މާދަމާ ބާއްވާ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން އެންމެ ގިނަ ބަޔަކު އަހާ ސުވާލަކީ މާދަމާ އަހަރެމެން ސަލާމަތް ވާނެ ބާއެވެ؟ މި ސުވާލަކީ ކޮންމެ މީހަކު ކޮންމެ ނިޔަތެއްގައި ކުރާ ސުވާލެއް ނަމަވެސް މި ސުވާލުގެ ޖަވާބު ވަރަށް ސާފު ވެފައި ވަރަށް ސާދާ ސީދާ ވާނެއެވެ. އެހެނީ ޖަވާބަކީ ތޯއެވެ؟ ޖަވާބަކީ އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ މަތިވެރި ވެގެންވާ އިލާހު ﷲ އެވެ. އެކަލާންގެ އަހަރެމެން ސަލާމަތް ކޮށްދެއްވާނެ އެވެ. އެކަމާއި މެދު އަހަރެންގެ ހިތުގައި އެއްވެސް ޝައްކެއް ވަސްވާހެއް ނެތެވެ.
މާދަމާ އަކީ މި ޤައުމުގެ ރައްޔިތުންގެ ޙަޔާތުގައި އަންނަ ވަރަށް އެހެން ކަހަލަ ހިނދު ކޮޅެކެވެ. ތިމާ ވޯޓު ދޭންވީ ކޮން ކެންޑިޑޭޓަކަށް ކަން ބައެއް މީހުންނަށް އަދިވެސް ނޭނގެ އެވެ. މިހެން ވާން މި ދިމާވަނީ ވޯޓަކީ ކިހާ ވަރެއްގެ ޙައްޤެއް ކަން އަދި އެއީ ކިހާވަރެއްގެ ޒިންމާ އެއް ކަން ގިނަ ބަޔަކަށް ރަނގަޅަށް އޮޅުން ފިލާފައި ނުވާތީ އެވެ.
މާދަމާ ބާއްވާ ރިޔާސީ އިންތިޚާބާއި ގުޅީގެން މާދަމާ އަހަރެމެން ސަލާމަތް ވާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުން ގެންދާއިރު، މިއުޅެނީ ސަލާމަތް ނުވެގެން ތޯއެވެ؟ މިއަށްވުރެ ބޮޑެތި މިއަށްވުރެ ނުބައި ކަންކަމުން ވެސް ﷲގެ ރަޙުމަތްފުޅުން އަހަރެމެން ވަނީ ސަލާމަތް ވެފައެވެ.
މާދަމާ އަހަރެމެން ސަލާމަތް ވާނެތޯ ސުވާލު ކުރާ ފަރާތްތަކަށް ދަންނަވާލަން އޮތް އިހު އަދި ފަހު ބަހަކީ، އެއްވެސް ކަމަކާއި މެދު އުއްމީދު ކަނޑާނުލާށެވެ. ކަނޑުގެ ލޮނުގަނޑުގެ ސަތަޙައިން ފެށިގެން އެންމެ ފޫޓެއްގެ މަތީގައި އަހަރެމެން ދިރި ދަމަހައްޓަވާ އިލާހު ކޮންމެ ކަމަކަށް ވެސް ކުޅަދުން ވަންތަ އެވެ.
އެހެނީ އަހަރެމެން ކަނޑުގެ ލޮނުގަނޑަށް ވުރެ އެންމެ ފޫޓެއް މައްޗަށް އުފުލިފައިވާ ރަށް ތަކުގައި ހިތްހަމަ ޖެހުމާއި، އުފަލާއި އެކު އެއްވެސް ބިރުވެރިކަމެއް ނެތި 2004 ވަނަ އަހަރާއި ހަމައަށް ތިބީމެވެ. ދުނިޔޭގެ އެހެން ޤައުމު ތަކަށް އަންނަ ފަދަ ނުރައްކާތެރި ތޫފާނު ތަކާއި ކޮޅިގަނޑު ތަކާއި ނަގޫރޯޅި ތަކާއި އަލިފާން ފަރުބަދަ ގޮވުން ފަދަ ހުރިހާ ނުރައްކަލަކުން އަހަރެމެން ސަލާމަތްވެ މި ތިބެނީ އަހަރެމެންގެ ވެރީންގެ ހެޔޮ ކަމަކުން ނޫނެވެ. އަހަރެމެންގެ ސިފައިންނާއި ފުލުހުންގެ ކުޅަދާނަ ކަމަކުން ވެސް ނުމެ ނޫންމެއެވެ.
މި ހުރިހާ ޒަމާނެއްގައި ވެސް އަހަރެމެން މިހާ އުފަލާއި އަރާމުގައި ކަނޑުގެ ލޮނުގަނޑުގެ އެންމެ ފޫޓެއްގެ މަތީގައި ލެއްވި ﷲގެ ކުޅަދުންވަންތަ ކަމާއެވެ. މިއަދު ޣައިރު މުސްލިމުން ވެސް އެކަމަކާ އެންމެ ބޮޑަށް ޢަޖާއިބުވާ އެއް ކަމަކީ ކަނޑުގެ ލޮނުގަނޑު އެންމެ ފޫޓަކަށް ކުޑަ ހިނދު ކޮޅަކަށް އުފުލުނު ނަމަވެސް ދިވެހިން ދިރި ދުނިޔޭގައި ނުތިބޭނެތީ އެވެ. ދިވެހި ރާއްޖެ ވުޖޫދުން ވެސް ފޮހެވިގެން ދާނެތީ އެވެ.
އެހެން ކަމުން މިއަދު އަހަރެމެން މުސްލިމުންގެ ގޮތުގައި ތިބެ ކުރުން އެންމެ ހެޔޮ ކަމަކީ ﷲގެ ނިޢުމަތް ތަކަށް ޝުކުރުވެރި ވުމެވެ. އެކަލާނގެ އަށް ޙަމްދުކޮށް، އަހަރެމެންނަށް ހެޔޮ ވިސްނުން ދެއްވާތޯ ދުޢާ ކުރުމެވެ. ހަދާނެ ގޮތެއް ނޭނގި ކަންބޮޑުވާ ހިނދު އިސްތިޚާރާ ނަމާދު ކޮށް އެކަލާނގެ ހަޒްރަތުން ވާގިއެދުމެވެ. އަހަރެމެން ސަލާމަތް ކޮށްދެއްވަނީ ﷲ ކަން ހަނދުމަ ކޮށް އުފާކުރާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...