ދުނިޔެ މެސީވެސް ޣައްޒާ އާއި އެކު ؟

މެސީވެސް ޣައްޒާ އާއި އެކު ؟

މެސީވެސް ޣައްޒާ އާއި އެކު ؟

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ނިމިދިޔަ ވޯލްޑް ކަޕުގައި އާޖެންޓީނާ އަށް ސަޕޯޓު ކުރުމާއި މެދު ގޮތެއް ނިންމުމަށް ދިވެހިންނަށް އެންމެ ބޮޑަށް އުނދަގޫވީ، އާޖެންޓީނާގެ މަޝްހޫރު ތަރި ލިއޮނެލް މެސީ އިޒްރޭލުގެ ވެރިންނާއި އެކު ނަގާފައިވާ ފޮޓޯތަކެއް އިންޓަރނެޓުގައި ޢާއްމު ވުމާއި ގުޅިގެންނެވެ. މިއާއި އެކު މެސީ އަކީ އިޒްރޭލުގެ އެޖެންޓެއް ކަމަށްބުނެ އެއްބަޔަކު އާޖެންޓީނާ އާއި ދެކޮޅަށް ނުކުތްއިރު، އަނެއްބަޔަކު ގެންދިޔައީ މެސީ ފަލަސްޠީނުގެ ދިދަޖެހި ޓީޝާޓެއް ހިފައިގެން ހުރި ފޮޓޯއެއް ހިފައިގެން މެސީހުރީ ފަލަސްޠީނާއި އެކު ކަމަށްބުނެ އެއަށް ރައްދު ދެމުންނެވެ.

އެހެން ނަމަވެސް އާޖެންޓީނާ އާއި ދެކޮޅު ސަޕޯޓަރުން ހަމަ މެސީގެ އެ ފޮޓޯގެ އެ ޓީޝާޓުގައި އިޒްރޭލުގެ ދިދަ ޖަހައިގެން އެއަށް ރައްދު ދިނުމުން ގިނަ ބަޔަކަށް ވަނީ އަސްލު މެސީ ހުރީ ކޮން ފަޅިއެއްގައި ކަން އޮޅި ސަޕޯޓް ކުރާނެ ކޮޅެއް ނިންމުމަށް އުނދަގޫވެފައެވެ. މެސީއަކީ ޔުނިސެފްގެ ގުޑްވިލް އެންބެސެޑަރެއް ނަމަވެސް ފަލަސްޠީނު އިޒްރޭލު މައްސަލާގައި މީގެ ކުރިން އޭނާ ޚިޔާރު ކޮށްފައި ވަނީ ހަނު ހުރުމެވެ. އެހެން ނަމަވެސް ކެތްތެރިކަން ކޮޅުންލައި އެންމެ ފަހުން މެސީ ހުރީ ފަލަސްޠީނާއި އެކުގައި ކަމަށް ފުރަތަމަ ފަހަރަށް އޭނާ މިވަނީ ހާމަކޮށްފައެވެ.

