އަށްވަނަބައި . . .
ކުއްލި އަކަށް މުޙައްމަދު މި އަމުނާލި ސުވާލު ފަތިން އަހަންނަށް ވެސް ޖެހުނީ އިރުކޮޅެއް ވަންދެން ވިސްނާލާށެވެ. އަދި އެއަށްފަހު ޖަވާބު ދިނީމެވެ! އަހަރެން އަދި އިންނާކަށް ވަކި ކުއްޖަކު ހަމައެއް ނުޖައްސަމެވެ. އެކަން ވެސް މި ޙަވާލު ކުރަނީ މުޙައްމަދާއެވެ. މުޙައްމަދަކީ މިހާރު އަހަރެން އެންމެ އިތުބާރު ކުރާ މީހާއެވެ. މުޙައްމަދުގެ ފުށުން އަހަންނަށް ގެއްލުމެއް ނުލިބޭނެ ކަން އަހަންނަށް ޔަޤީނެވެ.
މުޙައްމަދު ބުންޏެވެ. ތިމަންނާ އަށް ޔަޤީން ކަމެއް ދެވޭނީ ތިމަންނާގެ އަމިއްލަ ނަފްސާއި މެދުގައެވެ. މުޙައްމަދު ހަމަޖެއްސިޔަސް އެހެން މީހަކު އަހަންނަށް ގެއްލުމެއް ނުދޭނެ ކަމުގެ ޔަޤީންކަން މުޙައްމަދަށް ނުދެވޭނެ އެވެ.
އަހަރެން ބުނީމެވެ! އެހެން ވިއްޔާ އަހަރެން އެދޭ ގޮތަށް އަހަރެންގެ މި ކައިވެނި މުޙައްމަދުގެ އަންހެން ދަރިފުޅާއި ހަމަޖައްސައި ދީފާނަން ހެއްޔެވެ؟ އަހަރެން އޭނާ އަށް ދުވަހަކު ވެސް ދެރަގޮތެއް ނުހަދާނަމެވެ. އަދި އަހަރެން ދުނިޔޭގައި ހުރިހާ ހިނދަކު އޭނާއަށް ދެރަގޮތެއް ވިޔަކަ ވެސް ނުދޭނަމެވެ. މިއީ އަހަރެން މުޙައްމަދުގެ ކިބައިން އެދޭނެ އެންމެ ފަހުގެ އެދުމެވެ. އަހަންނަށް ޓަކާ ހިތުގައި ބުރަކަމެއް ނުބާއްވާ މިކަން ކޮށްދެވިދާނެ ހެއްޔެވެ؟
އެވަގުތު މުޙައްމަދުގެ މޫނު މައްޗަށް އެ އެރި ކުލަވަރަކީ އަހަރެން ދުވަހަކު ވެސް ދެކުނު ކުލަވަރެއް ނޫނެވެ. އެހާ ހިއްވަރު ކޮށްފައި އެވާހަކަ މުޙައްމަދުގެ ގާތުގައި ބުނެވުމުން އަހަރެން ހިތްހަމަ ޖެހުނު ނަމަވެސް ދެން ފަހުން ގަތް ބިރު މާ ބޮޑުވިއެވެ. އެވަގުތު އަހަރެންގެ ހިތަށް އެރީ މުޙައްމަދު އަހަރެންގެ މޫނުމަތީ ތަފާލެއް ޖަހާނެއެވެ. ނޫނީ އެކަމަށް ރުހުން ނުދޭނެ އެވެ. ނޫނީ އަހަރެންގެ ގޮތެއް ނެތް ނެތްކަމާއި މެދު މަލާމާތް ކުރާނެ އެވެ. ނޫނީ އޭނާގެ އިހުސާންތެރި ކަމުގެ ބަދަލުގައި އަހަރެންގެ ފަރާތުން މި އަޑު އިވުނު ގޮތެއް ނެތް ވާހަކައިގެ ސަބަބުން އަހަންނާއި ގުޅުން ކަނޑާލާނެ އެވެ.
މިފަދަ ޚިޔާލު ތަކުން ބޭރަށް އަހަންނަށް ނުކުމެވުނީ މުޙައްމަދުގެ އަޑަށެވެ. އޭނާގެ މޫނުމަތީގައި ވަނީ މާޔޫސް ކަމެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން އޭނާގެ މޫނުމަތިން ފެނުނު އުފާވެރި ކަމެއް މިހާރު ފެންނާކަށް ނެތެވެ. މުޙައްމަދު ބުންޏެވެ. އޭނާ އަކީ ވަރަށް ނިކަމެތި މީހެކެވެ. އެހެނެއް ކަމަކު އަހަރެންގެ މި އެދުމަށް ގޮތެއް ނިންމާން އެނގޭނީ އާއިލާ އާއި މަޝްވަރާ ކޮށްލުމަށް ފަހުގަ އެވެ. އަދި އަހަރެންގެ އަތަށް ކުރިން ދިން ފައިސާ ކޮތަޅު އަނބުރާ ދީފައި ބުންޏެވެ. މި ބަހައްޓާށެވެ. އަހަރެންގެ އާޢިލާއިން މިކަމާއި މެދު އާނބަސް ބުނެފި ނަމަ އަހަރެންގެ އަންހެން ދަރީގެ ކައިވެނީގެ ކަންކަން އަހަންނަށް ވީވަރަކުން ހަމަޖައްސާނީ އަހަންނެވެ. އިތުރު އެހީތެރި ކަމެއް ބޭނުން ވެއްޖެ ނަމަ ބުނާނަމެވެ.
ކޮންމެ އަކަސް މުޙައްމަދުގެ އެ ޖަވާބުން އަހަރެން ހިތްހަމަ ޖެހިއްޖެ އެވެ. ނޭނގޭ އުފާވެރި ކަމެއް އިޙުސާސް ވެއްޖެ އެވެ. އަހަރެން މުޙައްމަދަށް ޝުކުރު އަދާކުރީމެވެ. އަދި ބުނީމެވެ. މުޙައްމަދުގެ ޖަވާބަކަށް އަހަރެން އިންތިޒާރު ކުރާނަމެވެ. އަހަންނަކަށް އެހާ ވަގުތެއް ނެތެވެ! އަހަންނަކީ ޙަޔާތުގެ ބޮޑެބައެއް ބޭކާރު ގޮތުގައި އިސްރާފު ކޮށްލާފައިވާ މީހަކީމެވެ. އެހެން ކަމުން ޙަޔާތުގެ ބާކީ މި ލިބުނު މަދު ވަގުތު ކޮޅުގައި ޙާޞިލު ކުރާން ބޭނުންވާ އެތައް ކަމެއް ހުރީތީ އާއި އަހަރެންގެ ޙަޔާތުން ބޭކާރުވީ ބައިން އާޚިރަތަށް ލިބޭނެ ގެއްލުމުން ސަލާމަތްވާން އަހަރެން ބޭނުން ވާތީ ވީ އެންމެ އަވަހަކަށް އަހަރެންނަށް މިކަމަށް ޖަވާބެއް ދޭށެވެ. އޭރުން ދެން ހުރި ކަންކަމަށް އަހަންނަށް އެނބުރި ލެވޭނެއެވެ.
އަހަންނަށް ފެނުނީ މާޔޫސް ވެފައިވެފައިވާ ޙާލު މުޙައްމަދު އެނބުރި ދިޔަ ތަނެވެ. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ މުޙައްމަދުގެ ފަރާތުން ޖަވާބެއް ލިބޭނެ ވަގުތަކަށެވެ. އެހެންނަމަވެސް ނޭނގޭ ބިރުވެރި ކަމެއް އަހަރެންގެ ހިތުގެ ތެރޭގައި ދިޔައީ އެނބުރެމުން ނެވެ. އެހެން ކަމުން އަހަންނަށް ލިބެމުން ދިޔަ ނުތަނަވަސްކަން ފިލުވާލަން އަހަރެން މިހާރު ބޭނުން ކުރާ އެންމެ މޮޅު ބޭސް ބޭނުން ކުރުމަށް އަހަރެން ނިންމީމެވެ. ގެއަށްވަދެ ވުޟޫ ކޮށްލައިގެން އަވަހަށް މިސްކިތަށް ގޮސް ނަމާދުކޮށް ދުޢާ ކުރަން ފެށީމެވެ. ﷲ އަހަރެންގެ މި ދުޢާ އައްސަވާ ވޮޑިގެން އަހަރެންގެ ދުޢާ އިޖާބަ ކޮށްދެއްވާތޯ އެތައް އިރަކު ދުޢާކުރުމުން އަހަރެންގެ ހިތައް ތަސައްލީ ލިބުނެވެ.
ނުނިމޭ . . .
ކޮމެންޓް (0)
ލޯޑް ކުރަމުން...