ވޯޓް ލާނަންހެވެ؟ ވިސްނާލާށެވެ..!!!
އައްސަލާމް އަލައިކުމް. ގަދަ ކީރިތިވަންތަ ﷲ ޞުބުޙާނަހޫ ވަތައާލާއަށް ޙަމްދު ކުރަމެވެ. އެކަލާނގެ މި އުއްމަތަށް ކައު ކުރެއްވި މާތް ސާހިބާ މުހައްމަދުގެ ފާނަށް ސަލަވާތާއި ބަރަކާތް ހުއްޓެވެ. އެކަލޭގެފާނަކީ، އިންސާނިއްޔަތަށް ސުލްޙައާއި، އަމާންކަމާއި އަޙުވަންތަކަމާއި، ލޯތްބާއި ކުލުނު ދަސްކޮށްދިނުމަށް މާތް ރަސްކަލާނގެ ޚިޔާރުކުރެއްވި މާތް ނަބިއްޔާއެވެ.
އާދެ! އަޅުނގަޑުގެ ލޮބުވެތި އަޚުންނާއި އުޙުތުންނަށް ބާއްޖަވެރިކަމާއި އުފާ މިންވަރު ކުރެއްވުމީ އަޅުގަނޑުގެ އަބަދުގެ ދުޢާއެވެ. މިލޔުމުގައި ބަޔާންކޮށްދެވޭތޯ އަޅުގަނޑު މަސައްކަތްކުރާނީ ދިވެހި ޤައުމުގެ އަދުގެ ހާލަތު ހުރިގޮތުން އަޅުގަނޑުގެ ހިތުގައި އުފެދޭ ޝުޢޫރުތަކާއި، އަޅުގަނޑުގެ ނަޒަރުގައި ތިޔަ އަޚުންނާއި އުޙުތުން ވިސްނާލުން މުހިއްމު ނުކުތާތަކުގެ މައްޗަށެވެ. ފަހަރުގައި މިލިޔުމަކީ ލިޔުންތެރިކަން މާ ފުރިހަމަ ބަހުގެ ގޮތުން މުއްސަނދި ލިޔުމަކަށް ނުވެދާނެއެވެ. އެހެންނަމަވެސް މިއީ އަޅުގަނޑުގެ ޚިޔާލެވެ.
އާދެ! ދިވެހި މިދީބުގެ ހާލަތު އެއްދުވަހުން އަނެއްދުވަހަށް ބަދަލުވެގެން މިދަނީ ކަނޑުގެ އޮއެވަރު އެއް މޫސުމުން އަނެއްމޫސުމަށް ބަދަލުވަމުން ދާވަރަށްވުރެވެސް ހަލުވި މިނެއްގައެވެ. ހިތާމައަކީ މި ބަދަލުގެ ސަބަބުން ރާއްޖޭގެ އަމަން އަމާންކަމާއި ސުލްޙަ ގެއްލިގެންދާކަމެވެ. މިދެންނެވި ހާލަތައް ދިވެހީން އަންނާންފެށީ ސިޔާސީ ހަރަކާތްތަކޭ ކިޔާ ލާދީނީ ބައެއް އުސޫލުތައް ދިވެހީން ބަލައިގެން ހިސާބުންކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ.
މިހިސާބުން ފަހަރުގައި އަޅުގަނޑަކީ ސިޔާސީ ވިސްނުމެއްގައި ވަކިކހަލަ ސިޔާސީ ފިކުރެއް ގެންގުޅޭ މީހެއްކަމަށް ހީވުމަކީ އެކަށީގެންވާކަމެކެވެ. އެހެންނަމަވެސް އަޅުގަނޑު މިވާހަކަތައް މިލިޔެލަނީ އަޅުގަނޑުގެ ކޮށި ވިސްނުމަށް ލިބިފައިވާ މަދު މައުލޫމާތުގެ މައްޗައް ބަލައި ތަޖުރިބާކުރެވެމުންދާ ދުވަސްތަކުގެ މައްޗަށެވެ.
