މިސްރުން ފަލަސްޠީނުގެ ބޯޑަރު ބަންދުކޮށް ޣައްޒާ ބޭހަށް ޖެއްސުމަށްފަހު ޔަހޫދީންގެ އަނިޔާވެރި ޙަމަލާ ތަކުގައި އެތައް ބަޔަކު މަރުވުމުން އަނެއްކާވެސް ބޯޑަރު ހުޅުވާލައިފިއެވެ.
މިސްރުގެ އިސްލާމީ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް ޔަހޫދީންގެ އަތުން އެތައް ސަތޭކަ މިލިޔަން ޑޮލަރެއްގެ ރިޝްވަތު ނަގާފައި ވާކަމަށް ތުހުމަތު ކުރެވޭ ޔަހޫދީންގެ އެކުވެރި މިސްރުގެ ލާދީނީވެރިން އިސްކޮށް ތިބެގެން ފަލަސްތީނުގެ ޣައްޒާއާއި މިސްރު ގުޅޭ ބޯޑަރު ހުޅުވާލާފައި މިވަނީ މިސްރުގެ އެތެރޭން ވެސް ޔަހޫދީންނާއި ގުޅުން ބޮޑު ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަން ފެށުމުން ކަމަށް މަޢުލޫމާތު ލިބެއެވެ.
ޔަހޫދީންގެ އެކުވެރި މިސްރުގެ ލާދީނީ ވެރިން އިސްކޮށް ތިބޭ ސަރުކާރުން ވަނީ ޒައެނިސްޓް އިޒްރޭލުން ފަލަސްޠީނުގެ ނިކަމެތި މުސްލިމު ރައްޔިތުންގެ ބޮލަށް ބޮން އަޅާން ފެށުމާއި އެކު ޣައްޒާ އަށް ސިއްރުން ކާބޯ ތަކެއްޗާއި ބޭސްފަރުވާގެ ސާމާނު ވަގަށް އެތެރެ ކުރަމުން ގެންދިޔަ ބިންގަރާސް މަގުތަކެއް ވެސް ހޯދާ ސުންނާފަތި ކޮށްލާފަ އެވެ.
މިކަމާހުރެ ޣައްޒާގެ ހޮސްޕިޓަލު ތަކުން ބޭހާއި ސިއްޙީ ބައެއް ސާމާނު މުޅިން ހުސްވެ އެތައް ބަޔަކު މަރާ ކުރިމަތި ލާން ޖެހިފައި ވާކަމަށް އަލްޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއްގައި ޣައްޒާގެ އައްޝިފާ ހޮސްޕިޓަލުގެ ޑޮކްޓަރަކު ވަނީ ވަރަށް އަސަރާއި އެކު ކިޔައިދީފަ އެވެ.
ރެއާއި ހަމައަށް ދިވެހި ސަރުކާރުގެ ރަޙުމަތްތެރި އެމެރިކާގައި އުފައްދައި މުސްލިމުން މެރުމަށް އެމީހުން ހިލޭ ހަދިޔާ ކޮށްފައިވާ ހަތިޔާރުގެ ބޭނުން ކޮށްގެން އިޒްރާއީލުން ގައްޒާގެ 350 އަށްވުރެ ގިނަ ސަރަހައްދު ތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާ ތަކުގައި މިހާތަނަށް 85 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ވެފައެވެ. އޭގެ ތެރޭގައި 15 އަންހެނުންނާއި 22 ކުޑަކުދިން ހިމެނެ އެވެ. އަދި އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު މިހާތަނަށް 550 އަށް އަރަ އެވެ.
ރޭވެސް ޔަހޫދީ ސިފައިން ވަނީ ފަލަސްޠީނުގެ ޢާއްމުންގެ ބަޔަކު ނިދާފައި ތިބި ގެޔަކަށް ޙަމަލާދީ އެގޭގައި ނިދާފައި ތިބި 8 މީހުން ޝަހީދު ކޮށްލާފަ އެވެ. މި ޙަމަލާގައި އެ ޢާއިލާގެ އުމުރުން 4 އަހަރާއި 10 އަހަރާއި ދެމެދުގެ 6 ކުޑަކުދިން ޝަހީދު ކޮށްލުމަށް ފަހު ޔަހޫދީން ބުނީ މިއީ އޮޅިގެން ދެވުނު ޙަމަލާއެއް ކަމަށެވެ. އެހެން ނަމަވެސް އޮޅުމަކުން ކަމަށް ބުނެ ނެރުނު ބަޔާނުގައި ކުޑަމިނުން މަޢާފަށް ވެސް އެދިލާފައި ނުވެއެވެ.
ޔަހޫދީން ބުނަނީ މި ޙަމަލާ ތަކަކީ ޙަމާސްގެ ރޮކެޓް ޙަމަލާ ތަކަށް ބަދަލު ހިފުމަށް ކުރާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ޙަމާސްގެ ރޮކެޓަކުން ޖެހި އިޒްރޭލުން އެންމެ މީހަކު ވެސް މަރު ނުވާ ކަމަށް އެމީހުން އެއްބަސް ވެފައި ވެއެވެ.
ޔަހޫދީން ވަނީ ދާދި ފަހުން ވެސް ފަލަސްޠީނުގެ ކުޑަކުއްޖަކު ވަގަށްނަގައި ދިރިހުއްޓާ އަލިފާން ޖަހައި އަންދާލައިގެން ޝަހީދު ކޮށްލާފަ އެވެ.
އެހެން ނަމަވެސް މިކަން ވެސް އިޒްރޭލުގެ ޔަހޫދީން ވަނީ ދިފާޢު ކޮށްފައެވެ.
މި މައްސަލާގައި ޔަހޫދީންގެ ވެރިޔާ އަދި މި ބަރަކާތްތެރި ރަމަޟާން މަހު ރޯދައިގެ މަތިވެރި އަޅުކަމުގައި ތިއްބާ މުސްލިމުން ކަތިލުމުގެ މޭސްތިރިއަކަށް ހުރި ނަތަން ޔާހޫ ބުނީ އެކަލޭގެ މިކަން ކުރަމުން ގެންދަނީ މުޅި ދުނިޔޭގެ ތާއީދާއި އެއްބާރު ލުމާއި އެކުގައި ކަމަށެވެ.
އެގޮތުން ދިވެހިސަރުކާރުގެ ރަޙުމަތްތެރި އެމެރިކާ ސަރުކާރުން އެތައް ބިލިޔަން ޑޮލަރެއްގެ ހަތިޔާރު މުސްލިމުން ކަތިލުމަށް ހިލޭ ފޯރުކޮށްދެމުން އަންނައިރު އެމެރިކާގެ ރައީސް އޮބާމާވެސް މިކަމަށް ތާއީދު ކޮށް މިކަން ކުރިޔަށް ގެންދަން ހިތްވަރު ދީފައި ވާކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.
މީގެ އިތުރުން ނަތަންޔާހޫ ވަނީ ދުނިޔޭގެ ބައެއް ގައުމުތަކުގެ ލީޑަރުން މިކަމުގައި އިސްރާއީލަށް ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށް ބުނެ ފަރަންސޭސި ވިލާތުގެ ރައީސް ފްރާންސްވާ އޯލާންޑް ވެސް މުސްލިމުން މެރުމުގެ ކަންތައްތަށް ކުރަމުން ގެންދަނީ ވަރަށް ރަނގަޅަށް ކަމަށް ބުނެފައެވެ. އަދި އޭނާގެ އެދުމަކަށް ފަލަސްޠީނުގެ މުޖާހިދުން އިސްރާއީލަށް ދެމުންގެންދާ ރޮކެޓް ހަމަލާތަށް ކުށްވެރިކޮށް ބަޔާނެއް ވެސް ފަރަންސޭސީން ނެރެފައި ވާކަމަށް ނަތަންޔާހޫ ބުންްޏެވެ.
މިކަން ކަމުން ހިއްވަރު ލިބިގެން ފަލަސްތީނުގެ ޢައްޒާއަށް އިތުރު ހަމަލާ ތަކެއް ދިނުމަށް މިހާރު އަމުރު ކޮށްފައިވާނެ ކަމަށްވެސް ޔަހޫދީންގެ ވެރިޔާ ބުނެފައި ވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...