ކޮލަމިސްޓް ޢަދާލަތުގެ ޒަޢާމަތުން ތިން މޫ އުފުރިގެން ދިއުން – އެޕާޓީއަށް އަސަރުކުރާނީ ކިހާވަރަކަށްބާ

ޢަދާލަތުގެ ޒަޢާމަތުން ތިން މޫ އުފުރިގެން ދިއުން – އެޕާޓީއަށް އަސަރުކުރާނީ ކިހާވަރަކަށްބާ

ޢަދާލަތުގެ ޒަޢާމަތުން ތިން މޫ އުފުރިގެން ދިއުން – އެޕާޓީއަށް އަސަރުކުރާނީ ކިހާވަރަކަށްބާ

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތައް އުފެއްދުމަށް ހުއްދަ ދެވުމާއެކު ރާއްޖޭގެ ގިނަ ޢަދަދެއްގެ ދީނީ ޢިލުމްވެރިންނާ މަދަނީ ތަޢުލީމުގެ ބައެއް ބޭފުޅުން އިސްނަންގަވައިގެން 'ޢަދާލަތު ޕާޓީ'ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދިއެވެ. އެޕާޓީގެ އަސާސުތައްވެސް އެކުލަވައިލެވުނީ ރާއްޖޭގެ އެހެނިހެން ސިޔާސީ ޕާޓީތައްވެސް އެއަސާސެއްގެ މައްޗަށް ބިނާވެފައިވާ އިސްލާމް ދީނާއި ޑިމޮކުރެޓިކް ހަމަތައްވެސް ހިމެނޭ ފަދައިންނެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް އެޕާޓީއާއިމެދު ތަފާތު ވިސްނުމަކުން މިނެކިރައެވެ. ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ. ރާއްޖޭގެ ސިޔާސީ ޖަވަށް އައު ބަދަލުތަކެއް ތަޢާރަފުކުރި ޕާޓީއަކަށްވުމުންނެވެ.

ޢަދާލަތު ޕަޓީއިން އަޅުގަނޑަށްވެސް ފެނިފައިވަނީ ތަފާތު ބަދަލުތަކެކެވެ. ރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ ލީޑަރު ހޮވުމަށްޓަކައި މުޅި ޕާޓީގެ އާޢްމުމެންބަރުންގެ ވޯޓުން ޕާޓީގެ ރައީސް އިންތިޚާބުކުރި ފުރަތަމަ ޕާޓީއަކީ ޢަދާލަތު ޕަޓީކަމަށްވުމީ، އަޅުގަނޑަށް ރާއްޖޭގެ ސިޔާސީ އުދަރެހުން ފާހަގަ ކުރެވުނު މުހިންމު ބަދަލެކެވެ.  މިނޫންވެސް މިޒަމާނުގެ ޑިމޮކުރެޓިކް ނިޒާމުން ފެންނަ ބަދަލުތަކެއް މިޕާޓީގެ އަސާސުންތަކުން ފެންނަމުން ދެއެވެ.

ޕާޓީ އުފެދުމަށްފަހު ޢަދާލަތުން މަލޭއާއި ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވި ބައެއް ސިޔާސީ އެއްވުންތަކަށް މީހުން ޖަމާވާ ޢަދަދު ގިނައެވެ. އެޕާޓީއިން ބާއްވާ ސިޔާސީ އެއްވުންތަކުގައި ސީޔާސީ ލީޑަރުން ދައްކަމުން ދިޔަ ވާހަކަތަކަށް ފޯރިއާއިއެކު އަތްޖަހަމުން ދިޔައެވެ. މިކަން ވެގެންދިޔައީ އޭރު ވެރިކަމުގައި އޮތް ރައީސް މައުމޫންގެ ސަރުކަރަށްވެސް ކުރިމަތިވި މައްސަލައެއްގެ ގޮތުގައެވެ. ޢަދާލަތު ޕާޓީގެ ސިޔާސީ ސްޓޭޖުތަކުން ފެނުނު ބައެއް ބޭފުޅުންނަށް ރާއްޖެއިން ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔައެވެ. ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީއާއި ޝައިޚް ހުސައިން ރަޝީދު އަޙްމަދު ފާހަގަކުރެވުނީ ރާއްޖޭގެ ސިޔާސީ އުދަރެހުގައި ފާހަގަ ކުރެވުނު އަލިގަދަ ތަރިންކަމުގައެވެ.

