ރިޕޯޓް އަދުގެ ސަރުކާރުގެ ބަލިފަޔަކީވެސް ހަމަ އިސްލާމް ދީނެވެ!

އަދުގެ ސަރުކާރުގެ ބަލިފަޔަކީވެސް ހަމަ އިސްލާމް ދީނެވެ!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ:އިބްނު މުޙައްމަދު

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި ދިވެހި ރާއްޖޭގައި އަނިޔާވެރިކާމާއެކު 30 އަހަރު ވަންދެން ވެރިކަންކުރި މައުމޫނު އަބްދުލް ޤައްޔޫމުގެ ސަރުކާރު ވެއްޓުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ އިސްލާމް ދީނާ ދެކޮޅަށް އޭނަގެ ވެރިކަމުގައި ހިންގާފައި ހުރި ޖަރީމާތަކެވެ. އާދެ، ދީނީ ޢިލްމުވެރިން ނަށް މައުމޫނުގެ ސަރުކާރުގައި ކޮށްފައި ވާ އަނިޔާތަކުގެ ވާހަކަތައް އެބޭފުޅުންގެ ދޫތަކުން ރައްޔިތުންނަށް އިވިގެން ދިޔުމެވެ. އިސްލާމް ދީން ނައްތާލުމަށްޓަކައި ކުރީގެ ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް މީސްތަކުންނަށް ބޭޒާރުވެ ބުޅާ ގޯނިން ބޭރުވުމެވެ. ބައެއް ރިސޯޓުތަކުގައި އަޅާފައިވާ ބުދު ފަށްޅިތަކުގެ ވާހަކައެވެ. ދީނީ ޢިލްމުވެރިންގެ ތުނބުޅި ޗިލީ ސޯސް ލައިގެން ބޭލުވި ވާހަކައެވެ. މިހެންގޮސް ދެން ކިޔާނެ ކަމެއް ނެތެވެ.

ކޮންމެއަކަސް އަޅުގަނޑު މަތީގައި ފާހަގަކޮށްލާފައި އެވާ ކަންކަމަކީ މިއަދުގެ ސަރުކާރަށް ތާއީދުކުރާ ބޭބޭފުޅުން ގެ ދޫތަކުން މިއަދުވެސް ވަރަށް ބާރަށް އިވެމުން ދާވާހަކަތަކެކެވެ. ނަމަވެސް މިތާ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ނުކުތާއަކީ، އިސްލާމް ދީން ނައްތާލުމަށް މަސައްކަތް ކޮށްފައިވަނީ ކުރީގެ ސަރުކާރުން ކަމަށްވިޔަސް، އިސްލާމް ދީން ނައްތާލުމަށް މަސައްކަތް ކުރަމުން ދަނީ މިއަދުގެ ސަރުކާރުން ކަމެވެ.

"ތިމާގެ ދަރި ތިމާއަށް ދޮންފުތުވާނޭ" ބުނާފަދައިން ނުވަތަ "ހަކުރު ދެންޏާ ބޮޑު ބޭބެ" އަށް ވާ ފަދައިން އަދުގެ ސަރުކާރަށް ތާއީދު ކުރާ ބޭފުޅުންނަށް، ކެނެރީގޭ ނަޝީދުގެ ވެރިކަމުގައި ދީނާ ދެކޮޅަށް ހިންގަމުން ދާ ޖަރީމާތަށް އެއީ މައްސަލައަކަށް ނުވާނެކަން އަޅުގަނޑަށްވެސް އެނގެއެވެ. އަދުގެ ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުންގެ ލޯމަތީގައި "އަނދުން" އެޅުވިފައި ވާނަމަވެސް އެންމެންގެ ލޯތަކުގައި "އަނދުމެއް" އަދި ނޭޅުވެއެވެ. އަދުގެ ސަރުކާރުން ކުރިއަށް ގެންދާ ލާދީނީ ހަރަކާތްތަށް އަޅުގަނޑުމެންނަށް މެންދުރުގެ އިރު ފަދައިން ސާފުކޮށް ފެނެއެވެ. އެންމެ ފުރަތަމަ މައުހަދު އުވާލި މަންޒަރައެވެ. އެއަށް ފަހު ދިވެހި ރާއްޖޭގެ ރަށްތަކުގައި ރާ ހުއްދަކުރަން ކުރި މަސައްކަތެވެ. އަދި އޭގެ ފަހުން އިސްލާމާއި، ދިވެހި މަތީ ސާނަވީގައި ކިޔަވާ ދަރިވަރުންނަށް އިޚްތިޔާރީ ކުރުމަށް މަސައްކަތް ކުރި ކުރުމެވެ. ދެން މިހާރު އަރަބި ތައުލީމު މިބިންމަތިން ފޮހެލުމަށްޓަކައި އަރަބިއްޔާއަށްވެސް "ދަތިކުރުމުގެ ފިޔަވަޅު" އަޅަމުން ދާ މަންޒަރެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ.

