ވާހަކަ ވާހަކަ: އުފަލާ މަޖާ

ވާހަކަ: އުފަލާ މަޖާ

ވާހަކަ: އުފަލާ މަޖާ

ކިޔާލަން ހޭދަވާނީ 6 މިނިޓް

ފޮންޓް ސައިޒް

10 އަހަރުވީ ކައިވެންޏަށް ދަރިއަކު ލިބުމުގެ އުފާ ނުލިބިތިއްބާ މާޒިން އާއި އައިޝާއަށް ދަރިއަކު ލިބެން އުޅޭކަމުގެ އުފާވެރިކަމުގެ ޚަބަރު ލިބުނީ މާޒިން ސަޕޯޓް ކުރާ ޕާޓީގެ ޖަލްސާގައި އިންދައެވެ. ބަރާބަރަށް އެޖަލްސާތަކަށް ދާ އެދެމަފިރިންގެ ތެރެއިން އައިޝާއަށް އެރޭ އެޖަލްސާއަށް ނުދެވުނީ ކުޑަކޮށް އުނދަގޫކަމެއް އިހުސާސް ކުރެވޭހެން ހީވާތީއެވެ. އެއުފާވެރިކަމުގެ ޚަބަރު އައިޝާގެ ފޯނު ނަގާ މާޒިން އަށް ދިނުމުން މާޒިންގެ އަޑުން އުފާވެރިކަން އިވިގެންދިޔައެވެ. އެބޮޑު ސަޕްރައިޒް ލިބުނަސް މާޒިން އަށް ޕާޓީގެ ޖަލްސާ ދޫކޮށްފައި އާދެވޭހާ މުހިންމެއް ނޫނެވެ. އައިޝާއަށް އެކަން ހަޖަމެއް ނުވިއެވެ. އައިޝާ ނަމަވެސް އެކަން ވާނީ އެހެންނޭ ހިތާ އަޅާ ނުލީއެވެ.

އުމުރުން ގިނަ ދުވަސްތަކެއް ދެމަފިރިން ހޭދަކުރުމަށްފަހު މިލިބުނު އުފާވެރި ޚަބަރައިގެން ދެމީހުންވެސް ތައްޔާރުވަމުން ދަޔައީ ނުވަމާއި ދިހަ ދުވަސް ފުރޭ ދުވަހަށެވެ. ބޭނުންވާ ސާމާނުތައް ލަންކާގައި ހުރި ރައްޓެއްސަކު ލައްވާ ގަނެ ހަމަކޮށްފިއެވެ. ބޭނުންވަނީ ދަރި އުފަންވުމުގެ ކުރިން ހުރިހާ ކަމެއް ތައްޔާރު ކުރާށެވެ. އެންމެ ކަމެއްވެސް އުނި ނުވާނެ ގޮތެއްގައެވެ.

ދަރިފުޅު އުފަންވެއްޖެއެވެ. ފިރިހެން ދަރިއެކެވެ. އެދަރިއަށް އެދެމަފިރިން ދިން ނަމަކީ ޝައްމޫން އެވެ. ތުއްތު ތުއްތު ޝައްމޫނު ދުނިޔެއަށް ނޭވާލި ވަގުތުން ފެށިގެން އެއްވެސް ކަމެއް މަދު ނުވާނޭހެން ހުރިހާ ކަންތަކެއް ދިޔައީ ބަރާ ބަރަށެވެ. ވާނީވެސް އެހެންތާއެވެ. މިއީ 10 އަހަރު ގެ ކައިވެނީގެ ފުރަތަމަ މޭވާއެވެ. އެތައް ދުވަހަކު ކުރަމުން އައި އިންތިޒާރުގެ ފޮނި މޭވާއެވެ.

