ކޮލަމިސްޓް މަރުގެ ހުކުމް ތަންފީޒު ނުކުރުމުގެ އުޒުރަކަށް ޝަރުޢީ ދާއިރާ!

މަރުގެ ހުކުމް ތަންފީޒު ނުކުރުމުގެ އުޒުރަކަށް ޝަރުޢީ ދާއިރާ!

މަރުގެ ހުކުމް ތަންފީޒު ނުކުރުމުގެ އުޒުރަކަށް ޝަރުޢީ ދާއިރާ!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ބިލެއް މަޖިލީހުގެ ތަޅުމަށް އައުމާއި އެކު ގިނަ މެމްބަރުންތަކެއް އެބިލާއި ދެކޮޅަށް ވަނީ ވާހަކަ ދައްކާފައެވެ. އެހެން ގޮތަކަށް ބުނާނަމަ މަރުގެ ހުކުމް ތަންފީޒު ނުކުރެވޭނެ ބަހަނާތައް ވަނީ ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ދައްކާފައެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ބިލަކީ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ ބިލެކެވެ. އެބިލަށް ވާހަކަ ދައްކަވަމުން ގިނަ މެމްބަރުން ފާހަގަކޮށްފައިވަނީ "ޝަރުއީ ދާއިރާގައި މައްސަލަތަކެއް ހުރުމުން"އެކަން ނުކުރެވޭނެކަމުގައެވެ. އެމައްސަލަތަކުގެ ސަބަބުން އެހުކުމް ތަންފީޒު ނުކުރެވޭނެކަމުގައި ބައެއް މެމްބަރުން ވަނީ ބުނެފައެވެ. "މިފަދަ ގާނޫނެއް ހެދުމުގެ ކުރިން ޝަރުއީ ދާއިރާގަ ހުރި ރައްޔިތުން ކަންބޮޑުވާ މައްސަލަތައް ހައްލުކޮށް ޝަރުއީ ދާއިރާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހަދަންޖެހޭ"ކަމަށް ބައެއް މެމްބަރުން ބުނެފައިވެއެވެ.

"ޝަރުއީ ދާއިރާ އާއި ބައެއް ފަނޑިޔާރުންގެ ކަންކަން ހުރި ގޮތުން އެބިލް ފާސްކޮށްފި ނަމަ މައުސޫމް އެތައް ބަޔަކު މަރުވެގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް"ކަމަށާއި "އިލާހީ ގާނޫނު ތަންފީޒުކުރަން ވަކި ބިލެއް ބޭނުންނުވާ"ކަމަށް މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ބިލާއި ދެކޮޅަށް ވާހަކަ ދެއްކި މެމްބަރުން ބުނެފައިވެއެވެ. މިމައްސަލާގައި މެމްބަރު އިމްތިޔާޒް ފަހުމީ ބުނެފައިވަނީ "މި ބާވަތުގެ ކަމެއް ކުރުމުގެ ކުރިން ފުރަތަމަ ކަމަކީ އަޅުގަނޑުމެންގެ ފަނޑިޔާރުގެ އިޞްލާޙުކުރުން."ކަމަށެވެ.

މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ގެ ވާހަކަގައިވެސް ބުނެފައިވަނީ މިބިލަށްވުރެ މުހިންމު ބިލް އެބަހުރި ކަމަށެވެ. އޭނާ ބުނެފައިވަނީ "މި ބިލަށް ވާހަކަދައްކާއިރު އަޅުގަނޑުމެން އެބަ ވިސްނާލަންޖެހޭ ހަމައެކަނި އިސްލާމީ ޝަރީޢަތަކީ އަތް ކެނޑުމާއި ބޯ ކެނޑުމާއި ރަޖަމުކުރުންތޯ؟ މިއީ އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް. އަޅުގަނޑު މިހެން މި ދަންނަވަނީ ދިވެހިރާއްޖޭގައި އަޅުގަނޑުމެން ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި. މިސްކީނުންނާއި ޔަތީމުންނަށް އަޅާލަންޖެހޭ. ފަގީރު ނިކަމެތިންނަށް އަޅާލަންޖެހޭ. އެހެންނަމަވެސް އެ ކަންތައްތައް ނުކޮށް، ކުރިން ކުރަން ހުރި އެއްވެސް ކަންތައްތައް ނުކޮށް ހަމައެކަނި އަޅުގަ ނޑުމެން މި ވާހަކަދެއްކުމުގެ ސަބަބުން އިސްލާމީ މުޅި މުޖުތަމަޢުގައި އަދި ރާއްޖޭގައި އަދި މުޅި ދުނިޔޭގައި ވެސް ބަޔަކު އިސްލާމްދީނާ ބެހޭ ގޮތުން ނޭނގޭ ބަޔަކުގެ ދޭތެރޭގައި ޝައްކުއުފެދެމުން އެބަ ދާ"ކަމަށެވެ.

