އެއްޒަމާނެއްގައި ކަނޑުގެ އެތައް ރާސްތާއެއްގެ ދުރުގައި ވަރަށް ކައިރިކައިރީގައި ދެރަށް އޮތެވެ. އެއީ ރަންފުށްޓާއި ދަނޑުވެރިފުށްޓެވެ. ރަންފުށީގައި އުޅުނު މީހުންނަށް ކިޔަނީ ރަންނަމާލިންއެވެ. ރަންފުށީގެ ބިންގަނޑު ރަނގަޅުވެ، ރަނގަޅު މުޑުވަން ލިބޭތީގެ ވަރަށް ގިނައިން ތަރުކާރީއާއި މޭވާ ހައްދައެވެ. ރަންނަމާލިންނަށް ސާފުބޯފެން ލިބުމަށް އެއްވެސް ދަތިކަމެއް ދިމާނުވެއެވެ. ސަބަބަކީ ރަންފުށީގެ ސާފު ކޯރުތަކާއި ފަރުބަދަތަކުގެ މަތިން ދެމޭ ފެނުގެ ސަބަބުންނެވެ. ސާފު ބޯފެން ލިބުމުގެ އިތުރުން މި ކޯރުތަކާއި ފަރުބަދަތަކަކީ އާޢިލާތައް ހިތްއުފައުކޮށްލުމަށް ގޮސްއުޅުނު ހިތްގައިމު ތަންތަނެވެ. ރަންފުށީގެ ގޮނޑުދޮށާއި ވަށައިގެންވާ މޫދާއި ކަނޑުގެ ސަރަހައްދުގައި ކުނީގެ އެއްވެސް މައްސަލައެއް ދިމަލެއް ނުވެއެވެ. ނުހަނު ސާފުތާހިރެވެ. ރަންފުށީގެ ކައިރީގައިވާ ކަނޑަވަޅިތަކަކީ މަސްވެރިކަން ތިޔާގި ތަންތަނެއެވެ. ކަނޑުމަހާއި ފަރުމަސްވެރިކަން ވަރަށްވެސް ރަނގަޅެވެ. ރަންފުށްޓަށް ރަންފުށީގެ ގޮތުން ނަންދެވިފައިވަނީ އެރަށުގައި ރަން ގިނަކަމުންނެވެ. ރަންފުށްޓަކީ ރަން ތިޔާގި ރަށެކެވެ. ރަށުގެ އަންހެންވެރިން ރަނުގެ ގަހަނާއަށް ވަރަށް ލޯބިކުރެއެވެ. ރަންފުށީގެ ރައްޔިތުން ފައިސާގެ ގޮތުގައިވެސް ބޭނުން ކުރަނީ ރަނުގެ ފައިސާއެވެ. ރަންފުށީ ކަތީބުގެ ނަމަކީ ރަންބެ އަޙުމަދެވެ. ރަންބެ އަޙުމަދަކީ ރަންފުށީގެ ރަނުގެ ފައިސާ ޖަހާފަރާތެވެ.
ރަންފުށީގެ ރައްޔިތުން އުޅެމުންދިޔައީ ވަރަށް އުފައުވެރި، އެކުވެރި ދިރިއުޅުމެކެވެ. ރަންފުށީގައި ދަރަނި ދިނުމާއި އަދާކުރުމުގައި ރިބާ ކެއުމެއް ނޯވެއެވެ. ނަމަވެސް، މަދުމަދުން ގަދަވަޔާއިއެކު އުދައެރުމުގެ ސަބަބުން ބައެއް މީހުންގެ ގެތައްވެއްޓި ބޮޑެތި ގެއްލުންވެއެވެ. އެހެނަސް، ރަށުގެ އެކުވެރިކުގެ ސަބަބުން ރައްޔިތުންގެ އެހީތެރިކަމާއެކު ވެއްޓުނު ގެތައް އިސާހިތަކު އަލުން އާރާސްތުކޮށްލައެވެ.
