2014 މާރޗް 04 ވަނަ ދުވަސް ވެގެން ގޮސްފައިވަނީ ދިވެހިންގެ ބަޔަކާއި ބިދޭސީބަޔަކު ގުޅި 24 ކިލޯގެ މަސްތުވާތަކެތި ކަނޑުމަގުން ދިވެހިރާއްޖެއަށް އެތެރެކުރުމަށް ކުރަމުން ދިޔަ މަސައްކަތުގައި ދިވެހިންގެ ބަޔަކު ޢަމަލީ މައިދާނަށް ނިކުމެ ކަނޑު މަގުން ދަތުރުފެށި ދުވަހަށެވެ. މަސްތުވާތަކެތި ހިފައިގެން އިރާންގެ ޗަބާހަރު ބަދަރުން ނައްޓާލައި ދިވެހިރާއްޖެއަށް ދަތުރު ކުރަމުންދިޔަ ހޮރުމޯޒު ބޯޓާއި ބައްދަލު ކުރުމަށް ދިއުމަށް ހަމަޖެހިފައިވާ ވައިލެޓް ދޯންޏަށް ދިއުމަށް، އެދުވަހުގެ މެންދުުފަހު 15:15 ގައި މާލެއިން ވިލިމާލެއަށް ފެރީގައި ދިޔަ ދެ ދިވެހިންނަށް ފާރަލަމުން ފުލުހުން ވަނީ ވިލިމާލެއަށް ގޮސްފައެވެ.
ވިލިމާލޭގެ ފަޅުގައި ބަނދަރު ކޮށްފައި އޮތް ވައިލެޓް ދޯޏަށް އެ ދެ ދިވެހިން ދިޔައިރު ދޯނީގެ ކެޕްޓަންއާއި ދޯނީގައި މަސައްކަތްކުރާ ބިދޭސީ 3 ފަޅުވެރިން ވަނީ ދަތުރަށް ނައްޓާލުމަށް ދޯނީގެ އެންމެ ފަހުގެ ތައްޔާރީތައް ނިންމާފައެވެ. ވައިލެޓް ދޯނި މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމަށް ދިއުމަށް ތައްޔާރު ވެފައި ވާއިރު ދިވެހި ފުލުހުންގެ ތެރެއިން މި އޮޕަރޭޝަނަށް ހޮވާލެވުނު ޓީމުގެ ތެރެއިން އެ ދޯންޏަށް ފާރަވެރިވެ ކަނޑުމަގުން ދަތުރު ކުރުމަށް ކަނޑައެޅި ޓީމުވެސް ވަނީ ވައިލެޓް ދޯންޏަށް ފާރަލުމަށް ފުރިހަމައަށް ތައްޔާރުވެ ކޮއްތު ދަރާ ބޯފެން ހިފައިގެން ގަލްފް ކްރާފްޓް ކުޑަ ލޯންޗެއްގައި ކަނޑު މައްޗަށް ނިކުމެފައެވެ.
ހޮރުމޯޒް ބޯޓާ ބައްދަލުކުރުމަށް މާލެއިން ވިލިމާލެއަށް ދިޔަ ދެ ދިވެހިން ވައިލެޓް ދޯންޏަށް އެރުމާއެކު ދުވަހުގެ 15:30 ގައި ވައިލެޓް ދޯނި ވިލިމާލޭ ފަޅުން ނައްޓާލައި މިސްރާބު ޖަހާފައިވަނީ އަރިއަތޮޅު އުތުރުބުރިއާ ދިމާލަށެވެ. އެވަގުތުވެސް ކަނޑުމަތީގައި ހަރަކާތްތެރިވަމުން ދިޔަ ދިވެހި ފުލުހުންގެ ޓީމުން ދިޔައީ ވައިލެޓް ދޯނީގެ މޯހިރަށް ބަލަމުން އެ ދޯންޏަށް ފާރަލަމުންނެވެ.
ހޮރުމޯޒް ބޯޓާއި ބައްދަލުކުރުމަށް ވިލިމާލެއިން ފުރައިގެން އަރިއަތޮޅު އުތުރުބުރިއާ ދިމާއަށް ދަތުރުކުރަމުންދިޔަ ވައިލެޓް ދޯންނީގައި ތިބި ދިވެހިންވަނީ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުމަށް އެމީހުންނާ ގުޅިފައިވާ އީރާންގެ މިތުރަށް ދުވަހުގެ 17:00 ހާއިރު ފޯނުން ގުޅައި ވާހަކަ ދައްކާފައެވެ. އެރޭގެ 23:00 ހާއިރު ހޮރުމޯޒް ބޯޓުން ވައިލެޓް ދޯންޏަށް ގުޅާނެ ކަމުގެ ޔަޤީންކަން ވައިލެޓް ދޯނީގައި ތިބި ދިވެހިންނަށް އީރާންގެ މިތުރު ވަނީ ދީފައެވެ.
ދިވެހިންގެ ބަޔަކާ ބިދޭސީ ބަޔަކު ގުޅި ދިވެހިރާއްޖެއަށް އެތެރެކުރުމަށް މަސައްކަތް ކުރި 24 ކިލޯގެ މަސްތުވާތަކެތި އަތުލުމަށް ދިވެހި ފުލުހުންގެ ޓީމުތައް ރުކުރުވާލާފައި ވަނީ ވަރަށް ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާ އެކުގައެވެ. ކަނޑުމަގުން ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު އެކަމާގުޅުން ހުރި މަޢުލޫމާތުތައް ޕޮލިސް އިންޓަލިޖެންސުން ދިޔައީ އެއްކުރަމުންނެވެ. ލިބިފައިވާ މަޢުލޫމާތުގެ އަލީގައި ދުރާލައި މި އޮޕަރޭޝަނަށްޓަކައި އއ. މަތިވެރީގައި ޕޮލިސް އިންޓަލިޖެންސްގެ 05 ފުލުހަކު ޤާއިމްކޮށް އެރަށުގައި ވަނީ ޙަރަކާތްތެރި ވާން ފަށާފައެވެ. ހަމައެހެންމެ މިތަކެތި އަތުލައިގަތުމަށް ކަނޑުމަގުން ޙަރަކާތްތެރިވާނެ 16 ފުލުހުންގެ މައްޗަށް އެކުލެވޭ ޓީމެއް ކަނޑައަަޅައި (ޕޮލިސް އިންޓެލިޖަންސާއި ޑްރަގް އިންޓަލިޖެންސް އަދި ޑްރަގް އޮޕަރޭޝަންގެ ފުލުހުން) ކަނޑުމަގުން ވަނީ ގަލްފްކްރާފްޓް ލޯންޗެއްގައި ފުރާފައެވެ. މީގެ އިތުރުން މާލޭގެ ސަވައިލެންސް ޓީމެއްގެ ގޮތުގައި ޕޮލިސް އިންޓަލިޖެންސްގެ 7 ފުލުހަކު ކަނޑައަޅާފައިވާއިރު ގްރައުންޑް އެނަލިސިސް ޓީމްގެ ގޮތުގައި ޕޮލިސް އިންޓަލިޖެންސްގެ 8 ފުލުހަކު ވަނީ ކަނޑައަޅާފައެވެ. އަދި މި އޮޕަރޭޝަނަށްޓަކައި ގްރައުންޑް ޓެކްނިކަލް ޓީމެއްގެ ގޮތުގައި ޕޮލިސް އިންޓަލިޖެންސްގެ 5 ފުލުހަކު ކަނޑައަޅާފައި ވާއިރު ކޯވާޓް ޓީމެއްގެ ގޮތުގައި ޕޮލިސް އިންޓަލިޖެންސްގެ 3 ފުލުހަކު ކަނޑައަޅާފައި ވެއެވެ. މީގެ އިތުރުން މިކަމުގައި ޙަރަކާތްތެރިވާ މީހުން ކުރަމުންދާ ކޮމިއުނިކޭޝަންގެ މަސައްކަތްބަލައި ދިރާސާކުރުމަށް ފަންނީ 2 ފުލުހަކު ޙަރަކާްތްތެރިވަމުން ދިޔައެވެ.
ހޮރުމޯޒް ބޯޓާ ބައްދަލު ކުރުމަށް ދަތުރު ކުރަމުން ދިޔަ ވައިލެޓް ދޯންޏަށް އަރިއަތޮޅު އުތުރުބުރީގެ އުތުރު ކަންމަތިން އެ އަތޮޅު ތެރެއަށް ވަދެވިފައިވަނީ މާރޗް 04 ވަނަ ދުވަހުގެ 18:15 ހާއިރުއެވެ. އަރިއަތޮޅު އުތުރުބުރީގެ އެތެރެވަރިއަށް ވަދެ ވައިލެޓް ދޯނި މަޑުކޮށްފައިވަނީ ރަސްދޫއާއި އުކުޅަހާ ދެމެދުގައެވެ.
ވައިލެޓް ދޯނި އެރޭ ރޭގަނޑު އެއްކޮށް އަރިއަތޮޅު އުތުރުބުރީ އެތެރެވަރީގައި ހޭދަ ކޮށްފައިވާއިރު ކަނޑުމަގުން ހަރަކާތްތެރިވި ދިވެހި ފުލުހުންގެ ޓީމުވެސް އެއްވެސް ވަރުބަލިކަމެއް ނެތި ވައިލެޓް ދޯންޏަށް ފާރަވެރި ވުމަށްޓަކައި މުޅިރޭ ހޭދަކޮށްފައިވަނީ މާސިންގާ ކަނޑުގައެވެ.
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ހޮރުމޯޒް ބޯޓާއި ވައިލެޓް ދޯނި ބައްދަލު ކުރުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ހަމަޖައްސާފައިވަނީ އަރިއަތޮޅު އުތުރުބުރީ އުތުރުން 30 ނޯޓިކަލް މޭލު ސަރަޙައްދެއްގައެވެ.
