ރިޕޯޓްކޮލަމިސްޓް

އިންޑިއާއަކީ ރާއްޖޭގެ ހަގީގީ "ދޯސްތީ – އެކުވެރިއެއް"ބާ؟

އިންޑިއާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެމުން އަންނަ ޤައުމެކެވެ. ދިވެހި ރާއްޖެއަށް އިންޑިއާއިން ވެދީފައިވާ އެހީއާއި އެއްވަރަށް އެހެން އެއްވެސް ޤައުމަކުން ވެދީފައި ނުވާނެކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އަދި ރާއްޖޭގައި އިންޑިއާއިން އެހީތެރިވެދީފައި ނުވާ އެއްވެސް ދާއިރާއެއް ނެތޭ ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ. މިކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމަކީ އެހެން އެއްވެސް ޤައުމަކާއި އޮންނަވަރުގެ ގުޅުމެއް ނޫނެވެ.

މީހުންގެ ގޮތް އެނގޭނީ އެއް އޮޑިއަކުން ދަތުރު ކޮށްލީމައޭ ބުނާފަދައިން ރާއްޖޭގެ ޒަމާންވީ "އެކުވެރި، ދޯސްތު" ކަމަށްވާ އިންޑިއާގެ ގޮތްވެސް ދިވެހިންނަށް މިވަނީ ފެނި ތަޖުރިބާ ކުރެވިފައެވެ. މުޅި ދިވެހި ތާރީޚުގައި ވެސް ސިޔާސީގޮތުން ނުވެއްޓޭހާ ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓިފައި އޮތް ދަނޑިވަޅު "އެކުވެރި" އިންޑިއާއިން ރާއްޖެއާމެދު ކަންތައް ކުރި ނިކަމެތި ގޮތް ދިވެހިންވަނީ ލޮލުން ދެކެ އަތުން ހިފާފައެވެ. އިންޑިއާއިން އެދުވަހު ރާއްޖެއާމެދު ކަންތައް ކޮށްފައިވަނީ އަސްކަރީ އަދި އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ޤައުމަކުން ނިކަމެތި ފަޤީރު ޤައުމަކާއި ދޭތެރޭ ކަންތައް ކުރާނެ ގޮތަކަށް ނޫންކަން ޚުދު އިންޑިއާ އިންވެސް މިހާރު ޤަބޫލު ކުރާނެއެވެ. އަދި މިކަމަކީ އިންޑިޔާގެ ގިނަ މީޑިޔާތަކާއި ވަކިވަކި އާއްމު ގިނަބަކުވެސް ދަންނަ ޙަޤީޤަތެކެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދިނުމުން ދެން ވެރިކަމާއި ޙަވާލުވީ އޭނާގެ ނައިބު ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކެވެ. ޑރ. ވަހީދުގެ ސަރުކާރު ޤަބޫލު ކުރި އެންމެ ފުރަތަމަ ޤައުމަކީ އިންޑިއާ އެވެ. އިސްތިއުފާ ދިނުމަށްފަހު 24 ގަޑި އިރު ނުވަނީސް މިކުރެވުނީ ކިހާވަރެއްގެ ކަމެއްކަން ރޭކާލައި ދެން އަނެއްކާވެސް ވެރިކަމަށް އައުމަށްޓަކައި ގޮވަން ފެށީ "ބާޣީ ބާޣީ" އެވެ. ބަޣާވާތެއްތޯ ބެލުމަށް ތިމާމެން ބޭނުންވާ ހުރިހާ "ދޯސްތުން" ގެނެސްގެންވެސް ކަރުދާހުގައި ރަސްމީކޮށް ލިޔެވިގެން ދިޔައީ އެއީ ބަޣާވާތެއް ނޫންކަމަށެވެ. އެވަރަކުން ނިމުނީއެއް ނޫނެވެ. މީހުން ވަގަށް ނެގުމުގެ ކުށުގައި ރައީސް ނަޝީދު ހައްޔަރު ކުރަން އުޅުމުން ދެން ފިލަންވެގެންގޮސް ވަނީ އިންޑިއަން ހައިކޮމޮޝަނަށެވެ. އެތަނުން ނަޝީދުއަށްވަނީ ފުރިހަމަ ހިމާޔަތް ދީފައެވެ. އިންޑިޔާގެ ދާޚިލީ މައްސަލަތަކުގެތެރެއަށް އެހެން ޤައުމުތަކަށް ނުވަދެވޭނެކަމަށާއި އަދި ވަނުމުގެ ފުރުސަތުވެސް ނުދޭނެކަމަށް ގޮވަމުން އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިއާއިން ވަދެގަތީ އެއްވެސް ގޮތެއްފޮތެއް ނެތި އެވެ. އިންޑިއާގެ ހައިކޮމިޝަނަރަކަށް އޭރުގައި ހުރި މުލޭ ކިޔާމީހަކު ރައީސް ނަޝީދަށް ހިމާޔަތް ދޭން ވެގެން ދެއްކި ބަހަނާތައްވެސް ދިވެހިންވަނީ އަޑު އަހާފައެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން ޖީއެމްއާރު އާއި ހަވާލުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ޖީއެމްއާރު ބޭރުކޮށްލި މައްސަލައިގައި އިންޑިއާއިން އެންމެ ފުރަތަމަ ބުނެ އިއުލާނުކޮށްފައިވަނީ ޖީއެމްއާރު ބޭރުކޮށްލުމަކީ ކަންބޮޑުވާކަމެއްކަމަށާއި ދެ ޤައުމުގެ ގުޅުމަށް އޭގެ އަސަރު ކުރާނެކަމަށެވެ. އެއީ ތެދެކެވެ. އަސަރުތަކެއް ވަރަށް ބޮޑަށް ކުރިއެވެ. އިންޑިއާއިން ދިވެހިރާއްޖެއަށް ދެމުންދިޔަ ހުރިހައި އެހީތަކެއްހެން ހުއްޓާލި އެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ބުނަމުންދިޔައީ މިއީ ޖީއެމްއާރާއި ގުޅިގެން ހިނގާކަމެއް ނޫންކަމަށެވެ. އިންޑިއާއިން ރާއްޖެ ގިއްގަޅުވާލަން މަސައްކަތް ކުރި އިރު ދިވެހި ރާއްޖެއަކީ މިހިސާބުގަނޑުގައި އޮތް އިންޑިއާއަށް ކިހާ މުހިއްމު ޤައުމެއްކަން އޭރުގައި ހަނދާނެއް ނެތެވެ. ދިވެހިރާއްޖެއިން އިންޑިއާއަށް ފައިސާގެ އެހީ ނުދެވުނުކަމުގައި ވިޔަސް ދުނިޔޭގެ ޑިޕްލިމެޓިކް ފެންވަރުގައި ދިވެހިރާއްޖެއިން އިންޑިއާއަށް ކޮށްދެވޭނެ އަދި ކޮށްދެމުންދާ ގިނަ ކަންތައްތަކެއް ވެއެވެ.
ކޮންމެއަކަސް މި ހުރިހާ ކަމެއް އިންޑިއާއަށް ރޭކާލީ މާފަހުންނެވެ. އާއެކެވެ. ދިވެހިން އިންޑިއާއަށް ދިއުމުގެ ކަންތަކަށް ފިއްތާލުމާއި އިންޑިއާއިން ރާއްޖެއަށް އިމްޕޯޓު ކުރަމުންގެންދިޔަ ހިލަވެލި ހުއްޓާލުމާއި އަދިވެސް އެތައް ޖެއްސުމެއް އިންޑިއާގެ ފަރާތުން ދިވެހިންވަނީ ތަޖުރިބާކޮށްފައެވެ.