ޣައްޒާގެ މައްސަލާގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން މެސީ އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ބުނީ ބައިނަލް އަޤްވާމީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރާ ޖަމިއްޔާ ޔުނިސެފްގެ ގުޑްވިލް އެންބެސެޑަރެއްގެ އިތުރުން ތުއްތު ދަރިއެއްގެ ބައްޕައެއްގެ ޙައިސިއްޔަތުން ޣައްޒާގައި އަނިޔާ ލިބެމުން ޝަހީދުވަމުންދާ ކުޑަކުދިންނާއި މެދު އިންތިހާއަށް ހިތާމަ ކުރާކަމަށެވެ. މެސީބުނީ ކޮންމެ ދުވަހަކު ޣައްޒާއިން ފެންނަ މަންޒަރުތަކުން ވަކިން ޚާއްޞަކޮށް ކުޑަކުދިންނަށް ބޮޑެތި އަނިޔާތައް ލިބިފައިވާ މަންޒަރުތައް ފެނުމުން ވަރަށް އަސަރު ކުރާ ކަމަށާއި، އެއްވެސް ފަރާތަކުން އަނިޔާވެރި ޢަމަލުތައް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މެސީބުނީ ހަމަނުޖެހުން ތަކުގައި މިހާރުވެސް މާގިނަ ކުޑަކުދިން ޝަހީދު ކޮށްލެވިފައި ވާކަމަށާއި، އެއަށްވުރެ ގިނަ ކުޑަކުދިންނަށް އަނިޔާވެފައި ވާކަމަށެވެ. އެހެން ކަމުން ހަމަނުޖެހުންތައް ހުއްޓާލުމަށް ވެސް މެސީވަނީ ގޮވާލާފައެވެ. 68 މިލިޔަނަށްވުރެ ގިނަ މީހުން ލައިކް ދީފައިވާ މެސީގެ ރަސްމީ ފޭސްބުކް އެކައުންޓް މެދުވެރިކޮށް އޭނާ މިކަމަށް ގޮވާލުމުން ޒަޔަނިސްޓް ޔަހޫދީން ވަނީ ކޮމެންޓް މެދުވެރިކޮށް މެސީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މެސީގެ ފޭސްބުކް ސްޓޭޓަސް

މެސީގެ ފޭސްބުކް ސްޓޭޓަސް

މެސީ ބުނީ މި ހަމަނުޖެހުން ތަކަކީ ޣައްޒާގެ ނިކަމެތި ތުއްތު ކުދިން އުފެއްދި ހަމަނުޖެހުން ތަކެއް ނޫން ކަމަށާއި، އެހެން ނަމަވެސް މި އަނިޔާވެރި ޤަޠުލު ޢާއްމުގެ އަގު އަދާކުރަމުން ގެންދަނީ އެކުދިންގެ ލެއިން ކަމަށެވެ. އެހެން ކަމުން މި ޤަޠުލު ޢާއްމު ވަގުތުން ހުއްޓާލުމަށާއި، ހަނގުރާމައިގެ ޙާލަތުގައި ވެސް ކުޑަކުދިން ރައްކާތެރި ކުރުމަށް މެސީވަނީ ގޮވާލާފައެވެ. މެސީގެ ފޭސްބުކް ސްޓޭޓަސް އޭނާވަނީ ޢަރަބި ބަހާއި އިނގިރޭސި ބަހުންވެސް ޝާއިޢު ކޮށްފައެވެ. އެހެން ކަމުން ޢަރަބިންނަށް ވެސް މެސީހުރި ކޮޅު މިހާރުވަނީ ރަނގަޅަށްވެސް ސާފުވެފައެވެ.

މެސީގެ ފޭސްބުކް ޕޯސްޓްގައި ޖަހާފައިވާ ފޮޓޯ

މެސީގެ ފޭސްބުކް ޕޯސްޓްގައި ޖަހާފައިވާ ފޮޓޯ

މެސީގެ ސްޓޭޓަސް މިހާތަނަށް 65 ހާހަށްވުރެ ގިނަމީހުންނަށް ކަމުގޮސްފައި ވާއިރު، ފަނަރަ ހާހެއްހާ މީހުން ވަނީ މި ސްޓޭޓަސް ޝެއަރވެސް ކޮށްފައެވެ. މެސީގެ ސްޓޭޓަސް އާއި ގުޅިގެން ރުޅިގަދަވެފައިވާ ޔަހޫދީން ޣައްޒާގެ މުސްލިމު ޓެރަރިސްޓުންނަށް ވާގިވެރިވާ މީހުންނަކީވެސް ޓެރަރިސްޓުން ކަމަށްބުނެ މެސީވެސް ޓެރަރިސްޓަކަށް ހަދާފައި ވާއިރު، ގިނަ ބަޔަކު ވަނީ ޣައްޒާގެ މައްސަލާގައި ފުރަތަމަ ފަހަރަށް ބަހެއް ބުނެ މެސީހުރިގޮތް އޮޅުންފިލުވައި ދިނީތީ އޭނާއަށް ތަޢުރީފުކޮށް ޝުކުރު އަދާކޮށްފައެވެ.