24 ކިލޯގެ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހޮރުމޯޒް ބޯޓް ކައިރިޔަށް ދިއުމަށް ވައިލެޓް ދޯނި ވަނީ ދެ ދަތުރެއް ކޮށްފައެވެ. އެގޮތުން ފުރަތަމަ ކުރި ދަތުރުގައި މާރޗް 04 ވަނަ ދުވަހުގެ ރޭ އަރިއަތޮޅު އުތުރުބުރީ އެތެރެވަރީގައި މަޑުކޮށްގެން ތިބުމަށްފަހު ހޮރުމޯޒާ ބައްދަލު ކުރުމަށް ވައިލެޓް ދޯނި އެ ޕޮއިންޓުން ދީފައިވާ ޖީޕީއެސް ޕޮއިންޓަށް ދިއުމަށް ނައްޓާލާފައިވަނީ އެރޭގެ ދަންވަރު 03:00 ހާއިރުއެވެ. އެ ދަންވަރު މާސިންގާ ކަނޑަށް ނިކުމެ ބިޔަ ރާޅުތަކުގެ ތެރޭ ވެހެމުންދިޔަ ވާރޭގައި ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުން ބޭރަށް ދުއްވަމުންދިޔަ ވައިލެޓް ދޯންޏަށް ފާރަވެރިވަމުން ދިވެހި ފުލުހުން ގޮސްފައިވަނީ ކެރިގެން ހިތްވަރާއި ފަންވަރު ދައްކަމުންނެވެ. ހޮރުމޯޒް ބޯޓުން ދީފައިވާ ޖީޕީއެސް ޕޮއިންޓަށް ވައިލެޓް ދޯންޏަށް ދެވިފައިވަނީ މާރޗް 05 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި އޮޕަރޭޝަންގައި ކަނޑުމަތީ ހަރަކާތްތެރި ފުލުހުން ނިދުމެއް ނެތި ތާ އަބަދު ދިޔައީ ވައިލެޓް ދޯނި ލޮލުކޮޅުން ގެއްލުނަ ނުދީ އެ ދޯންޏަށް ފާރަލަމުންނެވެ.
ކަނޑުމަގުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް ދަތުރު ކުރަމުން ދިޔަ ހޮރުމޯޒް ބޯޓާ ބައްދަލު ކުރުމަށް ދީފައިވާ ޖި.ޕީއެސް ޕޮއިންޓަށް ވައިލެޓް ދޯނިން ގޮސް އެތާ އެތައް އިރެއް ހޭދަ ކުރިއިރުވެސް ހޮރުމޯޒް ބޯޓަށް އެޕޮއިންޓާ ހަމައަށް އާދެވިފައެއް ނުވެއެވެ.
ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން ބޭރުން ދީފައިވާ ޖީޕީއެސް ޕޮއިންޓްގައި ހޮރުމޯޒް ބޯޓާއި ނުގުޅިގެން ވައިލެޓް ދޯނިން ހޭދަކުރި ވަގުތު ތަކުގައި ވައިލެޓް ދޯނީގައި ތިބި ދިވެހިން އީރާންގައި ހުންނަ އެމީހުންގެ މިތުރަަށް ގުޅައި ހޮރުމޯޒް ބޯޓާއި ގުޅޭތޯ ވަރަށް ގިނަގުނަ މަސައްކަތް ތަކެއް ކުރަމުން ދިޔަކަން ޕޮލިސް އިންޓަލިޖެންސަށް ވަނީ ދެނެގަނެވިފައެވެ. ވައިލެޓް ދޯނީގައި ތިބި ދިވެހިންނަށް ސެޓަލައިޓް ފޯނު މެދުވެރިކޮށް ހޮރުމޯޒް ބޯޓާއި ގުޅާފައިވަނީ މާރޗް 05 ވަނަ ދުވަހުގެ 11:00 ހާއިރުއެވެ. އެވަގުތު ހޮރުމޯޒު ބޯޓުން މަޢުލޫމާތު ދީފައިވަނީ ހޮރުމޯޒް ބޯޓުއޮތީ ބައްދަލު ކުރުމަށް ދީފައިވާ ޖީޕީއެސް ޕޮއިންޓާއި 450 މެއިލް ބޭރުގައި ކަމަށާއި އެ ޕޮއިންޓަށް ހޮރުމޯޒު ބޯޓު ފޯރަން އަދި 56 ގަޑިއިރު ނަގާނެކަމަށެވެ.
