނިގުޅައިގަތުމެއްވެސް ނޫނެވެ. އަދި ކިއެއްތަ ތިޔައިން ކަނބަލެއްގެ އަބުރާ ޢިއްޒަތް ވަޔާ އޮޔާ ޙަވާލުކުރުމެއްވެސް ނޫނެވެ. އަޅުގަޑުގެ މަޤްޞަދަކީ، އަޅުގަޑުމެންގެ މި މުޖުތަމަޢުގައި އެނގުމާއި ނޭގުމުގެ ތެރެއިންވެސް، ލޯބިވާ ފިރިމީގެ " ފުރަގަހުގައި " ސިއްރިޔާތުގައި، ނުވަތަ މިނިވަންކަމާއެކު، ޙައްޤު ހޯދުމުގެ ބަހަނާގައި ހަމަ ވަރަށް ފާޅުގައި ﷲ ޙަރާމް ކުރެއްވި އެތައް ކަމަކީ " ކުޑަކަމެއް " ނުވަތަ " އެހާވަރު ކަމެއް " ނޫންކަމުގައި ދެކި ޝައިޠާނާއަށް އިޖާބަ ދެވެމުންދާތީ، އެކަމުގެ ހިތާމަ އާއި ބިރުވެރި ޢަޛާބު ދުނިޔެއާއި އާޚިރަތުގައިވެސް އަޅުގަޑުގެ ލޮބުވެތި އުޚުތަކަށް ލިބުން ނޭދޭތީ، ސަލާމަތުގެ މަގު ހަދާން ކޮށްދިނުމެވެ. އަދި މިއީ މުސްލިމް އަންހެނެއްގެ ޙައިޞިއްޔަތުން އަޅުގަޑުގެވެސް ވާޖިބެއް ކަމަށްދެކެ، ތިޔަ ލޮބުވެތި އުޚުތުންގެ ތެރޭން އެއްވެސް އުޚުތަކަށް މިފަދަ އެއްވެސް ކުށަކަށް އަރައިގަނެވިފައި ވާނަމަ ތަޥުބާވެ ސަލާމަތުގެ އައްސޭރިއަށް ވާޞިލުވުމަށް އަވަސްވެގަތުމަށް ގޮވާލުމެވެ.
އަދި ހަމަ އެހެންމެ، ފިރިންވެސް، އެބައިމީހުންގެ އަނބިންނަށް ދޭންޖެހޭ ވަގުތު ދިނުމާ، އަނބިމީހާ ހެޔޮމަގަށް މަގުދެއްކުމުގައި އިހްމާލު ނުވުމަކީ މުހިންމު ކަމެއްކަމުގައި ދަންނަވަމެވެ. އަނބިމީހާއަސް ލޯބިދިނުމުގައި، ދެލޯމަރައިގެން ހުރެ އަނބިމީހާގެ ދުލުން ކުރިން ނުކުންނަ ކޮންމެ ބަހަކީ ހަޤިޤަތް ކަމަށް ނިންމުމުގެ ކުރިން، ބައެއް ވާހަކަ އަކީ އެ ވާހަކައެއްގެ ޙަޤީޤަތާ ހަމައަށް ވާޞިލުވާން ޖެހޭ ވާހަކަ ކަމަށް ވިސްނާލުން ވަރަށް މުހިންމެވެ. ( މުޖުތަމައު ފަސާދައިން ސަލާމަތް ކުރުމަށްޓަކައެވެ.) ތިމާގެ އަނބިމީހާއަށް ގޯހެއް ހެދޭނަމަ އިޞްލާޙު ކުރުވާ، ތިމާއަށްވެސް ބަރުދާސްތު ނުކުރެވޭފަދަ އަނިޔާއެއްލިބި، މުޅިޙަޔާތް އެކަމުގައި ޤުރުބާން ކުރަން ނުޖެހޭނޭ ފަދަ ވިސްނުމަކުން ޢާއިލާގެ ގުޅުން ހަރުދަނާކޮށް، ތިޔަ އަޚުންނާއި އަނބި ދަރީންނީ، އިޚްލާޞްތެރިކަމާއެކު ﷲ ގެ މަގުގައި ސާބިތުކުރުވުމަކީ ހަމަ ޔަޤީނުންވެސް ފިރިންގެ ވާޖިބެކެވެ.
އަޅުގަޑުގެ ދުޢާ އަކީ އަޅުގަޑުމެން އެންމެންނީ ހެއުބަސް އަހާ، ހެއުބަސް ޤަބޫލުކޮށް އެއަށް ޢަމަލުކުރާ ބައަކު ކަމުގައި ލެއްވުމެވެ. އާމީން.
ކޮމެންޓް (0)
ލޯޑް ކުރަމުން...