ފަލަސްޠީނާއި އިޒްރޭލަށް ބާސެލޯނާއިން ކުރި ދަތުރުގައި މެސީ ފަލަސްޠީނުގެ މަޝްހޫރު ކުޅުންތެރިޔާ މުޙައްމަދު ރޯމަންއާއި ސަލާމްކޮށް ވާހަކަ ދައްކާއިރު، ޔަހޫދީންގެ ކުޅުންތެރިއަކު ނުރުހުންވެހުރެ ބަލަހައްޓައިގެން

ފަލަސްޠީނާއި އިޒްރޭލަށް ބާސެލޯނާއިން ކުރި ދަތުރުގައި މެސީ ފަލަސްޠީނުގެ މަޝްހޫރު ކުޅުންތެރިޔާ މުޙައްމަދު ރޯމަންއާއި ސަލާމްކޮށް ވާހަކަ ދައްކާއިރު، ޔަހޫދީންގެ ކުޅުންތެރިއަކު ނުރުހުންވެހުރެ ބަލަހައްޓައިގެން

ޣައްޒާގައި އިޒްރޭލުން ހިންގަމުން ގެންދާ ކުޑަކުދިން ކަތިލުމުގެ ސިލްސިލާ ހުއްޓާލުމަށް ގޮވާލާ ޣައްޒާގައި މަރުވަމުންދާ ކުޑަކުދިންނާއި މެދު ހިތާމަކުރާ ކަމަށް މެސީހާމަ ކުރުމަކީ އޭނާއަކީ އިޒްރޭލުގެ ޕަޕެޓެއް ކަމަށްބުނެ ނަތަންޔާހޫ އާއި މެސީ ސަލާމްކުރާ ފޮޓޯތައް އިންޓަރނެޓުގައި ފަތުރަމުން ގެންދާ ފަރާތްތަކުގެ އަނގައިގައި ޓޭޕްއެޅޭނެ ކަމަކަށް ވާނެއެވެ. މިދިޔަ ޖުލައިމަހު އިޒްރޭލަށް މެސީ އެއް މިލިޔަން ޑޮލަރު ހަދިޔާ ކުރި ކަމަށްބުނެ ކުޅިވަރު ޚަބަރުތައް ގެނެސްދޭ ލެ ކޮމްޕެޓިޓުއަރ ވެބްސައިޓުން މެސީއަށް ތަޢުރީފުކޮށް ޚަބަރު ފެތުރުމުން މެސީވަނީ އެކަމާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށް ވަގުތުން އެކަން ދޮގުކޮށްފައެވެ. އަދި އެ ވެބްސައިޓާއި ދެކޮޅަށް ދަޢުވާ ކުރާނެކަމުގެ އިންޒާރުވެސް މެސީވަނީ ދީފައެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީވެސް ޣައްޒާއާއި އެކު ވާކަން ހާމަކޮށް އަނިޔާވެރި ޤަޠުލު ޢާއްމު ހުއްޓާލުމަށް ގޮވާލާފައި ވާއިރު، ހޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އެންޖެލީނާ ޖޯލީވެސް ވަނީ ޣައްޒާގެ ކުޑަކުދިންނާއި އެކު ވާކަން ހާމަކޮށްފައެވެ. މި މައްސަލާގައި އަސަރުން ފުރިގެންވާ ޙާލު އެންޖެލީނާވެސް ބުނެފައި ވަނީ ޣައްޒާގެ ކުޑަކުދިންގެ ޙާލަތުގެ ސަބަބުން އޭނާގެ ހިތް ހަލާކުވަމުން ދާކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.