ވައިލެޓް ދޯނިން އެ ސަރަޙައްދުގައި ހޭދަ ކުރި ވަގުތުތަކުގައި ހޮރުމޯޒް ބޯޓާއި ގުޅޭގޮތް ނުވުމުން މަސްތުވާތަކެތި އެތެރެކުރުމަށް ކުރި މަސައްކަތް މެދު ކަނޑާލައި އެނބުރި ވިލިމާލެއަށް އައުމަށް ވަނީ ދަތުރު ފަށާފައެވެ. އެ ދަތުރުގެ ރެސްޓިންގ ޕޮއިންޓުގައި ވަގުތުކޮޅަކު މަޑުކުރުމަށްފަހު ވައިލެޓް ދޯނި ވިލިމާލެއަށް އައިސްފައިވަނީ މާރޗް 05 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ހޮރުމޯޒު ބޯޓާ ބައްދަލުނުވެ ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުން ބޭރުގައި ވައިލެޓް ދޯނި ހޭދަކުރި ހުރިހާ ވަގުތު ތަކެއްގަވެސް ދިވެހި ފުލުހުންގެ ޓީމުވެސް ދިޔައީ އެއްވެސް ފޫހިކަމެއް ނެތި މާސިންގާ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި ކުޑަ ކުޑަ ލޯންޗެއްގައި ތިބެ އެ ދޯނީގެ ހަރަކާތްތަކަށް ބަލަމުންނެވެ.
މާރޗް މަހުގެ 05 ވަނަ ދުވަހުގެ ރޭ ވައިލެޓް ދޯނި ވިލިމާލެއަށް އައުމުން ކުރިންވެސް އެ ދަތުރަށް މާލެއިން ވިލިމާލެއަށް ދިޔަ ދެމީހުން އެރޭ 20:30 ހާއިރު މާލެއައިސް މާލޭގެ ރެސްޓޯރަންޓަކުން ކޮފީއެއް ބުއިމަށް ވަތްއިރުވެސް ޕޮލިސް އިންޓަލިޖެންސުން ދިޔައީ އެ ދެމީހުންނަށް ފާރަލަމުންނެވެ.
ހޮރުމޯޒް ބޯޓާ ބައްދަލު ނުވުމުން އެނބުރި މާލެ އައުމަށް ފަހުވެސް އެ ބޯޓާއި ގުޅޭތޯ އެ ދެ ދިވެހިން ދިޔައީ އަވަދިނެތި މަސައްކަތް ކުރަމުންނެވެ. އެރޭގެ 23:30 ހާއިރު އީރާންގައި ހުންނަ އެމީހުންގެ މިތުރަަށް ގުޅާ ހޮރުމޯޒް ބޯޓުން ދީފައިވާ ޖީޕީއެސް ޕޮއިންޓަށް އާދެވޭނެކަމަށް ލަފާކުރާ ވަގުތު ވަނީ ހޯދާފައެވެ. އަދި ދެވަނަ ދަތުރަށް ފުރާނެ ވަގުތަކާމެދު މަޝްވަރާކުރުމަށްފަހު އެ ދެމީހުންގެ ގެއަށް ނިދަން ވަތް އިރުވެސް ޕޮލިސް އިންޓަލިޖެންސުން ދިޔައީ އެ ދެމީހުންގެ ހަރަކާތްތަކަށް ފާރަލަމުންނެވެ.
ދިވެހިރާއްޖެއަށް 24 ކިލޯ މަސްތުވާތަކެތި އެތެރެކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ހަރަކާތްތެރިވަމުން ދިޔަ ދެ ދިވެހިން 2014 މާޗް 06 ވަނަ ދުވަހުގެ މެންދުރުފަހު ނިދައި ހޭލުމަށްފަހު އީރާންގައި ހުންނަ އެމީހުންގެ މިތުރަށް ގުޅައި ހޮރުމޯޒް ބޯޓުގެ ދަތުރާ ގުޅޭގޮތުން މަޢުލޫމާތު ވަނީ އޮޅުން ފިލުވާފައެވެ.
މާރޗް 06 ވަނަ ދުވަހުގެ 17:30 ވީއިރު ވައިލެޓް ދޯނީގެ ކެޕްޓަނާ އެ ދޯނީގެ ފަޅުވެރިން ދިޔައީ ދެވަނަ ފަހަރަށް ހޮރުމޯޒް ބޯޓުކައިރިޔަށް ދިއުމަށް ދޯންޏަށް ތެޔޮ އަޅައި ދަތުރަށް ދޯނި ތައްޔާރު ކުރަމުންނެވެ. އެވަގުތު މާލޭގައި ހަރަކާތްތެރިވަމުން ދިޔަ ދިވެހިން ވަނީ އީރާންގައި ހުންނަ އެމީހުންގެ މިތުރަށް، ބޭރުފައިސާ ފޮނުވާ ކުންފުންޏެއް މެދުވެރިކޮށް ފައިސާ ފޮނުވުމަށް، މި މައްސަލާގައި ފުލުހުން ހައްޔަރުކުރި ފުލުހުންގެ މީހާއަށް އަންގާފައެވެ.
