ކޮލަމިސްޓް ދަރިންނާމެދު ވިސްނާލެއްވުން ކީއްތޯއެވެ؟؟

ދަރިންނާމެދު ވިސްނާލެއްވުން ކީއްތޯއެވެ؟؟

ދަރިންނާމެދު ވިސްނާލެއްވުން ކީއްތޯއެވެ؟؟

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މިއުޅެނީކީ ސަމާސާ ވާހަކައެއް ދައްކާކަށް ނޫނެވެ! މަލާމާތެއްކުރާކަށްވެސްނޫނެވެ! ހިތުގެ ޝުޢޫރެވެ. ލޯބިވާ ދަރިފުޅައް އަމިއްލަ އަތުން ވިހަދެވި އެވިހައިގެ ސަބަބުން ދަރިފުޅައް ލިބޭ ގެއްލުމަކުން އަޅުގަނޑުމެން ރޯންޖެހިދާނެތީވެއެވެ.

އާއެކެވެ! އަޅުގަނޑުމެންގެ ގިނަ މައިންބަފައިންނަށް މިއަދު މިވަނީ ނޭންގިނަމަވެސް އިހުމާލުވެވިފައެވެ. ބައެއް ބެލެނިވެރިންނަށް ވިސްނިފައިވާގޮތުގައި ދަރިންތަރުބިއްޔަތު ކުރުމަކީ އެކުދިންނަކީ ކޮންމެވެސް ޒަމާނީ ތަރިއަކަށް ހެދުމެވެ. ކުޅުންތެރިއަކަށް ހެދުމެވެ، ލަވަކިއުންތެރިއަކަށް ހެދުމެވެ. ނުންނަމަ މިނޫންވެސް މިފަދަ މީހަކަށް ނުވަތައެއްޗަކަށެވެ.
އެއްވެސް ހާލެއްގައި އަޅުގަނޑު ލޮބުވެތި ބެލެނިވެރިންގެ ބޮލުގައި ނުބައި އިންޒާމެއް އަޅުވަނީއެއްނޫނެވެ. ހެޔޮ ނަސޭހަތެއް ދިނުމުގެ މަޤްސަދްގައެވެ. ވިސްނަވާލައްވަމާތޯއެވެ. އަޅުގަނޑުމެނަށް އަޅުގަނޑުމެންގެ ދަރިން ބައްޓަން މިކުރެއްވެނީ ކޮންބަޔަކާ ވައްތަރުކޮށްތޯއެވެ؟ އިސްލާމީ ރިވެތި އުސޫލުތަކާތޯއެވެ؟ ނޫންނަމަ މުޝްރިކުންގެ ކުފުރުގެ ގޮތްތަކާތޯއެވެ؟ އަޅުގަނޑުމެންގެ ދަރިންގެ ގަޔަށް މިލެއްވެނީކޮންކަހަލަ ހެދުމެއްތޯއެވެ؟ އިސްލާމީ ރިވެތި އުސޫލުގެ މަތިން ބައްޓަން ކުރެވިފައިވާ ހެދުންތޯއެވެ؟ ނުވަތަ ކޮންމެސް ކާރޓޫނެއް ނުވަތަ ކުޅުންތެރިއެއް ނުވަތަ އެނޫންވެސް އެފަދަ ފަރާތެއެ ރަމްޒުކޮށްދޭ ފަދަ އެއްޗެއް ޖެހިފައިވާ ހެދުމެއްނޫންތޯއެވެ؟އެންގްރި ބާރޑް ނުވަތަ ބެންޓެން ޖެހިފައިވާ ހެދުމެއް ނޫންތޯއެވެ؟
އެންމެ ފަހަރަކުވެސް ދަރިންނަށް ޤުރުއާން ކިޔަވައިދެވުނުތޯއެވެ؟ އެހެނަސް ފާޑުފާޑުގެ ރައިމްތަކާ ލަވަތައް ކިޔައިދެވުނީ ކިތައްފަހަރުތޯއެވެ؟ ޤުރުއާނުން ސޫރަތެއް ކިޔަވާތަން ނުވަތަ ރީތި މަދަހައެއް އަޅުވާފައި ދަރިފުޅު އޭގެ ކުރިމަތީގައި ބޭންދުނީ ކިތައްދުވަހުތޯއެވެ؟ އޭގެ ބަދަލުގައި ލަވަތައް އަޅުވައިފައި އޭގެ ކުރިމަތީގައި ދަރިފުޅު ބޭންދުނީ ކިތައް ދުވަހުތޯއެވެ؟
ދަރިން އަޅުގަނޑުމެންގެ ކައިރީގައި ކުކުރި އަޅުގަނޑުމެންގެ ބޮލަށް އުނދަގުވާފަދަ ގޮތަކަށް އުޅުމުން އަޅުގަނޑުމެނަށް ފަސޭހައަކަށް އެކުދިން ކޮންމެވެސް ކާރޓޫނެއް ނުވަތަ ފިލްމެއް ނުވަތަ ބޮޑުބެރު ލަވައެއްގެ ކުރިމަތީގައި ބޭންދުނީ ކިތައް ފަހަރުތޯއެވެ؟ އެކުދިނަށް ގެޔައް ވަންނައިރާއި ނިކުންނަ އިރު ކިޔާ ދުއާ ދަސްކޮށްދެވުނު ތޯއެވެ؟ ނުވަތަ ދަސްކޮށްދެވުނީ ނާސަރީ ލަވައެއްތޯއެވެ؟؟ ދަރިންނަށް ގަނެދެވެނީ ކޮނަކަހަލަ ގޭމެއް ނުވަތަ ކުޅޭސާމާނެއްތޯ އޭގެން ކުރާނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ވިސްނައިލެއްވިންތޯއެވެ؟؟ އަޅުގަނޑުމެން ނަމާދު ކޮށް ގުރުއާން ކިޔަވާއިރު ކައިރީގައި ބައިންދާ އެކުދިނަށް ނަމޫނާދެއްކުނުތޯއެވެ؟ ނޫންނަމަ އެކުދިނަށް ދަސްކޮއްދެވުނީ ބޮޑުބެރަށް ނުވަތަ އެނޫންވެސް ލަވައަކަށް ނަށަންތޯއެވެ؟ ހައްތާވެސް ސުވާލެވެ. އަޅުގަނޑުމެންގެ ދަރިންގެ މުސްތަގްބަލް ބިނާވާނީ މިސުވާލުތަކަށް އަޅުގަނޑުމެނަށް ޖަވާބު ދެވުނު ގޮތަކަށް ކަން އެނގިލައްވާތޯއެވެ؟

