1434 ވަނަ އަހަރުގެ ރަމްޟާން މަހު ޖަމިއްޔަތުއް ސަލަފްއިން ކުރިއަށް ގެންދިޔަ ސުވާލު މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމްދީފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ޒުވާނުން މަރުކަޒުގައި ބޭއްވި ހަފްލާއެއްގައި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމް ދެއްވާފައިވާނީ ޖަމިއްޔަތުއް ސަލަފްގެ ނައިބް ރައީސް އައްޝައިޚް ހަސަން މޫސާ ފިކުރީއެވެ.
މިހަފްލާގައި ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުޙައްމަދު އިބްރާހިމްވެސް ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. ޝައިޚް އަބްދުﷲ ގެ ވާހަކަފުޅުގައި ސުވާލު މުބާރާތް ރޭވިފައިވާ ގޮތަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ޝައިޚް ވިދާޅުވީ ރަމްޟާން މަހަކީ ކީރިތި ޤުރުޢާން ބާވާއިލެއްވުނު މައްސަރުކަމަށް ވެފައި، ސުވާލު މުބާރާތުގެ ސުވާލުތައްވެސް ތައްޔާރު ކޮށްފައިވާނީ ޤުރުޢާނުގައި ނަންގަނެވިފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ. އަދި ސުވާލުތަކަށް ބައިވެރިން ދީފައިވާ ޖަވާބުތަކަށް މާރކްސް ދިނުމުގައި ހަތަރު މިންގަނޑެއް ބޭނުންކޮށްފައިވާނެ ކަމަށެވެ. އަދި އުއްމީދަކީ އަންނަ ރަމަޟާން މަހުވެސް މިފަދަ މުބާރާތެއް ކުރިއަށް ގެންދިއުންކަމުގައި ޝައިޚް ވިދާޅުވިއެވެ.
މިހަފްލާގައި ޖަމިއްޔަތުއް ސަލަފްގެ ނައިބް ރައީސް އައްޝައިޚް ހަސަން މޫސާ ފިކުރީވެސް ވާހަކަފުޅު ދެއްކެވިއެވެ. ޝައިޚްގެ ވާހަކަފުޅުގައި މިމުބާރާތަކީ ރަމަޟާން މަހުގެ ރޫހާގުޅޭ ވަރަށް ތަފާތު މުބާރާތެއްކަން ފާހަގަ ކުރެއްވިއެވެ. އަދި މިފަދަ މުބާރާތްތަކުގެ ސަބަބުން ދީނީ މައުލޫމާތު ހޯދުމާއި ދީނީ މައުލޫމާތު އެއްކުރުމަށް ހިތްވަރު ލިބިގެންދާކަމަށް ޝައިޚް ވިދާޅުވިއެވެ. ކުރިއަށް ހުރި މިފަދަ އެހެން މުބާރާތްތަކުގައި އިތުރު އެހެން ފަރާތްތައް ބައިވެރި ކުރުމަށް މިފަހަރުގެ މުބާރާތުން ވަނަތައް ހާސިލް ކުރި ފަރާތްތަކަށް ޝައިޚް ފިކްރީ އިލްތިމާސް ކުރެއްވިއެވެ.
މިމުބާރާތުން އެއްވަނަ ހާސިލްކޮށްފައިވަނީ މުޙައްމަދު ވިޝާހް އެވެ. ދެވަނަ އިބްރާހިމް ހާއިސް ޒުހައިރު ހޯދާފައިވާ އިރު ތިންވަނަ ތިން ފަރާތަކުން ހޯދާފައިވެއެވެ. އެއީ ސަންފާ ޒިޔާދާ، މަރިޔަމް އަހުމަދު އަދި ފާތިނާ އަހުމަދު ރަޝީދު އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...