ޝައްކެއްވެސް ނެތެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަކީ ޝަރަފުވެރި ފަޚުރުވެރި މަޤާމެކެވެ. މި މަޤާމަށް ވަޑައިގަންނަވާ ބޭފުޅަކު ވާން ޖެހޭނީ އެއްގޮތަކަށް ވުރެ ގިނަ ގޮތް ގޮތުން މި މަޤާމަށް އެކަށީގެންވާ ޤާބިލު ކުފޫ ހަމަވާ ބޭފުޅަކަށް ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އެހެން ނަމަވެސް މިހާރު އުފެދޭ ސުވާލަކީ މަޖިލީހުގެ ރައީސް ކަމުގެ މަޤާމާއި މެދު ކޯލިޝަނުގެ މައި ދެ ބައިވެރިންގެ މެދުގައި އުފެދިފައި މިވާ ކޯޅުންގަނޑު ނިމި މިކަން ޙައްލު ވާނީ ކޮން ހަމަ އަކުން ތޯ އުފެދޭ ސުވާލެވެ.
ސަރުކާރު ކޯލިޝަނުގެ ތެރޭގައި މިހާރު ތިބި ބައިވެރިންނަކީ މަޝްވަރާ ކޮށްގެން ކަންކަން ޙައްލު ކުރުމުގެ މާ ބޮޑު ޝައުޤުވެރިކަމެއް ހުރި ބައެއް ނޫން ކަން ނިމިދިޔަ އިންތިޚާބުން ގެއްލުނު ގޮނޑިތަކުން ވެސް އެހުރީ ފެންނާށެވެ. އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ނުކުރުމާއި، އެއްބަޔަކު އަނެއް ބަޔަކަށް ކެހިދޭން މަސައްކަތް ކުރުމުގެ އާޚިރު ނަތީޖާ އަކީ އިދިކޮޅު އެމްޑީޕީއަށް މިފަހަރުގެ މަޖިލީހުން ފަންސަވީހަކަށް ގޮނޑި ދޭން ޖެހުމެވެ.
މިކަން ކޯލިޝަނުގެ އިސް ވެރިންވެސް ވަނީ ފާހަގަ ކުރައްވާފައެވެ. ކޯލިޝަނުގެ ރަސްމީ ޓިކެޓު ދީފައިވާ އެމްޑީއޭއިން ގައްދޫ ދާއިރާ އަށް ކެންޑިޑޭޓަކު ނުނެރެ އެ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމަށް ތާއީދު ކުރުމަށް ނިންމުމުން ޕީޕީއެމަށް ވެސް އެކަން ބަލައިނުގަނެވުނެވެ. އަދި މަޝްވަރާގެ އުޞޫލުން އެ ކަން ޙައްލު ކުރުމުގައި ފެއިލް ވެފައި ވެއެވެ. އާޚިރުގައި މަސްލަޙަތަކަށް އެހެން ކަމަކަށް ބެލުމެއް ނެތި ޕީޕީއެމުން އަމިއްލަ އަށް ކެންޑިޑޭޓަކު ނެރުނެވެ.
ނިމިދިޔަ އިންތިޚާބުގައި ކޯލިޝަނުގެ ޓިކެޓު ތައް ބަހާލި ނަމަވެސް އަޑިއަޑިން " ވަގު ކެންޑިޑޭޓުން " ނެރެގެން އެއްބަޔަކު އަނެއް ބަޔަކަށް ކެހިދޭން އުޅުމުގެ ނަތީޖާއެއްގެ ގޮތުން ކޯލިޝަނަށް ގިނަ ގޮނޑިތައް ގެއްލުނެވެ. މިކަން ވަނީ ދެފަރާތުން ވެސް ފާހަގަ ކޮށްފައެވެ. އެހެން ނަމަވެސް މިކަން ހިނގާކަން އެނގި ހުރެ މި މައްސަލަ ޙައްލު ކުރުމަށް ދެފަރާތުން ވެފައިވާ އެއްބަސްވުމަށް އިހުތިރާމް ކުރާން އެއްވެސް ބަޔަކު ބޭނުމެއް ނުވިއެވެ. އާޚިރު ނަތީޖާ އަކީ ކުރިންވެސް ދެންނެވި ގޮތަށް ބައެއް ގޮނޑިތައް ކޯލިޝަނަށް ގެއްލިގެން ދިޔުމެވެ.
