އަރަބިދުނިޔެ

ޙިޒްބުﷲގެ އިންޒާރެއް އިސްރާޢީލަށް

ލިޔުނީ: އިބްރާހީމް ނާޒިމް

އިސްރާޢީލުން ސޫރިޔާއަށާއި ލުބްނާން އަށް ހަމަލާދޭނެކަމުގެ ބިރު ދައްކަމުން ދާތީ ޙިޒްބުﷲ ޖަމާއަތުން އިސްރާޢީލަށް ވަރުގަދަ އިންޒާރެއް ދީފި އެވެ. އެ ޖަމާއަތުގެ ސިޔާސީ ކަންތައްތަކާއި ބެހޭ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޙަސަން ޚަލީލް ހާމަކުރެއްވިގޮތުގައި އިސްރާޢީލުން އެއްވެސް ބާވަތެއްގެ ޢުދުވާނީ ހަމަލާއެއް އީރާނަށް ނުވަތަ ސޫރިޔާ އަށް ދީފިނަމަ އެޖަމާއަތުން ދެކޭނީ އެއީ އެމީހުންނާ ދެކޮޅަށް ދެވުނު ހަމަލާއެއް ކަމުގަ އެވެ.

ޙަސަން ޚަލީލް އިތުރަށް ވިދާޅުވިގޮތުގައި ޔަހޫދީ ދައުލަތާ ދެކޮޅަށް ޖިހާދުކުރަމުންދާ އެއްވެސް ޖަމާއަތަކަށް ނުވަތަ އެ ޖަމާއަތްތަކަށް އެހީވަމުންދާ އީރާން އާއި ސޫރިޔާ ކަމުގައިވާ ދެ ޤައުމުންކުރެ އެއްވެސް ޤައުމަކަށް އިސްރާޢީލުން ހަމަލާދީފިނަމަ ޙިޒްބުﷲ އިން ދެކޭނީ އެއީ އެންމެންނަށް ދެވުނު ހަމަލާއެއްކަމުގަ އެވެ. ވަކިން ޚާއްޞަކޮށް ލުބްނާން އަށް ހަމަލާދީފިނަމަ އިސްރާޢީލް އާއި ވަރުގަދައަށް ކުރިމަތިލާނެކަމުގަ އެވެ. ލުބްނާން އަށް އިސްރާޢީލުން ހަމަލާދީފި ހާލަތެއްގައި ޙަމާސް ޖަމާއަތުން ވެސް ޙިޒްބުﷲ އާއި އެއްކޮޅަށް ހަނގުރާމަކުރާނެކަމަށް މާކުރިން ވަނީ އަންގާފަ އެވެ.

އިސްރާޢީލުން ލުބްނާން އަށް ބިރުދައްކަމުން ދާތީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެފައި ވަނީ ލުބްނާން އާއި ދެކޮޅަށް އިސްރާޢީލުން ހަނގުރާމައެއް ފަށައިފިނަމަ ސޫރިޔާއިން ލުބްނާން ދިފާއުކޮށްދިނުމުގެ ގޮތުން ފިޔަވަޅުއަޅާނެކަމަށެވެ. އަސަދު މިހެން ވިދާޅުވެފައި ވަނީ އެ ޤައުމަށް ޒިޔާރަތްކުރައްވަމުން ގެންދެވި ލުބްނާންގެ ޕާލިމެންޓްގެ އެންމެ އިސްފަރާތް ކަމުގައިވާ ނަބީހް ބިއްރީ އާއި ބައްދަލުކުރައްވަމުންނެވެ.

ދާދިފަހަކުން އިސްރާޢީލްގެ ދިފާއީ ވަޒީރު އިހޫދު ބަރަކް ބުނެފައިވަނީ ސޫރިޔާއިން އިސްރާޢީލް އާއި ޞުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރަންވީކަމުގަ އެވެ. ނޫންނަމަ ވަރުގަދަ ހަނގުރާމައަކާއި ކުރިމަތިލާން ޖެހޭނެކަމުގަ އެވެ. އޭނާ މީހެން ބުނިތާ ދުވަސްކޮޅެއް ފަހުން އިސްރާޢީލްގެ ދެއުޅިއެއްވުނާ ޚާރިޖީ ވަޒީރު އެވިގްޑޯ ލީބަމަން ރައީސް އަސަދު އަށް އިންޒާރެއް ދިނެވެ. ލީބަމަންގެ އިންޒާރުގައި ބުނެފައިވަނީ ޢަސްކަރީގޮތުން ސޫރިޔާ ބަލިވެގެންދާއިރު ބައްޝާރުލް އަސަދުގެ އާއިލާގެ އަތުން އެ ޤައުމުގެ ވެރިކަން ވެސް ގެއްލިގެންދާނެ ކަމަށެވެ. މިހެންބުނެ އިސްރާޢީލުން ކިތަންމެ ބިރުދެއްކުންތަކެއް ކުރިޔަށް ގެންދިޔަ ކަމުގައި ވިޔަސް ސޫރިޔާއިން ކަންބޮޑުވެގެން އުޅޭތަނެއް ނުފެނެ އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *