ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ފަށާ ތަޢުލީމުގެ މަރުޙަލާގައްޔާއި ސާނަވީ މަރުޙަލާގައި ކީރިތި ޤުރުއާން އެއީ މަޖުބޫރު މާއްދާއެއް ކަމުގައި ޤައުމީ މަންހަޖުގައި ކަނޑައެޅުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް ޢަލީ މީގެ ދެއަހަރު ކުރިން މަޖިލީހަށް ހުށަހެޅުއްވި ޤަރާރު، ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާކޮށް ފާސްކޮށްފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތަށް ޤުރުއާން މަޖުބޫރު މާއްދާއަކަށް ހަދަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި މިއަދު ބައިވެރިވި 47 މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވަނީ، ފަށާ ތައުލީމާއި މެދު މަދުރަސީ ތައުލީމުގެ މަރުހަލާގައި ކީރިތި ގުރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައި ދިނުމަށާއި ސާނަވީ މަރުހަލާގައި ކީރިތި ގުރުއާނުގެ އިލްމު މަޖުބޫރު ބައެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. ނަމަވެސް އަފްރާޝީމް ހުށަހެޅުއްވި ޤަރާރުގައި ބުނެފައިވަނީ، ފަށާ ތައުލީމާއި މެދު މަދުރަސީ ތައުލީމާއި ސާނަވީ މަރުހަލާގައިވެސް ކީރިތި ގުރުއާނަކީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހިމެނުމަށެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާ ގައި ކޮމިޓީން ފާސްކުރި ރިޕޯޓަށް ބަހުސްކުރައްވަމުން، މާވަށު ދާއިރާގެ މެންބަރު ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވެފައިވަނީ، އަފްރާޝީމް ހުށަހެޅުއްވި މަޤްޞަދާ ޚިލާފަށް ކޮމިޓީން ޤަރާރު ފާސްކުރައްވާފައިވާތީ ހިތާމަކުރައްވާ ކަމަށެވެ. އަފްރާޝީމް ހުށަހަޅުއްވާފައިވަނީ ފަށާ ތަޢުލީމު މަރުހަލާގައްޔާއި ސާނަވީ ތަޢުލީމުގެ މަރުހަލާގައި ޤުރުއާން މަޖުބޫރު މާއްދާއަކަށް ހެދުމަށް ކަމަށްވިޔަސް، ކޮމިޓީން ބަދަލުގެންނަވާފައިވާ ކަމަށެވެ.
އެގޮތުން، ކޮމިޓީން ފާސްކޮށްފައިވަނީ ހަމައެކަނި ފަށާ ތަޢުލީމާއި މެދުމަދުރަސީ ތަޢުލީމުގައި ޤުރުއާން ކިޔަވައިދޭ ގޮތަށް ކަމަށާއި، ދެން އެހެން މަރުޙަލާއެއްގައި ޤުރުއާން ކިޔަވައިދޭ ގޮތަކަށް ޤަރާރުގައި ބުނެފައި ނެތް ކަމަށާއި އެއީ ވަރަށް ދެރަކަމެއް ކަމަށް ޢަބްދުލް ޢަޒީޒް ވަނީ ވިދާޅުވެފައެވެ.
އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން، މަޖިލީހަށް އެމަނިކުފާނު މިގަރާރު ހުށަހެޅުއްވީ ޖުލައި 20، 2011 ގައެވެ.
ޖުލައި 21، 2011 ގައި މި ޤަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ދިރާސާކޮށް އިޞްލާޙްކުރުމަށްޓަކައި ޤައުމީ ތަރައްޤީ ކޮމިޓީއަށް ފޮނުވިއިރު، މި ޤަރާރާ ދެކޮޅަށް 7 މެންބަރަކު ވަނީ ވޯޓް ދީފަ އެވެ. އެ މެންބަރުންނަކީ ފޭދޫ ދާއިރާގެ އަލްހާން ފަހުމީ އާއި، މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިޔާ އަޙްމަދު ދީދީ އާއި، ހިތަދޫ އުތުރު ދާއިރާގެ މުޙައްމަދު އަސްލަމް އާއި، ހުޅުމީދޫ ދާއިރާގެ އިލްޔާސް ލަބީބް އާއި، ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ އާއި، މައްޗަންގޮޅީ ދެކުނު ދާއިރާގެ މުޙައްމަދު ރަޝީދު އަދި ހެންވޭރު ދެކުނު ދާއިރާގެ ހާމިދު އަބްދުލްޣަފޫރު އެވެ. މިހުރިހާ މެމްބަރުންނަކީ ވެސް އެމްޑީޕީ އަށް ނިޞްބަތްވާ މެމްބަރުންނެވެ.
ޚަބަރާ ގުޅޭ :
ކޮމެންޓް (0)
ލޯޑް ކުރަމުން...