އިޤްތިޞާދީ ނިޡާމަކީ އެއިރެއްގެ އޮތް އާދަތަކާއި، އެބަޔަކު ޤަބޫލު ކުރާ ޤަބޫލު ކުރުންތަކެއްގެ މައްޗަށް ބިނާކުރެވޭ އެއްޗެކެވެ. އެގޮތުން ޣައިރު މުސްލިމުންގެ އަޤީދާއާއި، ވިސްނުމާ ގުޅޭގޮތަށް ބައްޓަންކުރެވިފައިވީ ނިޡާމެއް ދުނިޔޭގައި ރަނިކަން ކުރަމުން ދާތާ ޒަމާންތަކެއް ފާއިތުވެއްޖެއެވެ. ރިބާއަކީ ވިޔަފާރި ކަމުގައި ވެއްޖެއެވެ. އަދި ކިއެއްތަ ! އިޤްތިޞާދީ މައިތަނބުކަމުގައި ކަނޑައެޅި، އިޤްތިޞާދީ ބޮޑެތި ފަތްފުއްތަކުގައި އެގޮތަށް ލިޔެވިއްޖެއެވެ.
ކޮންމެއަކަސް ރިބާއަކީ މިއަދު ވަރަށް އާންމުއެއްޗަކަށް ވެއްޖެއެވެ. އެކި ނަންނަމުގައި ފެތުރި އިޤްތިޞާދީ ނިޒާމުގައި އޭގެ ކެހިވެރިކަމުގެ ވަކިތައް ހިއްޕާލައިފިއެވެ. ނޭންގުމުގެ ތެރޭގައި އެތައް ދިވެހިންނެއް އެ ކެހިވެރިކަމުގެ މަޅީގައި ބަނދެވިއްޖެއެވެ. އިސްލާމީ އިޤްތިޞާދީ ނަޒަރުން ބަލާއިރު "އަނދިރި" ދުވަސްވަރެއްގައި މިއަދު އަޅުގަނޑުގެ ގަލަން ހިންގާލަން މި ގަސްދު ކުރަނީ ރީބާ އަކީ ކޮބައިކަން ވަރަށް ކުރުގޮތަކަށް ބަޔާންކޮށް ދިނުމަށެވެ.
އާދެ، ރިބާ އަކީ އިތުރުވުމެވެ. ނަމަވެސް ކޮންމެ އިތުރުވުމަކީ އެއީ ރިބާއެއް ނޫނެވެ. މި ގޮތުން ރިބާގެ ގޮތުގައި އިތުރުވާ އިތުރުވުން މައިގަނޑު ގޮތެއްގައި 2 ބަޔަކަށް ބެހެވެއެވެ. އެއީ "ރިބައް ނަސީއާ " އާއި "ރިބަލްފަޟްލް" އެވެ.
ރިބައް ނަސީއާ އަކީ ކީރިތި ޤުރުއާނުގެ ޒަރީއާއިން ޙަރާމް ކުރައްވާފައިވާ ރިބާއެވެ. އެއީ މީހަކަށް ދަރަންޏެއް ދިނުމަށްފަހު އަނބުރާއަދާކުރާ ވަގުތު ޖެހުމުން ދަރަނިވެރިޔާ އަތުގައި ފައިސާ ނެތިއްޖެ ހާލުގައި އެ ދަރަނި އަދާކުރަން އިތުރު ވަޤުތު ދިނުމާއެކު އިތުރުކޮށްފައި އަދާކުރުމަށް ދަރަނި ދޭމީހާ ބުނުމެވެ. އެހެނީ ދަރަނި ދިން މީހާ ދަރަނިވެރިޔާއާ ދިމާލަށް ބުނެއެވެ. "ދަރަނި އަދާކުރާށެވެ. ނުވަތަ އިތުރުކޮށްފައި ފަހުން ދޭށެވެ." މިޒަމާނުގައި ހިނގާ ކޮމަރޝަލް ލޯނުތައް ހިނގަނީ މިފަދަ ގޮތަކަށެވެ. ނަމަވެސް މިއަދުގެ ދުނިޔޭގައި ދަރަނި ނަގާދުވަހުން ފެށިގެންވެސް ރިބާ އަރަމުން ދާ ގޮތަށް އެއްބަސް ވާންޖެހެއެވެ. ނުވަތަ ރިބާގެ ގޮތުގައި ފައިސާ ދިނުމަށް އެއްބަސް ވެވެއެވެ. އެ ގޮތުން އެއް ނަޒަރަކުން ބަލާއިރު ޖާހިލިއްޔަތުގެ ޒަމާނުގައި އޮތް ރިބާއަށް ވުރެ މިޒަމާނުގައި މިނެގޭ ރިބާގެ ނުރައްކާތެރިކަން ބޮޑެވެ.