ދަނޑުވެރިފުށީގެ މީހުންނަށް ކިޔަނީ ދަނޑުމަތިމާލިންނެވެ. ރަށުގެ ބޮޑަކަށް އުޅުނީ ދަނޑުގެއަލިބެއެވެ. ރަންފުށްޓެކޭ އެއްފަދައިން ދަނޑުވެރިފުށީގަވެސް ދަނޑުވެރިކަން ވަރަށް ރަނގަޅެވެ. ދަނޑުމަތިމާލިން ދިރިއުޅުމަށް ކުރާ މަސައްކަތަކީ ދަނޑުވެރިކަމެވެ. ދަނޑުވެރިކަމުގެ ތެރޭގައި ޖަނަވާރުން ގެންގުޅުންވެސް އެއީ ވަރަށް ގިނަމީހުން ކުރާކަމެކެވެ. ބައެއް ދަނޑުމަތިމާލިން އަތްތެރި މަސައްކަތުގައި ވަރަށް ހުނަރުވެރި ބައެކެވެ. އެމީހުން ތައްޔާރުކުރާ ހިފާގެންގުޅޭ އާލާތް ވަރަށް ގިނައިން ގަންނަން ލިބެން ހުރެއެވެ. ދަނޑުވެރިފުށީގެ މީހުންވެސް އުޅެމުން ދިޔައީ ވަރަށް ހަމަޖެހޭ ދިރިއުޅުމެކެވެ. އެކުވެރިކަމާއި އެހީތެރިކަމުގެ ދިރިއުޅުމެކެވެ. ނަމަވެސް، ދަނޑުރެވިފުށީގެ މީހުންނަކީ ފިކުރީގޮތުން ރަންފުށީ މީހުންނަށްވުރެ ނާތަހުޒީބު ބައެކެވެ. އެހެންކަމުން ދަނޑުވެރިފުށީ މީހުންނަށް ފައިސާގެ ބޭނުންކުރާނެ ގޮތެއް ނޭގެއެވެ. އެބައިމީހުން ފައިސާއެއް ބޭނުމެއް ނުކުރެއެވެ. ތެކެތި ގަނެ ވިއްކަނީ އެކަތި އަނެކެއްޗަށް ބަދަލުކުރާ އުޞޫލުންނެވެ. އެއީ ބާޓާރގެ އުޞޫލުންނެއެވެ. ދަނޑުވެރިފުށީގެ ކަމުވޮށިގެންވާ ބައެއް މީހުން ބުނެއެވެ. "ރަންފުށީގެ މީހުން އިޤުތިޞާދީގޮތުން އެއުޅެނީ ތިމަންނަމެންނަންވުރެ މާކުރީގައެވެ." ދަނޑުވެރިފުށީ މީހުންނަށް އަބަދުވެސް ހީވަނީ ރަންފުށީ މީހުންނަށް އެމީހުންނަންވުރެ ގިނަ ނިޢުމަތްތައް ދެއްވާފައިވަނީއެވެ. މަދުމަދުން ރަންފުށީގެ ވިޔަފާރިވެރިންނާއިއެކު ބާޓާރގެ އުޞޫލުން ވިޔަފާރިވެސް ކުރެއެވެ. ނަމަވެސް، ފައިސާގެ ޙިޔާލެއް ނުވަތަ އެކަންކުރާނެ ގޮތެއް ނުވިސްނެއެވެ.
