ރިޕޯޓް ޢީދުގެ ހުރުމަތް ކަނޑައި މުސްލިމުންގެ ލެއިން ފެންކުޅި ކުޅޭއިރު އިސްލާމީ ޤައުމު ތަކުގެ ވެރިން ކޮބާ؟

ޢީދުގެ ހުރުމަތް ކަނޑައި މުސްލިމުންގެ ލެއިން ފެންކުޅި ކުޅޭއިރު އިސްލާމީ ޤައުމު ތަކުގެ ވެރިން ކޮބާ؟

ޢީދުގެ ހުރުމަތް ކަނޑައި މުސްލިމުންގެ ލެއިން ފެންކުޅި ކުޅޭއިރު އިސްލާމީ ޤައުމު ތަކުގެ ވެރިން ކޮބާ؟

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ފަލަސްޠީނުގެ ޣައްޒާގައި އެއްވެސް ހަމަ އެއް ލަމައެއް ނެތި ހިތަށް އެރިހާ ގޮތަކަށް މުސްލިމުން ތައް ކަޠިލާ ނަގަމުން މުސްލިމުންގެ ބަރަކާތްތެރި ޢީދު ދުވަހު ޢީދުގެ ޙުރުމަތް ކަނޑައި މުސްލިމުންގެ ލެއިން ޔަހޫދީން ފެންކުޅި ކުޅެމުން ގެންދާއިރު، އިސްލާމީ ޤައުމު ތަކުގެ ވެރިން ކޮބައިތޯ ހިތަކަށް ނާރާހެއްޔެވެ؟
މެދުއިރުމަތީގެ ޢަރަބި ޤައުމު ތަކުން މިކަމުގައި ބަހެއް ނުބުނެ ހަނުތިބެނީ ކީއްވެތޯ ހިތަކަށް ނާރާހެއްޔެވެ؟ އާރެއް ބާރެއްނެތް ނަމަވެސް ބަންގާޅާއި ޕާކިސްތާނާއި މެލޭޝިޔާ އަދި ދުނިޔޭގެ އެންމެ ބޮޑު މުސްލިމު އާބާދީއެއް އޮތް އިންޑޮނޭޝިޔާ ކޮބައިތޯ ސުވާލެއްވެސް ނުއުފެދޭތޯއެވެ؟

ދަންނަވަން އޮތީ ވަރަށް ކުރު ޖަވާބެކެވެ. އިސްލާމީ ޤައުމު ތަކުގެ މުސްލިމު ވެރިން މިއަދު ތިބީ ކާފަރުންގެ ފައިދަށުގައި ސަޖިދައަށް ތިރިވެގެންނެވެ. އަމިއްލަ އެދުމާއި މުނާފިޤު ކަމުގައި ކާފަރުންނަށްވުރެ މިއަދު ހައްދުފަހަނަ އަޅާފައި ވަނީ ނަމުން މުސްލިމު ކަމުން އިސްލާމީ ޤައުމު ތަކުގެ ވެރިންނެވެ. މުނާފިޤު ކަމާއި ޔަހޫދީ ކަމުގައި މިއިން ބައެއް މީހުން ވަނީ ކާފަރުންނަށް ވުރެވެސް ކުރީގައެވެ.

އިސްލާމީ ޤައުމު ތަކުގެ ވެރިކަން ޙިމާޔަތް ކޮށްދެއްވަނީ ކާފަރުން ކަމަށް ޤަބޫލު ކުރެވި، ވެރިކަން ނުވެއްޓި އޮންނާނީ މިއަދު ޙައްދުފަހަނަ އެޅި މުސްލިމުން ކަތިލާން ކަލޭމެން އަހަރެމެންގެ ކަނޑިތައް ތޫނު ކޮށްދީގެންނޭ ކާފަރުން ހަމަ ބުނާއިރަށް ސަޢޫދީ އަރަބިއްޔާ އާއި ޔޫއޭއީ އަދި މިސްރުގެ މުނާފިޤު ވެރިން މިހާރު ގެންދަނީ ރެއާއި ދުވާލު ކެނޑިނޭޅިި އެ މަސައްކަތް ކޮށްދެމުންނެވެ. ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން މެރުމަށް ޔަހޫދީންގެ ބޯޓު ތަކަށް ތެޔޮ އަޅައިދެނީ މިބައިމީހުންނެވެ. މިސްރުގެ ވެރިކަމުގައި ހުރި އިސްލާމީ ނަމެއް ކިޔުނު ނަމަވެސް ޔަހޫދީންގެ އެޖެންޓެއް ކަމަށްވާ އަބްދުލް ފައްތާހު ސީސީފިރުޢައުނު ވަނީ މިކަމުގައި ވަކީން ހައްދުފަހަނަ އަޅާފައެވެ. އޭނާ އިސްކޮށް ހުރެގެން ޔަހޫދީންނާއި އެއްބައިވެ ފަލަސްޠީނު ރައްޔިތުން ބަނޑަށް ޖައްސަނީއެވެ. ސިއްރު ސިއްރުން ވަގުވަގަށް ކާއެތިކޮޅު ކިރިޔާ އެތެރެ ކޮށްލެވޭ ވަރަށް ބިމު އަޑިން އެތައް އަހަރަކުން އެތައް ޒަމާނަކުން ފަލަސްޠީނުގެ ނިކަމެތި ރައްޔިތުން ހަދާފައިވާ މަގުތައް ޔަހޫދީންނާއި ގުޅިގެން ސީސީ ފުނޑުފުނޑު ކުރަމުން ގެންދާއިރު، ސީސީ އަކީ ޖައްބާރު ކަމުގައި ފަހުގެ ތާރީޚުދުށް އެންމެ ނުލަފާ ފިރުޢަނުނެވެ.

