ސުރުހީގައި މިހެން އޮތުމުން ފަހަރުގައި މި ދައްކަން އުޅެނީ ކޮން ވާހަކައެއް ކަން ނޭނގިދާނެވެ. އެހެނަސް ދައްކަން މިއުޅެނީ އެންމެން ދަންނަ ވާހަކައެކެވެ. ހިތާމަވެރިނަމަވެސް ކަންތައް ހިނގަމުން ދާ ގޮތެއްގެ ވާހަކައެވެ. މި ޖުލައި މަހުގެ 9 ވަނަ ދުވަހަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ރޯދަ އަޅުގަނޑުމެން ހިފި ދުވަހެވެ. މާތް މަތިވެރި މައްސަރެއް ފެށުނު ދުވަހެކެވެ. އަޅުގަނޑުމެން އެންމެނީ މުސްލިމުން ކަމަށް ދަޢުވާ ކުރާ ބަޔަކަށް ވީތީވެ، އެދުވަހު އަޅުގަނޑުމެން ކޮންމެ މީހެއްގެ ހިތުގައިވެސް ވަރަށް މާތް މަތިވެރި ޖޯޝަކާ ފޯރިއެއް ހުރިއެވެ. އާއެކެވެ. އަޅުކަން ކުރުމަށް ވަރަށްފޯރިޔާ ޖޯޝާއެކު ނިކުތީމެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. އަހަރުގެ އެހެން އެއްވެސް ދުވަހެއްގެ ފަތިހު ފަތިސް ނަމާދުގެ ޖަމާޢަތުން ނުފެންނަ އެތައްބަޔަކު މިދުވަހު ފެނިގެން ދިޔައެވެ. ނަމާދުގެ ޖަމާޢަތުގެ ސަފުތައްވެސް ފުރި މިސްކިތް ފުރިދާނެހެން ހީވިއެވެ. އުފާވެރިކަމެކެވެ. ﷲ އަށް ޙަމްދުކުރަމެވެ. އެދުވަހުގެ މެންދުރު ނަމާދެވެ. މިސްކިތް ނުފުރުނީ ހަމަ ކިރިޔާއެވެ. ރަށުގެ އެކިފުރައިގެ ކުދިބޮޑުއެންމެން ރަމަޟާން މަހުގެ މަތިވެރި ދަރުމައާއި ސަވާބު ހާސިލް ކުރުމަށް ނަމާދުގެ ޖަމާޢަތަށް ދިޔައެވެ. މިގޮތަށް ގޮސް ރޭގަނޑު ޢިޝާނަމާދެވެ. މިސްކިތް ފުރެނުފުރެވާހާލުގައެވެ. އިޝާނަމާދަށްފަހު ތަރާވީހަށްވެސް އެތައް ބަޔަކު މަޑު ކުރިއެވެ. ތަރާވީހް ނަމާދުގެ ފަހު ރަކުއަތް ނިމެންދެން ވެސް އެތައްބަޔަކު ތިއްބެވެ. އުފާވެރިކަމެކެވެ. ﷲ އަށް ޙަމްދުކުރަމެވެ. ދުވާލުގެ ވަގުތު ތަކުގައިޔާ ރޭގަނޑުގެ ވަގުތު ތަކުގައި މިސްކިތުގައި އިއުތިކާފަށްތިބި މީހުންގެ އަދަދު އެހާމެ ގިނައެވެ. ހެޔޮ ޢަމަލް ކޮށް، ނުބައި ކަންތައްތަކުން މީސްތަކުން ދުރުވެ ތިއްބެވެ. މިގޮތުގައި އެންމެން ތާއަބަދު ދެމިހުންނާނެ ނަމަ ކިހާރަނގަޅުހެއްޔެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ނިމިއްޖެވެ ، ދެވަނަ ދުވަސް ނިމިއްޖެވެ. ތިންވަނަ ދުވަސް ނިމިއްޖެވެ. އެހެން ގޮސް ހަފްތާއެއް ފާއިތްވަނީ އެވެ. ފުރަތަމަ 10 ނިމެނީއެވެ. މިއަދު މިސްކިތްތަކުގެ ހާލާމެދު ނަޒަރެއް ހިންގާލަމާތޯއެވެ. މިއަދުގެ ފަތިސް ނަމާދުގެ ޖަމާޢަތުގައި ކިތައް ސަފު ފުރުނު ތޯއެވެ؟؟ ފުރަތަމަ ދުވަހު ނަމާދަށް ދިޔަވަރަށް މީހުން ދިޔަތޯއެވެ؟؟ މެންދުރު ނަމާދު ކިހިނެއްތޯއެވެ؟ ކިތައް ސަފު ފުރުނުތޯއެވެ؟؟ 1 2 3 ތޯއެވެ؟ މިސްކިތުގައި އިއުތިކާފަށް އޭރުގައި ތިބި މީހުންތައް މިއަދު ކޮބައިތޯއެވެ؟؟ ތަރާވީހް ނަމާދުގެ ސަފުތަކަށް މިވަނީ ކީއްތޯއެވެ؟؟ ވަމުން މިދަނީ ކިހިނެއްތޯއެވެ؟؟ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ހުރި ޖޯޝާއި ފޯރި ކޮބައިތޯއެވެ؟؟؟
ހިތާމައިގެ ކޮޅެއްނެތެވެ. ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އެންމެން އެހާމެ ފޯރީގައި އަޅުކަމާއިގެން މަސްއޫލުވެ، އުޅުނު ނަމަވެސް މިއަދު މިދަނީ މަންޒަރު ބަދަލު ވަމުންނެވެ. ނަމާދުގެ ސަފުތައް މަދުވާން ފަށައިފިއެވެ. ޤުރްއާން ކިޔަވާލެއް މަދުވާން ފަށައިފިއެވެ. ހެޔޮ ޢަމަލްތައްކުރުމުން ދުރުވާން ފަށައިފިއެވެ. ރަމަޟާން މަހުގެ މާތްކަމާ މަތިވެރިކަން ހަނދާން ނެތޭން ފެށިކަހަލައެވެ. ތިޔަހެން ނަހައްދަވާށެވެ. މިމަހުގެ މަތިވެރިކަމުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވާށެވެ. ރަމާޟާން މަހުގެ ބޭނުންހެޔޮގޮތުގައި ހިއްޕަވާށެވެ. މިއީ ތިމާގެ ހަޔާތުގެ އެންމެ ފަހު ރަމަޟާން މަސްކަމުގައި ވެދާނެވެ! ފަލަކޮޅުން ފައްޓަވައި ހިމަކޮޅަށް ގޮސް ހުސްކޮއްނުލައްވާށެވެ!
ކޮމެންޓް (0)
ލޯޑް ކުރަމުން...