ނުވަވަނަބައި . . .
ގެއަށްވަދެ ވުޟޫ ކޮށްލައިގެން އަވަހަށް މިސްކިތަށް ގޮސް ނަމާދުކޮށް ދުޢާ ކުރަން ފެށީމެވެ. ﷲ އަހަރެންގެ މި ދުޢާ އައްސަވާ ވޮޑިގެން އަހަރެންގެ ދުޢާ އިޖާބަ ކޮށްދެއްވާތޯ އެތައް އިރަކު ދުޢާކުރުމުން އަހަރެންގެ ހިތައް ތަސައްލީ ލިބުނެވެ.
އެހެން ނަމަވެސް އަހަރެން މިސްކިތް ދޫކޮށް އެނބުރި ގެއަށް ދާހިތެއް ނުވިއެވެ. ކުރީގެ ޙާލަތަށް އަހަރެން ދެނެއް ރުޖޫޢައެއް ނުވާނަމެވެ. ﷲ ވަނީ އަހަރެން އަމިއްލަ އަށް ކުރާން އުޅުނު އެ ބޮޑު ފާފައިން އަހަރެން ސަލާމަތް ކުރައްވާ އަހަރެންގެ ފުރާނަ އަހަންނަށް ދެއްވާފައެވެ. ދެން އަހަރެން އެކަލާނގެއާއި ހިނދުކޮޅަކަށް ވެސް ދުރަކަށް ނުދާނަމެވެ. މި ޚިޔާލު ތަކާއި ދުރަށް ދިޔުމަށް އަހަރެން ނިންމީ މިހާރު ބޭނުން ކުރަމުން މިދާ ތަޤުވާގެ ބޭހުގެ ބާރު އިހުނަށް ވުރެވެސް ގަދަކޮށްލުމަށެވެ. އެހެން ކަމުން މުސްޙަފެއް ހިފައިގެން އައިސް ޤުރުއާން ކިޔަވަން ފެށުމާއި އެކު އެހެން ހުރިހާ ނުބައި ވަސްވާސް ތަކުން ﷲ އަހަރެން ސަލާމަތް ކުރައްވައިފިއެވެ.
އަހަންނަށް ހޭވެރި ކަމެއްވީ ޖެހިގެން އައި މަޣުރިބު ނަމާދުގެ ވަގުތު ޖެހުމާއި އެކު އިމާމު މީހާ ބަންގި ދޭން ފެށުމުން ނެވެ. ޖަމާޢަތުގައި ނަމާދު ކޮށްލައިގެން މިސްކިތުން ފައިބަނިކޮށް މީހަކު އަހަރެންގެ ނަމުން ގޮވާލުމުން އެނބުރި ބަލާލި އިރު މުޙައްމަދު އަހަންނާއި ދިމާއަށް ހުރެ އަންނަނީއެވެ. މުޙައްމަދުގެ ސަލާމަށް އަހަރެން ޖަވާބު ދިނުމުން ސައިތައްޓެއް ބޯލުމަށް އެގެއަށް ދިޔުމަށް އަހަންނަށް ދަޢުވަތު ދިނެވެ. އަހަރެން ވެސް ދަޢުވަތު ޤަބޫލު ކޮށް މުޙައްމަދާއި އެކު އެ ގެޔަށް ދިޔައީމެވެ. ދިޔަ މަގުމަތީގައި މާގިނަ ވާހަކައެއް ނުދެކެވެއެވެ.