އެއްދުވަހަކު ގަމީސްލައި ޓައި އަޅައި ކޯޓާއި ކޯޓުފަޓުލޫނު ލައިގެން، އަވިއައިނު އަޅާގެން، ދެމީހަކު ރަންފުށްޓަށް ބޮޑު ސިންގާ ނަވެއްގައި އައިސް ފޭބިއެވެ. މި ދެމީހުންގެ ނަމަކީ ބަންކީ އާއި މޫނެވެ. މިވެރިންނަކީ ހުޅަނގުފުށިން އައި ދެމީހުންނެވެ. ރަންނަމާލިންނަކީ އިހުޒަމާނުންސުރެ މެހުމާނުންނަށް ކަމޭހިތުމައި ހެޔޮކަމުގައި އަރާތިބި ބައެކެވެ. އެފަދައިން، ބަންކީ އާއި މޫނު އަށްވެސް ވަރަށް ހެޔޮކޮންހިތައި މަރުޙަބާކީ މަތިވެރި މެހުމާނުދާރީއަކުންނެވެ. ބަންކީ އާއި މޫނު އެދެމީހުންގެ ނެވިކަމުގެ ތަޖުރިބާގެ ވާހަކަތަކުން ރަންނަމާލިންގެ ސަމާލުކަން ވަރަށް ފުރިހަމަޔަށް އަތުލައިގަތެވެ. އެދެމީހުން ރަންނަމާލިންނަށް އެހެން ދުރުގައިވާ ޤަޥްމުތަކުން ގެނެސްފައިވާ ރަނުގެ ފައިސާފޮއްޗާއި ފައިސާގެ ނޫޓުތައް ދައްކާލިއެވެ. ރަންނަމާލިންނަށް އޭގެ ކުރިން ފައިސާގެ ނޫޓު ދުވަހަކުވެސް ފެނިފާނުވެއެވެ. އަދި މިކަރުދާހުގެ ނޫޓުގައި ރަންނަމާލިންގެ އެންމެ މަޤުބޫލު މޭވާ ކަމުގައިވާ ކުރުނބާ އިހަލުގެ ތަސްވީރެއް ޖަހާފައި ވެއެވެ. މީގެ އިތުރުން ފައިސާގެ ނޫޓު ޕްރިންޓްކުރާ މެޝިނެއްވެސް ދައްކާލިއެވެ. "ވާ...ވާ... މިހިރީވެސް ހަމަ އިންސާނުންގެ އުފެއްދުންތާއޭ! މިދެން ހާދަހާއޭ ފުރިހަމައީ" ރަންނަމާލިން ހިތާހިތާ ކިޔާލިއެވެ. "ހުޅަނގުފުށީ މީހުން ރާބޮއެގެންތިބެ ކުރާކަންކަން ހާދަހާއޭދެން މޮޅީ" ރަންބެ އަޙުމަދު ބުންޏެވެ. ރަންފުށީގެ މީހުން ބަންކީ އާއި މޫނު ދެކެ ވަރަށް ގަޔާވެ، އެރަށުގައި މަޑުކުރުމަށް އެދުނެއެވެ.
ބަންކީ އާއި މޫނު ރަންނަމާލިންނަށް ބޮޑު ޖަލްސާއަކަށް ދައުވަތު ދިނެވެ. ރަންނަމާލިންނާ މުޙާތަބުކޮށް ބަންކީ ވާހަކަދެއްކީ ރަންފުށީގައި ބޭންކެއް ހުޅުވުމުގެ މުހިތްމުކަމުގެ މައްޗަށެވެ. މޫނުގެ ވާހަކަ ބިނާކުރީ ބޭންކު ހިނގާނެ ގޮތުގެ މައްޗަށެވެ. އެގޮތުން، ބޭންކަކީ މީހުންގެ އަތުގައި ހުރި ރަންތައް ފަސޭހަކަމާއި ރައްކާތެރިކަންމަތީ ރައްކާކުރެވޭނެ ތަނެއްކަމާއި އަދި އެގޮތުން ޖަމަޢުކުރެވޭ ރަނުގެ ތެރެއިން ބޭނުންނުކޮށްހުނަ ރަނުން ދަރަނި ދީގެން ރަންފުށީގެ އިޤުތިޞާދީ ޙާލަތު ރަނގަޅު ކުރެވޭނެކަމުގެ ޔަޤީންކަން މޫނުގެ ތަޤުރީރުގައި ދިނެވެ. ރަންނަމާލިންނަކީ ތަހުޒީބާއި ތަމައްދުންއަށް އަބަދުވެސް ވަރަށް އިސްކަންދޭ ބައެއްކަމުން ބަންކީ އާއި މޫނުގެ ޙިޔާލުއެއީ ވަރަށް ރަނގަޅު ޙިޔާލަކަށްވިއެވެ. ބަންކީ އާއި މޫނު ރަންފުށީގައި ބޭންކުގެ އިމާރާތް އެޅިއެވެ. ބޭންކުގެ އެތެރޭގައި ރަން ރައްކާކުރާނެ ވަރަށް ޚާއްޞަ ތިޖޫރީއެއް ވެސް ހުރެއެވެ. މިގޮތުން ރަންފުށީގައި ފުރަތަމަ ބޭންކު ހުޅުވުނެވެ.