އާދެ. ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެގެން ދިޔައީ 2003ވަނަ އަހަރުން ފެށިގެންކަމަށް ގިނަބަޔަކު ޤަބޫލުކުރަމުންދިޔަނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހު އަބަދުވެސް ހަލަބޮލިކަމަށް ޤަބޫލުކުރާ ބަޔަކުވެސް މިދިވެހިރާއްޖޭގައި ތިބިކަމީ ހާގީގަތެކެވެ. ރާއްޖޭގެ ވެރިކަމާއި ސަރުކާރުގެ އިސްމަގާމުތަކަށް ކޯޅުނު މީހުން އުޅުނުކަމަށް އެމީހުން ޤަބޫލުކުރެއެވެ. އެއީ މާޒީއެވެ. އަޅުގަނޑުގެ ލޮލަށް ނުފެންނަ ތޯތޯ ވާހަކައެވެ. އެހެންނަމަވެސް އަޅުގަނޑުގެ ހަޔާތުގައި ތަޖުރިބާކުރެވުނު އަދި ތަޖުރިބާ ކުރަމުންދާ ރާއްޖޭގެ ސިޔާސީ މަސްރަޙަށް ބަލާލާނަމެވެ.
އަޅުގަނޑު މިދުނިޔެއަށް އުފަންވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު އަބްދުލް ޤައްޔޫމުގެ ވެރިކަމުގައެވެ. އެމަނިކުފާނުގެ ވެރިކަމުގެ ޝާނާއި ސައުކަތުގެ ބޮޑުކަމުންނާއި ވެރިކަން ކުރެއްވުމުގައި ގެންގުޅުއްވި ޒާތްކޮޅުގެ ސަބަބުންނާއި ބައެއްމީހުން އެމަނިކުފާނަށް ހުޝާމަދު ކުރަމުގައި ހައްދުފަހަނަ އަޅާފައިވާތަން ފެނުމުން މިޤައުމުގެ ވެރިކަމުގައި ދާއިމަށް އެމަނިކުފާނު ދެމިހުންނާނެކަމުގެ ކުށްހީ އަޅުގަނޑަށް ކުރެވުނެވެ. އެމަނިކުފަނުގެ ނަމުގެ ކުރިއަށް ރައީސުލްޖުމްހޫރިއްޔާ ނުލައިފިނަމަ އެކުރެވެނީ ބޮޑު ޖަރީމާއެއްކަމަށް އޭރުގައި ހީވިއެވެ. އެމަނިކުފާނު އޭރުގައި ފެންނަނީ ވަރަށް މަޑުމޮޅު އޯގާތެރި މީހެއްގެ ގޮތުގައެވެ. މައުސޫމް ވިސްނުންތޫނު މީހެއްގެ ގޮތުގައެވެ. ރާއްޖޭއަށް ލިބެމުންއައި ހުރިހާ ފޮނި މީރުކަމެއްގެ ހަގީގީ މޭސްތިރިއަކީ މައުމޫނުކަމުގައި ވިސްނުނު ދުވަސްކޮޅެއްވެސް ދިޔައެވެ. ﷲތަޢާލާ އާއި ރަސޫލުﷲ ޞައްލަﷲ ޢަލައި ވަސައްލަމްއަށްފަހު އިންސާނުން އެންމެ އިޙްތިރާމްކޮށް ލޯބިކުރަންޖެހޭނީ މައުމޫނަށް ކަމުގައި ހީވިއެވެ.
ކޮންމެއަކަސް ކުށްހީތަކަށް ނިމުމެއް އައީ ފުރާވަރަށް އެޅި ހިސާބުންނެވެ. މައުމޫނަކީވެސް އާދައިގެ އިންސާނެއްކަމާއި، އެމަނިކުފާނުގެ ސިޔާސަތުތަކުގައި މައްސަލަތަކެއް އުޅޭކަން އެނގެންފެށިއެވެ. ސްކޫލުގައި އުޅުނު އިރު އެމަނިކުފާނު ރަށަށް ކުރައްވާ ބައެއް ދަތުރު ތަކުގައި އެމަނިކުފާނަށް މަރުޚަބާ ކިޔުމަށް އަވީގައި ދުވާލުގެ އެތައް ވަގުތެއް ހޭދަކުރާފަހުން ވަޑައިގެން އެކަން މަނާ ނުކުރެއްވީތީ އެމަނިކުފާނުގެ ބޭރުފުށުން ފެންނަ އޯގާތެރިކަމުގައި ކިލަނބުކަމެއް އުޅޭކަން ވިސްނެންފެށިއެވެ. އެމަނިކުފާނަށް ތާއީދު ހޯދުމަށް އަޅުގަނޑުމެންގެ ރަށުގެ ހަރުމީހުންނޭ ކިޔުނު މީހުންނަށް ބައިއަތު ހިފައި އެކުޑަކުޑަ ކަނދޮޅުދޫއިން ތޮއްޖެހުމުގެ ސަބަބުން ނުކުންނާނެ އިޖްތިމާއީ މައްސަލަތައް ރައްޔިތުންނަށް ވިސްނައިނުދީ އެތަނުގައި ދިރިއުޅުމަށް ހިތްވަރު ދިނުން ވެގެން ދިޔައީ އެމަނިކުފާނަށް ދުރުވިސްނޭ މިންވަރު ވަޒަންކޮށްލަން ލިބުނު ފުރުޞަތަކަށެވެ.
