ލިޔުނީ : މުޙައްމަދު އަނީލް
ރަސޫލުބޭކަލުންނާއި ޞަޙާބީންގެ ޝަޚްޞިއްޔަތު ދައްކުވައިދޭ ފިލްމުތަކާއި ސިލްސިލާތަކާއި ޑޮކިޔުމެންޓްރީތައް އުފެއްދުމަކީ ޙަރާމްކަމެއް ކަމަށް މީގެ ކުރިން ނެރުއްވާފައިވާ ޤަރާރަށް ބާރުދެއްވައި މައްކާގައިވާ ރާބިޠަތުލްޢާލަމިލް އިސްލާމީ (މުސްލިމް ވޯލްޑް ލީގް)ގެ އިސްލާމިކް ފިޤްހު އެކެޑެމީ އިން ބަޔާނެއް ނެރުއްވައިފިއެވެ.
މި ބަޔާން ނެރުއްވާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 25 އިން 29 އަށް މައްކާގައި ބޭއްވި އެ އެކެޑެމީގެ 20 ވަނަ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައެވެ.
"އެކަމަކީ (ރަސޫލުބޭކަލުންނާއި ޞަޙާބީންގެ ޝަޚްޞިއްޔަތު ފިލްމުތަކާއި ސިލްސިލާތަކުން ދެއްކުމަކީ) އެބޭކަލުންގެ ޤަދަރާއި ކަރާމާތް ކުޑަވެދިޔުމަށް މަގުފަހި ވެދާނެ ކަމެކެވެ. އަދި އެއީ އެބޭކަލުންނާމެދު މަލާމާތާއި ފުރައްސާރަކުރެވުމަށް މަގުފަހިވެދާނެ ކަމެކެވެ." ބަޔާނުގައި ވެއެވެ.
މީގެ އިތުރަށް އިސްލާމިކް ފިޤްހު އެކެޑެމީން ނެރުއްވާފައިވާ އެހެން ބަޔާނެއްގައި، ވާރުތަ މުދާ ބެހުމުގައި އަންހެނުނާއި ފިރިހެނުންނަށް ހަމަހަމައަށް ބެހުމަށް ބާރުއަޅައި، ބައެއް އިސްލާމީ ޤައުމުތަކުން ޤަވާޢިދުތައް ހަދަމުންދާތީ އެކަމާބެހޭގޮތުން ވާހަކަ ދައްކަވާފައިވެއެވެ.
މި ބަޔާނުގައި ވާގޮތުން، އިސްލާމީ ޝަރީޢަތުގައިވާ އަންހުނެންނަށް މުދާ ވާރުތަވުމުގެ ޙުކުމްތަކާއި ޚިލާފް ޤަވާޢިދުތަކާއި ޤާނޫނުތައް ހެދުމަކީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ. އަދި ކަނޑައެޅިގެން ﷲގެ ޝަރީޢަތާ ޚިލާފުވުމެކެވެ. އަދި ﷲ ބާވައިލެއްވި ގޮތާއި ޚިލާފަށް ހެދޭ ވަޟަޢީ ޤާނޫނުތަކުގައި ހިފަހައްޓާ މީހުން ވަނީ ހަމަކަށަވަރުން ސީދާވެގެންވާ މަގުން އެއްކިބާވެ މަގުފުރެދުމެއްގައެވެ.
މުސްލިމް ވޯލްޑް ލީގްގެ އިސްލާމިކް ފިޤްހު އެކެޑެމީގެ 20 ވަނަ ކޮންފަރެންސްގައި 35 މައްސަލައަކާ ބެހޭގޮތުން ދިރާސާތައް ހުށަހެޅިފައިވއެވެ. ފިޤްހީ އާ މައްސަލަތަކާއި ބެހޭ ގޮތުންނެވެ. އޭގެ ތެރޭގައި ޑޮކްޓަރީކަމާ ގުޅުންހުރި މައްސަލަތަކާއި، މުދަލާއި އިޤްތިޞާދާ ގުޅުންހުރި މައްސަލަތަކާއި، ޢާއިލީ އަދި އިޖްތިމާޢީ މައްސަލަތަކާއި، އަޅުކަމާއި އަދި ފަލަކީ ހިސާބާއި ގުޅޭ މައްސަލަތަކާއި، ޚާއްޞަކޮށް މެންދުރު ނަމާދު ވަގުތުގެ މައްސަލަ ހިމެނެއެވެ.
މި ކޮންފަރެންސްގެ ރިޔާސަތު ބެލެހެއްޓެވީ ސުޢޫދީ ޢަރަބިއްޔާގެ މުފްތީ އަދި މުސްލިމް ވޯލްޑް ލީގްގެ މަޖްލިސުއްތައުސީސީ ގެ ރައީސް ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ އާލް ޝައިޚް އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...