ކޮލަމިސްޓް ރަމަޟާން: މިރަަނުގެ ފުރުސަތު ނަންގަވައި ނުލައްވާ!

ރަމަޟާން: މިރަަނުގެ ފުރުސަތު ނަންގަވައި ނުލައްވާ!

ރަމަޟާން: މިރަަނުގެ ފުރުސަތު ނަންގަވައި ނުލައްވާ!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މުސްލިމުންގެ ތެރެއިން އެއްބަޔަކު ރަމަޟާން މަހަށް މަރުހަބާ ކިޔުމަށްޓަކައި އެމަސްވަރުގެ ރޭތަކާއި ދުވަސްތައް އިޙްޔާ ކުރުމުގެ ގޮތުން ދީނީ ދަރުސް ދިނުންފަދަ ޕްރޮގްރާމްތައް ރާވަމުން ދާއިރު، އަނެއްބަޔަކު އެމަހަށް މަރުހަބާ ކިޔުމަށް ތައްޔާރު ވަމުން ދަނީ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ޕްރޮގްރާމް ތަކަކުންނެވެ.

ތަފާތު ބާވަތް ބާވަތުގެ އަގު ބޮޑު އިނާމުތައް ހުށަހަޅައިގެން މީސްތަކުން ޣާފިލު ކުރުމަށް އެތައްކަމެއް ދަނީ ރޭވި އިޝްތިހާރު ކުރެވެމުންނެވެ. މިފަދަ މާތް މައްސަރެއްގައި އެހެން މަސް މަހުގައި ނުކުރާ އެތައް ހޭދަތަކެއް ކޮށް، އަހަރުގެ ތެރޭގައި އެހެންޏާ ނުބާއްވާ ކުޅިވަރާއި، މުނިފޫހި ފިލުވުމުގެ ޕްރޮގްރާމް ތަކެއް ހަމަ އެކަނި ރަމަޟާން މަހުގައި ބޭއްވުމުގެ މަޤުސަދަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ދަރުމައާއި ސަވާބުން މުސްލިމުން ދުރުކުރުން ނޫން އެހެން ކޮންކަމެއްތޯއެވެ؟
އަޅުކަމުގެ މިފަދަ މޫސުމަކަށް އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި ތިބެގެން މަރުހަބާ ކިޔަންޖެހޭ ގޮތަކީ މިއީތޯއެވެ؟ ވިސްނާ ފިކުރު ކުރުއްވާށެވެ! ރޯދަ ވެރީންނަށް ޚާއްސަކޮށް ދީލަތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާ ރަމަޟާން މަހުގައި ހަމަޖައްސަވައި ދެއްވާފައި ވަނީ، އެފަދަ ދެވަނައެއް ނުވާ ޕްރޮމޯޝަން ތަކެކެވެ.
މީސްތަކުން މުންކަރަތްތަކާއި ގާތްކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރާ ބަޔަކީ ﷲ ގެ ރަޙްމަތުން ބޭރު ކުރެވިފައިވާ ޝައިތާނުންނެވެ. އެހެންކަމުން ރަމަޟާން މަހުގައި އެފަދަ ޝައިތާނުން ކަސްތޮޅު އެޅުއްވުމަކީ ﷲ މި މަހުގައި ލައްވާފައިވާ ޚާއްސަ ކަމެކެވެ.

ރަމަޟާން މަހުގައި ސުންނަތެއް އަދާ ކުރުމުން އެހެން މަހެއްގައި ފަރުޟެއް އަދާ ކުރުމުން ލިބޭ ސަވާބު ލިބެއެވެ. އަދި މި މަހުގައި ފަރުޟެއް އަދާ ކުރުމުން އެހެން މަހެއްގައި 70 ފަރުޟު އަދާ ކުރުމުން ލިބޭ ސަވާބު ލިބެއެވެ.

ނަރަކައިގެ ދޮރުތައް ބަންދުކުރެވި ސުވަރުގޭގެ ދޮރުކޮޅުތައް މި ބަރާކާތުން ފުރިގެންވާ މަހުގައި ހުޅުވައިލެއްވެއެވެ. އަދި އެސުވަރުގޭގެ 8 ދޮރުކޮޅުގެ ތެތޭގައި ރޯދަ ވެރީންނަށް ޚާއްސަ ކުރެވިފައިވާ އައްރައްޔާނުގެ ނަމުން ނަން ދެވިފައިވާ ދޮރުކޮޅެއްވެއެވެ. މި ދޮރުކޮޅުން ސުވަރުގެޔަށް ވަނުމުގެ ފުރުސަތު ލިބިގެންދާ ހަމައެކަނި ބަޔަކީ ރޯދަ ވެރީންނެވެ.

ލައިލަތުލްޤަދުރި ވިލޭރޭގެ މާތްކަން އެއްހާސް މަސްވަރަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ. މުއްދަތަށް ބަލާ ނަމަ މިއީ އައްޑިހަ ތިން އަހަރާއި، ހަތަރު މަހުގައި ކުރެވޭ އަޅުކަމުން ލިބޭ ސަވާބެވެ.

އެހެންކަމުން ލިބިފައި މިވާ ރަނުގެ ފުރުސަތު ނަންގަވައި ނުލައްވާށެވެ. ރޯދަ ވެރީންނަށް ކީރިތިވަންތަ ﷲ މިންވަރު ކުރެއްވި މިފަދަ ހެޔޮކަމުން ފުރިގެންވާ މައްސަރެއްގެ ދުވަސްތަކާއި ރޭތައް، ކުޅިވަރާއި މުނިފޫ ފިލުވުމުގައި ބޭކާރުކޮށް ނުލައްވާށެވެ. ނަބަވީ އިރުޝާދުން އެނގޭ ގޮތުގައި، ރަމަޟާން މަހުގައި އެމީހެއްގެ ފާފަ ފުހެވިގެން ނުދިޔަ މީހާއީ އަބާއްޖަވެރިއެކެވެ.

ވީމާ ރަމަޟާން މަހުގެ ދަރުމަ އާއި ސަވާބު ޙާސިލް ކުރުމުގެ ޢަޒުމުގައި ކޮންމެ މުސްލިމަކު ވެސް އަތުކުރި އޮޅާލައްވާށެވެ. އީމާން ކަމުގެ ޖޯށުން ފުރިގެންވާ ހިތަކާއިގެން، ބަރަކާތްތެރި ރަމަޟާން މަހަށް މަރުހަބާ ކިޔާށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.