ބޭންކު ހުޅުވުމުގެ ރަސްމިއްޔާތަށް ރަންނަމާލިން ދުވަހަކުވެސް ނުދެކޭހާ ފުރިހަމަ ޙަފުލާއެއް ބޭއްވުނެވެ. ވަރަށް ފުރިހަމަ ފަރީކޮޅަކާއިއެކު ރަސްމިއްޔާތު ނިމިގެން ދިޔައެވެ. ކާއެތިކޮޅެއްގެ ކައިރިޔަށް ހިނި ޖަމަޢުވާ ގޮތަށް ބޭންކަށް މީހުން ޖަމަޢުވާންފެށިއެވެ. އެމީހުންގެ ގޭގައި ރައްކާކުރެވިފައިހުރި ރަންތައް ބޭންކުގައި ރައްކާކުރުމަށެވެ. ރަން ޖަމަޢުކުރާ ކޮންމެ މީހަކަށް އެމީހަކު ޖަމަޢުކުރި ރަނުގެ ނިސްބަތުން އެކަން އަންގައިދޭ ކަރުދާސް ކޮޅުތަކެއް ދެއެވެ. މި ކަރުދާސް ކޮޅުތައް ހުންނަނީ އެއްކަލަ އަޖައިބު ފައިސާ ޗާޕުކުރާ މެޝިނުން ޗާޕުކޮށްފައެވެ. ބަންކީ އާއި މޫނުގެ ސޮއިވެސް ކުރެވިފާވެއެވެ. މި ގޮތުން ދޫކުރެވޭ ޗިޓުކޮޅު ގެނައުމުން އެމީހެއްގެ ރަން އެމީހަކަށް ލިބެއެވެ. މާގިނަ ދުވަހެއްނުވެ، ރަނުގެ ބަދަލުގައި ދޫކުރާ ޗިޓުކޮޅުތައް ރަންފުށީގެ ފައިސާއަށް ވެއްޖެއެވެ. ރަނުގެ ބަދަލުގައި އެއްކަލަ ކަރުދާސް ޗިޓުތައް ފައިސާގެ ގޮތުގައި ބޭނުންކުރުން ވަރަށް ފަސޭހަ ކަމަކަށްވެ، ރަންފުށީގެ މީހުން ވަރަށް އުފާކުރަތެވެ. ރަންފުށީގެ މީހުން ވަކިން ޚާއްޞަކޮށް އުފާކުރާކަމަކީ ރަށުގެ އެންމެން ލޯބިވާ ރަންބެ އަޙުމަދު ރުކެއްގެ ދޮށުގައި ކުރުނބާ ބޯން އިންނަ ތަސްވީރެއްވެސް ޗިޓުކޮޅުތަކުގައި ޗާޕުކުރެވިފާވުމެވެ. ރަންބެ އަޙުމަދު ވަކިން އުފާކުރެއެވެ. އޭނާ ދެކޭގޮތުގައި އޭނަގެ ޤަދަރު އިހުނަންވުރެވެސް މިހާރު ރަންފުށީގައި ބޮޑެވެ.
ރަންފުށީގެ ރައްޔިތުން އެމީހުންގެ އަތުގައި ހުރިނަމަހުރި ރަނެއް ބޭންކުގައި ރައްކާކުރިއެވެ. މިގޮތުން 10،000 ރަންފޮތި ބޭންކުގައި ޖަމަޢުކުރެވުނެވެ. މިހާރު ރަންފުށީގައި ދައުރުކުރަނީ އެއްކަލަ ޗިޓްކޮޅުތަކެވެ. މިހާރު އެއްވެސް މީހަކު ވިޔަފާރިކުރުމަށް ރަން ބޭނުމެއް ނުކުރެއެވެ. ރަންނަމާލިންގެ މުޢާމަލާތްކުރުމަށް މި ލިބުނު ފަސޭހަމަށްޓަކައި ވަރަށް އުފާކުރެއެވެ. ރަންފުށީމީހުން ބަންކީ އާއި މޫނަށް އިންތިހާއަށް އިތުބާރުކުރެއެވެ. އެހެންނޫންތޯއޭ ވާނީ! ޗިޓްކޮޅު ހިފައިގެން ދާ ކޮންމެ މީހަކަށްވެސް ހަމަ ދާއިރަށް އެމީހެއްގެ ރަންލިބެއެވެ. ބަންކީ އާއި މޫނުގެ ޤަދަރު އުފުލި އެންމެ ބޮޑު ދެ ޤަދަރުވެރިންނަށް ވިއެވެ.