30 އަހަރުގެ ދިގުވެރިކަމަކަށްފަހު ދިވެހީން އައު އުސްމިންތަކަކަށް ގެންދިއުމަށް ގަދަފަސް އަހަރަށް އެދެމުންދިޔަ މައުމޫންއަށް އޮތް އިޙްތިރާމް އެއްކޮށް ގެއްލި ދީނާ ޤައުމުގެ އަދުއްވުންގެ ތެރޭގައި އޭނަގެ ނަން އަޅުގަނޑު ޝާމިލްކުރީ ﷲގެ ކަލާމްފުޅު ދޮގުކުރި ހިސާބުންނެވެ. އެކަލާނގެ ބާވައިލެއްވި އާޔަތްތައް އެއީ ޙުއްޖެއް ނޫންކަމަށް ބުނި ހިސާބުންނެވެ.
ދެންއޮތީ އަނެއް ދިވެހިރާއްޖެއެވެ. އާއުސްމިންތަކުގެ ގަދަ ފަސްއަހަރު ދިވެހީން ބަލައި ނުގަތީ 30 އަހަރުން ދިވެހީން އެދުނު އުސްމިނަށް ނުގެންދެވުނު މީހަކަށް ފަސްއަހަރުން އެއުސްމިން ނުހޯދޭނެކަން އެނގޭތީއެވެ. އެހެންކަމުން މައިގަނޑު ފަސްވައުދުގެ މައްޗައް އެކުލެވިގެންވި އަނެއް ދިވެހިރާއްޖޭގެ ޗާލު ބަނދަރަށް ދިވެހީން މިސްރާބްޖެހީ އުއްމީދުން ފުރިފައިވާ ހިތަކާއިގެންނެވެ. އޯގާތެރި ހެޔޮވެރިކަމެއްގެ އުއްމީދުގައެވެ. ނަޝީދުގެ ބޮޑުމަންޒަރު ދުށުމުގެ އަޒުމްގައެވެ. ހެޔޮބަދަލެއް ގެނެވުނު ކަމުގެ ހިތްހަމަޖެހުމުގައެވެ. ދިނާ ޡަގާފަތް ރައްކާތެރިކުރެވިދާނެކަމަށް ހީކޮށްފައެވެ. ޢަދުލުވެރި ވެރިއެއްގެ ޒަޢާމަތުގައި ތިބުމުގެ ޚިޔާލުގައެވެ.