މިހިސާބުން މިސުވާލުތަކުގެ މައްޗަށް ބިނާކޮށް މާދަމާ އެކުދިންގެ މުސްތަގްބަލަށް ވާނެ ގޮތާމެދު ވިސްނާލަމާތޯއެވެ! އަޅުގަނޑުމެންގެ ދަރިންނަށް ކާރޓޫނު ފަދަ ތަކެތި ކުރަހާފައިވާހެދުމާއި އެފަދަ ތަކެއްޗަށް އަހުލުވެރި ކުރުވުމަށްވުރެ އިސްލާމީ ޝަހުސިއްޔަތު ތަކަށް އަހުލުވެރިކޮށް އިސްލާމީ ރިވެތި ހެދުމުން ކުޑައިރުއްސުރެ ހެދުން އެޅުވުން ކީއްޥާނެތޯއެވެ؟ މުޝްރިކުންގެ ގޮތްތަކަށް ތަބަޢަވުމަށް ވުރެ މިގޮތް މާހެޔޮކަންބޮޑު ނުވާނެތޯއެވެ؟ އެކުދިން ބޮޑުވުމުން ދިނީ ކަންތައްތަކަށް ލޯބި ޖެހޭނެ ނޫންތޯއެވެ؟

ޅައުމުރަކީ ތަކެތި ފަސޭހައިން ދަސްކުރެވޭ އުމުރެއްކަން އެނގިލައްވާތޯއެވެ؟ ފާޑުފާޑުގެ ލަވަތައް އެ ތުއްތު ކުދިންނަށް ދަސްކޮށްދިނުމަށްވުރެ ޤުރުއާން ހިތުދަސް ކޮށްދިނުން މުސްލިމުންގެ ހައިސިއްޔަތުން މާ އަޢުލާކަން ބޮޑު ނޫންތޯއެވެ؟ މި މުޖުތަމައުގައިޤުރުއާން ހިތުދަސް ޙާފިޒަކަށް ތިބާގެ ދަރިޔަކު ވުމަށް ނޭދެނީތޯއެވެ؟ އޭގެބަދަލުގައި ޤައުމުގެ އެންމެ މޮޅު ލަވަ ކިޔުންތެރިޔާ އަށް ވުމަށް އެދެނީތޯއެވެ؟ ލަވަޔަށް ވުރެ ޤުރުއާން މާހެޔޮކަން ބޮޑުކަން އެނގިނުލައްވަނީތޯއެވެ؟