އެ ހުރިހާ މަސައްކަތަކަށްފަހު މާލޭގައި ތިބި ދެ ދިވެހިން އެރޭވެސް ނިދާފައި ވަނީ ދެވަނަ ފަހަރަށް ހޮރުމޯޒް ބޯޓްކައިރިޔަށް ދިއުމަށް ފުރާނެ ވަގުތަކާ މެދު މަޝްވަރާ ކުރުމަށްފަހުގައެވެ. މި ހުރިހާ ވަގުތު ތަކެއްގައިވެސް ޕޮލިސް އިންޓަލިޖެންސްގައި މަސައްކަތް ކުރަމުންދިޔަ ފުލުހުން ދިޔައީ ފޫހިކަމެއް ނެތި އެ ދެމީހުންނާއި ވިލިމާލޭގައި ބަނދަރުކޮށްފައިވާ ވައިލެޓް ދޯންޏާއި އެދޯނީގެ ކެޕްޓަނާއި ފަޅުވެރިންގެ އިތުރުން ބޭރުފައިސާ ފޮނުވާ ކުންފުންޏެއް މެދުވެރިކޮށް އީރާންގެ މިތުރަށް ފައިސާ ފޮނުވުމަށް ހަވާލުވި ފުލުހުންގެ މީހާގެ ހަރަކާތްތަކަށް ފާރަލަމުންނެވެ.
މާލޭގައި ތިބި 2 ދިވެހިންގެ ތެރެއިން އެކަކު އެރޭގެ މެންދަމު 01:30 ވީއިރުވެސް ހަރަކާތްތެރިވަމުން ދިޔައީ އަންހެންކުއްޖަކު ގޮވައިގެން ކާރެއްގައި މާލޭގެ މަގުތަކުގައި ފިނިބުރު ޖެހުމުގައެވެ. ދެވަނަ ދިވެހި މީހާ ނިދަން ގެއަށް ވަދެފައިވަނީ އެރޭ ފަތިހު 04:15 ހާއިރުކަން ޕޮލިސް އިންޓަލިޖެންސްގެ މުވައްޒަފުން ވަނީ އޮޕަރޭޝަން ކޮމާންޑަރަށް އަންގާފައެވެ.
ޖެހިގެން އައި ދުވަހުގެ (07 މާރޗް 2014) 09:30 ވީއިރު ވައިލެޓް ދޯނީގެ ފަޅުވެރިން ހޭލައި، ދޯނީގައި ހޭލަމޭލައަށް ހަރަކާތްތެރިވަމުން ދިޔައެވެ. އަދި އެ ދުވަހުގެ 10:10 ހާއިރު މާލޭގައި ތިބި ދެ ދިވެހިންނަށް ގުޅައި ވައިލެޓް ދޯނީގެ ކެޕްޓަން ވަނީ ދަތުރާ ގުޅޭ މަޢުލޫމާތުތައް ހޯދާފައެވެ. ހަމަ އެހެންމެ 12:20 ހާއިރު ސެޓެލައިޓް ފޯނަކުން އީރާންގެ މިތުރު މާލޭގައި ތިބި ދިވެހިންނަށް ގުޅައި ދަތުރާއިގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މާރޗް 07 ވަނަ ދުވަހުގެ 14:30 ގައި މާލޭގައި ތިބި ދެ ދިވެހިންނާއި ވައިލެޓް ދޯނީގެ ކެޕްޓަން މައްޗަންގޯޅި ގެއެއްގެ ކަންމަތީގައި ބައްދަލުކުރިއިރުވެސް ޕޮލިސް އިންޓެލިޖެންސުން ދިޔައީ އެ އެންމެންގެ ޢަމަލުތައް ބަލައި މޮނީޓަރ ކުރަމުންނެވެ. ދެވަނަ ފަހަރަށް ހޮރުމޯޒު ބޯޓާ ބައްދަލުކުރުމަށް ވިލިގިލީގައި އޮތް ވައިލެޓް ދޯންޏަށް އެ ތިންމީހުން ގޮސްފައިވަނީ އެ ދުވަހު މެންދުރު ފަހުގެ ވަގުތެެއްގައެވެ.
24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމަށް މާރޗް މަހުގެ 04 ވަނަ ދުވަހުވެސް ދަތުރަށް ފެށިމީހުން ވައިލެޓް ދޯންޏަށް އައިސް ހަމަވުމުން ދެވަނަ ފަހަރަށް ހޮރުމޯޒް ބޯޓް ކައިރިޔަށް ދިއުމަށް ވިލިމާލޭގެ ބަނދަރުން ވައިލެޓް ދޯނި ނައްޓާލާފައި ވަނީ އެދުވަހުގެ ހަވީރު 15:45 ހާއިރުއެވެ.
މާރޗް 05 ވަނަ ދުވަހުގެ ރެއިންފެށިގެން މާރޗް 07 ވަނަ ދުވަހުގެ މެންދުރުފަހާ ހަމައަށް ވައިލެޓް ދޯނި ބަނދަރު ކޮށްފައި އޮތީ ވިލިމާލޭގެ ބަނދަރުގައެވެ.
މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމަށް ވައިލެޓް ދޯނިން ކުރި ދެވަނަ ދަތުރު:
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް އީރާންގެ ހޮރުމޯޒް ބޯޓާއި ބައްދަލު ކުރުމަށް ހޮރުމޯޒް ބޯޓުން ދީފައިވާ ޖީ.ޕީ.އެސް ޕޮއިންޓަށް ދިއުމަށް ވައިލެޓް ދޯނިން ދެވަނަ ފަހަރަށް ދަތުރު ފަށައި ފުރަތަމަ ދަތުރެކޭ އެއްގޮތަށް ދެވަނަ ދަތުރުވެސް ދެބައި މީހުން ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ޕޮއިންޓަށް ދިއުމަށް ކުރި ދަތުރު މެދު ކަނޑާލާފައިވަނީ ދުވަހުގެ އިރު އޮއްސުމުންނެވެ. ކުރީ ދަތުރެކޭ އެއްގޮތަށް މި ދަތުރުގައިވެސް ރޭގަނޑު ރެސްޓިންގ ޕޮއިންޓެއްގެ ގޮތުގައި މަޑުކޮށްފައި ވަނީ އުކުޅަސް ހިމެނޭ ސަރަޙައްދުގަ އަރި އަތޮޅު އުތުރުބުރީގެ އެތެރެވަރީގައެވެ.
އޮޕަރޭޝަންގައި ކަނޑުމަތީ ހަރަކާތްތެރިވުމަށް ކަނޑައެޅި 16 ފުލުހުން މިފަހަރުވެސް ދޯނީގެ މޯހިރަށްބަލައި ފާރަވެރި ވުމުގައި ދިޔައީ އަވަދިނެތިއެވެ. އަރިއަތޮޅު އުތުރުބުރީ އެތެރެވަރީ ވައިލެޓް ދޯނި މަޑުކޮށްގެން އޮއްވާ މާލެއިން އެ ދޯންޏަށް އެރި ދެ ދިވެހިންގެ ތެރެއިން މީހަކަށް އެރޭގެ ދަންވަރު 00:10 ހާއިރު އޭނާގެ އަނބިމީހާއާ ފޯނުން ގުޅައި ވާހަކަ ދައްކާފައިވެއެވެ. މަސްތުވާތަކެތި ހިފައިގެން އީރާންގެ ޗަބާއީ ބަނދަރުން ސީދާ ރާއްޖެއަށް ދަތުރު ކުރަމުންދާ ހޮރުމޯޒް ބޯޓް ދީފައިވާ ޖީޕީއެސް ޕޮއިންޓާ 200 މެއިލް ކައިރިއަށް އައިސްފައިވާ ކަމުގެ ޚަބަރު އެރޭގެ 00:45 ހާއިރު އީރާންގައި ހުންނަ އެބައިމީހުންގެ މިތުރުވަނީ ދިވެހިންނަށް ދީފައެވެ.
އެރޭ އެ ސަރަޙައްދުގައި މަޑުކޮށްގެން ތިބުމަށްފަހު މާރޗް މަހުގެ 08 ވަނަ ދުވަހުގެ ފަތިހު ހޮރުމޯޒް ބޯޓާ ބައްދަލުވޭތޯ ވައިލެޓް ދޯނިން ދަތުރު ކޮށްފައި ވަނީ ރެސްޓިންގ ޕޮއިންޓުން ނައްޓާލައިގެން އުތުރު ދެކުނުން ބ. އަތޮޅާވީ ދިމާ ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން ބޭރަށެވެ.
މިފަހަރުގެ މި ދަތުރުގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން ބޭރުގައި އެދުވަހުގެ މެންދުރު ފަސްވަންދެން ވައިލެޓް ދޯނި ހޭދަކޮށްފައިވެއެވެ. އެދުވަހުގެ ހަވީރު 15:10 ހާއިރު އެދޯނީގައި ހުރި ދިވެހިންގެ މީހަކާއި އީރާންގެ މިތުރާ ދެއްކި ވާހަކައިން ދިވެހިރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތް ކުރަމުން ދަނީ ޑިންގީއެއްގައި ރައްކާކޮށްގެންކަން ޕޮލިސް އިންޓަލިޖެންސައްވަނީ ދެނެގަނެވިފައެވެ. ނަމަވެސް މިދަތުރުގައިވެސް ހޮރުމޯޒް ބޯޓާ ބައްދަލު ނުވުމުން އެ ދުވަހުގެ އިރު އޮއްސުނު ވަގުތު ވައިލެޓް ދޯނި އެނބުރި އައިސްފައިވަނީ އުކުޅަސް ކައިރީ އެމީހުން މަޑުކޮށްގެން ތިބޭ ރެސްޓިންގ ޕޮއިންޓަށެވެ.