ދަނޑުވެރިފުށީ މީހުންނަށް މިޚަބަރުލިބި ވަރަށް އަޖައިބު އަންތަރީސްވިއެވެ. މާގިނަދުވަސްތަކެއް ނުވަނީސް، ދަނޑުވެރިފުށީގެ ކަމުވޮށިގެންވާ މީހުންގެ ވަފުދެއް ބަންކީ އާއި މޫނާއި ބައްދަލުކުރުމަށް ރަންފުށްޓަށް ޒިޔާރަތްކުރިއެވެ. އަދި ދެންނެވިއެވެ! އޭ ރަންފުށީގެ ދެ ޤަދަރުވެރިންނޭވޭ! ތިމަންނަމެންނަށްވެސް ތިފަދައިން ތިކަން ކޮށްދެއްވަންވީ ނޫންތޯއެވެ؟ ބަންކީ އާއި މޫނު ދަނޑުމަތިމާލިންގެ ވަފުދު އެދުނު ފަދައިން ދަނޑުވެރިފުށީގައި ބޭންކެއްގެ އިމާރާތްކޮށް، ބޭންކު ހިންގުމަށް މޫނު ހަމަޖެއްސިއެވެ. ނަމަވެސް، ރަންފުށްޓާއި ޚިލާފަށް ދަނޑުވެރިފުށީގެ މީހުންގެ އަތުގައި ރަނެއް ނުހުރެއެވެ. މޫނު އެއީ އެއްވެސް މައްސަލައެއްނޫނޭ ބުންޏެވެ. އަދި ދަނޑުމަތިމާލިންގެ ކޮންމެ އާޢިލާއަކަށް 100 ނޫޓު ދޫކުރިއެވެ. ދަނޑުވެރިފުށީގައި 100 އާޢިލާއުޅެއެވެ. އެހެންކަމުން މުޅިއެކު 10،000 ނޫޓު ދޫކުރެވުނެވެ. މިގޮތުން ނޫޓާ ހަވާލުވާ ކޮންމެ އާޢިލާއަކުން އެގްރީމެންޓެއްގައި ސޮއިކުރަން ޖެހެއެވެ. އެއީ 1 އަހަރު ފަހުން ހުރިހާ ފައިސާ އަނބުރާ ގެނައުމާއި އަދި އިތުރު 10 ރުފިއާ ގެނައުމުގެ އެއްބަސްވުމެކެވެ. އިތުރަށް ނެގޭ 10 ރުފިޔާއަކީ ޚިދުމަތުގެ އަގުކަމުގައި މޫނު ބުނެއެވެ. ބާޓާރގެ އުޞޫލުން މުޢާމަލާތް ކުރަމުންދިއަ ދަނޑުމަތިމާލިންނަށް ކަރުދާހުގެ ނޫޓުވެގެންދިއަކީ ވަރަށް ބޮޑު ފަސޭހަޔަކަށެވެ.
މިގޮތުގައި ދުވަސްތަކެއް ވޭތުވުމަށްފަހު، އެއްދުވަހަކު ބަންކީ އާއި މޫނު ކައިރީގައި އޮތް ފަޅުރަށެއްގައި ބައްދަލުކުރިއެވެ. އެކަކު އަނެކަކު ދެރަށުގެ ކަންތައް ހުރިގޮތް ކިޔާދިނުމަށްފަހު، މި އޮތީ "ހީލަތުގެ" މަގު ތަނަވަސް ވެފާކަމުގައި ނިންމިއެވެ. ބަންކީގެ ހިސާބުތަކުން ދައްކާގޮތުގައި ރަންފުށީގައި ޖަމަޢުކުރެވިފައިވާ ރަނުގެ 90 އިންސައްތަ އަބަދުވެސް ބޭންކުގައި ހުރެއެވެ. އެހެންކަމުން، އެވެރިންގެ ޗިޓުތައް މިހާރު ފައިސާގެ ގޮތުގައި ހަމަ ރަނގަޅަށްވެސް ބަލައިގަނެފިކަން ޔަޤީންކުރެވުނެއެވެ. އެހެންކަމުން އިތުރު 90،000 ޗިޓްކޮޅު ޗާޕުކޮށް ފައިސާގެ ގޮތުގައި ދޫކުރެވެން ފެށުނެވެ. އެގޮތުން އަތުގައި ރަންނެތުމުގެ ސަބަބުން ޗިޓް ލިބުން ދަތިވެފައިވާ ބައެއް އާޢިލާތަކަށް ދަރަނީގެ ގޮތުގައި ޗިޓްދޫކުރެވުނެވެ. އަދި ދަރަނި އަދާކުރާއިރު އިތުރު 15 އިންސައްތަ ޚިދުމަތުގެ އަގުގެ ގޮތުގައި ދައްކަންޖެހެއެވެ.
