އިހުގައި ބަކަރި ގެންގުޅުނު ޒަމާނުގައި ދިވެހން ވެސް ކޮންމެވެސް ވަރަކަށް ބަކަރި ހުއި ހައްޕާ ކަމަށް ވެއެވެ. މިކަމަކީ މިހާރު ވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ކުރަމުން އަންނަ ކަމެކެވެ. އެހެނަސް މިފަހަރު މި ކިޔައިދޭން އުޅެނީ އުލްޙިޔާ ކަތިލަން މާލެ ގެނައި ބަކަރި އެއްގެ ވާޙަކަ އެއް ނޫނެވެ. އެއަށްވުރެ މާމޮޅު މާ ތޫނު ފިލި ވާހަކަ ދައްކާ ބަކަރި އެއްގެ ވާޙަކަ އެވެ.
ކޮންމެ އަކަސް ރާއްޖޭގައި އޭރު އޮތް ވިރާސީ ރަސްކަމުގެ ތެރެއިން ރަދުންނަށް ބޮޑު ކަމެއް ކޮށްދިނުން ނުވަތަ ޢަޖާއިބެއް ދައްކާލުމަކީ ދިވެހިން ކޮށް އުޅުނު ކަމެއް ކަން އެނގެނީ އދ ގަނދެތީ މީހުން ހަނދު ވެސް ގުޅިޔަށް ލައިގެން ރަދުން އާޝޯޚު ކޮށްލުމަށް މާލެ ގެނައުމުންނެވެ. އެހެން ކަމުން މިފަހަރު މަހާނަފުށީ ބަކަރި ކޮއެ ވެސް ރަދުން އާޝޯޚު ކޮށްގެން މަހާނަފުށި އޭނާ އަށް ތާ އަބަދަށް ބަކަރި ގެންގުޅެން ލިބޭނެ ގޮތެއް ހޯދަން މޮޅު ރޮކެޓެއް ރާވާލީ އެވެ.
މަހާނަ ފުށިން ރަދުންނަށް އެންގީ އެރަށުގައި އާދަޔާ ޚިލާފު މޮޅު ވާހަކަ ދައްކާ ބަކަރި އެއް އޮތް ކަމަށެވެ. އަދި ކުރާ ކޮންމެ ސުވާލަކަށް އެސޮރު އިންސާނުން ވާހަކަ ދައްކާ ބަހުރަވައިން ޖަވާބުދީ އުޅޭ ކަމަށް ބުނެ ރަދުންނަށް ޚަބަރު ކޮށްފި އެވެ. ރަދުން ކޮޔަށް އެންގީ ބަކަރި ހިފައިގެން މާލެ އައުމަށެވެ. މި ކޮއެ ބަކަރި ގޮވައިގެން މާލެ އައި އިރު ރަދުން ހުންނެވީ ކުޅި ބަލާނެ މީހުން ވެސް ވާވަރަށް އެއްކޮށްގެން ގުޅަކުޅޭ ފަސްގަނޑުގަ އެވެ.
ކޮންމެ އަކަސް ކޮއެ މިބުނާ ވާހަކަ ތައް ބަލަން ކެތްމަދުވެފައި ހުންނަވައި ރަދުން އެންގެވީ ބަކަރި ވާހަކަ ދައްކާ އަޑު އެންމެންނަށް އިއްވާލުމަށެވެ. ކޮއެ ޖަވާބު ދިނީ އޭނާގެ ނިކަމެތި ކަމާއި ހުރެ މަހާނަފުށި އޭނާ އަށް ބަކަރި ގެންގުޅެން އުމުރު ދުވަހަށް ލިޔެ ދެއްވުމަށް އެދޭ ކަމަށެވެ. ރަދުންގެ ޖަވާބަކަށްވީ ކޮއެ ތިޔަބުނާ ވާހަކަ ދައްކާ ބަކަރީގެ ވާހަކަ ދެއްކުން ސާބިތު ކޮށްދީފި ނަމަ މަހާނަފުށީ އެކުގައި ކޮޔަށް ދެއްވާނެ ކަމަށެވެ. އެހެން ކަމުން އަވަހަށް ބަކަރީގެ އަޑު އެންމެނަށް އިއްވާލުމަށް ރަދުންގެ އަމުރު ބަސްފުޅު އިއްވަވައިފިއެވެ.