މިއަށްފަހު އަވަސް ނަޒަރެއް ހިންގާލާހިތް އޮތީ މިއަދުގެ ވިޔަފާރީގެ ދުނިޔޭގައި ރިބައްނަސީއަށް ކިޔާއުޅޭ ބައެއް ނަންތަކަށެވެ. އެ ގޮތުން ދަރަންޏެއް ދިނުމަށްފަހު އަނބުރާ އަދާކުރާއިރު ނަގާ "އިންޓްރެސްޓް" ނުވަތަ "ސަރވިސް ޗާރޖް" އަކީ ރިބާއެވެ. މީގެ އިތުރުން ބައެއް ބޭފުޅުން "އެޑްމިނިސްޓްރޭޓިވް ފީ" ގެ ގޮތުގައި ވަކި އަދަދެއް އިތުރަށް ނަންގަވައެވެ. ދަރަނި ނެގުމާ ގުޅިގެން ކުރަންޖެހޭ ޚަރަދުތައް މިސާލަކަށް ލޯޔަރުންނަށް ނުވަތަ އެގްރީމަންޓް ރެޖިސްޓަރ ކުރުމަށް ބައެއް ފަހަރު ޚަރަދު ހިނގައެވެ. ލޯނެއް ނެގުމުގެ ސަބަބުން ފެންމަތިވާ މިފަދަ ޚަރަދުތައް ކުރުމަށް "އިދާރީ ފީ" ނުވަތަ "އެޑްމިނިސްޓްރޭޓިވް ފީ" ނެގިދާނެކަމަށް އިސްލާމީ އިޤްތިޞާދީ މާހިރުން ވިދާޅުވެއެވެ. ނަމަވެސް އެ ވިދާޅުވާ އިދާރީ ފީ އަކީ ލޯނުގެ ވަކި ޕަސަންޓަކަށް ވެގެން ނުވާނެއެވެ. އެހެނީ -/1000 ރުފިޔާގެ ލޯނަކާއި -/10000 ގެ ލޯނެއް ނެގުމަށް އިދާރީގޮތުން އިތުރު ޚަރަދެއް ނުހިނގާނެއެވެ. އެ ފީ އަކަށް އަންނާނެ ބަދަލެއް ނެތެވެ. ވުމާއެކު، އިދާރީ ފީ ވާންޖެހޭނީ އެހިނގި ޚަރަދެއްގެ ހަޤީޤީ އަދަދަށެވެ. ލޯނުތަކުގެ އަދަދުގެ މައްޗަށް ބިނާކުރެވޭ އިންސައްތައަކަށް ވެގެން ނުވާނެއެވެ. އިދާރީ ފީ ގެ ނަމުގައި، ޙަޤީޤީ ޚަރަދުތަކުގެ އިތުރަށް ނަގާ ކޮންމެ ލޯ ލާރިއަކީ ރިބާގެ ގޮތުގައި ހިމެނޭނެ ޙަރާމް ފައިސާއެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ މުޖްތަމައުގައި އެންމެ މަޝްހޫރުކޮށް ދެކެވޭ "އިދާރީ ފީ" ތަކަށްބަލާއިރު އެއީ ދައްކާ ލޯނުގެ އަދަދުގެ މައްޗަށް ބިނާވެފައިވާ "އިދާރީ ފީ" ތަކަށް ވީތީއެވެ. ލޮބުވެތި ރައްޔިތުންނޭވެ. އެއީ ރިބާއެވެ!.