މާގިނަ ދުވަސްތަކެއްނުވެ، ރަންފުށީގެ ތަކެތީގެ އަގުތައް އުފުލެން ފަށައިފިއެވެ. މިކަން ރަންނަމާލިންގެ އެންމެންގެ ސަމާލުކަމަށް އަތުވެއްޖެއެވެ. ނަމަވެސް، މިވަނީ ކީއްކަމެއް ހަމަ އެކަކަށްވެސް ނޭގެއެވެ. ބަންކީގެ އަތުން ދަރަނި ނެގި ބައެއް މީހުންނަށް ވަރަށް ބުރަކޮން މަސައްކަތްކުރާއިރުވެސް އެމީހުންގެ ދަރަނި އަދާނުކުރެވެއެވެ. ވިޔަފާރީގެ މާހައުލު އިންތިހާޔަށް ވާދަވެރިވެ، ދޭދޭ މީހުންގެ ދެމެދުގައި އިހުއޮތް އަޅާލުމާއި އޯގާތެރިކަން ކުޑަވާންފެށިއެވެ.
ދަނޑުވެރިފުށީގައިވެސް ހަމަ މިފަދަ ކަންކަން ފާހަގަ ކުރެވެން ފެށިއެވެ. ފުރަތަ ދުވަސްކޮޅު ދަނޑުމަތިމާލިންނަށް ތަކެތީގެ އަގުތައް އުފުލޭކަން ފާހަގަ ނުކުރެވުނު ނަމަވެސް، މީހުންގެ އުޅުން ބަދަލުވާކަން ފާހަގަވާން ފެށިއެވެ. އޯގާތެރިކަން ކުޑަވެ، އެކުވެރިކަން ހީނަރުވާން ފެށިއެވެ. ދަރަނިތައް އަދާކުރުމަށް ފައިސާ ލިބުން ދަތިވެ، ދަރަނި ނުދެއްކެން ފެށިއެވެ. ދަރަނި ނުދެއްކޭ މީހުންގެ އަތުން ދަރަނީގެ ބާކީބައިގެ އަގަށް ހަރުމުދާ ނެގެން ފެށިއްޖެއެވެ. އެގޮތުން، ޖަނަވާރާއި ގެދޮރާއި މިފަދަ ތަކެތި މީހުންގެ އަތުން ނެގެން ފެށުނެވެ. ރަށުގެ ޤަދަރުވެރި ރަންބެ އަޙުމަދުވެސް ދަރަނި ބޮލުއެޅި، ދަރަނި ނުދެއްކިގެން އޭނާގެ ހަރުމުދާތައް ބަންކީ އާއި މޫނު އަށް ދޭންޖެހުނެވެ. ރަންބެ އަޙުމަދު ދަރަނި ނުދެއްކޭތީވެ ލަދުން ބަންކީއާއި ބައްދަލުވެސް ކުރަން ނުކެރެއެވެ. ރަންބެ އަޙުމަދުގެ ބާރާއި ޤަދަރު ކުޑަވެ، މީހުންގެ ކުރިމަތީ އިޙުތިރާމު ކުޑަވެއްޖެއެވެ. އޭގެ ބަދަލުގައި ބަންކީ އާއި މޫނު ތަނަވަސްވެ، ހުރިހާ ޤަދަރަކާއި އިޙުތިރާމެއް މިހާރު ކުރަނީ އެދެމީހުންނަށެވެ.