އަދުގެ ސަރުކާރަށް ނިސްބަތްވާ ބައެއް ބޭބޭފުޅުން އަޑަށް ބާރުލާފައި ބުނާތީ އަހަމެވެ. "ދިވެހި ރާއްޖޭގައި އިސްލާމިކް މިނިސްޓްރީއެއް އުފެއްދީވެސް ތިމަންނަމެންގެ ސަރުކާރުގައެވެ. ދީނީ ޢިލްމުވެރިންނަށް އެމީހުންގެ ދޫތަށް ހުޅުވައިދިނީވެސް އަދުގެ ސަރުކާރުން ނެވެ". ވަރަށް ބޮޑު ތެދެކެވެ. ސަރުކާރުން އިސްލާމިކް މިނިސްޓްރީއެއްގެ ނަމުގައި މިނިސްޓްރީއެއް ހުޅުވައިދިނެވެ. އެހެން ނަމަވެސް އެއީ މޮހޮނަށް ދޯނި ދިން ބީދައިންނެވެ. ސަރުކާރުން ދީނާ ދެކޮޅަށް ކަމެއް ކޮށްފިނަމަ އެކަމެއް މަނާކުރުމަށް އަނގަ ހުޅުވާލާއިރަށް އަނެއް އަތުން އެއަށްވުރެއް ބާރަށް އަނގަމަތީގައި ޖަހައެވެ. ދެން ޢިލްމުވެރިންނަށް ދައުވަތު ދިނުމަށް ފުރުޞަތު ލިބިދިން ވާހަކައެވެ. ތެދެކެވެ. އެކަންވެސް އެއޮތީ ކޮށްފައެވެ. ހަމަ އެޔާ އެކު އެކީހެން އެހެން ދީންތަށް ފެތުރުމަ ސީދާ އަދުގެ ސަރުކާރުން އަޑީގަ އޮވެގެން މަސައްކަތް ކުރަމުން ދަނީއެވެ. އަދުގެ ސަރުކާރުން ހުޅުވައިދިނީ ދީނީ ޢިލްމުވެރިންގެ އަނގަތޯ ނުވަތަ ނަޞާރާއީންނާއި، ޔަހޫދީންގެ އަނގަތޯ މިހާރު ސުވާލު އުފެދެއެވެ.

އަޅުގަނޑަށް މިހާރު ކުޑަވެސް ޝައްކަތް ނެތެވެ. އިސްލާމް ދީނަށް ކިރިޔާވެސް ލޯތްބެއް ހުރި މީހަކު ނަމަ އަދުގެ ސަރުކާރުން ކުރަމުން ގެންދާ ކަންތައްތަކަށް ނުރުހޭނެއެވެ. މައުމޫނުގެ ސަރުކާރަށްވެސް ނުރުހުނު ފަދައިންނެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނަޝީދަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވާނީ އަދުގެ ސަރުކާރުން އިސްލާމް ދީނާ ދެކޮޅަށް ގެންދާ ހަރަކާތްތަކެވެ. އެއީ ކުޑަވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

ފަހު ބަހަކަށް ދަންނަވާލާނަމެވެ. މައުމޫނު މި ޤައުމުން އިސްލާމް ދީން ނައްތާލުމަށްޓަކައި 30 އަހަރު ނުކުރާވަރު އަދުގެ ސަރުކާރުން 2 އަހަރު ތެރޭގައި މިވަނީ ކޮށް ނިންމައިފިއެވެ. މި ސަރުކާރުން އިތުރު 28 އަހަރު ވެރިކަން ކޮށްފިނަމަ އަޅާ ކިޔާން ޖެހޭނީ މައުމޫނުގެ 30 އަހަރަކާ ނޫނެވެ. އޭރުން އަޅާކިޔާން ޖެހޭނީ ތުރުކީގައި އޮތް އިސްލާމީ ދައުލަތް ފުނޑުފުނޑު ކޮށްލި މުސްތަފާ ކަމާލް އަތާތުރުކު ފަދަ ބޭފުޅެއްގެ ވެރިކަމާއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.