މީގެ އިތުރުން "ލޭޓް ޕޭމަންޓް ޕެނަލްޓީ" އަކީ ވެސް މިއަދުގެ ވިޔަފާރީގެ ބާޒާރުގައި ރިބައްނަސީއާގެ ބަދަލުގައި ބޭނުންކުރެވޭ އިބާރާތެކެވެ. މިސާލަކަށް ކާރެއް ބައްލަވާގަތުމުން ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ނުދައްކަވައިފިނަމަ "ޕެނަލްޓީ" އެއްގެ ގޮތުގައި ވަކި އިންސައްތައެއް ނެގޭނެ ކަމަށް ބުނާ ބުނުމަކީ މިދެންނެވި ބާބުގެ ތެރެއަށް ވަންނާނެ ބުނުމެކެވެ. އެހެނީ އެއްޗެއް ބައްލަވާ ގަތުމުން ތިބާ އަދާ ކުރަންޖެހޭނީ ގަތް އަގެވެ. އެ އަގު ފަހުން ދެއްކުމަށް އެއްބަސްވެލައްވައިފި ނަމަ އެއީ މުދާ ވިއްކި ވިޔަފާރިވެރިޔާއަށް ތިބާ އަދާ ކުރަން ޖެހޭ ދަރަންޏެކެވެ. އެ ފައިސާ އެ ބުނާ ދުވަހަށް ނުދެއްކިއްޖެނަމަ، ވަކި އިންސައްތައެއް ނުވަތަ ވަކި އަދަދެއް އިތުރު ކުރުމަށް ބުނާ ބުނުމަކީ ރިބައް ނަސީއާ ނޫން ދެއް ކޯޗެއްތޯއެވެ؟ ޖާހިލިއްޔަތުގައި "އަދާ ކުރާށެވެ. ނޫނީ އިތުރުކޮށްފައި ފަހުން އަދާކުރާށޭ" ބުނާ ބުނުމާ ހުރި ފަރަޤަކީ ކޮބައިތޯއެވެ.
ކޮންމެ އަކަސް ލިޔުމަކީ އަވަސް ނަޒަރަކުން މައުޟޫއަށް އިންސާފުކޮށްލުމެއް ކަމަށް ވީހިނދު، މިހިނދަށް ކުރުކޮށްލަން ގަސްދުކުރަމެވެ. ވުމާއެކު، ޚުލާސާއެއްގެ ގޮތުން އަންނަނިވި ނުކުތާތައް ހަދާން ކުރައްވާށެވެ. ދަރަންޏެއް ދިނުމަށްފަހު، އަނބުރާ އަދާކުރާއިރު އިތުރުކޮށްފައި އަދާކުރުމަށް ޝަރުތުކޮށްފިނަމަ އެ އިތުރުވި ބަޔަކީ ރިބާއެވެ. ނަމަވެސް އެއްވެސް ޝަރުތު ކުރުމެއް ނެތި ދަރަނިވެރިޔާ ދަރަނި އަދާކުރާއިރު އަމިއްލަ އިޚްތިޔާރުގައި އިތުރުކޮށްފައި ދަރަނި އަދާކުރުމަކީ ހެޔޮކަމެކެވެ. މީގެ އިތުރުން ނަން ތަފާތު ކުރުމަކުން އަސްލެއް ބަދަލެއް ނުވާނެއެވެ. ލޯނުގެ ބަދަލުގައި ނެގޭ "އިންޓްރެސްޓް" އަދި "ސަރވިސް ޗާރޖް" ފަދަ ނަންތަކަކީ ރިބައްނަސީއާއެވެ. މީގެ އިތުރުން "އިދާރީ ފީ" ގެ ނަމުގައި ދޫކުރެވޭ ލޯނުތަކާ މެދު އިތުރަށް އަޅުގަނޑުމެން ސަމާލުވެ، "ލޭޓް ޕޭމަންޓް ޕެނަލްޓީ" ފަދަ ރިބަވީ މުއާމަލާތްތަކުން އަޅުގަނޑުމެއް ދުރުހެލިވާން ޖެހެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...