ފަސްވަނަބައި . . .
އަހަންނާއި އެކު އަހަރެންގެ ގެއަށް ހިނގާށެވެ. ތިބާގެ ވާހަކަ ތައް އަޑު އަހާލަން އަހަރެން ވަރަށް ޝައުޤުވެރި ވެއްޖެ އެވެ. އަހަންނާއި އެކު އަހަރެންގެ ގެއަށް ގޮސް ސައިތައްޓެއް ބޯލަން ހިނގާށެވެ.
ކޮންމެ އަކަސް ކުރާނެ އިތުރު ކަމެއް ހަދާނެ އިތުރު ގޮތެއް ނޭނގިފައި ހުރި ޙާލު އަހަރެން އޭނާ އާއި އެކު ހިނގައިގަތީ މި ނުދަންނަ މީހާގެ ގެއަށް ދިޔުމަށެވެ. އަހަންނަކީ ޢާއްމު ކޮށް ނުދަންނަ މީހުންނާއި ވާހަކަ ދައްކާ ހަދާ މީހަކަށް ނުވިޔަސް އަދި ނުދަންނަ މީހެއްގެ ގެއިން ދުވަހަކު ވެސް އެއްޗެއް ކައިބޮއި ހަދާފައި ނުވިޔަސް އަހަންނަށް މިއަދު އޭނާގެ ދަޢުވަތު ޤަބޫލު ކުރެވިއްޖެ އެވެ.
ކޮންމެ އަކަސް އަލަށް މި ލިބުނު ރަޙުމަތްތެރިޔާ އާއި އެކު އޭނާ ދިރިއުޅޭ ގެއަށް އަހަރެން ދިޔައިރު، އޭނާގެ އަންހެނުން ސައި ހަދައިގެން އިންތިޒާރުގައި ހުއްޓެވެ. އެވަގުތު އޭނާ މިއަދު މި އައީ ރައްޓެއްސަކު ގޮވައިގެން ކަމަށާއި އިތުރު ސައިތައްޓެއް ހަދައިދިނުމަށް އަނބިމީހާގެ ކިބައިން އެދުނެވެ. އޭނާވެސް އުފާވެރި މޫނަކާއިގެން ލައްބަ އޭ ބުނެ ބަދިގެ ތެރެއަށް ވަދެއްޖެ އެވެ.
ސަޔަށް އިންސާފު ކުރަމުން ދިޔަ އިރު އަހަރެންގެ ވާހަކަ ފެށިގެން ނިޔަލަށް ޚުލާސާކޮށް އަހަރެން ކިޔައި ދިނީމެވެ. އަހަރެންގެ ވާހަކަ ނިމުމުން އޭނާ އަހަންނަށް ހިއްވަރު ދިނެވެ. އަދި ދުނިޔޭގައި އުޅޭއިރު އިމްތިޙާނު ކުރެވޭކެ ކަމާޢި އެފަދަ ވަގުތު ތަކުގައި ކަން ކުރާން ޖެހޭ ގޮތް އޮޅުން ފިލުވައި ދިނެވެ. އަދި އަހަރެންގެ ގޯތީގެ މައްސަލާގައި އެހީތެރިވުމަށް އޭނާ ހުށަހެޅިއެވެ. އަދި އެކަމަށް އެއްވެސް އަގެއް ބޭނުން ނުވާ ކަމަށާއި، ކޯޓަށް ދާން ޖެހޭ ގަޑިއަށް އަހަންނާއި އެކުގައި ކޯޓަށް ދާނެ ކަމަށް އޭނާ ބުންޏެވެ.