ރެސްޓިންގް ޕޮއިންޓްގައި ހޭދަކުރި ވަގުތު ވައިލެޓް ދޯނި ވަނީ މާރޗް 09 ވަނަ ދުވަހު ފަތިހު އއ. އުކުޅަހާ ކައިރިކޮށްފައެވެ. ވައިލެޓް ދޯނީގައިތިބި ބިދޭސީންނާއި ދިވެހިން އުކުޅަހުން ބާޒާރު ކުރުމަށްފަހު ވައިލެޓް ދޯނި ވަނީ އެނބުރި ރެސްޓިންގ ޕޮއިންޓަށް ގޮސްފައެވެ. އުކުޅަހަށް ވައިލެޓް ދޯނި ކައިރި ކުރީއްސުރެ އެރަށުން އެ ދޯނި ނައްޓާލަންދެން ޕޮލިސް އިންޓަލިޖެންސުން އުކުޅަހުގައި ޤާއިމްކޮށްފައިވާ 05 ފުލުހުން ދިޔައީ އެމީހުންގެ ހަރަކާތްތަކަށް ފާރަވެރިވަމުންނެވެ.
މާޗް މަހުގެ 09 ވަނަ ދުވަހު ހެނދުނު ރެސްޓިންގ ޕޮއިންޓުން ނައްޓާލައިގެން ވައިލެޓް ދޯނި ވަނީ މަތިވެރިއާ ދިމާ ބޭރަށް ނިކުމެފައެވެ. އެއަށްފަހު ވައިލެޓް ދޯނި ވަނީ ހޮރުމޯޒު ބޯޓުން ދީފައިވާ ފައިނަލް މީޓިންގ ޕޮއިންޓަށް އެދުވަހުގެ ހަވީރު ގޮސްފައެވެ.
ވައިލެޓް ދޯނި ހޮރުމޯޒް ބޯޓާއި ބައްދަލުކުރުމަށް މާސިންގާ ކަނޑުގައި ކުރަމުން ދިޔަ މަސައްކަތްތައް ދެނެގަނެ، މަސްތުވާތަކެތި އަތުލައިގަތުމަށް ކަނޑުމަތީގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންގެ ޓީމް ހަރަކާތްތެރި ވެފައިވަނީ ވަރަށް ފޯރިއާއި ޖޯޝާ އެކީގައެވެ.
މާޗް މަހުގެ 09 ވަނަ ދުވަހު ވައިލެޓް ދޯނި ފައިނަލް ޕޮއިންޓަށް ދިޔަކަމުގައި ވީނަމަވެސް ވައިލެޓް ދޯންޏަށް ހޮރުމޯޒް ބޯޓާއި ބައްދަލުވާގޮތްވީ މާރޗް މަހުގެ 10 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ވައިލެޓް ދޯންޏާއި ހޮރުމޯޒް ބޯޓް ބައްދަލުވެފައި ވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން 30 ނޯޓިކަލް މޭލު ބޭރުންނެވެ.
މާލެއިން ވައިލެޓް ދޯންޏަށް އަރައި ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މަސައްކަތުގައި އަވަދިނެތި ހަރަކާތްތެރިވަމުންދިޔަ ދެ ދިވެހިން އެމީހުންގެ އަނބިންނާ މާރޗް 10 ވަނަ ދުވަހުގެ ހެނދުނު ވަނީ ފޯނުން ވާހަ ދައްކާފައެވެ.
ދިވެހިރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތްކުރަމުން ދިޔަ މީހުންނާއި އެ މަސްތުވާތަކެތި އަތުލައިގަތުމަށް ދިވެހި ފުލުހުން ދިޔައީ ޓެކްނޮލޮޖީގެ ގޮތުން ބޭނުން ކުރެވެންހުރި ހުރިހާ ވަޞީލަތްތަކެއް ބޭނުން ކުރަމުންނެވެ.
އީރާންގެ ހޮރުމޯޒް ބޯޓާ ވައިލެޓް ދޯނި ބައްދަލުވި ވަގުތު ހޮރުމޯޒް ބޯޓުން ވަނީ ފައިބަރު ޑިންގީއެއް ކަނޑަށް ދޫކޮށްލާފައެވެ. ހޮރުމޯޒުން އެ ޑިންގީ ކަނޑަށް ދޫކޮށްލުމާއެކު ވައިލެޓް ދޯންޏަށް އެ ޑިންގީ ނެގުމަށްފަހުވެސް ވައިލެޓް ދޯނި ގިނަ އިރުތަކެއް އެސަރަހައްދުގައި ހޭދަ ކުރުމަށްފަހު އެނބުރި މާލެއައުމަށް ދަތުރު ފަށާފައިވަނީ އެ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.
