ރިޕޯޓް އދ. އާއި އެމެރިކާގެ ލޯ ދިވެހިރާއްޖެއަށް

އދ. އާއި އެމެރިކާގެ ލޯ ދިވެހިރާއްޖެއަށް

އދ. އާއި އެމެރިކާގެ ލޯ ދިވެހިރާއްޖެއަށް

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

އިސްލާމީ ޤައުމުތަކަށް "ޑިމޮކްރަސީ" ގެ ނަމުގައި އަމާންކަން ގެނައުމަށްޓަކައި އދ. އިން ސްޕޮންސާ ކޮށްގެން އެމެރިކާއިން ހިންގަމުންގެންދާ ކުޅިގަނޑު ނުވަތަ ގޭސްގަނޑު އެންމެފަހުން ދިވެހި ރާއްޖެއަށް އަމާޒު ވެއްޖެއެވެ. ޢަދުލު އިންސާފާއި، ޑިމޮކްރަސީއާއި، ޙައްޤުތަކުގެ ނަމުގައި މިކާފަރު ބައިގަނޑު ހިންގާފައިވާ ޖަރީމާތައް މިއަދުވެސް އަފްޣާނިސްތާނާއި ޢިރާޤުފަދަ އިސްލާމީ ޤައުމުތަކުން އެހެރަގެން ފެންނަމުންދަނީއެވެ.

ހަމައެކަނި ޢިރާޤަށް ބަލާލިކަމުގައިވިޔަސް އެއްބަޔަކު އަނެއްބައެއްގެ ތަޅާފޮޅުމުގެ ތެރެއިން ކޮންމެ ބައެއްވެސް އަނެއް ބައެއްގެ މިސްކިތްތަކަށް ބޮން އަޅައި މީހުންތައް މަރަމުންދަނީއެވެ. ކާރު ބޮމެއް ގޮއްވާނުލާ ދުވަހެއް އިރާޤުގައި ނުދެއެވެ. މިއީ އދ. އިން ސްޕޮންސާކޮށްގެން އެމެރިކާއިން ހިންގާފައިވާ ޖަރީމާތަކުގެ ނަތީޖާއެވެ. ޢިރާޤަށް އެއޮތީ ޑިމޮކްރަސީ ގެނެސްދީފައެވެ. އަދި ޑިމޮކްރަސީ އެވަނީ ފައްކާވެސް ވެފައެވެ.

އަފްޣާނިސްތާނުގެ ހާލަތަކީތޯއެވެ.  މިނިވަންކަން ހޯދައިދިނުމަށް ހިންގާ އޮޕަރޭޝަންތަކުގެ ނަމުގައި އަފްޣާނިސްތާނަށް އަރައި، "ގުލޯބަލް ވޯ އޮން ޓެރާ (ޖީ ޑަބްލިޔު އޯ ޓީ)" ނުވަތަ އިރުހާބީންނާ ދެކޮޅަށް ހިންގާ ބައިނަލް އަޤުވާމީ ހަނގުރާމަތަކުގެ ނަމުގައި ޤައުމު އެއްކޮށް ފުނޑުފުނޑުކޮށްލައި ސުންނާފަތި ކޮށްލާފައިވާކަން އެއީ ހުޅުވިފައިވާ ލޮލަކުން ބަލާލައިފި ކޮންމެ މީހަކަށް ފެންނަން އޮތް ޙަޤީޤަތެކެވެ. އަލްޤާޢިދާގެ ވެރިޔާ ބިން ލާދިން ހޯދުމުގެ ނަމުގައާއި، ޠާލިބާނުންނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ނަމުގައި އާއި ސެޕްޓެމްބަރ 11 ގެ ޙަމަލާއާއި ދެކޮޅަށް ހިންގާ ހަރަކާތްތަކުގެ ނަމުގައި، އަފްޣާނިސްތާނުގެ ބިންތަކަށް އަރައިގަތް ލަޝްކަރުތައް މިއަދާއި ހަމައަށްވެސް އެތަން ދޫކޮށް ފައިބައިގެން ގޮސްފައި ނުވެއެވެ.

އެމެރިކާއާއި އެމީހުންނާ ގުޅިފައިވާ ލަޝްކަރުތަކުގެ ސަބަބުން އެޤައުމަށް ލިބުނީ ކޮންމެއް ތޯއެވެ؟ އަފްޣާނިސްތާނުގެ ތެރޭގައި ފެތުރިފައިވާ ހަމަނުޖެހުންތަކުގައި، މެދުނުކެޑި ހަނގުރާމަކުރުން ދަނީ ކުރިޔަށެވެ. ކޮރަޕްޝަނާއި، ފައިސާއަށް މީހުން ޤަތުލު ކުރުމާއި، ކިޑްނެޕްކުރުމާއި، މަސްތުވާތަކެތި ވިއްކުމުގެ ހަރަކާތްތަކާއި، އަދި މިނޫނަސް ބޮޑެތި ޖަރީމާތައް ފާއިތުވެދިޔަ 10 އަހަރު އެޤައުމުގައި ހަރަކާތްތެރިވަމުންދާ ގުޅިފައިވާ ލަޝްކަރުތަކުގެ ސަބަބުން އިތުރުވުން ނޫންކަމެއް ވެފައެއް ނުވެއެވެ.

