ކޮލަމިސްޓް ސާފުކޮށް ނިމުނު އިރު ކުއްތާ އޮތީ ވަޅުތެރޭގައެވެ!

ސާފުކޮށް ނިމުނު އިރު ކުއްތާ އޮތީ ވަޅުތެރޭގައެވެ!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ވާހަކަ އަކީ ގައުމުވާލުންގެ ވާހަކައެވެ. ބުނެވޭގޮތުގައި ގައުމު ވާލުންނަކީ އިންޑިޔާގެ ކޮންމެސް ހިސާބެއްގައި އުޅުނުބައެކެވެ. ވިސްނުމާއި ފިކުރުގެ ގޮތުން ކޮށި މޮޔަ ބައެކެވެ. މިމީހުންގެ ތެރޭގައި ހުންނަނީ އެންމެ ވެރިޔެކެވެ. އޭނާ އަކީ އެބައިމީހުންގެ ދީނީ ވެރިޔާއެވެ. އަދި ސިޔާސީ ލީޑަރުވެސް މެއެވެ. ގަބީލާގެ އެންމެން ވެސް އެވެރިޔާގެ އަމުރަށް ކިޔަމަން ވެއެވެ. މިމީހުން އުޅޭ ސަހަރުގައި ފެންބޯން ބޭނުން ކުރަން އިންނަނީ އެންމެ ވަޅެކެވެ. ސަހަރުގެ އެންމެން ފެންބޯން ބޭނުން ކުރަނީވެސް އެވަޅެވެ.

އެއްދުވަހަކު އެވަޅައް ކުއްތާއެއް ވެއްޓިއްޖެވެ. ކުއްތާގެ ނުރަކާތެރިކަން މިބައިމީހުނަށް އެނގޭތީވެ މިކަމާ މިމީހުން ވަރަށް ކަންބޮޑުވެ ހާސްވެއްޖެވެ. ވާނީއެހެނެވެ. ރައްޔިތުން ފެންބޯން އިން ހަމައެކަނި ވަޅަށް ކުއްތާއެއް ވެއްޓި ވަޅު ނަޖިސްވީއެވެ. ވަޅުގައި މިއޮތީ ކުއްތާއެކެވެ. ފެންބޮވޭނެގޮތެއްނެތެވެ. މިމައްސަލަ ބޮޑުވެގެން އެނމެން ވެރިޔާއާ ބައްދަލްކޮށް ކަންތައް ހިނގާ ދިޔަގޮތް ވެރިޔާ އަށް ކިޔައިދީފިއެވެ. ދެން ހަދާނީ ކިހިނެއްތޯ ވެރިޔާ އާ ސުވާލުކޮއްފިއެވެ.

ވެރިޔާވެސް އެ ކަމުގެ ބޮޑުކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮއްފިއެވެ. އަދި ވެރިޔާ ގެންގުޅޭ ފޮތަތައް ހާވާ ހޯދާ ބެލުމަށް ފަހު ވިދާޅުވެއްޖެވެ. ތިޔަ ކަންތައް ސާފުވާނެ ގޮތެއް އެބައޮތެވެ. އެއީ 150 ޑަބިޔާ ފެން ތިޔަ ވަޅުން ނެގުމެވެ. އޭރުން ވަޅު ސާފު ވާނެވެ. އިންޑިޔާ ފަދަ ތަން ތަނުގެ ވަޅަކީ އެހާމެ ފުން ވަޅެވެ. ފެން ނެގުމަކީ އެހާނމެ އުނދަގޫ ކަމެކެވެ. އެހެނަސް ފެން ލިބޭނެ އެހެން ގޮތެއް ނެތެވެ.

އެހެން ކަމުން ދިމާވެފައި މިވާ ކަންތަކުން ސަލާމަތް ވުމަށް ސަހަރުގެ އެންމެން ނިކުމެ މަސައްކަތް ފަށައިފިއެވެ. ޑަބިޔާތައް ހިފައިގެން އައިސް ޑަބިޔަލު ވާޖަހައިގެން އެފުން ވަޅަށް ޑަބިޔާތައް ތިރިކޮށް ފެން ނަގަން ފަށައިފިއެވެ. އެގޮތުން ރައްޔިތުން އެއްވެ ބުރަ މަސައްކަތުން 150 ޑަބިޔާ ފެން ނެގިއްޖެވެ. ވެރިޔާގެ ލަފަޔާ އެއްގޮތަށް މަސައްކަތް ކާމިޔާބު ވެއްޖެވެ. 150 ޑަބިޔާ ފެން ވަޅުން ނެގިއްޖެވެ.

އެހެން ކަމުން ވަޅުގެ ފެން ސާފު ވިކަމުގެ އުފަލުގައި ވެރިޔާގެ އަރިހަށް އެންމެން ހިނގައްޖެވެ. ގޮސް ވެރިޔާ އަށް މިކަން ދަންނަވައިފިއެވެ.ވެރިޔާގެ ލަފަޔާ އެއްގޮތަށް 150 ޑަބިޔާ ފެން ނެގުނު ވާހަކަ ދެންނެވުމުން ވެރިޔާ ވިދާޅުވެއްޖެއެވެ، ތިޔަހެން ވެއްޖެއްޔާ ތިޔަ ވަޅު ސާފުވީއެވެ. ރައްޔިތުން އުފަލުން އަނބުރާލާފަ ދާން ފަށައިފިއެވެ. އެހިނދު ފަހަތުގައި ހުރި މުސްކުޅިއަކު ހަރު އަޑުން ގޮވާލައިފިއެވެ. 150 ޑަބިޔާ ފެން ނަގައި ވަޅު ސާފު ވިއިރު އަދި ކުއްތާ އޮތީ ވަޅުތެރޭގައެވެ.....

ވަޅު ނަޖިސް ވީ ވަޅަށް ކުއްތާ ވެއްޓުމުންނެވެ. އެހެން ކަމުން ވަޅު ސާފުކުރުމަށް އެތައް މަސައްކަތަކުން ފެން ނެގީއެވެ. ފެން ނަގާ ނިމުނު އިރު ވަޅު ނަޖިސް ކުރި ކުއްތާ އަދި މިއޮތީ ވަޅުގައެވެ. މައްސަލަ އޮތީ އޮތް ގޮތަށެވެ. މިއީ މިއަދު އަޅުގަނޑުމެންގެ ތެރޭގައިވެސް ކަންތައް ވަމުން މިދާ ގޮތެވެ. ހަޤީޤީ މައްސަލަ އަށް ހައްލެއް ނުގެނެސް އެހެން މަސައްކަތް ތަކެއް ކުރެވެނީ އެވެ. ވީއިރު އެ މަސައްކަތުން ނެރެވޭނީ ކޮން ނަތީޖާއެއްއެވެ؟ މާތް ﷲ ކަނޑަ އަޅުއްވާ އަންގަވާފައިވާ އެންގެވުން ދޫކޮށް އިސްލާމީ އުސޫލާ ޚިލާފަށް އަޅުގަނޑުމެން ހިތުހުރި ގޮތަކަށް ކަންތައް ކުރުމުން މައްސަލަ ހައްލު ވާނެތޯއެވެ؟ ނުވާނެވެ!

(މަސްދަރު: ޝެއިޚް ބަކުރުބެ ކިޔާދެއްވާފައިވާ ވާހަކައެއް.)

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.