ޝައްމޫނު ބޮޑުވަމުން އައެވެ. އެދެމަފިރިންގެ ފުރަތަމަ ދަރިފުޅު ކަމުގައިވުމުން އެދަރިއަށް ދެރަގޮތެއް ނުވުމަށް އަބަދުވެސް އެދެމަފިރިން އެދެއެވެ. އެހެން ދަރިއަކުވެސް ނުހޯދާ މަޑު ޖައްސާލީ އެދަރިއަށް ވަގުތު ދޭންވެގެންނެވެ. އެހެނަސް ދުވަސްވަމުން ދިޔަ ވަރަކަށް ޝައްމޫން އަށް އޭނާގެ މައިންބަފައިން ދޭންޖެހޭ ވަގުތު ނުދެވެއެވެ. މަންމަ އާއި ބައްޕަ ސިޔާސީ ކަންކަމުގައި އުޅެން ޖެހޭލެއް ބިޒީ ކަމުން ދަރިފުޅެއް ހުންނަކަންވެސް އެމީހުން ހަނދާން ހުންނަހެނެއް ހިޔެއްނުވެއެވެ. އެމީހުންނަށް ޝައްމޫނު ފެންނައިރު އަބަދުވެސް އޮންނަނީ ނިދާފައެވެ. އެއީ ޝައްމޫނުގެ މައްސަލައެއް ނޫނެވެ. މަންމަ އާއި ބައްޕަ އަށް ގެޔަށް އާދެވެނީ ދަންވަރުއެވެ. އެއީ ޝައްމޫނު ނިދާފަ އޮންނަޖެހޭ ގަޑިއެވެ. މަންމަމެން ހޭލައިގެން ސިޔާސީ ކަންކަމަށް ދާއިރުވެސް ޝައްމޫނުގެ ގަޑިން ހެނދުނު ނުވެއެވެ. އެހެންކަމުން އެއާއިލާގެ އެންމެންގެ އަތުގައި އަޅާފައި އޮންނަ ގަޑިތައް އެއްވަރެއް ނޫނެވެ.

ބައްޕަ މާޒިން އާއި މަންމަ އައިޝާ އަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަށް ނިސްބަތްވާ ހަރުކުލައިގެ މީހުންގެ މެދުގައި މަޝްހޫރު ދެމޫނެވެ. އެހެނަސް މަޑުމަޑުން ހުންނަ ޝައްމޫނު އަކަށް އެ ސިޔާސީ "ސްޓައިލް" ކަމަކު ނުދެއެވެ. ޝައްމޫނު އަކީ ވަރަށް ބަސްއަހާ ވަރަށް އެކަހެރި ދުނިޔެއެއްގައި އުޅޭ ކުއްޖެކެވެ. ހަގީގަތުގައިވެސް އެއީ މައުސޫމް ކުއްޖެކެވެ. މަންމަ އާއި ބައްޕަ ފަދައިން ސިޔާސީ މައިދާނަށް ވައި އެޅެންވެސް ޝައްމޫނު ބޭނުމެއް ނުވެއެވެ. ޝައްމޫނު ބުނާ ގޮތުން އޭގެ ހިތިކަން އޭނައަށް އެނގެއެވެ.

ކޮންމެއަކަސް ޝައްމޫނުގެ ޝެޑިއުލްއަކީ ހެނދުނު 10 ޖަހާއިރު ހޭލައިގެން ގޭމް ކުޅެލާ، ފޭސްބުކް އަށް ވަދެލާ، ފޮޓޯ އާއި ވީޑިއޯ ހޯދާ އެއްކުރުމެވެ. މައިންބަފައިންނަކީ މުއްސަނދިންނަށް ނުވިޔަސް ގޭގެ ތިރީ ބައި ކުއްޔަށް ދީގެން ލިބޭ ލާރިން ޝައްމޫނުއަށް މަހަކު 2000 ރުފިޔާ ދެއެވެ. ކޮންމެ މަހަކުވެސް އެކައުންޓަށް އެފައިސާ ޖަމާވާނެއެވެ. އޭގެން މާރަނގަޅަށްވެސް ޝައްމޫނު އަށް ފުއްދާލެވެއެވެ. ގޯސް ގޮތަކަށް ނޫޅޭ މީހަކަށް އެއީ 'ރަން' އެހެންނޫންތޯއެވެ؟ ހެނދުނު ތެދުވެ މެއިޑް ސައި ހެދީމަ ސައިބޮއެގެން އިރު އޮއްސޭއިރުވެސް އިނދެވެނީ ލެޕްޓޮޕް އުނގުމަތީ ބައިނދައިގެންނެވެ. ދޮރުން ވަންނަ މީހަކަށް ލެޕްޓޮޕް ފެންނަ ގޮތަށެވެ. ނުދައްކަންވާ ވަރު ކަމެއް ނުކުރާތީ އެއީ ޝައްމޫނަކަށް މާ ބޮޑު ކަމެއް ނޫނެވެ. ދެން ރޭގަނޑު 11 ޖަހާއިރު ނިދުމަކީ ޝައްމޫނުގެ އާދައެކެވެ. އާދަވެފައިވަނީ ދުވާލު ހަތަރުދަމު ބޭރަށް ނުގޮސް ނެޓްގައި ފީނާ ފީނާ ވަރުބަލިގެން ނިދުމަށެވެ.

ޖުމްލަކޮށް ބުނާނަމަ އެއީ ވަރަށް ފައްކާ ސޮރެކެވެ.

ޝައްމޫނުގެ ބައްޕަ އާއި މަންމަ ޝައްމޫނުއަށް އަޅާ ނުލިޔަސް އެމީހުން ހިތުން އެމީހުން އެކުރާ މަސައްކަތް މުސްތަގުބަލުގައި ކުރާނީ އެދެމީހުންގެ ދަރިއެވެ. އެކަމަށް ޝައްމޫނު ފާޅުގައި ދެކޮޅު ނެހެދިޔަސް ނުސީދާކޮށް އެކަން ދައްކައެވެ. މަންމަ އަބަދުވެސް އޮޅުވާލާފައި މަންމަ ގެ ޕާޓީގެ ޕޯސްޓަރުތައް ޝައްމޫނުގެ ކޮޓަރީގައި ބާއްވާފައި ދެއެވެ. ޝައްމޫނުވެސް މަންމައަށް ފެންނާނެހެން، އަނެއް ބައި ފަހަރު ނުފެނާނެ ގޮތަށް އެ ޕޯސްޓަރުތައް ޑަސްބިނަށްލައެވެ. މަންމަ އަކަށް ޝައްމޫނުގެ ޅަ ސިކުނޑީގައި ސިޔާސީ ކަންކަމަށް ޝައުގުވެރިކަން އުފެއްދޭ ގޮތެއް ނުވިއެވެ. ކުރި މަސައްކަތްވީ ބޭކާރެވެ.

އެއްދުވަހަކު މަންމަ ގެއަށް އައީ ލީފްލެޓްއެއް ހިފައިގެންނެވެ. އެހެން ލީފްލެޓްތައްވެސް ޝައްމޫނު އަތަށް އެރުމުން މަންމަ ހިތްހަމަޖައްސާލުމަށްޓަކައި އެއެއްޗެއް ބަލާލައެވެ. އެގޮތުން މިފަހަރު ދިން ލީފްލެޓްވެސް ބަލާލިއެވެ. މަންމަވެސް ހުރީ ޝައްމޫނު ހަދާ އެއްޗެއް ބަލާށެވެ. ޝައްމޫނު ލީފްލެޓް ނަގާ ކުރިން ނުބަލާލާ ގޮތަކަށް ޝައުގުވެރިކަމާއި އެކު ބަލާލިއެވެ.

"އުފަލާއި މަޖާ ކުރުން ބިރަކާ ނުލާ" ބޭރުގަނޑުގައި ލިޔެފައިވެއެވެ. އެތެރެ ބަލާލިލެއެވެ. ޑިސްކޯ ބޯލް އަކާއި އެކި ޒާތުގެ ކުޅިވަރު ކުޅޭ މީހުންގެ ކުރެހުމެކެވެ. ސަޅި ކުރެހުމެކޭ ބުނާކަހަލަ ގޮތަކަށް ބަލާލުމުން ޝައްމޫނުގެ މަންމަ އުފަލުން ފޮޅުނެވެ. އެމަންމަ އުފާވީ ދަރިފުޅު ގަޔާވާ ކަމެއް އެމީހުންގެ ސިޔާސަތުގެ ތެރޭގައި ހިމެނުނީމައެވެ. ދަރިފުޅުވެސް ހިނިތުންވެ އުފަލާއި މަޖަލުގައި އުޅުމުގެ ފޮނި އުންމީދުގައެވެ. ޝައްމޫނުގެ މަންމަ ނިކުމެގެން ދިޔައީ މީން ދުވަހަކު ނުލިބޭހާ ހިތްހަމަޖެހިގެން ހުރެއެވެ. އަވަހަށް ގޮސް ފިރި މާޒިން އަށް އެވާހަކަ ކިޔައިދިނެވެ.

"އުފަލާއި މަޖާ ކުރުން ބިރަކާ ނުލާ"
އަދިވެސް އެއްފަހަރު ޝައްމޫނު އެލިޔުން ކިޔާލިއެވެ. އަދި އޭގައި ލިޔެފައިވާ ކުރު ލިޔުންތައް ކުރެހުންތަކާއި އެކު ބަލަންފެށިއެވެ. އަދި ކިޔަމުންދިޔައެވެ. "މީތީ ސަޅިއޭ" ބުނާކަހަލަ ގޮތަކަށެވެ.

ޝައްމޫނަށް މިއައި ބަދަލުގެ ސަބަބުން ޝައްމޫނުގެ މަންމަވެސް ހަކުޅި ކުރިއަށް ކުޅެލިއެވެ. އެގޮތުން މެންދުރު ކެއުމަކަށް މަންމަމެންގެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ސޮރަކަށް ދައުވަތު ދިނެވެ. އަދި އެސޮރާއި ޝައްމޫނު "ފްރެންޑް" ކުރުވިއެވެ. އަމިއްލަ ގޭބަނދުވެފައިވާ ޝައްމޫނުވެސް މިހާރު ބޭނުންވަނީ "އުދުހި" ގަންނާށެވެ. އެހެންކަމުން ޝައްމޫނުގެ މަންމަގެ ރޭވުން އެރޭން އެރެއަށް ކާމިޔާބުވެއްޖެއެވެ. އަދި ކުރިއަށް ހިންގާނެކަންތައްތައް ކުޑަކޮށް އެމީހުން ރޭވިއެވެ.

ފެށިގެން އައި ހަފްތާ އަކީ އިންތިހާބަށް ޕާޓީއިންވެސް އެންމެ ފޯރީގައި މަސައްކަތް ކުރަމުންދިޔަ ދުވަސްވަރެވެ. ދޮރުން ދޮރަށް ހިނގުމާއި ކޮޕީތަކާއި ޖަގަހަ ތަކުގައި ވަކިން މަސައްކަތް ކުރަން ޖެހުމުން ޝައްމޫނުގެ ބައްޕަ މާޒިން އަށާއި މަންމަ އައިޝާއަށްވެސް ބައްދަލުވެލާ ވާހަކަ ދައްކާލަން ފުރުސަތެއް ނުލިބެއެވެ. ޝައްމޫނުގެ ކޮޓަރީގެ ދޮރުން ވަދެލާނެ ވަގުތެއް އެމީހުންނަށް އަމުދަކުން ނުލިބެއެވެ. އެދުވަސްވަރު ޝައްމޫނުވެސް ދިޔައީ އެމީހުންގެ މަސައްކަތް މެކުހަށް ޖެހުމަށް ތައްޔާރުވަމުންނެވެ.

ޝައްމޫނުގެ ގެ ޖަގަހައަކަށް ހަދައިފިއެވެ. ހުރިހާ ޒުވާނުން ކޮފީ ބޯލަން އެއްވެލާ ތަނަކަށް ހަދައިފިއެވެ. އެތަން ޖަރީކޮށްފައިވަނީ ބޮކިތައް ނިވާލުމުން ނައިޓް ކުލަބަކަށް ވާ ގޮތަށެވެ. ދަންވި ދަންވިހެން ޖަގަހަ ބަދަލުވަމުން އައީ އެހެން ކަމެއް ކުރާ ތަނަކަށެވެ. ކޮފީ ތަށިތަކުގައި އެހެން ރަހަ ލާ ވަގުތަކަށް ދަންވަރުގެ ވަގުތުވެގެންދެއެވެ. ބޭނުންވާ ހުރިހާ ސާމާނެއް ހުންނަނީ ފިހާރަތައް ބަންދު ކުރުމުގެ ކުރިން އެތެރެކޮށްފައެވެ. އެހެންވީމާ އެއްވެސް ބިރެއް ނެތެވެ.

އިންތިހާބު ނިމިއްޖެއެވެ. އެއްބުރުން ކާމިޔާބެއް ނުވިއެވެ. ދެވަނަ ބުރަކަށް ދާންޖެހިފައިވާއިރު ޝައްމޫނު ވަނީ "އެއްބުރުން ފެއިލް" ވެފައިއެވެ. މަޑުމަޑުން އުޅުނު ޝައްމޫނު މިހާރު އުޅެމުން ދަނީ އާބާރެއް ލައިގެން އެއްވެސް ލަދެއް، ބިރެއް ނެތް ހަޔާތެއް ނެތި ހިތުހުރި ގޮތަކަށެވެ. ޖަގަހައިގެ ހުރިހާ ޒުވާނުންހެން ނާކާމިޔާބުގައި މާބޮޑަށް 'ސިކުވެ' ހައްދު ފަހަނަ އަޅައިފިއެވެ. މަސްތުވުމާއި މަޖާ ކުރުމުގައި ހައްދު ފަހަނަ އަޅައިފިއެވެ.

ޝައްމޫނުގެ މަންމަ އާއި ބައްޕައަށް ރޭކާލިއިރު މާ ލަސްވެއްޖެއެވެ. ބޮޑު މަންޒަރު ސާފުވިއިރު "ގޭ ބަންދުން ފިލައިފި"އެވެ. ކުރިން ކޮޓަރީގައި ބަސްއަހައިގެން އިން ޝައްމޫނު މުޅިން ހަލާކުވެއްޖެއެވެ. މުޅި އެތި ހަލާކެވެ. އޭރު ދިން 2000 ރުފިޔާ މިހާރު މަދުވެއްޖެއެވެ. އޭގެން ހަދާ ނަހަދާއެއް ނޭނގެއެވެ. އޭގެން ގަންނަނީ ފައިދާއެއް ލިބިނުދޭ، ގެއްލުން ދެނިވި މަސްތުވާ ހިކި ސާމާނާއި ރަލެވެ. އެދުވަހު ކުޅުނު ގޭމް ގެ ބަދަލުގައި މިހާރު ޖައްސަނީ އެހެން ގޭމެކެވެ. އެދުވަހު ރޭގަނޑު 11 ޖަހާއިރު ނިދަން އަރާ ސޮރު މިހާރު ނިދަން ގެއަށް ވަންނަނީ ދުވާލު 11 ޖަހާއިރުއެވެ.

"ދަރިފުޅާއެވެ. ދަރިފުޅަށް ތިޔަހެން ތިވީ ކިހިނެއް ވެގެން ހެއްޔެވެ؟
މަންމަ އާއި ބައްޕަގެ ފަރާތުން ދަރިފުޅަށް ނުލިބެނީ ކޮން އުފަލެއް ހެއްޔެވެ؟
ތިއީ މަންމަމެންގެ ހުރި ހަމަ އަކަނި ދަރިއެވެ. ތިހެން ނޫޅޭށެވެ. ހެޔޮ ނުވާނެއެވެ. ބިރުވެތިވާށެވެ." މައިވަންތަކަމު ކުލުނު އެންމެ ފަހުން އުތުރި އަރައިގެންދިޔައެވެ.

ޝައްމޫނުގެ ޖަވާބު ވަރަށް ސާދާއެވެ.
"މަންމާއެވެ. އަހަރެން މިހުރީ މަންމަ ބޭނުންވި ގޮތަށް އުފަލާ މަޖަލުގެ ދުނިޔޭގަ. ނުކުންނާކަށް ހިތެއް ނޭދެ"އެވެ.

(ނިމުނީ. ވަރަށް ވެދުން)

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.