ޝަރުޢީ ނިޒާމް އިންސާފުވެރި ނޫންކަމަށް ބުނެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް ވަނީ މިބިލާއި ދެކޮޅަށް ވާހަކަ ދައްކާފައެވެ. ކާނަލް ނަޝީދު ބުނެފައިވަނީ "މިއަދު ކޯޓަށް މައްސަލައެއް ހުށަހަޅަނީ. އެކަމަކު އެމައްސަލަ ނިމިގެންދަނީކީ އިންސާފުންނެއް ކަމެއް ނޭގޭ."ކަމަށާއި "އެއްވެސް ކުށެއް ނުކުރާ މީހަކަށް އަދަބު ލިބޭގޮތަށް މިކަން ކުރެވޭ ގޮތަށް އޮވެގެނެއް ނުވާނެ"ކަމަށެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ބިލުގައިވާގޮތުން މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހެނީ ދަންޖައްސައިގެން ކަމަށެވެ. އަދި ދަންޖެއްސުމަށްފަހު ހަށިގަނޑު އާއިލާއާއި ހަވާލު ކުރަންވާނެ ކަމަށާ އާއިލާއިން ހަށިގަނޑާއި ހަވާލުނުވެއްޖެނަމަ ހަށިގަނޑު ވަޅުލުމުގެ އެންމެހާ ކަންކަން ކުރަން ވާނީ ކަމާއި ބެހޭ ފަރާތްތަކުން ކަމަށްވެސް ބިލުގައި ބުނެއެވެ.

ބައެއް ކަންކަން ހައްލުކުރުމަށް ބަޔަކު މަސައްކަތް ފަށާއިރު އެކަމެއް ވިޔަ ނުދިނުމަށް އަނެއްބަޔަކު ބަހަނާ ދެއްކުމަކީ ރާއްޖޭގައި ކަންކަން އިސްލާހު ނުވެގެން މިއުޅޭ އެއް ސަބަބުން ކަމުގައި ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ. ވައްކަން ކުރާ މީހާގެ އަތްކަނޑަން ވާހަކަ ދެކެވޭއިރު އެކަމުގެ ބަހަނާއަކީވެސް ޝަރުއީ ނިޒާމުގައި މައްސަލަ އުޅޭތީ ގިނަ ބަޔެއްގެ އަތް ބުރިކޮށްފާނެކަމުގެ ސަބަބަށްޓަކައި އެކަން ކުރެވޭކަށްނެތެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލާގައި ދާދިފަހުން އަނިޔާވެރިގޮތަކަށް ޝަހީދުކޮށްލެވިފައިވާ މަޖިލިސް މެމްބަރު ޑރ އަފްރާޝިމް އަލީގެ ކޮއްކޮ އިބްރާހިމް އަމީން މަޖިލީހުގައި ވިދާޅުވެފައިވަނީ ވަރަށް މުހިންމު ވާހަކައެކެވެ. ޑރ އަފްރާޝިމް އަލީގެ ގޮނޑީގައި އިންނަވާ އަމީން ވިދާޅުވެފައިވަނީ "ޝަރުއީ ދާއިރާގެ ކަންކަން ފުރިހަމަ ނުވެގެން ގާނޫނު ނުހެދި އޮވެގެން ނުވާނެ"ކަމަށެވެ. އެހެންނަމަވެސް އެނުކުތާއެއް އެބިލާއި ދެކޮޅަށް ވާހަކަ ދެއްކި މެމްބަރުންނަކަށް ނުވިސްނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.