ވާހަކަ ( ވާހަކަ ) ގެއްލުނު އުފާވެރިކަން ( 10 ފަހުބައި )

( ވާހަކަ ) ގެއްލުނު އުފާވެރިކަން ( 10 ފަހުބައި )

( ވާހަކަ ) ގެއްލުނު އުފާވެރިކަން ( 10 ފަހުބައި )

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ދިހަވަނަބައި . . .

އަހަރެން ޖަވާބުގައި ބުނީ މަންމަމެންގެ ފަރާތުން މި ލިބުނު އުފާވެރި ޚަބަރުން އަހަރެންގެ ބަނޑު ފުރިފައި ވާކަމަށެވެ. އަދި ﷲގެ އިރާދަ ފުޅާއި އެކު މިރޭގެ ޢިޝާ ނަމާދަށް ފަހު މި ހެދިކާ ތައް ހުސްކުރަން އަންނާނެ ކަމަށް ބުނީމެވެ.

ގެއަށް ގޮސްވެސް އަހަރެންނަށް އުފަލުން ގޮސް އުޅެވޭ ނޫޅެވޭ ގޮތްވެސް ނޭނގުނެވެ. މިރޭ އެގެއަށް ގޮސް ދައްކާނީ ކޮން ވާހަކަ އެއް ކަމާއި ކުރާނީ ކޮން ކަމެއް ކަމާއި މެދު އަހަރެން ވިސްނީމެވެ. ތަފާތު ޚިޔާލު ތައް ވެރިވުމުން އަހަންނަށް ހަދާނެ ގޮތް ހުސްވި އެވެ. އެހެން ކަމުން ވުޟޫ ކޮށްލައިގެން އަނެއްކާވެސް އަހަރެން ދިޔައީ މިސްކިތަށެވެ.

މިސްކިތަށް އަރާ ނަމާދު ކޮށްލުމުން ތެޅިތެޅި އޮތް އަހަރެންގެ ހިތައް ތަސައްލީ ލިބި ހިތް ހަމަޖެހުނެވެ. އަހަރެން ތަކުރާރު ކޮށް އަހަރެންގެ ވެރި އިލާހަށް ޝުކުރު ވެރިވެ ޙަމްދާއި ޡަނާ ކީމެވެ. ނަމާދު ކޮށް އަވަދިވެގެން ޤުރުއާން ކިޔަވާން އިންދާ ޢިޝާ ނަމާދަށް ގޮވައިފި އެވެ. ނަމާދުކޮށް ނިމިގެން އެގެއަށް ދިޔުމަށް އަހަރެން ހިނގައި ގަތީ މުޙައްމަދާއި މިސްކިތުން ދިމާ ނުވުމުން ނުތަނަވަސް ކަމާއި އެކުގަ އެވެ.

އެގެ އަށް ގޮސް ވަނުމާއި އެކު ވާންއުޅޭ މައިދައިތަ އަހަރެން ގެންގޮސް ފުރަތަމަ ވެސް ވެއްދީ ކާގެ އަށެވެ. އެހެން ނަމަވެސް ހަވީރުގެ ހެދިކާ އެއް މިހާރު އެ މޭޒު މައްޗަކުން ފެންނާކަށް ނެތެވެ. ރޭގަނޑަށް ފިހެފައި ހުރި މަހާއި ކުކުޅާއި އެހެނިހެން ބާވަތް ބާވަތުގެ މީރު ވަހުން އަނެއްކާވެސް އަހަރެން ހަމަ ރަނގަޅަށް ވެސް ބަނޑު ފުރިއްޖެ އެވެ. އެހެން ކަމުން އަހަރެން މުޙައްމަދުގެ އަންހެނުންނަށް ބުނީމެވެ. މިހާ ގިނަ އެއްޗެތި ކާން އަނެއްކާ މިރޭ މިގެއަށް ބަޔަކު އަންނަނީ ހެއްޔެވެ؟

ޖަވާބުގައި ވާންއުޅޭ މައިދައިތަ ބުނީ މިއީ އޭނާގެ އަންހެން ދަރިފުޅުގެ ކަންތައް ކަމަށެވެ. އެހެން ކަމުން އިތުރަށް އެއްޗެކޭ ބުނާނެ ހިއްވަރެއް އަހަންނަކަށް ނުލިބުނެވެ. އެވަގުތު މުޙައްމަދު ވެސް އައިސް ކާގެ އަށް ވަދެއްޖެއެވެ.

މުޙައްމަދު ބުންޏެވެ. ކައިވެނީގެ ކަންތައްތައް މުޅިން ހަމަޖެހިއްޖެ އެވެ. އަހަރެން ބޭނުން ކޮންމެ ވަގުތަކުވެސް ކައިވެނި ކުރެވިދާނެ އެވެ. އަހަރެން ބުނީ އަހަންނަށް ވެގެން ވާނެ ނަމަ މިހާރު އަހަރެން ހުންނާނީ ކައިވެނި ކޮށްގެން ކަމަށެވެ. އެހެން ކަމުން މި މައްސަލަ ނިމުނީ މާދަމާ ކައިވެނީގެ ކަންކަން މުޅިން ނިންމުމަށެވެ. ވީ އެންމެ އަވަހަކަށް ކައިވެނި ކުރުމަށް މާދަމާގެ ހެނދުނު ކޯޓަށް ފޯމު ހުށަހަޅަން ބޭނުންވާތީ އަހަރެންގެ ސޮޔާއި އައިޑީ ކާޑުވެސް މުޙައްމަދާއި ޙަވާލު ކޮށްފީމެވެ.

