2008 ވަނަ އަހަރުގެ އޭޕްރީލް މަހަށް ފަހު އިރާޤްގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ ހުސްވި އޮކްޓޯބަރ މަހުގައި ކަމަށް އިރާޤްގެ ކަމާބެހޭ އިދާރާތަކުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޤައުމުގައި ލޭ އޮހޮރުވުން އިތުރުވަމުންދާ މިދަނޑިވަޅުގައި ހުކުރުދުވަހު އިރާޤްގެ ހެލްތް މިނިސްޓްރީއިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހުސްވި އޮކްޓޯބަރ މަހު އިރާޤްގެ އެކި ސަރަޙައްދުތަކުގައި ދެވުނު ހަމަލާތަކުގައި 964 މީހުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 855 އާއްމު ރައްޔިތުންނާއި 65 ޕޮލިސް އޮފިސަރުންގެ އިތުރުން ސަލާމަތީ ބާރުތަކުގެ 44 މީހުންނެވެ.
މީގެ އިތުރުން މިހަމަލާތަކުގައި 1600 މީހުން ޒަޚަމްވެފައިވެއެވެ. އެއީ އާއްމު ރައްޔިތުންގެ 1445 މީހުންނާއި 88 ޕޮލިސް އޮފިސަރުންގެ އިތުރުން ސަލާމަތީ ބާރުތަކުގެ 67 މީހުންނެވެ.
2008 އޭޕްރީލް މަހަށް ފަހު އެއްމަހެއްގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ ހުސްވި އޮކްޓޯބަރ މަހުއެވެ. 2008 އޭޕްރީލްމަހު 1073 މީހުން އެކި ހަމަލާތަކުގައި މަރުވެފައިވާކަމަށް ސަރުކާރުގެ ހިސާބުތަކުން ދައްކައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...