އިންސާނުންނަށް ލިބިފައިވާ ބާރާއި، އެބައިމީހުންގެ ފެންވަރު އިންސާނުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ހަންދާން ނެތިފައެވެ. އަދި އެބައި މީހުންނަށް ލިބިފައިވާ ހައްޤުތައް މަދު ކަމަށް ބުނެ އިތުރު ހައްގުތައް ހޯދުމުގެ ނަމުގައި މަސަތްކަތް ކުރާ މީހުންނަށް އިންސާނުންގެ ހަޤީޤީ ހައިސިއްޔަތު މިއަދު ވަނީ ހަމަ ރަނގަޅަށް ވެސް އޮޅިފައެވެ.
ތިމާމެންނަކީ މާ ބާރުގަދަ ބައެއްކަން ދެއްކުމަށް މަސައްކަތް ކުރާ އިންސާނުންގެ ބަލިކަށި ކަމާއި ނިކަމެތިކަން ތަސައްވަރު ކޮށްލައްވާށެވެ.
ގަދަ ކީރިތި ވަންތަ ﷲ އިންސާނުންނަށް ދެއްވާފައިވާ ކުޅަދާނަކަމާއި ބާރު ވެރިކަން ފަހަނަ އަޅާ ދާން މަސައްކަތް ކުރި ވަރަކަށް އެބައިމީހުންގެ ނުކުޅެދުންތެރިކަމާއި ބަލިކަށިކަން މިދަނީ ހާމަ ވަމުންނެވެ. މިކަންކަން ހާމަ ވެގެންދާ ދެތިން ކަމަކަށް ބަލާލާނަމެވެ.
ކޮންމެ ކަމަކަށްވެސް ވަކި ކަހަލަ އުސޫލު ތަކެއްގެ ތެރެއިން ރޭވިގެން ހިންގަމުން އަންނަ ކަމެކެވެ. އެގޮތުން ދުނިޔެވީ ގޮތުން ކަންކަން ކުރާނެ ޤާނޫނު ތަކާއި ޤަވާއިދު ތައް ގުނާ އަދަދު ނުކުރެވޭ ވަރަށް އިންސާނުން އަންނަނީ ހަދަމުންނެވެ. މިގޮތުން ހެދޭ ޤާނޫނު ތަކާއި ޤަވާއިދުތައް ހެދުމުގައި މުސްތަޤުބަލުގައި ކުރިމަތި ވެދާނެ މައްސަލަ ތަކަކީ ކޮބައިކަން ދެނެގަތުމައް އެތަށް ގޮތަކުން ތަފާތު ދިރާސާ ކުރެއެވެ. އަދި ދިމާ ވެދާނެ މައްސަލަތައް ހައްލު ކުރާނެ ގޮތްތައް ޤާނޫނު ތަކާއި ޤަވާއިދު ތަކުގައި ބަޔާންކޮށްފައި ހުރެއެވެ. ނަމަވެސް ދުނިޔޭގެ ކަންކަމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ހެދިފައިވާ ޤާނޫނު ތަކާއި ޤަވާއިދުތައް އަބަދު ވެސް އޮންނަނީ އިސްލާހު ކުރަން ޖެހިފައެވެ. މިކަމުގެ ހަގީގީ ސަބަބަކީ ކޮބަތްތޯއެވެ؟ ޖަވާބު ވަރަށް ކުރުވެފައި ސާފެވެ. އެއީ ﷲ ދެއްވި މިންވަރަކަށް މެނުވީ އިންސާނުންނަށް އެއްވެސް ކަމެއްގެ ޢިލްމެއް ލިބިފައެއް ނުވާތީއެވެ.
އިންސާނީ ހައްގު ތަކުގެ ނަމުގައި ތިމާ މެންނަށް މާތްﷲ ދެއްވާފައިވާ ހައްގުތައް ފަހަނަ އަޅާ ގޮސް ހައްގު ހޯދަން މަސައްކަތް ކުރި ވަރަކަށް ތިމާމެންނަށް ލިބިފައިވާ ހައްގުތައް ގެއްލިގެން ދިޔުން ފިޔަވާ އިތުރު މޮޅެއް ލިބޭތޯ އެވެ؟
އަބަދު ވެސް ތިމާމެން ވަރުގެ ބާރު ގަދަ ބަޔަކު ނެތްކަމަށް ހެދިގެން އުޅޭ ދުނިޔޭގެ ބޮޑެތި ރަސްރަސްކަލުންގެ ހާލާއި މެދު ފިކުރު ކޮއްލައްވާށެވެ. ދުނިޔެވީ ގޮތުން އެބައިމީހުންނަށް ނުލިބެނީ ކޮން އެއްޗެއްތޯއެވެ؟ ނަމަވެސް ހަށިގަނޑުގައިވާ ބަލިކަށި ކުޑަކުޑަ ނާރަކަށް ލިބޭ ގެއްލުމެއް ވެސް އިޔާދަ ކުރެވޭނެ ފަދަ ކުޅަދާނަކަން ނެތުމުގެ ސަބަބުން އަބަދަށް ލޯމަރާލަން ޖެހެނީ ކިތައް މަހުޖަނުން ތޯއެވެ؟ މިހެން ވާން ޖެހެނީ ބޭހާ ޑަކުޓަރުން ނެތިގެންނެއް ނޫނެވެ. އަދި ފައިސާ ނެތުމަކުން ވެސް ނޫނެވެ. ނަމަވެސް ހަގީގަތަކީ އިންސާނުންގެ ހަށިގަނޑާއި ފުރާނައިގެ މިލްކުވެރި އަދި އޭގެ މައްޗައް ބާރު ހިންގާ ހަމަ އެކަނި ފަރާތަކީ ހުރިހާ ބާރެއް މިލްކުވެ ވޮޑިގެންވާ ގަދަ ކީރިތި ވަންތަ ﷲ ކަމަށް ވާތީއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...