މަސްތުވާތަކެތި ރައްކާ ކޮށްފައިވާ މި ޑިންގީ ނެގުމަށްފަހު ވައިލެޓް ދޯނިން ތޮއްޑޫ ބޭރުން ދުއްވާފައި އައިސް މާލެއަތޮޅަށް ވަދެވިފައި ވަނީ އެދުވަހުގެ އިރުއޮއްސުނުފަހުންނެވެ. ވައިލެޓް ދޯނީގައި ހަރަކާތްތެރިވި ދިވެހިން ވަނީ އެ ދުވަހުގެ 17:00 ހާއިރު އީރާންގައި ހަރަކާތްތެރި ވަމުންދާ އެމިހުންގެ މިތުރަށް ފޯނުން ގުޅައި ހޮރުމޯޒް ބޯޓާއި ބައްދަލުވިކަމަށާއި ހުރިހާކަމެއް ރަނގަޅަށް ދިޔަކަމަށާ ފަހުން ގުޅާނެކަމަށްވެސް ބުނެފައެވެ. ވައިލެޓް ދޯނި މާލެ އޮތޮޅުތެރެއިން ދަތުރު ކޮށްފައި އައިސް ހުޅުމާލެ ފަޅަށް ވަދެ ވައިލެޓް ދޯނިން 2 ދިވެހިންނާއެކު އެޑިންގީ ހުޅުމާލޭ ފަޅަށް ބާލައިފާ ވަނީ މާރޗް 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ކަނޑުމަގުން ދިވެހިރާއްޖެއަށް 24 ކިލޯ މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތްކުރި ދޯނީގައި ތިބި މީހުންނާ ޑިންގީގައި ތިބި ދެ ދިވެހިން ހައްޔަރުކޮށްފައިވަނީ މާރޗް 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މީގެ އިތުރުން މި މައްސަލާގައި އީރާންގެ މިތުރަށް ފައިސާ ފޮނުވުމުގެ މަސައްކަތުގައި އަވަދިނެތި ހަރަކާތްތެރިވަމުންދިޔަ ފުލުސް މީހާ ހައްޔަރު ކޮށްފައިވަނީ މާރޗް 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
24 ކިލޯގެ މަސްތުވާތަކެތި ހިފައިގެން އިރާންގެ ޗަބާހަރު ބަނދަރުން ސިދާ ދިވެހިރާއްޖެއަށް ދަތުރުކުރި އީރާންގެ ހޮރުމޯޒް ބޯޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެމް.އެން.ޑީ.އެފްގެ އެހީތެރިކަމާއެކު ބ.އަތޮޅާއި އަރިއަތޮޅާއި ދެމެދު ހުޅަގުން ދިވެހިރާއްޖޭގެ އިޤްތިޞާދި ސަރަޙައްދުން 07 ނޯޓިކަލް މޭލު ބޭރުންނެވެ. އީރާންގެ ހޮރުމޯޒް ބޯޓުގައި ތިބި ޕާކިސްތާނުގެ 11 މީހުން ހައްޔަރުކޮށްފައި ވަނީ މާރޗް 11 ވަނަ ދުވަހުއެވެ.
ކަނޑުމަގުން ދިވެހިރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތްކުރި މި މައްސަލައާއި ގުޅިގެން ޖުމްލަ 18 މީހަކުވަނީ ހައްޔަރު ކޮށްފައެވެ.
ދިވެހިރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން ދިވެހިންގެ ބަޔަކާއި ބިދޭސީބަޔަކު ގުޅިގެން ކުރި މަސައްކަތް ފޫއަޅުވާލައި އެތަކެތި އަތުލައިގަތުމަށް ފުލުހުން ހިންގި ކާމިޔާބު އޮޕަރޭޝަންގައި މާސިންގާ ކަނޑުގައި ހަރަކާތްތެރިވި ފުލުހުން ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި ވެހެމުން ދިޔަ ވާރޭއާ ދިލަ ހޫނު އަވީގައި ހޭދަކުރި ދުވަސް ތަކަކީ މިހާތަނަށް ފުލުހުންގެ އެއްވެސް އޮޕަރޭޝަނެއްގައި ނުކުރާފަދަ ގިނަ ތަޖުރިބާތަކެއްކުރި ދުވަސްތަކެކެވެ. އަދި ކަނޑުމަތީ ކުޑަކުޑަ ގަލްފްކްރާފްޓް ލޯންޗްގައި ހަރަކާތްތެރިވި ފުލުހުން ބޮޑުކަމު ބޮޑުކަމު ގޮސްފައި ވަނީ މާސިންގާ ކަނޑަށް ފުންމާލައިގެންނެވެ.
މަސްތުވާތަކެތި ހިފައިގެން ދިވެހިރާއްޖެއިން ބޭރުން އައި ހޮރުމޯޒުބޯޓާއި ވައިލެޓް ދޯންޏަށް ފާރަލުމުގައި ދިވެހި ފުލުހުން މާސިންގާ ކަނޑުގައި ހަރަކާތްތެރި ވެފައިވަނީ އެއްވެސް ހަތިޔާރަކާ ނުލައި އެއްވެސް ޖެހިލުންވުމަކާއި ބިރުގަތުމެއް ނެތި ޤައުމީ ހިތްވަރާއި ޖޯޝުގައެވެ.







ކޮމެންޓް (0)
ލޯޑް ކުރަމުން...