އަހަރެންގެ އާ ރަޙުމަތްތެރިޔާ އޭނާގެ ކުޑަ ތަޢާރަފެއް އަހަންނަށް ދިނެވެ. އޭނާގެ ނަމަކީ މުޙައްމަދު ކަމާއި އޭނާ އަކީ ރާއްޖެތެރޭ މީހެއް ކަމާއި އޭނާ މާލޭގައި ދިރިއުޅެނީ އާމްދަނީ ހޯދުމާއި އެކު އޭނާގެ ހުރި ހަމައެކަނި ދަރިފުޅަށް ރަނގަޅު ތަޢުލީމެއް ދިނުމަށް ކަމަށް ބުންޏެވެ. އަދި އޭނާ އަކީ ޝަރުޢީ ކޯޓު ތަކުގައި ވަކާލާތު ކޮށްއުޅޭ ޤާނޫނީ ވަކީލަކަށް ވާތީ އޭނާ އަށް ވެސް ހުށަހެޅޭ ރިޝްވަތު ތަކާއި ކަންކަމަށް އާއެކޭ ބުނި ނަމަ ދުނިޔެމަތީގައި ތަނަވަސް ކަން ހޯދެން އޮތަސް އާޚިރަތް ދުވަހުން ﷲގެ ދަރުބާރުގައި ޖަވާބުދާރީ ވާން ޖެހޭނެތީ އެކަންކަމަށް ދެކޮޅު ހަދަނީ ކަމުގައި ބުންޏެވެ. އަދި އެއްވެސް މީހެއްގެ އަތުން އަގު ކިޔައިގެން ފައިސާ ނުނަގާ ކަމަށާއި، މައްސަލަ އެއް ކާމިޔާބު ވުމުން މީހަކު ހެޔޮ ނިޔަތުގައި ދީފި އެއްޗެއް ނޫނީ ޤަބޫލު ނުކުރާ ކަމަށް މުޙައްމަދު ބުންޏެވެ.
މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލު ކަމާއި ތިމާގެ އަޚާގެ ހަށިގަނޑުގައި ވޭން އަޅަނިކޮށް އެތަން ފެނިހުރެމެ އަޅާނުލާ ތިމާ އުފަލުގައި އުޅުމަކީ މުސްލިމުންގެ ސިފައެއް ނޫން ކަމަށް މުޙައްމަދު ބުންޏެވެ. އަދި އަހަރެންގެ މައްސަލަ އާއި ގުޅޭ އެއްވެސް ލިޔެކިޔުމެއް ހުރި ނަމަ އެތަކެތި ގެނެސްދިނުމަށް މުޙައްމަދު އެދުނެވެ.
ކޮންމެ އަކަސް މުޙައްމަދުގެ އެދުމަށް އަހަރެން ލިޔެކިޔުންތައް މުޙައްމަދާއި ޙަވާލު ކޮށްފީމެވެ. މައްސަލައިގެ ފުރަތަމަ އަޑު އެހުމުގައި މުޙައްމަދު އެދުނީ މައްސަލަ ދިރާސާ ކުރާން އެކަށީގެންވާ ވަގުތު ދިނުމަށެވެ. އެހެން ކަމުން ކޯޓުން މުޙައްމަދަށް ތިރީސް ދުވަހުގެ މުހުލަތެއް ދިނެވެ.
މުޙައްމަދު އަހަންނަށް ލަފާ ދިނީ އެ ލޯނަކީ އަހަރެން ނަގާފައިވާ ލޯނަކަށް ވާތީ އެ ލޯނަށް ފައިސާ ދެއްކުމުން ނޫނީ ބެންކުން ސަލާމަތް ނުވާނެ ކަމަށެވެ. އަދި މިއީ ބެންކުން ދޫކުރާ ރިބާ ހިމެނޭ ލޯނު ނަގާ ގިނަ ބަޔަކަށް މެދުވެރިވާ ގޮތެއް ކަމަށާއި، އެފަދަ ގިނަ މީހުން ބަނގުރޫޓުވެ ނިމިގެން ދަނީ ވަރަށް ހިތްދަތި ގޮތްގޮތަށް ކަމުގައި ބުންޏެވެ. އަދި އަހަރެންނަށް އޮތީ ދެ ގޮތެއް ކަމަށާއި، އެއްގޮތަކީ ގޯތިން ބައެއް ވިއްކާލައިގެން ލޯނުދެއްކުން ކަމުގައި ބުންޏެވެ. އަދި އަނެއް ގޮތަކީ ދިގު މުއްދަތަކަށް އެހެން ބަޔަކަށް ގޯތި ކުއްޔަށް ދީގެން ފައިސާ ދައްކަމުން ދިޔުން ކަމަށާއި، ބެންކުން އެގޮތަށް ރުހޭ ނަމަ އެއީ މާ ފަސޭހަ ގޮތެއް ކަމަށް ބުންޏެވެ.
ނުނިމޭ . . .
ކޮމެންޓް (0)
ލޯޑް ކުރަމުން...