މީގެ އަހަރުތަކެއްގެ ކުރިން، ފައިސާ ޗާޕުކުރާ މެޝިނެއް ހިފައިގެން ރަންފުށްޓަށް ޒިޔާރަތްކުރި ބަންކީ އާއި މޫނު މިހާރު ދެރަށުގެ އެންމެ މުދާގިނަ، އެންމެ ތަނަވަސް ދެމީހުންނަށް ވެއްޖެއެވެ. ދެރަށުގެ ބިމުން ބޮޑުބައެއް މިހާރުވަނީ ބަންކީ އާއި މޫނުގެ ނަމުގައެވެ. އެހެންމީހުންނަކީ ހުށްޓުމެއްނެތި ބުރަ މަސައްކަތުގައި އުޅޭ، މަސައްކަތުގެ އަޅުންނަށް ވެއްޖެއެވެ. ރަށުގެ ބައެއް މީހުން އުޅެމުންދަނީ ފަޤީރުކަމުގައެވެ. ގިނަ ވަގުތު މަސައްކަތުގައި އުޅެންޖެހުމުގެ ސަބަބުން އާޢިލާއަށް ދެވޭ ވަގުތު މަދުވެ، އާޢިލީ މައްސަލަތައް އުފެދެން ފަށައިފިއެވެ. ވަރިގިނަވެ، މަގުމަތީ ބިއްޖެހިފާތިބޭ ޒުވާނުން ގިނަވެއްޖެއެވެ. މިވެރިންގެ ބޯހުންނަނީ ހޭވިފައެވެ. ލައިގެންހުންނަ ޖިންސު ހުންނަނީ ޅިދަންވުރެ ވަރަށް ބޮޑުތަން ތިރީގައެވެ. ވާހަކަ ދެއްކެނީ ދެމޭ ރާގަކުންނެވެ. އެކުވެރިކަން ކުޑަވެ، އެކަކު އަނެކަށް އަޅާލުމަކީ ޤަދީމީ ކަމަކަށް ވެއްޖެއެވެ. އިޖުތިމާޢީ ތަފާތު މައްސަލަތައް އުފެދެން ފަށައިފިއެވެ. ވައްކަންކުރުމާއި ހަށިވިއްކުމާއި މިހެންގޮސް ތަފާތު ވަބާތައް ފެތުރެން ފެށިއްޖެއެވެ. މިހެންގޮސް، ދެރަށުގެ އިޖުތިމާޢީ ފޭރާން ވީދި ވެއްޔާ މޮޑެވިއްޖެއެވެ.
މިހިސާބުންވެސް ބަންކީ އާއި މޫނުގެ މަސައްކަތް ހުއްޓުނީކީ ނޫނެވެ! އެމީހުންގެ ވަކިތައް އެހެން ރަށްތަކަށާއި މުޖުތަމަޢުތަކަށްވެސް ފޯރުކުރަންފެށިއެވެ. މިހާރު އެމީހުންގެ ހުވަފެނަކީ މުޅިދުނިޔޭގައި ވެރިކަން ކުރުމެވެ. ދުނިޔޭގެ ބޭންކެއް އުފައްދާ ދުނިޔޭގެ އެންމެންގެ ފައިސާއެއް އުފެއްދުމެވެ.
{މި ވާހަކައިން އަޅުގަނޑު މި ބަޔާންކޮށްދިނީ ޔަހޫދީން ދުނިޔެއަށް ޔޫރަޕުގެ ޤަޥްމުތައް މެދުވެރިވެގެން ތަޢާރުފު ކޮށްފައިވާ ފައިސާއާއި ބޭންކިންގގެ ނިޒާމު އުފެދިގެންއައި ގޮތާއި އޭގެ ސަބަބުން ތަރައްޤީވަމުންދާ ޤަޥްމުތަކުގެ އިޤުތިޞާދާއި އިޖުތިމާޢީ ވެއްޓަށް އަންނަމުންދާ ބަދަލުތަކެވެ. ނުވަތަ އައިސްފައިވާ ބަދަލުތަކެވެ.}
ކޮމެންޓް (0)
ލޯޑް ކުރަމުން...