ކޮލަމިސްޓް ވޯޓުގެ އަހައްމިއްޔަތު

ވޯޓުގެ އަހައްމިއްޔަތު

ވޯޓުގެ އަހައްމިއްޔަތު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ވޯޓަކީ ކޮންކަހަލަ އެއްޗެއްތޯއެވެ. ވޯޓުގެ ބޭނުންކުރަންޖެހެނީ ކޮންކަހަލަބަޔަކު މުޖްތަމައުގައި ކުރިޔަށްނެރުމަށްޓަކައިތޯއެވެ؟ އިސްލާމީ މުފައްކިރުންވަނީ އިސްލާމީ ޝަރީޢަތުގެ އަލީގައި އެކަންކަން ވަރަށް ޞަރީޙުކޮށް ބަޔާންކުރައްވައިފައެވެ.
ހަމައެކަނި ދުނިޔަވީ ނަޒަރަކުން ކަންކަމާމެދު ވިސްނާމީހުން ވޯޓާމެދުދެކެނީ ތަބަކަކަށްލާފައި ރައްޓެއްސަކަށް ދިއްކޮށްލެވިދާނެ ރަނގަޅު ހަދިޔާއެއްކަމުގައެވެ. އަނެއްބަޔަކުދެކެނީ އެންމެ ބޮޑުއަގެއްކިޔާ މީހަކަށް ވޯޓްވިއްކައި ނުލުމަކީ އިންތިހާ ދަރަޖައިގެ މޮޔަކަމެއްކަމުގައެވެ.

ނަމަވެސް އިސްލާމީ ނަޒަރަކުން ވޯޓާމެދު ވިސްނާލާއިރު ވޯޓަކީ ދީނާއި ޤައުމުގެ ހައްގުގައި އަދާކުރަންޖެހޭ ވަރަށް ބޮޑު އަމާނާތެކެވެ. ދީނާއި ޤައުމުގެ އިޖްތިމާއީ މަޞްލަޙަތާމެދު ދެލޯމަރާލައިގެންތިބެ ތިމާމެންގެ ޒާތީމަޞްލަހަތަށްޓަކައި ވޯޓުގެ ބޭނުންކުރުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއްނޫނެވެ. އެގޮތަށްއެކަންކުރުމަކީ ތިމާގެ ދީނާއި ޤައުމަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެކެވެ.

އެންމެންވެސް އެއްބަސްވާނޭކަމެކެވެ. އަޅުގަނޑުމެން އަމާނާތުގެ ގޮތުން މީހަކާއެއްޗެއް ޙަވާލުކުރާނަމަ އެ އެއްޗެއް ޙަވާލުކުރަނީ ވީހާވެސްއެކަމާ އެކަށީގެންވާ މީހަކާއެވެ. އެހެންކަމުން ވޯޓުފަދަ ބޮޑު ޤައުމީ އަމާނާތެއް ހަވާލުކުރަންވާނީ އެކަމަށް އަހުލުވެރި މީހަކާއެވެ. ރަނގަޅަށް ވިސްނައި ފިކުރުކޮށް އެކޮޅުމިކޮޅު ރަނގަޅަށް ހޯދައި ބެލުމަށްފަހުގައެވެ. ތިމާ އެއަމާނާތް ޙަވާލުކުރާމީހާ އޭގެ ބާޜުގައި ތިމާގެ ދީނާއި ޤައުމާމެދު އަމަލުކުރާނެގޮތުގެ މަޢުލޫމާތު ހޯދައިބެލުމަށްފަހުގައެވެ.

އަރަހުށި މާތް ﷲ އަމުރުކުރައްވައިފައިވަނީ އަމާނާތްތައް އެ ކަމުގެ އަހުލުވެރިންނާ ޙަވާލުކުރުމަށެވެ. އަމާނާތަކީ އެލަފުޒެއްގައި ވަރަށް ތަނަވަސް މަފްހޫމްތަކެއް އެކުލެވިގެންވާ ލަފުޒެކެވެ. އަމާނާތަކީ ހަމައެކަނި މުދަލާއި ފައިސާއެއްނޫނެވެ. ވިސްނާގޮތާއި، ފިކުރުކުރާގޮތާއި ޙަވާލުކުރާ މަޤާމްތަކާއި، ކުރާ ޢަމަލުތަކުގައިވެސް އަމާނާތްއެކުލެވިގެންވެއެވެ. ކީރިތި ޤުރުއާނުގައި އަމާނާތްއޭގެ އަހުލުވެރިންނާ ހަވާލުކުރުމަށްކުރެއްވި އަމުރުފުޅާ ވިދިގެން އަންގަވަނީ މީސްތަކުންމެދުގައި ނިޔާކަނޑައަޅާނަމަ އަދުލުވެރިކަމާއެކު ހުކުމްކުރުމަށެވެ. އެހެންކަމުން އެނގެނީ އަމާނާތްއޭގެ އަހުލުވެރިންނާ ހަވާލުކުރަން އެންގެވި އެންގެވުމާ އެންމެބޮޑަށްގުޅިފައިވަނީ ކަމަށްއެކަށީގެންވާ މީހުނާ މަޤާމްތައް ހަވާލުކުރުންކަމެވެ. އެހެންކަމުން އަޅުގަނޑުމެން ވޯޓުގެ ބޭނުންކުރާއިރު ވަރަށްބޮޑަށް ފަރުވާތެރިވާންޖެހޭނެއެވެ. ޝައްކެއްނެއްގޮތުގައި އެއީ އަޅުގަނޑުމެން އެކަންކުރި ގޮތަކާމެދު މާތް ﷲގެ ޙަޟުރަތުގައި ޒިންމާވާންޖެހޭނެކަމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.