ފަލަސްޠީނަށް ބޭހާއި ކާބޯތަކެތި މިހާރު އެތެރެ ކުރެވެން އޮތް ހަމައެކަނި މަގަކީ މިސްރުގެ ރަފަޙް ދޮރޯށި ނަމަވެސް ފަލަސްޠީނުގައި ކަތިލެވެމުންދާ ނިކަމެތި ކުޑަކުދިންނަށް ބައިނަލް އަޤްވާމީ އެހީދޭ ޖަމާޢަތްތަކުން ފޮނުވި ބޭހާއި ކާބޯތަކެތި ޣައްޒާ އަށް އެތެރެވިޔަ ނުދީ ސީސީ ވަނީ ފޭރިގެންފައެވެ. މިޙާހިސާބަށް ފިރުޢައުނު ސީސީގެ ނުބައި ނުލަފާކަން ދައްކާލި އިރުވެސް މިސްރުގެ ޢާއްމު ރައްޔިތުން ކޮބައިބާއެވެ؟

ސީސީފިރުޢައުނާއި އިސްލާމީ އެހެން ޤައުމު ތަކުގެ ވެރިން ކޮންމެ ގޮތަކަށް ކަންކަން ކުރިޔަސް ކުރެވޭނެ ކަމެއް މިއަދު ނެތެވެ. ބަޣާވާތުން ވެރިކަމަށް އެރުމަކީ ވެސް ހުޅަނގުން ޤަބޫލުކުރާ ޔަހޫދި އަކު އަރައިފި ނަމަ ޑިމޮކްރަސީއެވެ. ހުޅަނގުން ދައްކާ ކޮންމެ ވާހަކަ އެެއް ޤަބޫލު ކުރާ މިންވަރަށް މިއަދު މިފަދަ މުނާފިޤު ވެރިންނާއި އިސްލާމީ އުއްމަތް ވަނީ އިންތިހާ އަށް ބަލިކަށިވެ ނިކަމެތި ވެފައެވެ.

މުސްލިމުންގެ ޢީދުގެ ޙުރުމަތް ކަނޑައި، ފަލަސްޠީނުގެ މުސްލިމުންގެ ލެއިން ޔަހޫދީން ކުޅެމުން ގެންދާ ޢީދު ފެންކުޅި ނިންމާލުމަށްފަހު އެއީވެސް ޑިމޮކްރަސީއޭ ބުނެފިނަމަ މިވެރިން ތިބޭނީ ހީހީފައި އަތްޖަހަން ކަމާއި މެދަކު އެއްވެސް ޝައްކެއް ނެތެވެ. އެހެނީ އެންމެ ތެޔޮހޮޅިއެއް ބަންދުކޮށްލައިގެން ހަފްތާއެއްގައި ތިއްބަސް މުޅި ޔޫރަޕާއި އެމެރިކާގެ އިޤްތިސޯދު ހުއްޓުވާލެވެން އޮއްވާވެސް މިވެރިން އަދިވެސް މިއުޅެނީ އެމެރިކާ ޑޮލަރަށް ނޫނީ ތެޔޮ ނުވިއްކާން ވެގެންނެވެ. ނިކަން އެންމެ ދުވަހަކު ނަމަވެސް ދިވެހި ރުފިޔާއަށް ނޫނީ ތެޔޮ ނުވިއްކާނަމޭ ބުނެބަލާށެވެ. އެމެރިކާ އާއި ޔޫރަޕުން ދިވެހި ރުފިޔާ ހޯދަން ތެޅޭތަން ބަލާފަ ހީފަ އަތްޖަހަން ތިބުން މިވެރިންނަށް މާ އައުލާކަން ބޮޑުވާނެއެވެ.

މިއީ މުސްލިމުންގެ ބަރަކާތްތެރި ޢީދު ދުވަހެއްގައި މިފަދަ އުފާވެރި ޢީދު ހަދިޔާއެއް ޔަހޫދީން އިސްލާމީ ޤައުމު ތަކުގެ މުނާފިޤު ވެރިންނަށް ވެދުންކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް މުސްލިމުންގެ ބަރަކާތްތެރި ޢީދު ދުވަހު އިސްލާމީ ޚިލާފަތުގެ އެންމެ ވަރުގަދަ ކިއްލާ ކަމަށްވާ ޢިރާޤާއި ބަޢުދާދުގެ އިސްލާމީ ވެރިޔަކަށް ހުންނެވި ޝަހީދު ޞައްދާމް ޙުޞައިން ޅަ ބަކައްޓެއް ކަޠިލިހެން ކަތިލާފައި ވަނީ މިވެރިންގެ ކުރިމަތީގައެވެ. އެދުވަހުވެސް އަދި މިއަދު ވެސް މުސްލިމުންގެ ޢީދުގެ ޙުރުމަތް ކެނޑިއިރު މިވެރިން މިތިބެނީ އަތްޖަހާފައި ހޭށެވެ. ކޮންފަދަ ޝަރާބެއްގެ މަސްތުގައި ކަމެއް ނޭނގެއެވެ. ﷲގެ އިރާދަފުޅާއި އެކު އިސްލާމީ ޤައުމު ތަކުގެ ވެރިކަމުގައި ތިބި މުނާފިޤު ވެރީންގެ ނިމުން އަވަސްކުރައްވާށި އެވެ! އާމީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.