ދިވެހިރާއްޖެއާއި އިންޑިޔާއާ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިންޑިއާއިން ބޭނުންވީމައި ކަނޑާލައި އިންޑިއާއިން ބޭނުންވީމައި އެ ގުޅުން ޤާއިމު ކުރުމުގެ ސިޔާސަތާއި ދޭތެރޭ ދިވެހިރާއްޖެއިން ފުންކޮށް ވިސްނަން ޖެހެއެވެ. ފިއްތާލި ފިއްތާލީނުން ކަރުން ލޭ އަންނަވަރުކޮށްލާފައި ކަލޭ ދެކެ އަހަރެން ވަރަށް ލޯބިވަމޭ ބުނުމުން ޤަބޫލު ނުކުރާފަދައިން އިންޑިއާއިން ކިތަންމެ އެހީތަކެއް ރާއްޖެއަށް ފޯރުކޮށްދިނަސް ދިވެހިން އިންޑިއާ ދެކެ ލޯބިވާނެ ގޮތެއް އަދި އިތުބާރު ކުރާނެގޮތެއްވެސް މިހާރު ދެން ނެތެވެ.

ރާއްޖެ އާއި އިންޑިޔާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ، އަންނަ ނޮވެމްބަރު މަހަށް 50 އަހަރު ފުރޭއިރު އިންޑިއާއަކީ ދިވެހިރާއްޖޭގެ ހަގީގީ "ދޯސްތީ - އެކުވެރިއެއް" ތޯ ވިސްނާލަން ޖެހެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް