ކޮލަމިސްޓް ހެކިދިނުމެއް ވަކާލާތުކުރުމެއް

ހެކިދިނުމެއް ވަކާލާތުކުރުމެއް

ހެކިދިނުމެއް ވަކާލާތުކުރުމެއް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މުސްލިމުންގެ ސިޔާސީ މުފައްކިރުން ދީނުގެ އަސާސުތަކުގެ މައްޗަށް ބިނާކުރައްވައި ވިދާޅުވާގޮތުގައި ވޯޓުގެ ޝަރުޢީ ޙައިޘިއްޔަތަށް ވިސްނާއިރު ވޯޓަކީ އެންމެ ފުރަތަމަ އަމާނަތެކެވެ. ދެވަނައަށް ވޯޓަކީ ކަމެއްގައި ހެކިބަސްދިނުމެވެ. ތިޔަބޭފުޅާ ވޯޓްދެއްވާ ފަރާތަކާ ބެހޭގޮތުން އެހެކިދެއްވެނީ އެމީހަކީ ވަލިއްޔުލް އަމްރުކަމުގެ ނުވަތަ ރައްޔިތުންގެ މަޖްލިސުގެ މެމްބަރުކަމުގެ ނުވަތަ ކައުންސިލް މެމްބަރުކަމުގެ ބަރު އަމާނާތް އުފުލަން އެކަށީގެންވާ މީހެއްކަމުގައެވެ. އާދެ، އެކަމަކަށްޓަކައި ވޯޓްދެއްވާކަމެއްގެ ޤާބިލުކަން ލިބިހުރި މީހެއްކަމުގައެވެ. ތިޔަ ބޭފުޅުން ދެއްވާ ހެކިބަހަކީ ތެދު ހެކިބަހެއްކަމުގައިވާނަމަ އަރަހުށި މާތްﷲ ގެ ޙަޟުރަތުން އެކަމުގެ ހެޔޮދަރުމަ ލިބިވަޑައިގަންނަވާނެއެވެ. ނަމަވެސް މިއާޚިލާފަތް ހެކި ދެއްވިކަމުގައި ވެއްޖެނަމަ (މާތްﷲ އެގޮތަށް އިރާދަނުކުރައްވާށިއެވެ.) ތިޔަ ބޭފުޅާ ވޯޓްދެއްވީ އެކަމެއްގެ އަހުލުވެރިކަމެއް ނެތް މީހަކަށް ކަމުގައިވާނަމަ އެދެއްވުނީ ދޮގުހެއްކެކެވެ. ދޮގު ހެކި ދިނުމަކީ އިސްލާމީ ޝަރީޢަތުގައި ވަރަށް ނުބައިކަމެކެވެ. ކީރިތި ޤުރުއާނުގައި ދޮގުހެކިދިނުމާއި ޝަރީކުކުރުމާ ދުރުވުމަށް ވަނީ އެއްއިބާރާތަކުން އެއް އާޔަތެއްގައި އަމުރު ކުރައްވާފައެވެ. ހަމައެފަދައިން ކީރިތި ޤުރުއާނުގެ އެންމެ ބޮޑު މުފައްސިރު އަދި އިސްލާމްދީނުގެ ނަބިއްޔާ ވަނީ ދޮގުހެކި ދިނުމާ ޝަރީކުކުރުމާ އެއްވަރު ކުރައްވާފައެވެ.

ވޯޓުގެ ތިންވަނަ ޙައިޘިއްޔަތުގައި ވޯޓްދިނުމަކީ ވަކީލަކު އައްޔަންކުރުމެވެ. ދީނީ އަދި ޤައުމީ މަސްއަލަތަކެއްގައި ތިޔަބޭފުޅާގެ ފަރާތްޕުޅުން މީހަކަށް ޕަވަރ އޮފް އެޓާރނީއެއް ދެއްވުމެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ މަސްއަލައެއްގައި ވަކާލާތުކުރުމަށް ހޮވާނީ ވިހާވެސް ޤާބިލުވަކީލެކެވެ. ޤާނޫނު ދަންނަ، ވާހަކަ ދެކެވޭ، ދެޚަސްމުންގެ އަތުން "ފީ" ނާތުލާނެ އިތުބާރުހުރި ފަރާތެކެވެ. އެހެންކަމުން ޤައުމާއި ދީނާ ނުހަނުބޮޑެތި ގުޅުން ހުންނަކަންކަމުގައި ނާޤާބިލު މީހަކު ވަކީލަކަށް ހަމަޖެއްސުމަކީ ދިނާއި ޤައުމަށް ޚިޔާނާތްތެރިވުމެވެ. ދީނާއި އުންމަތާ ދުޝްމިނުވުމެވެ. އެކަށީގެންނުވާ މީހަކު ވަކީލަކު ކަމުގައި ހަމަޖެއްސުމަކީ ވަގަކަށް ދޮރުފާރަވެރިކަން ދިނުން ފަދަ ކަމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.