މިފަހުގެ ތާރީހެއްގައި ދިވެހިން އެންމެ ނާމާންކަމާއެކު ތަޖުރިބާ ކުރިދުވަހަކަށްވާނީ ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާކަން ކަށަވަރެވެ. މިހަމަލާގައި އިސްކޮށް ހުރިކަމަށް ތަހުގީގަށް ސާބިތުވެފައިވާ ހ.ހާޖަރާގޭ ލުތުފީވަނީ "ރާޑަރުން" ގެއްލިފައެވެ. އަދި ދެން އެންމެ އިސްކޮށް ހުރިކަމަށްބެލެވޭ ސ.ހިތަދޫ ޕެރިސްހޮލިޑޭ ސަގަރު ނާސިރުވަނީ ދާދި އިހަކަށްދުވަހު މިނިވަންވެފައެވެ.
މިނިވަންވުމަށްފަހު ސަގަރު ނާސިރުވަނީ ވަރަށް އާދަޔާ ހިލާފު ވާހަކައެއް ދައްކާފައެވެ. އެއީ އޭނާ އުދުވާނުގައި ބައިވެރިކުރީ އޮޅުވާލައިގެން ކަމަށެވެ. މިކަން ގިނަ މީހުނަށް ގަބޫލުކުރެވުނަސް އަޅުގަނޑު މިކަން ގަބޫލެއް ނުކުރަމެވެ. ސަބަބަކީ މި ލިޔުން ލިޔުމަށްޓަކާ އަޅުގަނޑު ހޯދި ހޯދުންތަކެވެ.
އަޅުގަނޑު ކުރި ދިރާސާއިން އެނގުނު ގޮތުގައި މީނާ މިއުޅުނީ މި އުދުވާނުގެ އަސްލު ފޮރުވާށެވެ. މީނާ ބުނާގޮތުން މީނާއަށް ހަނގުރާމާގައި ބައިވެރިވުން ނޫންއެހެން ގޮތެއްނެތެވެ. ސަބަބަކީ ޕްލޮޓް ޖަމާއަތުން މީނާ މަރާލާނެތީއެވެ. ނަމަވެސް މީނާ އެމީހުން ދެކެ އެހާ ރުޅިއައިސް ނަފްރަތު ކުރާނަމަ އެމީހުންގެ ކޭމްޕްގައި އެމީހުންނާއެކު ކުޅިވަރުކުޅެ ހަދާނެ ހެއްޔެވެ؟
މީނާގެ ވާހަކަތައް ހުރިގޮތުން ނަމަ މީނާ މާލެ ގެނައީ އެމީހުން އައި ބޯޓުގެ އިންޖީނިއަރެއްގެ ގޮތުގައެވެ. ގަތްބިރެއްގެ ބޮޑުކަމުން އަދި މަރާލާނެތީ މީނާ މީހުން ރަހީނުކުރީ ލުތުފީގެ އަމުރަށެވެ. ނަމަވެސް ބިރުގަނެފަ ހުރިނަމަ މާލޭ މަގުމަތީގައި "ދާދާ"ވެފައި ތަންތަނަށް ބަޑިޖަހައި މީހުންނަށް އަނިޔާ ކުރާނެ ހެއްޔެވެ؟ އަދި މިސްކިތަށްއަރާ މާލެ ކުދިކުދި ކޮށްލެވޭހާ ހަތިޔާރު ހުރިކަމަށް ބުނެ އިންޒާރުދީ ފިހާރަތައް ލޫޓުވާ މީހުން ރަހީނު ކުރާނެ ހެއްޔެވެ؟ މިހިސާބުން މާ ސީރިއަސްވުމުން މަޖާކަމެއް ފާހަގަ ކޮށްލާނަމެވެ. އެއީ މި އުދުވާނުގައި އޭނަ އެންމެ ދެރަވީ ހުދު އޭނާ ރަހީނު ކޮށްލި ދިވެއްސެއްގެ ބޮލަށް ބަޑިޖެހުމުން ކަމަށެވެ. ދެން މިހިސާބުންވެސް މީނާ މިހަދަނީ ރޯބުހުތާން ދޮގުކަން ހާމަވެގެން ދާނެއެވެ.
19ދިވެހި ރައްޔިތެއް ޝަހީދުވެގެން ދިޔަ މިހާދިސާގައި ދުނިޔެ ދޫކުރި ޝަހީދުންގެ މަތިން އަދި މިގައުމު ހަނދާން ނުނެތެއެވެ. އަދި ސަގަރު ނާސިރާއި ލުތުފީ މާލޭގައި އުޅުނު ގޮތްވެސް ދުށްމީހުން އަދި ދުނިޔޭގައި އެބަތިއްބެވެ. އަޅުގަނޑުގެ އެދުމަކީ ސަގަރު ނާސިރު އަވަހަށް މީގެ ސާފު ސީދާ ހަގީގަތް ހާމަކޮށްދީ މައާފަށް އެދުމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...