ކޮލަމިސްޓް ދައުރު ނިމެންދެން ހުވައިގެ ކަރާމާތް ދެމެހެއްޓުން ޢަދާލަތު ކެނޑިޑޭޓުންގެ ފުރަތަމަ ވައުދު

ދައުރު ނިމެންދެން ހުވައިގެ ކަރާމާތް ދެމެހެއްޓުން ޢަދާލަތު ކެނޑިޑޭޓުންގެ ފުރަތަމަ ވައުދު

ދައުރު ނިމެންދެން ހުވައިގެ ކަރާމާތް ދެމެހެއްޓުން ޢަދާލަތު ކެނޑިޑޭޓުންގެ ފުރަތަމަ ވައުދު

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

 

"އަހުރެން ....... (މީހާގެ ނަން) ....... އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ރައްޔިތުންގެ ޙައްޤުތައް ދެމެހެއްޓުމަށާއި ދިވެހި ޤައުމަށް އީޚްލާޞްތެރިވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން އަހުރެން އަދާ ކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތް ﷲ ގަންދީ ހުވައި ކުރަމެވެ."

މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ޖަދުވަލް އެކެއްގެ 4 ވަނައިގައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ޤާނޫނު އަސާސީގައިވާ ޝަރުތު ތަކުގެތެރެއިން ޝަރުތު ފުރިހަމަވާ މީހަކު އިންތިޚާބު ވެއްޖެނަމަ އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ކުރަންޖެހެއެވެ. ހިނގަމުން މިދާ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ވަދެތިބީ އިންތިޚާބުވުމަށްފަހު ހުވައި ކުރައްވައިގެންނެވެ.

ސުވާލަކީ މިހުވައި މަތީގައި ދެމިތިބުމަށް އެމެންބަރުން މަސައްކަތް ކޮށްފައި ވޭހެއްޔެވެ. މިހާރު ހިނގަމުންމިދާ ރައްޔިތުންގެ މަޖިލީހާއިމެދު ރައްޔިތުންގެ ހިތްތަކުގައިވާ ކަންބޮޑުވުންތައް އެކަނިވެސް މިސުވާލުގެ ޖަވާބަށް ފުދެއެވެ.

ނިމެމުންމިދާ ރައްޔިތުންގެ މަޖިލީހަކީ ސްޕީޑު ލަސް މަޖިލީހެކެވެ. ތެދެކެވެ. ނިސްބަތުން ގިނަ ބިލްތަކެއް ނުވަތަ މަސައްކަތެއް މިމަޖިލީހުން ކޮށް ނިންމައިފިއެވެ. ނަމަވެސް ޢަދަދުން ގިނަ މަޖިލިސްވެފައިވަނީ ނިސްބަތުން އެންމެ 'ތަތް' މަޖިލީހަށެވެ.

ވަސީލަތުގެ ގޮތުން މަޖިލިސް ކުރިއަރާފައވާކަން މަޖިލީހުގެ ތަޅުމުންފާހަގަ ކުރެވޭނެއެވެ. ނަމަވެސް ލިބިފައިވާ ޓެކްނޮލަޖީއާއި އެއްވަރަށް މަޖިލީހުގެ ކުއަންޓިޓީއާއި ކުއަލިޓީއާއި ޕޮލިޓީ ނެތްކަން މިއީ ރައްޔިތުންގެ ކަންބޮޑުވުމުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ.

އަދި މުހިންމު ކަންކަމަށް މަޖިލީސް ޖަމާވެ ބަހުސް ކުރަމުންދަނިކޮށް މަޖިލީހުގެ ޖަލްސާތައް ހުއްޓުވާފައިވަނީ ކިތަށް ދުވަހު ހެއްޔެވެ. ނިޒާމީ ނުކުތާއާއި ހޫނު ބަހުގެ ޙަމަލާތަކުގައި އެތަށް ގަޑިއިރެއް ހޭދަކޮށްފައިވާއިރު ރާއްޖޭގެ ކުރިމަގަށް ބޭނުންވާ އެތަށް ބިލްތަކެއް ނުވަތަ މަސައްކަތްތަކެއް ހުރީ މަޖިލީހުގެ ކޮމިޓީތަކުގައި ފުނިޖެހިފައެވެ. ހެއްކާ ބެހޭ ޤާނުނުނެވެ. ޤާނުނުލް ޢުޤޫބާތުގެ ޤާނޫނެނެވެ. މިފަދަ އެތަށް ބިލްތަކެއް ފުނިޖެހިފައިވާއިރު މަޖިލީހުގެ މެންބަރުންގެ މޫނުމަތިން ކަންބޮޑުވުމުގެ ޝުޢޫރެއް ނެތެވެ. އަބަދުވެސް ހުރީ މަޖިލީހާއި މެދު ރައްޔިތުންގެ ކަންބޮޑުވުމެވެ.