2008 ވަނަ އަހަރު ރާއްޖޭގައި ބޭވުނު ފުރަތަމަ މަލްޓިޕާޓީ ޑިމޮކުރެޓިކް އިންތިޚާބު އެމްޑީޕީ އިއްތިހާދުގެ ފަރާތުން ރައީސް މުޙައްމަދު ނަޝީދާއި މުޙައްމަދު ވަހީދަށް ކާމިޔާބުކޮށްދިނުމަށް މިދެންނެވި ބޭފުޅުން ބޮޑު ހިއްސާއެއްވެވަޑައިގެންނެވިއެވެ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ޢަދާލަތު ޕާޓީވެސް ފެނިގެންދިޔައީ ވެރިކަން ހިންގުމުގައި އެމްޑީޕީއަށް އެއްބާރުލުން ދެމުން ދިޔަ ޕާޓީއެއްގެ ގޮތުގައެވެ.

2011 ވަނަ އަހަރު އެޕާޓީގެ ދެވަނަ ކޮންގުރެސް ބޭއްވި ޕާޓީގެ ޒަޢާމަތާއި ހަވާލުވެވަޑައިގެންނެވީ އައްޝައިޚް ޢިމްރާން ޢަބްދުﷲ އެވެ. ޢިމްރާންގެ ޒަޢާމަތާއި ހަވާލުވުމަށްފަހު އެންމެ ބޮޑު ބަދަލެއްގެގޮތުގައި ފާހަގަ ކުރެވުނީ ވެރިކަން ހިންގުމުގައި އެމްޑީޕީއަށް އެއްބާރުލަމުން ދިޔަ ޕާޓީ ސަރުކާރު ހިންގާ ކޯލިޝަނުން ވަކިވާން ނިންމިކަމަށް އެޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމުމެވެ.

ޕާޓީތެރޭގައި ހަމަނުޖެހުންތަކެއް ހިނގިއެވެ. ޕަޓީގެ ޒަޢާމަތުން ސަރުކާރުގައި ތަމްސީލު ކުރައްވަމުން ގެންދެވި އިސްލާމިކް އެފެއާޒުމިނިސްޓަރ ޑރ. އަބްދުލް މަޖީދު ޢަބްދުލް ބާރީއާއި އެމިނިސްޓުރީގެ ސްޓޭޓު މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދަށް ސަރުކާރުން ވަކިވުމަށް ޕާޓީގެ މަޝްވަރާ މަޖީލީހުން ނިންމައިފިކަމަށް ބުނެ، އެބޭފުޅުން ތިއްބެވި މަޤާމުތަކުން އިސްތިއުފާ ދިނުމަށް ސިޓީ ފޮނުވިއެވެ.

މިނިންމުމާއި އެންމެބޮޑަށް ދެކޮޅު ހައްދަވައި ރައްދުދެއްވި ބޭފުޅަކީ އެޕާޓީގެ އެންމެ ފުރަތަމަ ރައީސްކަން ކުރެއްވި އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދެވެ. ސަރުކާރުން އިސްތިއުފާ ދެއްވުމަށް ދެކޮޅު ހެއްދެވިއެވެ. ޢާއްމު ފޯރަމްތަކުގައި ޢަދާލަތު ޕާޓީއަށް ފާޑުވިދާޅުވާން ފެށިއެވެ. އެދެބޭފުޅުންވެސް ތުހުމަތު ކުރައްވަމުން ދިޔައީ ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމަށް ދިޔައީވެސް ވަކިގޮތަކަށް މާކުރިން ނިންމަވައިގެން ކަމެވެ.

އެދެބޭފުޅުންގެ މައްސަލަ ޢަދާލަތު ޕާޓީގެ ސުލޫކުކޮމިޓީއަށް ފޮނުވިއެވެ. ސުލޫކުކޮމިޓީއިން މައްސަލަ ދިރާސާ ކުރަންފެށިއެވެ. އެންމެ ފުރަތަމަ ޢަދާލަތު ޕާޓީގެ ރައީސްކަން ކުރެއްވި ޙުސައިން ރަޝީދު އަޙްމަދު ޢަދާލަތު ޕާޓީގެ މެންބަރުކަމުން ވަކިކުރަން އެކޮމިޓީއިން ނިންމިއެވެ.

ނަމަވެސް 2013 ވަނަ ޝައިޚް ހުސައިން ވިދާޅުވީ އެނާ ޢަދާލަތު ޕާޓީއިން ވަކި ނުވާކަމަށާއި، އޭނާ ހުންނެވީ އެޕާޓީގެ މެންބަރެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން އެޕާޓީ ދޫކުރައްވާ އެމްޑީޕީއަށް ސޮއި ކުރައްވަން ނިންމަވާފައިވާ ކަމަށްވިދާޅުވިއެވެ. ޕާޓީގެ އުފެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވި އެއް މުއައްސިސު ޕާޓީ ދޫކުރައްވާ އެހެން ޕާޓީއަކަށް ސޮއި ކުރެއްވީއެވެ.

އެޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި އެންމެ އިސް މުއައްސިސު ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ 2013 ވަނަ އަހަރު ޕާޓީއިން ވަކިވެވަޑައިގެންނެވިއެވެ. ޕާޓީ މައި ދެ މޫ ޕާޓީއިން އުފުރިގެން ދިޔައީއެވެ.

ދެން އަނެއްކާވެސް ދާދި މިދާކަށްދުވަހު އަޑުއިވިގެންދިޔައީ އެޕާޓީގެ ޒަޢާމަތުގައި އިސްކޮށް ޙަރަކާތްތެރިވި އެއް މޫ ކަމުގައިވާ އަމީންއާއްމުކަމުގެ މަޤާމު ފުރުއްވި ޑރ. މުޢިއްޒު ޕަޓީ ދޫކުރައްވާ އެމްޑީއޭއަށް ސޮއި ކުރެއްވި ޚަބަރެވެ.

ޕާޓީގެ ޒަޢަމަތުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވި އެންމެ އިސް ތިން މޫ ޕާޓީ ދޫކުރައްވާ އެހެން ޕާޓީތަކާ ގުޅިވަޑައިގެންނެވީއެވެ.

މިހާހިސާބުން އުފެދޭ ސުވާލަކީ މިކަމުން ޕާޓީއަށް ކުރާނީ ކޮންކަހަލަ އަސަރުތަކެއް ބާވައެވެ. ސިޔާސީ މައިދާނަށް ނުފޫޒު ފޯރުވަމުންދާ ޕާޓީއެއްގެ ޒަޢާމަތުން އެންމެ އިސް ތިން ބޭފުޅަކު ވަކިވެގެން ދިއުމަކީ އެކަމުގެ ސަބަބުން ޕާޓީއަށް އަސަރުތަކެއް ކުރާނެކަމެކެވެ.

އެއް ތިން ބޭފުޅުންނާއެކުވެސް ޢަދާލަތު ޕާޓީގެ ބައެއް މެންބަރުން އެޕާޓީއިން ވަކިވެވަޑައިގެންނެވިއެވެ. ޙަރަކާތްތައް ހިންގެވުމުގައި ބައިވެރިވި މެންބަރުން ޕާޓީއިން ވައިވެ ދިޔައެވެ. ގުރާސް ރޫޓު ލެވަލުންނާއި، ޕާޓީގެ އެކިފަންތިތަކުން ތަޢުލީމީ ޤާބިލު ބޭފުޅުން ޕާޓީއިން ވަކިވެ ދިއުމަކީ ޕާޓީއަށް ކުރާނެ ފުން އަސަރަކަށް ނުނީ ނުވާނެއެވެ.

ނަމަވެސް އޭގެ އަނެއްކޮޅަށް ވިސްނާލާއިރު ފެނިގެން ދަނީ ޕާޓީގެ ޒަޢާމަތުން އިސް ބޭފުޅަކު އުފުރިގެން ދިޔަ ކޮންމެ ފަހަރަކު އެޕަޓީގެ ޙަރަކާތްތައް ވަރުގަދަ ވީތަނެވެ.  ޕާޓީގެ ޢާއްމު މެންބަރުންގެ ފަރާތުން ފެނިގެން ދިޔައީ އައު ރޫހެކެވެ. ވަކިވެގެން ދިޔަ ކޮންމެ ބޭފުޅަކާއެކު އެދުވަސްތައްވެސް މާޒީވެދިޔައީއެވެ.

އެޕާޓީގެ އިސްސަފުން ވަރުގަދަ ޝަޚުސިއްޔަތެއް ވަކިވެގެން ދިޔަ ކޮންމެ ހިނދެއްގައި، ޕާޓީ ވަރުގަދަވެގެންދިޔަ ފަދައިން، ކުރިއަށް އޮތީ ޢަދާލަތު ޕާޓީގެ ޙަރާކާތްތައް ވަރުގަދަވެ، ޕާޓީ އިތުރަށް ހަރުދަނާވުމުގެ ދުވަސްތަކެވެ. އެކަން ވަނީ އެޕާޓީގެ މާޒީއިން އެފަދަ ކޮންމެ ހިނދެއްގައި ސާބިތުކޮށްދީފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.