ކުއްލި އަކަށް ވިސްނުންތެރި ކަމާއި އެކު ކޮއެ ނިކަން ބާރަށް ބަކަރި ކުރެން އަހައިފި އެވެ. ބަކަރިޔާ އެވެ. ކަލޯ ބުނެ އުޅޭގޮތުން ކަލޮޔަށް ފަރަންޖީ ބަސްވެސް އިނގޭ ވިއްޔާ އެވެ. އެހެން ވިއްޔާ ނިކަން ބުނެބަލާށެވެ. ފެބުރުއަރީ މަހާއި މާޗު މަހަށް ފަހު ޖެހިގެން އަންނަ އޭޕްރީލް މަހަށް ފަހު ދެން އަންނާނީ ކޮން މަހެއް ހެއްޔެވެ؟ ބަކަރި އޮތީ ފާޑަކަށް ނިގުލާއި ބޯ ތަޅުވާށެވެ. އެހެން ނަމަވެސް ސުވާލަކަށް ޖަވާބެއް ނުދިނެވެ. ކޮއެ ތަންކޮޅެއް ބާރަށް ރުޅިއައިސްފައި ހަމަ އެ ސުވާލު ތަކުރާރު ކޮށްފައި ބުންޏެވެ. ޖަވާބު ނުދީފިއްޔާ މިފަހަރު ކުޅި ދައްކާލާނަމެވެ. ކަލޯ މިހާރު މަށަށް ނުކިޔަމަންތެރިކަން ދައްކަން ފެށީތާއެވެ. މިހެން ކިޔައި އަނެއްކާވެސް އޭޕްރީލް މަހުގެ ފަހަށް ދެން އަންނަނީ ކޮން މަހެއްތޯ އަހައި ބަކަރި ޖަވާބު ނުދިނުމުން ބަކަރީގެ ބުރަކަށީގައި ޖަހައިފި އެވެ. ބަކަރި ވަގުތުން ޖަވާބު ދީފި އެވެ. މޭ އެއެއެއެވެ.
ކޮއެ ބުންޏެވެ. އާނ ރަނގަޅެވެ. ތިޔަ ހެންޏާ ފަހެ ބުނެ ބަލާށެވެ. ޖޫން މަހުގެ ކުރިން އަންނަ އިނގިރޭސި މަހަކީ ކޮބައި ހެއްޔެވެ؟ ބަކަރި އެވަގުތު އަނެއްކާވެސް ޖަވާބު ދީފި އެވެ. މޭ އެއެއެއެއެ. ކޮއެ ބުންޏެވެ. އާން ވަރަށް ރަނގަޅެވެ. ތިޔަހެންޏާ ހިންދީން ވާޙަކަ ދައްކަން ވެސް ބަކަރި އަށް އެނގޭ ނޫން ހެއްޔެވެ؟ ހިންދީން މަގޭ އަށް ކިޔަނީ ކީކޭ ހެއްޔެވެ؟ ބަކަރި ޖަވާބު ދިނެވެ. މޭ އެއެއެއެއެވެ.
މިހިސާބުން ރަސްގެފާނު ކޮޔަށް ގޮވާލައްވާ ވިދާޅުވެއްޖެއެވެ. ކޮޔާ އަހާށެވެ. ތިޔަ ބަކަރި އެންމެ އުޅޭ ހިއްވަނީ ކޮން ރަށެއްގައިތޯ އަހާށެވެ؟ ރަސްގެފާނުގެ އަމުރުފުޅަށް ކޮއެ މި ސުވާލު ކުރި ނަމަވެސް ބަކަރީގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ކޮއެ ބުނީ އެހެން އެކަންވީ ގިނަ ބަޔަކު އެއްވެ ކުޅި ބަލަން ތިބުމާއި ބަކަރީގެ މާޙައުލު ބަދަލުވުމުން ކަމަށެވެ.
ރަސްގެފާނު ކޯފާ އިސްކުރައްވާ ބަކަރި އާއި ކޮއެ ފޮނުއްވާލެއްވީ ކޮއެ ބުނި ގޮތަކަށް މަހާނަފުށި ކޮޔަށް ލިޔެދެއްވުމަށް ފަހުގައެވެ. ވީ އުފަލުގައި ކޮއެ ބަކަރި ހިފައިގެން އެނބުރި މަހާނަފުއްޓަށް ރުޖޫޢަވެއްޖެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...