މިހާހިސާބަށް ކުރެވުނު ސުވާލުގެ ޖަވާބު ލިބިއްޖެއެވެ. މަޖިލީހުގެ މެންބަރުކަމުގެ ހުވައިގެ މަތީ ދެމިތިބުމުގައި މަޖިލީހުގެހަތަރު ބައިކުޅަ ތިންބައިވަނީ ފެއިލްވެފައެވެ. މިކަމާމެދު ރައްޔިތުންތިބީ އިންތިހާއަށް ކަންބޮޑުވެފައެވެ. ރައްޔިތުންގެ ހިތްތަކަށް ތަސައްލީއެއް ހޯދައިދެވޭނެ ވަގުތެއް ނިމެމުންދާ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި ނެތެވެ.

އެހެންކަމުން މަޖިލީހުގެ ހަތަރު ބައިކުޅަ 3 ތިންބައި މެންބަރުންތިބީ މާތް ﷲ ގަންދީ ކުރެއްވި ހުވަޔާއި ޚިލާފުވެފައެވެ. އެކަން މަޖިލީހުގެ ނިމިގެންދިޔަ ދައުރުން ސާބިތުވެއެވެ. ރައްޔިތުންގެ ޙައްޤުތަކަށް އިހްތިރާމް ނުކުރެވުނު ތާންގައި ތިމާގެ ވެރި އިލާހު ދީނުގައި ކަނޑައެޅުއްވި ޝަރުޢުތަކާމެދުވެސް ކުރެވުނީ އިންކާރެވެ. އެއީ ހުވައިގެ އެންމެ ފުރަތަމަ އިޤުރާރެވެ.

މިހުވައިގައި އެކުލެވިގެންވާ އިޤރާރަކުން އިޤުރާރަކުން ޚިލާފުވަމުންގޮސް މިހާރުވަނީ މުޅި ހުވަޔާ ޚިލާފުވެފައެވެ. މިއީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅުންހުރި މައްސަލަތަކެވެ. ރައްޔިތުން ބޭނުންވަނީ މާތް ﷲ ގަންދީ ހުވާކުރުމަށްފަހު އެހުވައިގެ މަތީގައި ދެމިތިބޭނެ ބައެކެވެ.

ރައްޔިތުންގެ މާޔޫސްވުމާއި ކަންބޮޑުވުމަށް ތަސައްލީއެއް ހޯދައިދެއްވާނެކަމަށް ޢަދާލަތުޕާޓީގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ޔަޤީންކޮށް އަރުވައެވެ.  ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޢަދާލަތު ޕާޓީގެ ފަރާތުން ހުށަހަޅަނީ ޢިލްމާއި ޤާބިލުކަމާއި ހިތްވަރާއި ބުންވަރު ހުރި ޓީމެކެވެ. މިޓީމުގެ ފަރާތުން ރައްޔިތުންނަށް ވެފައިވާ އެންމެ ފުރަތަމަ ވައުދަކީ މާތް ﷲ ގަންދީ ހުވާކުރުމަށްފަހު ހުވަޔާ ޚިލާފުނުވެ ހުވައިގެ ކަރާމާތް ދަމަހައްޓާނެކަމުގެ ވައުދެވެ.

ﷲ ގަންދީ ހުވައި ކުރުމަށްފަހު ހުވަޔާ ޚިލާފު ނުވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ޢަދާލަތު ޕާޓީގެ ކެނޑިޑޭޓުން ހުށަހަޅައެވެ. އަދި އެހުވައިގައި ބަޔަވްގެންވާ ކަންކަމަށް ރިއާޔަކޮށް ރައްޔިތުންގެ ޙައްޤުތައް ހޯދައިދނުމަށް މަސައްކަތް ކުރާނެކަމަށެވެ. ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދޭނެ ކަމަށެވެ.

ވަކި ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ހުރިހާ ރައްޔތުންގެ ޙައްޤުގައި ވަކަލާތުކޮށްދޭނެ ކަމަށެވެ. ވަކި ސިޔާސީ ޕާޓީއެއްގެ މީހަކަށްވުމުން ވަޒީފާއާއި ޚިދުމަތަކުން މަހުރޫމު ނުކުރެވޭނެކަމަށް ވަކާލާތުކޮށްދިނުމަށެވެ. ހުރިހާ ކަމެއްގައި އަދުލުވެރިވެ ހުވަޔަށް ހުރުމަތް ތެރިކޮށް ހިތާނެކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.