2011 ވަނަ އަހަރު އެމެރިކާގެ އެކުވެރިންނާއެކު ލީބިޔާއަށް ޢަސްކަރީގޮތުން އަރައިގަތް ގަތުމަށް ބަލައިލަމާތޯއެވެ؟ ޤައްޒާފީގެ ޒަމާންވީ ޚުދުމުޚްތާރު ވެރިކަން ނިމުމަކަށް ގެނައުމުގެ ފަހަތުގައި، އެމެރިކާގެ ލަޝްކަރުތަކާއި ޔޫރަޕުގެ ނުފޫޒު ވަރަށް ވަރުގަދައެވެ. އދ. އިން ލީބިއާއަށް ޢަސްކަރީ ޙަމަލާ ދިނުމަށް ނިންމާފައިވަނީ ހަނގުރާމަ ހުއްޓުވައި އަމަންއަމާންކަން ޤާއިމު ކުރުމުގެ ނަމުގައެވެ. ޑިމޮކްރަސީއާއި މިނިވަންކަން އެ ޤައުމުގެ ރައްޔިތުންނަށް ހޯދައި ދިނުމަށްޓަކައި ކަމުގައި ބުނެގެންނެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އެ ލަޝްކަރުތައް ލީބިޔާ ދޫކޮށް ގޮސްފައެއް ނުވެއެވެ. ލީބިޔާއަށް ދާޚިލީ ހަމަޖެހުން ލިބިފައި ނުވާތާނގައި، ޢާއްމު ރައްޔިތުންނަށް ލިބުނު މިނިވަންކަމެއްވެސް ނެތެވެ.

ޤައްޒާފީގެ ނިމުން ފެނިގެން ދިޔައެވެ. ނަމަވެސް މުޅިން އައު ސިފައެއްގައި ޚުދުމުޚްތާރު ޢަސްކަރީ ވެރިކަމެއް އެޤައުމަށްވަނީ ފެތުރިފައެވެ. އެމެރިކާގެ ޢަސްކަރީ ބާރުތަކުން މިއަދުވެސް ލީބިޔާގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ތަފާތު ނަންނަމުގައި އޮޕަރޭޝަންތަކާއި އެއްބަސްވުންތައް ޤާއިމު ކުރިއެވެ. އެމެރިކާއިން ލީބިޔާއަށް އަރާފައިވަނީ "އޮޕަރޭޝަން އޮޑިއްސީ ޑޯން" ނުވަތަ އައު ފަތިހަކަށް ކުރަމުންދާ ދަތުރުގެ ނަމުގައެވެ. ގުޅިފައިވާ ލަޝްކަރުތަކާއެކު އެމެރިކާއިން ލީބިޔާގައި ހިންގަމުންދާ ހަމަލާތަކުގައި މަޢުޞޫމް އެތައް ތުއްތު ކުދިންނަކާއި މުސްކުޅިންނާއި އަންހެނުންގެ ފުރާނައެއްވަނީ ނެތިގޮސްފައެވެ. އަމާންކަމުގެ އަލިކަން މިއަދާއި ހަމައަށްވެސް ފެނިފައި ނުވެއެވެ.

"ޔުނިފައިޑް ޓާސްކް ފޯސް" (ޔުނިޓެފް) ގެ ނަމުގައި އެމެރިކާއިން އިސްނަގައިގެން އދ. އާއި ގުޅިގެން ސޯމާލިޔާއަށް އަރާފައިވަނީ ނަވާރަސަތޭކަ ނުވަދިހައިގެ ކުރީކޮޅުގެ އަހަރުތަކުގެ ތެރޭގައެވެ. ޢަސްކަރީ ގޮތުން އަރައިގަތުމުގެ ސަބަބެއް ކަމުގައި ދައްކާފައިވަނީ އިންސާނީ ޚިދުމަތްތައް ފޯރުކޮށްދެވޭފަދަ އަމާން މާޙައުލެއް ޤާއިމު ކުރުމެވެ. ނަމަވެސް ސޯމާލިޔާގެ ހާލަތު ދިޔައީ ދަށަށެވެ. ހަނގުރާމައިގެ ނުރައްކާތެރިކަން ބޮޑުވުމުން، އދ. އިން އެމެރިކާއަށް ފުރިހަމަ އިޚްތިޔާރާއި ބާރު ބޭނުން ކުރުމުގެ ހުއްދަ ދިނެވެ. އެގޮތުން އިންސާނީ ޙައްޤު ތަކުގެ ނަމުގައި އެމެރިކާއިން ބޭނުން މިންވަރަކަށް ބާރުގެ ބޭނުންކޮށް ހަނގުރާމަކުރުމުގެ ހުއްދަ ދީފައިވަނީ ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެ ކުރިމަތީގައި، އެމީހުން އެކަމަށް ރުހި އަތްޖަހަން ތިއްބައެވެ. ނިވާފަތްގަނޑެއް ކަމުގައި ބޭނުން ކުރަމުންދަނީ އިންސާނީ ވަޞީލަތްތައް ޤާއިމު ކުރުމާއި އަމަންއަމާންކަން ހޯދައިދިނުމެވެ.