މުޙައްމަދު އަހަރެން ގޮވައިގެން ގޮސް އެ ގެއަށް ވަނުމާއި އެކު ކާތަކެތީގެ މީރު ވަހުން އަހަރެންގެ ބަނޑު ފުރުނު ފަދައެވެ. ވީ ވެސް ހަމަ އެހެންނެވެ. ހީވަނީ އަލަތު ކައިވެންޏެއްގެ ސައި ހަދާފައި އޮތް ހެންނެވެ. މިއީ މުޙައްމަދުގެ އާދައެއް ނޫނެވެ. އެހެން ކަމުން މިހާ ގިނަ ތަކެތި އެއް މޭޒަކުން ފެނުމުން ކޮންމެވެސް ބޮޑު ކަމެއް ހިނގައިފި ކަމުގެ އިޙުސާސް އަހަންނަށް ކުރެވުނެވެ. އެވަގުތު ހިނިތުންވެ ހުރެ މުޙައްމަދުގެ އަންހެނުން އައިސް އަހަރެމެންނަށް ސައި އަޅައިދޭން ފެށިއެވެ. އަދި ބުންޏެވެ ! މިއީ އަހަންނަށް ސައިދިނުމަށް ޢާއިޝާ ތައްޔާރު ކޮށްފައިވާ ތަކެއްޗެވެ. އެވަގުތު ނޭނގޭ އުފާވެރި ކަމުގެ ރާޅެއް އަހަރެންގެ ހަށިގަނޑުގެ ތެރެއަށް މުގުރާލި ފަދައެވެ.
މުޙައްމަދު އޭނާގެ ވާހަކަ ފެށިއެވެ! އަހަރެންގެ އެދުމަކަށް ޖަވާބު ދިނުމަށް އޭނާ އަށް މާ ގިނަ ވަގުތު ބޭނުން ނުވާ ކަމަށް ބުންޏެވެ. އެހެން ނަމަވެސް ވަގުތުން ޖަވާބެއް ނުދިނީ އޭނާގެ ދަރިފުޅާއި އަނބިމީހާގެ މަޝްވަރާ އެއް ނެތި މިހާ ބޮޑު ކަމަކަށް އާނއެކޭ ބުނަން ބޭނުން ނުވާތީ ކަމަށް މުޙައްމަދު ބުންޏެވެ. އަދި އަހަރެންގެ އެދުމަކީ އޭނާގެ ދަރިފުޅުގެ ވެސް އެދުން ކަމަށާއި، އެކަމަށް އޭނާގެ ދަރިފުޅާއި އަނބި މީހާގެ އިތުރުން އޭނާވެސް ރުހޭ ކަމަށް ބުންޏެވެ. އެވަގުތު އަހަންނަށް ދުނިޔެ ރަންވި ފަދައެވެ. އަހަރެންގެ ބަނޑު ފުރުނު ފަދަ އެވެ. އަހަރެންނަށް މުޅި ދުނިޔެ މިލްކުވީ ފަދައެވެ.
އެވަގުތު އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ! އަހަރެން ދިޔައީ ހިތާހިތުން ﷲގެ ރަޙުމަތަށް ޝުކުރު ކޮށް އެކަލާންގެ އަށް ޙަމްދު ކުރަމުން ނެވެ. މިކަމަށް އަހަރެން ބޭނުން ވެފައިވާ މިންވަރު މުޙައްމަދާއި އޭނާގެ އަންހެނުންނަށް ސާބިތު ކޮށްދިނީ އަހަރެންގެ ލޮލުން ނިރާލި ކަރުނައިން ނެވެ.
އަވަސް އަވަހަށް ދެލޯ ފުހެލުމަށް ފަހު އަހަރެން ތެދުވީމެވެ. އޭރު އެތަނުން ދެތިން ހެދިކާ އެއް ވެސް އަހަންނަށް ކާ ނުލެވޭކަން އެނގުނީ ވާން އުޅޭ މައިދައިތަ ފުރަތަމަ ފަހަރަށް ދަރިފުޅާ ނުކައި ދަނީހޭ ކިޔާފައި ގޮވާލުމުން ނެވެ. އަހަރެން ޖަވާބުގައި ބުނީ މަންމަމެންގެ ފަރާތުން މި ލިބުނު އުފާވެރި ޚަބަރުން އަހަރެންގެ ބަނޑު ފުރިފައި ވާކަމަށެވެ. އަދި ﷲގެ އިރާދަ ފުޅާއި އެކު މިރޭގެ ޢިޝާ ނަމާދަށް ފަހު މި ހެދިކާ ތައް ހުސްކުރަން އަންނާނެ ކަމަށް ބުނީމެވެ.
ނުނިމޭ . . .
ކޮމެންޓް (0)
ލޯޑް ކުރަމުން...