މިއަދަކީ ކައިވެނީގެ ދުވަހެވެ. ހަފްތާއެއް ވަންދެން އަހަރެން ކުރި އިންތިޒާރުގެ ނިމުން އައިސް ޖެހުނު ދުވަހެވެ. އެހެން ކަމުން އަހަރެން އިންތިޒާރު ކުރަމުން ގެންދިޔައީ ކައިވެންޏަށް ފަހުގައި އަހަރެންގެ އަލަތު އަނބިމީހާ އަހަރެންނަށް ފެންނާނެ ވަގުތަކަށެވެ. މީގެ ކުރިން އަހަންނަށް އަހަރެންގެ ވާންއުޅޭ އަނބިމީހާ ފެނުނީ އެންމެ ފަހަރަކު އެވެ. އެއީ އެ މަންޖެގެ ކައިވެންޏަށް އަހަރެން އެދުމުގެ ކުރިންނެވެ. އޭގެ ފަހުން ދެމީހުން ބައްދަލު ވެފައި ވަނީ ކައިވެނީގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކޯހެއް ފުރިހަމަ ކުރުމަށް ޒުވާނުންގެ މަރުކަޒަށް ދިޔަ ދުވަހުއެވެ. އެހެންނަމަވެސް އެދުވަހު އޭނާ ހުރީ ވަރަށް ފުރިހަމަ އަށް ނިޤާބުނެ ނިވަލުގައި ފޮރުވިގެންނެވެ. މި ބުނާ ކޯހުގައި މަޢުލޫމާތު ދެމުން ގެންދިޔަ އިރު އަހަރެންގެ ހިތަށް އެރީ ސަހަރޯއެވެ. އެވާހަކަ ދެން ބާއްވަމާ ހެއްޔެވެ؟

އަހަރެމެންގެ ކައިވެނި ވެވިއްޖެ އެވެ. ކައިވެންޏަށް ފަހު ލައްކަ ވާހަކަ ދެކެވިއްޖެ އެވެ. އެންމެ ފުރަތަމަ އަހަންނާއި ދިމާވި ދުވަހުން ފެށިގެން އަހަންނަށް ވީކަހަލަ ގޮތްތަކެއް އަހަރެންގެ އަންހެނުންނަށް ވެސް ވީކަމާއި އޭނާވެސް އަހަންނާއި މެދު ޝައުޤުވެރިވީ ކަން އެނގުމުން ވަކީން ބޮޑަށް އުފާވިއެވެ. އަދި އޭނާގެ މަންމަ އާއި ބައްޕަ އާއި ދެމީހުން އެއްވެއްޖެ ނަމަ އަބަދުވެސް އަހަރެންގެ ރަނގަޅު ވާހަކަ ދައްކާ ކަމަށް ބުނެ އަހަރެންގެ އަންހެނުންގެ ދުލުން އިވުނު ތަޢުރީފުގެ ބަސްތަކުން ހިތަށް ވެރިވީ އުފާވެރިކަން ވަކިން ކުޑައެއް ނޫނެވެ. އެންމެ ފަހުން އޭނާ ހުއްޓުވާން ޖެހުނީ ލޮލަށް ވެލި ޖަހާން ޖެހިދާނެ ކަމުގެ އިންޒާރު ދީގެންނެވެ. އެހާވަރަށް ތަޢުރީފު ކުރާން އޭނާ ހުރީ ތައްޔާރު ވެގެންނެވެ.

އަހަރެމެންގެ ކައިވެންޏަށް ދޮޅު އަހަރު ވީއިރު އަހަރެން މިވަނީ ބައްޕަ އަކަށް ވެފައެވެ. އަހަރެންގެ ލޯބިވާ އަނބިމީހާ އާއި އެކުގައި ހޭދަކުރަމުން މިގެންދާ ދުވަސް ތަކަކީ އަހަރެންގެ ޙަޔާތުގައި މިހާތަނަށް ހޭދަ ކުރެވޭ އެންމެ އުފާވެރި އެންމެ ހިތްގައިމު ދުވަސް ތަކެވެ. މިހާރު އަހަންނަކީ ދުނިޔެ ދެކެ ފޫހިވެގެން ދުނިޔެ އަޅާ ދިޔުމަށް މަސައްކަތް ކުރި މީހެކޭ އެއްވެސް މީހަކު ނުބުނާނެ އެވެ. މިހާރު އަހަރެންގެ އުފަލަކީ ﷲ އާއި އެކަލާންގެ ނަބިއްޔާގެ އިތުރުން އަހަރެންގެ އާއިލާ އެވެ. މިހާރު އަހަންނަކީ މުޅި ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހާއެވެ. ޖިސްމާނީ ގޮތުންނާއި ރޫޙާނީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި އެހެނިހެން ހުރިހާ ގޮތަކުން ވެސް ﷲ މިވަނީ އަހަރެންނަށް އުފާވެރިކަން ދެއްވާފައެވެ. ﷲ ވަނީ އަހަރެންގެ ފުރާނަ އާއި އަހަރެންގެ އަތުން ގެއްލިދިޔަ ތަނަވަސްކަން އަހަންނަށް އަނބުރާ ދެއްވާފައެވެ. މިހާރު އަހަންނަކީ މުޅިން އެހެން މީހެކެވެ. މާތް ﷲ އަހަރެންގެ މި އުފާވެރިކަން ތާ އަބަދަށް ލަހައްޓަވާށި އެވެ. އާމީން!!!

ނިމުނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.