ނަމަވެސް ވިސްނައި ލައްވާށެވެ! ސޯމާލިޔާއަކީ ފަޤީރުކަން އިންތިހާއަށް ގޮސް، ނިކަމެތިކަމާއި ބަނޑުހައި ހޫނުކަން އެންމެ ބޮޑަށް ފެތުރިފައިވާ އެއް ޤައުމުވެ. ކާބޯތަކެތި ނެތުމުގެ ސަބަބުން ބަޑަށްޖެހިގެން އެތައް ހާސްބަޔަކު ކޮންމެ އަހަރަކު މަރުވެއެވެ. ބޯނެ ފެންތިއްކެއް ހިސާބު 24 ގަޑިއިރުގެ ތެރޭގައި ނުލިބިފައި އެތައް ބަޔަކު އެބަ ތިއްބެވެ. މިއީ އިންސާނީ ވަޞީލަތްތައް ޤާއިމުކުރުން ބާއެވެ. ސޯމާލިޔާއަށް އެމެރިކާއިން އަރައިގަނެ އެޤައުމު ސުންނާފަތިކުރިފަހުން މިއަދާއި ހަމައަށް މިވީ ވިއްސަކަށް އަހަރުގެ ތެރޭގައި އެޤައުމުވަނީ ނިކަމެތިކަމުގެ އަދިރިކަމާއި، އަމަންއަމާންކަން ނެތިފައިވާ ބިރުވެރިކަމުގެ ހާއްޔަކަށް ބަދަލުވެފައެވެ. މަޖުބޫރުވެފައިވާ އެޤައުމުގެ ރައްޔިތުން ބަނޑުފުރާނަ މުއްތި ކުރުމަށް މިއަދު އޮތް ވަޞީލަތަކަށްވެފައިވަނީ ކަނޑުފޭރުމެވެ. މިއީ އެމެރިކާއިން އެޤައުމަށް ގެނެސްދިން ތަރައްޤީއާއި ޑިމޮކްރަސީއޭ ބުނުން ދޮގަކަށް ނުވާނެއެވެ.

ޔަމަނުގެ އަދުގެ ޙާލަތަށް ވިސްނައިލައްވާށެވެ. ޕާކިސްތާނާމެދު ނަޒަރު ހިންގާލައްވާށެވެ. މިޞްރުގެ ފަހުގެ ތާރީޚު ބައްލަވާލައްވާށެވެ. ޢަރަބި ދުނިޔޭގެ ޙާލަތާމެދު ފިކުރު ކޮށްލައްވާށެވެ. މިނިވަންކަން ހޯދައިދިނުމުގެ ނަމުގައި، އަމަންއަމާންކަން ޤާއިމު ކުރުމުގެ ހަރަކާތްތަކެއްގެ ގޮތުގައި، ޢަސްކަރީގޮތުން ޤައުމުތަކަށް އަރައިގަތުމަށްޓަކައި އދ. އާއި އެމެރިކާއިން ހިނގަމުންދާ މަކަރުވެރި ޖަރީމާތައް ވިސްނާ ފިކުރު ކުރާ މީހަކަށް ހާމަވެގެން ދާނެއެވެ.

އދ. އާއި އެމެރިކާގެ ލޯ މިހާރުވަނީ ދިވެހިރާއްޖެއަށް ވަރަށް ރަނގަޅަށް ދިއްކޮށްފައެވެ. މިހާރު މިތާނގައި ކަމުދާ އެއްވެސް ކަމެއް ނެތެވެ. ދެންވީ މިތާނގައި އުޅޭ ދެފުށަށް ކެނޑޭ ބަޔާއި އެއްވެގެން މިރާއްޖޭގެ ދުވަސް ދުއްވާލާށެވެ. ތަފާތު ރީތި ޝިޢާރުތަކުގެ ދަށުންނެވެ.

އޭ ކާފަރުންނޭވެ!.. ﷲ ގަންދީ ބުނަމެވެ. ތިޔަ ކާފަރު ބައިގަނޑު މުސްލިމުންނަށް ހެޔޮ އެދޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.