އިންތިޚާބުގައި ޢަދާލަތު ޕާޓީ އަކީ ކޯލިޝަނުގެ މުހިންމު ބައެއް ކަމަށް ބުނެ ޢަދާލަތަށް ތަޢުރީފު ކުރި ނަމަވެސް އަދާލަތު އެއްގަލަކަށް އެރުވުމުގައި ކޯލިޝަނުގެ ބައިވެރިން ވަނީ ނާކާމިޔާބު ވެފައެވެ. މީގެ ސަބަބުން ޢަދާލަތު ޕާޓީ ވާދަކުރި ގިނަ ދާއިރާ ތަކުން ދެބައި މީހުންނަށް ވެސް ލިބުނީ ކޮޅުކެއްސެވެ. " އަރާރުން ކުރާން ތިއްބާ ކާއެތިކޮޅު ހިފައިގެން މަކުނު ފިލީ " އެވެ.
މިހާރު މައްސަލަ ޖެހިގެން މިއުޅެނީ މަޖިލީހުގެ ރައީސް ކަމުގެ ގޮނޑިއަށް އަރާނެ ބޭފުޅަކާއި މެދުގައެވެ. މަޖިލީހުގެ ރައީސް ކަމަށް ޤާޞިމާއި ނާޒިމް މިވަނީ ޝައުޤުވެރިކަން ފާޅު ކޮށްފަ އެވެ. މިކަން ވެސް ބުޅާ ގޯނިން ބޭރު ނުވަނީސް ޙައްލު ކުރާކަށް މިވެރިންނަށް ނޭނގުނެވެ. އެންމެ ފަހުން މީޑިޔާ ތަކުގައި މިކަން ހޫނުވެ، ރޭގެ ބޮޑު ޖަލްސާގައި ޤާޞިމު ބައިވެރިވެ ވަޑައި ނުގެންނެވި އެވެ. މިޖަލްސާގައި ރައީސް ޔާމީން ވަނީ ޕީޕީއެމްގެ އެދުންވެރިކަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހާމަ ކުރައްވާފައެވެ. ޕީޕީއެމުން ތާއީދު ކުރާނީ ޕީޕީއެމްގެ ބޭފުޅަކަށް ކަން މިހާރު އެންމެންނަށް ވެސް އެނގެއެވެ.
މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ކޮންމެ ބޭފުޅަކު ހޮވި ނަމަވެސް ހޮވާން ޖެހޭނީ ރައްޔިތުން ބަލައިގަންނަ މަޤާމަށް އެކަށީގެންވާ ޤާބީލު ބޭފުޅެކެވެ. ޕާޓީ ލައިނުން ނާޤާބިލު މީހަކު މި މަޤާމަށް ލައިފި ނަމަ ކުރިޔަށް ހުރި އިންތިޚާބު ތަކުގައި ރައްޔިތުން މީގެ އަގު ހޯދާނެ އެވެ. މި މަޤާމަށް ވަޑައިގަންނަވާ ބޭފުޅަކު ވާން ޖެހޭނީ އޯގާތެރި ކެތްތެރި މަޑުމައިތިރި ބޭފުޅަކަށެވެ. އިންތިޚާބު ތަކުގައި ރައްޔިތުން ނޫނެކޭ ބުނުމުން ފެއިލްވެފައިވާ ބޭފުޅަކަށް ނުވަތަ ފަސާދައިގެ ބޮޑު ތުހުމަތު ތަކެއް ބޮލުގައި އެޅިފައިވާ ބޭފުޅަކަށް މިފަދަ މަޤާމެއް ދިނުމަށް ދިވެހިން ނުރުހޭނެ ކަމީ ޔަޤީން ކަމެކެވެ.
މިއީ އަދި މިކަން ނިމުމެއް ނޫނެވެ. މިއީ އަދި ފެށުމެކެވެ. މީގެ ތެރެއިން އަދި " ކިތަންމެ ރިހައެއް ކެކޭނެ " އެވެ. " ހޫނު ބޮނޑިބަތް ކާން " އެދޭނަމަ " ކުޅިބަލާން " ތިބެމާ ބަހީއެވެ!
ކޮމެންޓް (0)
ލޯޑް ކުރަމުން...