އިންސާނާއަށް އެންމެ ބޮޑަށް އަސަރުކުރުވަނީ އޭނާ ބަލާތަކެތިންކަން އެނގިނުލައްވަނީތޯއެވެ؟ ކުޑަކުދިންނަކީ އެކުދިނަށް ފެންނަތަކެތި ކޮޕީކުރުމުގައި ދެވަނައެއް ނުވާ ބައެއްކަން އެނގިނުލައްވަނީތޯއެވެ؟ ދަރިފުޅު ކާރޓޫނުތަކުގެ ކުރިމަތީގައި ބޭންދުމުން އެކުދިނަށް ލިބޭ ނުބައި މެސެޖް އެނގިނުލައްވަނީތޯއެވެ؟؟؟ ޓޮމް ޖެރީއަށް ދޭލަނޑުތަކާ އަނިޔާތައް، ތިބާގެ ދަރިފުޅު އެހެން ކުދިންނަށް ދޭތަން ބަލަން ތިމާ ބޭނުންވަނީތޯއެވެ؟؟ އޭގެބަދަލުގައި އިބުރަތްތެރި ރީތި މަދަހައެއް ބަލައިގެން ތިބާގެ ދަރިފުޅު ނަމާދަށް ދާތަން ބަލަން ތިބާ ނޭދެނީތޯއެވެ؟؟ މިއަދު ދަރިފުޅު މަޑުމަޑުން ގޭތެރޭގައި ނުރުއި ކާރޓޫނާއި ބޮޑުބެރުގެ ކުރިމަތީގައި އިނުމަށްވުރެ މާދަމާ ދަރިފުޅުގެ ގޯސްއަޚުލާގާއި ބޯހަރުކަމުގެ ސަބަބުން ތިބާގެ ލޮލުންކަރުނަ އޮހޮރުން ތިބާގެ ހިތަށްމާފަސޭހައީތޯއެވެ؟؟

މިއަދު ދަރިފުޅަށް ނަމާދުކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުން މާދަމާ ތިމާގެ ލޮލައް ފިނިކަން ލިބޭނެކަން އެނގިނުލައްވަނީތޯއެވެ؟ އަޅުގަނޑުމެންގެ ހިތަށް ހަމަޖެހުންލިބެނީ ދަރިން ކަރުގައި ބެރު އަޅުވައިގެން ޖަހަމުންލަވަކިޔުމުންތޯއެވެ؟ ޤުރުއާން ހިތުހުދަސްކޮށް އެކިޔަވާ އަޑުއިވުމުން ނޫންތޯއެވެ؟ މޮޅެތި ކުޅުންތެރިންނާއި، ލަވަކިޔުންތެރިންފަދަ ސަހުސިއްޔަތަކަށް އަޅުގަނޑުމެންގެ ދަރިން ވާންބެނުންވަނީތޯއެވެ؟ ޒާކިރް ނައިކް ފަދަ އިލްމުވެރިއަކަށް ނުވަތަ ޞަލާހުއްދީން އައްޔޫބީފަދަ ވަރުގަދަ ލީޑަރަކަށް، ނުވަތަ މަތިވރި ޞަޙާބީން ފަދަ ސަހުސިއްޔަތަކަށް އަޅުގަނޑުމެންގެ ދަރިން ހެދުން މާރަނގަޅު ނޫންތޯއެވެ؟ ނުވަތަ އިސްލާމީ ވަރުގަދަ ސަހްސިއްޔަތުތައް ނަމުނާއަކަށް ދެއްކުން މާރަނގަޅުނޫންތޯއެވެ؟

މިއީވެސް ގޮތްތަކެކެވެ. ޝައްކެއްނެތް ގޮތުގައި ދަރިންނަކީ އަމާނާތެކެވެ. އެކުދިން ބައްޓަންވާނި އަޅުގަނޑުމެން އެކުދިން ބައްޓަން ކުރި ގޮތަކަށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްޕުޅުކުރައްވާފައިވެއެވެ. ” كل مولود يولد على ‏الفطرة ‏ ‏فأبواه يهودانه وينصرانه أو يمجسانه ” މާނަ : ” ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިޠްރަތުގެ ސާފުކަންމަތީގައެވެ. އެކުއްޖާ ޔަހޫދީއަކަށްވެސް، ނަޞާރާއަކަށްވެސް ނުވަތަ މަޖޫސީއަކަށްވެސް ހަދަނީ އެކުއްޖާގެ މައިންބަފައިންނެވެ." ދުޢާ އަކީ އަޅުގަނޑުމެން އެންމެނަށް ހެޔޮވިސްނުންދެއްވައި އަޅުގަނޑުމެނގެ ޅަދަރިނަކީ ޚުލްޤްް ހެޔޮ ރަނގަޅު ކުދިބަޔަކު ކަމުގައި ވުމެވެ.
-އާމީން-

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.