ދަންނަވަންތޯއެވެ. އިސްވެ ބަޔާން މިކުރެވުނު ގަދަފަސް އަހަރުގެ ސިޔާސަތުގެ ބަދަލުގައި ހޯދުނު އަނެއް ދިވެހިރާއްޖެއަށް އަޅުގަނޑު ކުރި އުއްމީދުތައް ހަލާކުވެގެން ދިޔައީ ރައީސް ނަޝީދުގެ ބަސްމަގުގެ ސަބަބުންނެވެ. ހެއްދެވި ދޮގުތަކުގެ ސަބަބުންނެވެ. ކަންކުރައްވާ އުސޫލުގެ ސަބަބުންނެވެ. މާތްނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމް މިއުއްމަތައް އިރުޝާދު ދެއްވާފައިވަނީ ދޮގު ނުހެދުމަށާއި، ހަޖޫ ނުކިޔުމަށާއި، ޣީބަ ނުބުނުމާއި ނެތިނުމޮށުމާއި އަބުރާ ނުބެހުމަށެވެ. އެހެންނަމަވެސް ޑިމޮކްރަސީގެ އަސާސްގައި މިކަންކަމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވ ހައްޤަކާއި މިނިވަންކަމެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވުން ވެގެން ދިޔައީ ޑިމޮކްރަސީ އަށާއި ނަޝީދަށް އަޅުގަނޑު ކުރި އިޙްތިރާމާއި ލޯބި ވަޅުޖެހުނު ކަމަކަށެވެ. އެމަނިކުފާނު ނުކުރާންބުނި ހުރިހާކަމެއްކޮށް، ކުރާންބުނި ގިނަކަންކަމަށް ޢުޒުރުވެރިވުމަކީ އެމަނިކުފާނުގެ ޤާބިލިއްޔަތުކަން ވަޒަންކޮށްލަން އަޅުގަނޑަށް ވަރަށް ފަސޭހަވިކަމަކަށެވެ.
މިއީ މިއަދު މި ދިވެހިރާއްޖޭގައި އުފެދިފައިވާ އެންމެ ބޮޑު ސިޔާސީ ދެޕާޓީގެ މޭސްތިރިންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުންގެ ޙާލަތެވެ. ޑިމޮކްރަސީގެ ނަމުގައި، ސިޔާސީ ހަރަކާތުގެ ގޮތުގައި ދޮގުބުނުން މިބޭފުޅުން ހުއްދަކުރަނީއެވެ. ޣީބަބުނުމާއި އަބުރު ހުތުރުކުރުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމުގައި ދެކެނީއެވެ. ތަޅާފޮޅުމާއި މާރާމާރީ ހިންގުމަކީ ޤައުމުދެކެ ލޯބިވުންކަމުގައި ބުނެ އަޑުއުފުލަނީއެވެ. އެއްބަޔަކު އަނެއްބަޔަކަށްވުރެ ގަދަފަދަވެ ދެބަސްވުމަށް ހިތްވަރުދެނީއެވެ. ކުރިއަށް މިއޮތީ ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިޚާބެވެ. ރަށަށް އަދި ޤައުމަށް މަސައްކަތްތަކެއް ކޮށްދެވޭނެ މީހުންނަށް ކަންކަން ހަވާލުކުރުމަށް އަޅުގަނޑުމެންނަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. އިސްވެ ދަންނަވާލެވުނު ދެބޭފުޅުން(މައުމޫން އަދި ނަޝީދް) ފަދަ ސިޔާސަތުތަކެއް ގެންގުޅޭ ބޭފުޅުންނަށް ވޯޓު ދިނުމަކީ ގަސްދުގައި ދީނަށާއި ގައުމަށް ދެވޭ އަނިޔާއެއްކަމުގައި އަޅުގަނޑު ދެކެމެވެ. މައުމޫނާއި ނަޝީދު އާއި ދެބޭފުޅުންނަކީވެސް ދައުލަތުގެ މާލިއްޔަތަށް ގެންލުންވާފަދަ ޚަރަދު ޤަވައިދާ ޚިލާފަށް ކުރައްވާފައިވާ ދެބޭފުޅުންކަން އޮޑިޓް ރިޕޯޓުތަކުން ހާމަވެއެވެ. މިކަމަށް ނަޝީދުވަނީ މީޑިޔާގައި އެއްބަސްވެސް ވެވަޑައިގެންފައެވެ. އެހެންނަމަވެސް ގޮތެއް ނިންމާނީ ތިޔަ އަޚުންނާއި އުހުތުންނެވެ. އަޅުގަނޑަށް ވިސްނުނުގޮތްތައް މިހާމަކުރީ ތިޔަ ބޭފުޅުންނަށްވެސް ވިސްނާލުމަށް ހުޅުވޭ ދޮރަކަށް މިކަން ވާނެތީއެވެ. އަޅުގަނޑުގެ ދުޢާއަކީ މާތްﷲ އަޅުގނޑުމެން އެންމެންނަށް ހެޔޮވިސްނުމާއި އާޚިރަތުގެ ދަރުމަ މިންވަރުކުރެއްވުމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...