އެމެރިކާގެ ބަޖެޓް ފާސްނުވެ، ސަރުކާރު ހުއްޓުމަކަށް އައިސް ފައި އޮތުމުން އެގައުމުގެ ރައީސް ބަރަކް އޮބާމާ އޭޝިއާއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރު ކެންސަލް ކުރައްވައިފިއެވެ.
އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ގެ ބައްދަލުވުމަކަށް އިންޑޮނޭޝިއާގެ ބާލީއަށް، އަދި ހަތަރު ގައުމެއް ބައިވެރިވާ ބައްދަލުވުމަކަށް ބުރޫނާއީއަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތް ދަތުރު ކެންސަލް ކުރެއްވިކަން އަންގަވާފައިވަނީ ރޭ ވައިޓްހައުސްއިން ނެރުނު ބަޔާނެއްގައެވެ.
"ސަރުކާރު ހުއްޓުމަކަށް އައިސްފައިވަތީ، ރައީސް އޮބާމާގެ ބުރޫނާއީ އަދި އިންޑޮނޭޝިއާ ދަތުރު ކެންސަލްވި ވާހަކަ ދަންނަވަން" ބަޔާނުގައި ވެއެވެ.
ވައިޓްހައުސްއިން ބުނާގޮތުގައި އޮބާމާ ވަނީ އިންޑޮނޭޝިއާގެ ރައީސަށް ފޯނުން ގުޅުއްވައި ވަޑައިގެންނެވެން ނެތްކަމަށް ދަންނަވާފައެވެ. އަދި އިންޑޮނޭޝިއާއާއި އެމެރިކާއާ ދެގައުމުގެ ދެމެދު އޮތް ގުޅުމުގެ މުހިއްމުކަމަށް އަލިއަޅުއްވާލެއްވި ކަމަށާއި އޮބާމާގެ ހިތުގައި އިންޑޮނޭޝިއާގެ ރައްޔިތުންނަށް އޮތް ގަދަރު ހިއްސާކުރެއްވިކަމަށެވެ. އިންޑޮނޭޝިއާގައި އޮބަމާވަނީ ތައުލީމު ހާސިލް ކުރެއްވުމަށް ދުވަސްތަކެއް ހޭދަ ކުރައްވާފައެވެ.
ބަޖެޓްގެ މައްސަލާގައި ސަރުކާރު ހުއްޓުމަކަށް އައިސްފައި އޮތުމުން އެ މައްސަލަ ހައްލު ކުރެއްވުމަށް އޮބާމަ ދަނީ ރިޕަބްލިކަނުންނާއި މަޝްވަރާ ކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.
އޮބާމަގެ ބަދަލުގައި އިންޑޮނޭޝިއާ އަށް ވަޑައިގަންނަވާނީ އެ ގައުމުގެ ޚާރިޖީ ވަޒީރު ޖޯންކެރީއެވެ.
މިހާރު ދިމާވެގެން މިއުޅޭ މައްސަލަ ހައްލުނުވެ ދިގުލައިގެން ގޮސްފި ނަމަ އެމެރިކާގެ އިގްތިޞާދަށާއި ދުނިޔޭގެ އިގްތިޞާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެން ދާނެކަމަށް މާލީ އިދާރާތަކުން ހާމަކުރެއެވެ.
މި ހަފްތާގެ ކުރީކޮޅު މެލޭޝިއާ އަދި ފިލިޕީންސަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރެއްވެސް އޮބާމާވަނީ ކެންސަލްކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...